[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ނަބިއްޔާ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ގެ ދަރިދަރިކަލުންނާއި ދަރިދަރިކަނބަލުން

ނަބިއްޔާ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ގެ އެންމެ ފުރަތަމަ ދަރިކަލުންނަކީ އަލްޤާސިމެވެ. އެކަލޭގެފާނުގެ ކުންޔާ، “އަބުލް ޤާސިމް” ނިސްބަތްވަނީ މިދަރިކަލުންނަށެވެ. އަލްޤާސިމް ވަނީ ތުއްޕުޅުއިރު އަވަހާރަވެފައެވެ. ބުނެވޭ ގޮތުގައި ޖަނަވާރުގެ މައްޗަށް ސަވާރުވެވޭވަރު ވަންދެން އުޅުއްވިއެވެ.

ނަބިއްޔާ صَلَّى اللَّهُ عَلَيْهِ وَسَلَّمَ އަށް ދެވަނައަށް ލިބިލެއްވީ ޒައިނަބެވެ. އަލްޤާސިމަށްވުރެ ޒައިނަބު ދޮށީކަމަށްވެސް ބުނެވެއެވެ.

އެއަށްފަހު ރުޤައްޔާ އާއި އުންމު ކުލްޘޫމާއި ފާޠިމާއެވެ. މިއިން ކޮންމެ ދަރިކަނބަލަކާމެދުވެސް އަނެއް ދެއުޚްތުންނަށްވުރެ ދޮށީކަމުގައި ބުނެވެއެވެ. އިބްނު ޢައްބާސްގެ އަރިހުން ޛިކުރުކުރެވިގެން އައިސްފައިވާގޮތުގައި މިތިން ބޭކަނބަލުންގެ ތެރެއިން އެންމެ ދޮށީ ރުޤައްޔާއެވެ. އަދި އެންމެ ހަގީ އުންމު ކުލްޘޫމެވެ.

ދެން އެކަލޭގެފާނަށް ލިބިލެއްވީ ޢަބްދުﷲއެވެ. މިދަރިކަލުން އުފަންވީ ނަބީކަމައިގެން ފޮނުއްވުމުގެ ފަހުން ކަމާމެދު ޚިލާފުވެފައިވެއެވެ. ބައެއް ބޭކަލުން ޞައްޙަ ކުރައްވަނީ މިދަރިކަލުން އުފަންވީ ނަބީކަމައިގެން ފޮނުއްވުމުގެ ފަހުން ކަމުގައެވެ. އަދި އައްޠާހިރު އާއި އައްޠައްޔިބަކީ ޢަބްދުﷲއަށް ދެވިފައިވާ ދެ ލަޤަބެވެ.

މިހުރިހާ ދަރިކަލުންނާއި ދަރިކަނބަލުންވެސް ލިބިލެއްވީ ޚަދީޖަތުގެފާނުގެ ކިބައިންނެވެ. އަދި އެހެން އެއްވެސް އަނބިކަނބަލެއްގެ ކިބައިން ދަރިކަލަކު ނުވަތަ ދަރިކަނބަލަކު ލިބިވަޑައިނުގަންނަވައެވެ.

ދެން އެކަލޭގެފާނަށް ލިބިލެއްވީ އިބްރާހީމެވެ. މިދަރިކަލުން އުފަންވީ ހިޖުރައިން އަށްވަނަ އަހަރު މަދީނާގައެވެ. މިދަރިކަލުން ލިބިލެއްވީ މާރިޔަތުލް ޤިބްޠިއްޔާގެ ކިބައިންނެވެ. މިދަރިކަލުން އަވަހާރަވީ ގާތުން ކިރުފޮދުހިއްޕަވާ އުމުރުގައެވެ.

އެކަލޭގެފާނު ދުނިޔޭގައި ހުންނަވަނިކޮށް ފާޠިމަތުގެފާނު ފިޔަވާ އެހެން ހުރިހާ ދަރިކަލުންނާއި ދަރިކަނބަލުންވަނީ އަވަހާރަވެފައެވެ. ފާޠިމަތުގެފާނު އަވަހާރަވީ އެކަލޭގެފާނު އަވަހާރަވިތާ ހަ މަސް ފަހުންނެވެ. ފަހެ، އެކަމަނާގެ ކެތްތެރިކަމުގެ ސަބަބުން ﷲ ތަޢާލާ އެކަމަނާގެ ދަރަޖަ އުފުއްލަވާ އެންމެހާ އަންހެންތަކުންގެ މައްޗަށް މާތްކުރެއްވިއެވެ.

 

*******

މަޞްދަރު: زاد المعاد في هدي خير العباد لابن القيم