[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ޖަރްޙާއި ތަޢްދީލު (10)

ثـالثا: اختبار الراوي وامتحـانه (ތިންވަނަ މަގު: ރާވީ އިމްތިޙާނުކޮށްގެން)

ރާވީގެ ޢަދުލުވެރިކަމާއި ޟަބްޠާއި އޭގެ ދަރަޖަ ދެނެގަތުމަށް އޮތް މުހިއްމު މަގުތަކުގެ ތެރޭގައި، އޭނާ ރިވާކުރާ ރިވާޔަތްތަކާ ގުޅޭ ގޮތުން އޭނާ އިމްތިޙާނުކުރުން ހިމެނެއެވެ. އޭގެ ސަބަބުން، އޭނާގެ ހާލަތު ފާޅުވެގެންދާނެއެވެ. އަދި ނަޤުދުކުރައްވާ ޢިލްމުވެރިޔާ އެ ބޭފުޅާއަށް ފެންނަ މުނާސަބު ސިފައަކުން އޭނާ ސިފަކުރައްވާނެއެވެ. ރާވީން އިމްތިޙާނުކުރުމަށް މަޝްހޫރު ދެ ވަސީލަތެއް އޮވެއެވެ.

ފުރަތަމަ ވަސީލަތް: ރާވީ ތަލްޤީނުކުރުން

އެ ގޮތުން، ޙަޤީޤަތުގައި އޭނާ ރިވާނުކުރާ ޙަދީޘްތަކެއް، އޭނާ ރިވާކުރި ޙަދީޘްތަކެއްގެ ގޮތުގައި އޭނާއަށް ހުށަހެޅިދާނެއެވެ. ނުވަތަ އޭނާ ރިވާކުރާ ޙަދީޘްތަކެއް، އެއަށް ބަދަލުގެނެސް، ޤަލްބުކުރެވިދާނެއެވެ. އެ ގޮތުން، އެއް ޙަދީޘްގެ ސަނަދު އެހެން ޙަދީޘެއްގެ މަތުނާ ގުޅުވައިލައި، އެއް ޙަދީޘެއްގެ މަތުނު އެހެން ޙަދީޘެއްގެ ސަނަދާ ގުޅުވައިލެވިދާނެއެވެ. ނުވަތަ އެއަށް ބަދަލުގެނެސް، އިތުރުކުރެވިދާނެއެވެ. އެ ގޮތުން، މުރުސަލްކޮށް އޮތް ޙަދީޘަކަށް ޞަޙާބީއެއްގެ ނަންފުޅު އިތުރުކުރެވިދާނެއެވެ. ނުވަތަ މައުޤޫފުކޮށް އޮތް ޙަދީޘެއް، ނަބިއްޔާ ޞައްލަ ﷲ ޢަލައިހި ވަސައްލަމައާ ހަމައަށް ރަފްޢުކުރެވިދާނެއެވެ. ނުވަތަ އޭގެ މަތުނުގައި ނުވާ އެއްޗެއް އެއަށް އިތުރުކުރެވިދާނެއެވެ. ނުވަތަ އެއަށް ބަދަލުގެނެސް، އެއިން އެއްޗެއް އުނިކުރެވިދާނެއެވެ.

މި ގޮތަށް ކަންތައްކުރުމަށްފަހު، އެ ރާވީއަށް އެ ޙަދީޘް ނުބައިކޮށް ހުށަހަޅައިދިނުމުން، (ރަނގަޅުުގޮތަށް ކިޔަައިދިނުމުގެ ބަދަލުގައި) އެ ނުބައިގޮތަށް ކިޔައިދީފިނަމަ، ނުވަތަ ކިޔައިދިން ގޮތަކީ ރަނގަޅުގޮތްކަމަށް އިޤުރާރުވެއްޖެނަމަ، އޭނާ ތަލްޤީނުކުރުން ޤަބޫލުކުރާކަމުގައި ޙުކުމްކުރެވޭނެއެވެ. އަދި ނުބައިކޮށް އޭނާ ވެސް ކިޔައިދިނުމުން ނުވަތަ ނުބައިގޮތަށް އޭނާ އިޤުރާރުވުމުން، އޭނާއީ ހިތުދަސްކުރުމާއި ޟަބްޠުގައި މައްސަލަހުރި ރާވީއަކުކަމުގައި ބެލެވޭނެތެވެ. އަދި އިތުރު އެހެން ޤަރީނާތައް ލިބިއްޖެނަމަ، ފަހަރުގައި އޭނާއީ ދޮގުހަދާމީހަކުކަމަށް ނުވަތަ ދޮގުޙަދީޘް ހަދާމީހަކުކަމަށް ތުހުމަތުކުރެވިދާނެއެވެ. އޭނާއަށް ކިޔައިދެވުނު ކުށްގޮތް ދެނެގަނެ، އެއީ ކުށެއްކަމަށް ބަޔާންކޮށްދީފިނަމަ، އޭނާއީ އޭނާ ރިވާކުރާ ޙަދީޘްތަކަށް ޟާބިޠު، އޭނާގެ ރިވާޔަތްތަކުގައި ސާބިތު މީހަކުކަމުގައި ބެލެވޭނެތެވެ.

ތަލްޤީނުކޮށްގެން ރާވީގެ ދަރަޖަ ދެނެގަތުމީ، ރާވީންނަށް ނުހަނު ބުރަބޮޑު ކަމެކެވެ. އެހެނީ، ރާވީއަކީ ހިތުދަސްކުރުމުގެ ބާރުގަދަ ޟާބިޠު މީހަކުކަމުގައިވިޔަސް، ތަލްޤީނުކޮށްފިނަމަ، އޭނާއަށް ކުށެއް ކުރެވިދާނެކަމުގެ ބިރުހީވާތީއެވެ.

މި ސަބަބަށްޓަކައި، ބައެއް އިމާމުން ތަލްޤީނުކުރުން ހުއްދަ ނުކުރައްވައި ހުއްޓިވަޑައިގެންނެވިއެވެ. މިއާ ޚިލާފަށް، އެހެން ބޭފުޅުން ޞައްޙަ މަޤްޞަދެއްގައި ތަލްޤީނުކުރެއްވިއެވެ. އެއީ، ރާވީން އިމްތިޙާނުކުރުމުގެ މަޤްޞަދުގައެވެ.

ދެވަނަ ވަސީލަތް: މުޛާކަރާކުރުން

މުޛާކަރާކުރުމަކީ އޭގެ އަޞްލަށް ބަލާއިރު، ދެ މީހެއް ނުވަތަ އެއަށްވުރެ މީހުންގެ ދެމެދުގައި ބަޙުޘްކުރުމަށް މައުޟޫޢެއް ހުށަހެޅުމެވެ. އެ މައުޟޫޢަކީ، ފިޤުހީ މައްސަލައަކަށް ވެސް، ނުވަތަ ޙަދީޘާ ގުޅޭ މައްސަލައަކަށް ވެސް، ނުވަތަ ބަހަވީ މައްސަލައަކަށް ވެސް، ނުވަތަ ނަޙްވީ މައްސަލައަކަށް ވެސް ނުވަތަ އެހެން ބާވަތެއްގެ މައްސަލައަކަށް ވެސް ވެދާނެއެވެ.

ޙަދީޘް ޢިލްމުވެރިން މުޛާކަރާގެ ބޭނުން ގިނަ އަދަދަކަށް ހިއްޕަވާފައިވެއެވެ. އެ ގޮތުން، ރިވާކުރުމުގެ ދާއިރާގައި، އޭގެ ތެރެއިން ދެ ބޭފުޅަކު ނުވަތަ އެއަށްވުރެ ގިނަ ބޭފުޅުން އެއްތަންވެވަޑައިގެން، މިސާލަކަށް ސުންނަތުގެ ބާބުތަކުގެ ތެރެއިން ބާބެއް މުޛާކަރާކުރަން ނަންގަވައި، އެ ބާބުއާ ގުޅޭ ގޮތުން އެ ތަނުން ކޮންމެ ބޭފުޅެއްގެ އަތްޕުޅުގައި ވެސް ވަނީ ކޮންކޮން ޙަދީޘްތަކެއްތޯ ބައްލަވަތެވެ. ނުވަތަ މިސާލަކަށް ވަކި ޙަދީޘެއްގެ މަގުތަކާ ގުޅޭ ގޮތުން މުޛާކަރާކުރައްވަތެވެ. ނުވަތަ ވަކި ޝައިޚެއްގެ ފަރާތްޕުޅުން ވަކި ރާވީއަކު ރިވާކޮށްފައިވާ ޙަދީޘްތައް މުޛާކަރާކުރައްވަތެވެ.

ރިވާޔަތުގެ ދާއިރާގައި މުޛާކަރާކުރުމުގެ އެތަކެއް ބޭނުމެއް އޮވެއެވެ. އޭގެ ތެރެއިން އެންމެ މުހިއްމު ބޭނުމަކީ، ހިތުދަސްކޮށްފައިވާ ތަކެތި މުދާރަސާކުރުމާއި، އެ ތަކެތި އިތުރަށް ހިތުގައި ހަރުލެއްވުމެވެ. ފަހަރުގައި، މުޛާކަރާގެ ކުރިން އެ ކަމަށް ތައްޔާރުވެފައި ވެސް އޮވެދާނެއެވެ. އަދި އޭގެ ބޭނުންތަކުގެ ތެރޭގައި، އެކަކު އަނެކަކުގެ ފަރާތުން ފައިދާ ޙާޞިލުކުރުން ހިމެނެއެވެ. އެ ގޮތުން، އޭނާގެ އަތުގައި ނުވާ ޙަދީޘެއް ނުވަތަ ސަނަދެއް އަނެކާ ބަޔާންކޮށްދީފިނަމަ، އެ އޭނާއަށް ރިވާކޮށްދިނުމަށް އެދެތެވެ. ނުވަތަ އަނެކާއަށް އެ ޙަދީޘް ކިޔައިދެއްވި ޝައިޚް ދުނިޔޭގައި ދިރިހުންނެވިނަމަ، އެ ބޭފުޅާގެ އަރިހަށް ވަޑައިގެން، ސީދާ އެ ބޭފުޅާގެ އަރިހުން އެ ޙަދީޘް އަޑުއައްސަވަތެވެ.

ރާވީގެ ޟަބްޠާއި ޢަދުލުވެރިކަން އިމްތިޙާނުކުރުމުގައި، ރާވީ ހިތުދަސްކޮށްފައިވާ މިންވަރުގެ ގިނަކަން ދެނެގަތުމުގައްޔާއި އޭނާގެ ކުށްތައް ފާޅުކުރުމުގައި، އަދި އޭނާގެ ތެދުވެރިކަން ކަށަވަރުކުރުމުގައި މުޛާކަރާގެ ބޭނުންހިފެއެވެ.

=ނުނިމޭ=

ތަރުޖަމާކުރި އަޞްލު: الجرح والتعديل للأستاذ الدكتور إبراهيم اللاحم (جامعة القصيم)