[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ޖަރްޙާއި ތަޢްދީލު (12)

الـمَبْحَثُ الثَّانِيّ: اختلاف حال الراوي

ދެވަނަ މަބްޙަޘް: ރާވީގެ ހާލަތާ މެދު ޚިލާފުއުފެދުން

ރާވީއަށް ޙުކުމްކުރުމުގައި ފަހަރުގައި ތަފްސީލަކަށް ބޭނުންޖެހިދާނެއެވެ. އެއީ، ޒަމާނާ ނުވަތަ ތަނާ ނުވަތަ ޝައިޚުންނާ ނުވަތަ އެހެން ވެސް ކަމަކާ ގުޅުވައިގެން އޭނާގެ ހާލަތު ތަފާތުވެފައި އޮތުމުގެ ސަބަބުންނެވެ. އެހެންކަމުން، އޭނާގެ ހުރިހާ ހާލަތްތަކެއް ދިރާސާކުރުމަށްފަހު ނަޤުދުކުރައްވާ ޢިލްމުވެރިޔާ ތަފްސީލު ހިމެނޭ ޙުކުމެއް އެ ރާވީއަށް ކަނޑައަޅުއްވާނެއެވެ. އެއިން ވަކި ހާލަތެއްގައި އެ ރާވީގެ އިތުބާރު ވަރުގަދަނަމަ އެ ކަމާއި، އަދި ވަކި ހާލަތެއްގައި އެ ރާވީގެ އިތުބާރު ވަރުގަދަ ނޫންނަމަ އެ ކަން ވެސް ބަޔާންކުރައްވާނެއެވެ. ޝައްްކެއް ވެސް ނެތް ގޮތުގައި މި ގޮތަށް ރާވީ ސިފަކުރުމަށްޓަކައި އެ ނާޤިދަކީ އެ ރާވީއާ އެއް ޒަމާނެއްގައި އުޅުއްވި، އަދި އެ ރާވީގެ ކަންކަމަށް މުޅި ޙަޔާތުގައި ރަނގަޅަށް ފާރަވެރިވަމުންދިޔަ ފަރާތަކަށް ވާންވާނެއެވެ.

ރާވީގެ ހާލަތާ މެދު ޚިލާފުއުފެދުމުގެ އެތަކެއް ގޮތްތަކެއް ވެއެވެ. އެއީ:

ފުރަތަމަ ގޮތް: ވަކި ޝައިޚެއްގެ ނުވަތަ ޝައިޚުންތަކެއްގެ ފަރާތުން ގެންނަ ރިވާޔަތްތަކުގައި އެ ރާވީއަކީ އިތުބާރުހިފޭ ނުވަތަ ބަލިކަށި ރާވީއަކުކަމަށް ކަނޑައެޅުން

އެ ގޮތުން، ރާވީއަކީ ހިތުދަސްކުރުމުގެ ފެންވަރު ދަށް ޟަޢީފު ރާވީއަކަށް ވެދާނެއެވެ. އެހެންނަމަވެސް، އޭނާގެ ބައެއް ޝައިޚުންގެ އަރިހުގައި ދިގުމުއްދަތެއްވާންދެން އުޅުމުގެ ސަބަބުން އެ ޝައިޚުންގެ ފަރާތުން އުނގެނުނު ޙަދީޘްތަކުގައި އޭނާއަކީ ހިތުދަސްކުރުމުގެ ފެންވަރު ރަނގަޅު ރާވީއަކަށް ވެދާނެއެވެ.

އަދި ރާވީއަކީ އިތުބާރުހިފޭ ރާވީއަކަށް ވެސް ވެދާނެއެވެ. އެހެންނަމަވެސް، އެކި ސަބަބުތަކާހުރެ އޭނާ ބައެއް ޝައިޚުންގެ ފަރާތުން ގެންނަ ރިވާޔަތްތަކުގައި އޭނާއަކީ ޟަޢީފު ރާވީއަކަށް ވެދާނެއެވެ. މިސާލަކަށް، އެ ޝައިޚުންގެ ފަރާތުން ޙަދީޘް އަޑުއަހާފައިވަނީ އޭނާގެ އުމުރުން ވަރަށް ޅައިރުކަމަށްވުމާއި، އެ ޝައިޚުންގެ ފަރާތުން ލިޔެގެން ޙާޞިލުކުރި ރިވާޔަތްތައް ގެއްލުންފަދަ ކަންކަމެވެ.

އެހެންކަމުން، މިފަދަ މައްސަލަތަކަކީ ނިސްބީ މައްސަލަތަކެކެވެ. އެހެންކަމުން، ޟަޢީފު ރާވީއެއް، އެއްބައި ޝައިޚުންގެ އަރިހުން ރިވާކޮށްފައިވާ ރިވާޔަތްތަކުގައި ޟަޢީފުވާ މިންވަރަށްވުރެ، އަނެއްބައި ޝައިޚުންގެ އަރިހުން ރިވާކޮށްފައިވާ ރިވާޔަތްތަކުގައި ޟަޢީފުވާ މިންވަރު ބޮޑުވެދާނެއެވެ. އަދި އިތުބާރުހިފޭ ޘިޤާ ރާވީއެއް، އެއްބައި ޝައިޚުންގެ އަރިހުން ރިވާކޮށްފައިވާ ރިވާޔަތްތަކުގައި އިތުބާރުހިފޭ މިންވަރަށްވުރެ، އަނެއްބައި ޝައިޚުންގެ އަރިހުން ރިވާކޮށްފައިވާ ރިވާޔަތްތަކުގައި އިތުބާރުހިފޭ މިންވަރު ބޮޑުވެދާނެއެވެ.

މިސާލަކަށް، ޖަރީރު ބްނު ޙާޒިމް އަލްއަޒަދީ އަލްބަޞަރީއެވެ. އޭނާއީ އިތުބާރުހިފޭ ރާވީއެކެވެ. އެހެންނަމަވެސް، ޤަތާދާގެ އަރިހުން ރިވާކޮށްފައިވާ ރިވާޔަތްތަކުގައި އޭނާއީ ޟަޢީފު ރާވީއެކެވެ.

އަދި ފަހަރުގައި، ވަކި ޝައިޚެއްގެ ފަރާތުން ރިވާކޮށްފައިވާ ރިވާޔަތްތަކުގައި ރާވީއަކު ޟަޢީފުވަނީ ވަކި ޚާއްޞަ ކަމަކާ ގުޅުވައިލެވިގެންކަމުގައި ވެސް ވެދާނެއެވެ. މިސާލަކަށް، އެ ޝައިޚުގެ އަރިހުން ވަކި ރަށެއްގައި އަޑުއަހާފައިވާ ރިވާޔަތްތަކުގައި އޭނާއީ ޟަޢީފު ރާވީއަކަށްވުމާއި، އެ ޝައިޚުގެ އަރިހުން ލިޔެފައިވާ ތަކެތިން ރިވާކޮށްފި ރިވާޔަތްތަކުގައި ޟަޢީފުވުމެވެ.

މިސާލަކަށް، ޢަބްދުއްރައްޒާޤް އައްޞަންޢާނީއެވެ. އޭނާއީ ހިތުދަސްކުރުމުގެ ބާރުގަދަ، އިތުބާރުހިފޭ ރާވީއެކެވެ. އޭނާ ސުފްޔާނުއްޘައުރީގެ އަރިހުން މައްކާގައްޔާއި ޔަމަނުގައި ރިވާޔަތްތައް އަޑުއަހާފައި ވެއެވެ. އެހެންނަމަވެސް، އޭނާ ސުފްޔާނުގެ އަރިހުން މައްކާގައި އަޑުއަހާފައިވާ ރިވާޔަތްތަކުގައި އޭނާއީ ޟަޢީފު ރާވީއެއްކަމުގައި، އަދި ޔަމަނުގައި އަޑުއަހާފައިވާ ރިވާޔަތްތަކުގައި އޭނާއީ އިތުބާރުހިފޭ ވަރުގަދަ ރާވީއެއްކަމުގައި އަޙްމަދު ބްނު ޙަންބަލް ކަނޑައަޅުއްވާފައި ވެއެވެ.

=ނުނިމޭ=

ތަރުޖަމާކުރި އަޞްލު: الجرح والتعديل للأستاذ الدكتور إبراهيم اللاحم (جامعة القصيم)