[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ޢަޤީދާގެ ފިލާވަޅު 3 (ޢަޤީދަތުއް ޠަޙާވިއްޔާގެ ޝަރަޙަ)

قَالَ الْعَلَّامَةُ حُجَّةُ الْإِسْلَامِ أَبُو جَعْفَرٍ الْوَرَّاقُ الطَّحَاوِيُّ -بِمِصْرَ- رحمه الله:

هَذَا ذِكْرُ بَيَانِ عَقِيدَةِ أَهْلِ السُّنَّةِ وَالْجَمَاعَةِ، عَلَى مَذْهَبِ فُقَهَاءِ الْمِلَّةِ: أَبِي حَنِيفَةَ النُّعْمَانِ بْنِ ثَابِتٍ الْكُوفِيِّ، وَأَبِي يُوسُفَ يَعْقُوبَ بْنِ إِبْرَاهِيمَ الْأَنْصَارِيِّ، وَأَبِي عَبْدِ اللَّهِ مُحَمَّدِ بْنِ الْحَسَنِ الشَّيْبَانِيِّ -رِضْوَانُ اللَّهِ عَلَيْهِمْ أَجْمَعِينَ- وَمَا يَعْتَقِدُونَ مِنْ أُصُولِ الدِّينِ، وَيَدِينُونَ بِهِ رَبَّ الْعَالَمِينَ.

އަލްޢައްލަމާ ޙުއްޖަތުލް އިސްލާމް އަބޫ ޖަޢްފަރުއް ވައްރާޤުއް ޠަޙާވީ ރަޙިމަހުﷲ ތަޢާލާ މިޞްރުގައި ވިދާޅުވިއެވެ.

މިބަޔާންކޮށްދެނީ މިމިއްލަތުގެ ފިޤްހު ޢިލްމުވެރިންކަމުގައިވާ، އަބޫ ޙަނީފާ ނުޢުމާން ބިން ޘާބިތިލް ކޫފީއާއި، އަބޫ ޔޫސުފް ޔަޢްޤޫބު ބިން އިބްރާހީމުލް އަންޞާރީއާއި، އަބޫ އަބްދުﷲ މުޙައްމަދު ބިން އަލްޙަސަން އައްޝައިބާނީ (رضوان الله عليهم أجمعين) ގެ މަޛްހަބުގައި ސުންނަތާއި ޖަމާޢަތުގެ އަހުލުވެރިން (أهل السنة والجماعة) ގެ ޢަޤީދާއެވެ. އަދި ދީނުގެ އުޞޫލުތަކާމެދު އެބޭކަލުންގެ ޢަޤީދާއާއި ޢާލަމްތަކުގެ ވެރި ربّ އަށް އެބޭކަލުން ދީންވެރިވިގޮތެވެ.

_______________________________________________________________

(ކުރީގެ ބަޔާ ގުޅޭ)

أهل السنة والجماعةގެ ޚާއްޞަކަން:

އެހެން ފިރުޤާތަކުގެ އަހުލުވެރިންނާ ޚިލާފަށް ސުންނަތާއި ޖަމާޢަތުގެ އަހުލުވެރިންގެ ޚާއްޞަކަންތައްތަކެއްވެއެވެ. މިކަންކަމަކީ އެބައިމީހުން ޙައްޤުގެ މަގުގައި ޘާބިތުވެ، ބާޠިލުމަގުތަކުން ދުރުވެގަތުމަށް މަގުދައްކާ ކަންކަމެވެ. އެގޮތުން ބައެއް މުހިއްމު ކަންކަމަކީ:

1. އެބައިމީހުން މައްސަލަތަކުގައި ހަމައެކަނި ރުޖޫޢަވަނީ ޤުރުއާނަށާއި ސުންނަތަށް: ސުންނަތާއި ޖަމާޢަތުގެ އަހުލުވެރިން ޢަޤީދާއާއި، އަޅުކަމާއި، މުޢާމަލާތާއި، ސުލޫކާއި، އަޚުލާޤާއި ގުޅޭ އެންމެހާ މައްސަލަތަކެއްގައި ރުޖޫޢަވަނީ ﷲގެ ފޮތް ކީރިތި ޤުރުއާނަށާއި، އެޤުރުއާން މީސްތަކުންނަށް ބަޔާންކޮށްދެއްވި މާތް ނަބިއްޔާ ޞައްލަﷲ ޢަލައިހިވަސައްލަމަގެ ސުންނަތަށެވެ. ކީރިތި ޤުރުއާނަކީ އެންމެހާ ބާޠިލުކަމަކުން އެއްކިބާވެގެންވާ ޙައްޤުފޮތެވެ. ހަމައެހެންމެ، ނަބިއްޔާ ޞައްލަﷲ ޢަލައިހިވަސައްލަމަގެ ސުންނަތަކީ ކީރިތި ޤުރުއާނުގެ ތަފްސީރެވެ. ކީރިތި ޤުރުއާނާއި ސުންނަތަކީ އެންމެހާކަމެއް މޮޅަށް ދެނެވޮޑިގެންވާ ޙަކީމްވަންތަ ﷲ ސުބުޙާނަހޫ ވަތަޢާލާގެ ޙަޟްރަތުން އައިސްފައިވާ ދޭއްޗެވެ. މިދެމަޞްދަރު މަގުދައްކައިދެނީ ޙައްޤުމަގަށެވެ. އަދި މިދެމަޞްދަރާ ފުށުއަރާކޮންމެކަމަކީ ބާޠިލުކަމެކެވެ. ޢިލްމުވެރިންގެ އިޖުމާޢު އަންނަނީ މިދެމަޞްދަރުންނެވެ. އެއެއްޗެއްގައި ޙައްޤު ވާއެއްޗެއް މަގުދައްކައިދޭނީ ޙައްޤުމަގަށްކަމާމެދު ޝައްކެއްނެތެވެ.

އެހެންކަމުން، ސުންނަތާއި ޖަމާޢަތުގެ އަހުލުވެރިން ދީނުގެ އެންމެހާކަމެއްގައި ބައްލަވަނީ އެދެމަޞްދަރަށެވެ. އެދެމަޞްދަރުގައިވާ ގޮތަށް ޢަމަލުކުރައްވައެވެ. އަދި އެދެމަޞްދަރާ ފުށުއަރާ ކޮންމެ ކަމަކާއި ބަހަކުން ދުރުވެވަޑައިގަންނަވައެވެ. އެބަސްބުނިމީހަކީ ކޮންމެ މީހެއްކަމުގައި ވީނަމަވެހެވެ.

2. އެބައިމީހުން ޤުރުއާނާއި ސުންނަތް ދެނެގަތުމުގައި ރުޖޫޢަވަނީ ސަލަފުންނަށް: ސަލަފުންނަކީ މާތްވި ތިންޤަރުނުގެ ބޭކަލުންނެވެ. އެއީ ޞަޙާބީންނާއި، ތާބިޢީންނާއި، އަތުބާޢުއް ތާބިޢީންނެވެ. ސުންނަތާއި ޖަމާޢަތުގެ އަހުލުވެރިން ޤުރުއާނާއި ސުންނަތް މާނަކޮށް ދެނެގަތުމުގައި ރުޖޫޢަވެވަޑައިގަންނަވަނީ މިއުއްމަތުގެ ކުރީގެ ބޭކަލުން އެދެމަޞްދަރު މާނަކުރެއްވިގޮތަށެވެ. މިގޮތުން ޞަޙާބީންނަކީ މިއުއްމަތުގެ އެންމެ ހެޔޮ، ފިޤުހުވެރި، ޢިލްމުވެރި ބޭކަލުންނެވެ. އެބޭކަލުން މިދެމަޞްދަރުގެ މާނަ ލިބިގެންނެވީ ސީދާ މާތް ނަބިއްޔާ ޞައްލަﷲ ޢަލައިހިވަސައްލަމަގެ އަރިހުންނެވެ. ހަމައެހެންމެ، ޤުރުއާނާއި ސުންނަތް ބާވާލެއްވުނީ އެބޭކަލުންގެ ބަހުންނެވެ. އެބޭކަލުން މިދެމަޞްދަރުން ދޭހަކޮށްދޭ މާނަ މާތް ނަބިއްޔާގެ އަރިހުން އެންމެ ފުރިހަމައަށް ދެނެގަނެ، އެއަށް ޢަމަލުކޮށް، އެބޭކަލުންގެ ފަހުން ވަޑައިގެންނެވި ތާބިޢީންނަށް އަމާނާތްތެރިކަމާއެކު ފޯރުކޮށްދެއްވިއެވެ. ހަމައެހެންމެ، ތާބިޢީން އަމާނާތެރިކަމާއެކު އަތުބާޢުއް ތާބިޢީންނަށް ފޯރުކޮށްދެއްވިއެވެ. ޞަޙާބީން ދައްކަވާ ދެއްވި މަގަކީ އެންމެހާގޮތަކުން ޙައްޤުމަގުކަމުގައި ބަޔާންކުރައްވައި ﷲ ވަޙީ ކުރައްވާފައިވެއެވެ. ((وَالسَّابِقُونَ الأَوَّلُونَ مِنْ الْمُهَاجِرِينَ وَالأَنصَارِ وَالَّذِينَ اتَّبَعُوهُمْ بِإِحْسَانٍ رَضِيَ اللَّهُ عَنْهُمْ وَرَضُوا عَنْهُ وَأَعَدَّ لَهُمْ جَنَّاتٍ تَجْرِي تَحْتَهَا الأَنْهَارُ خَالِدِينَ فِيهَا أَبَداً ذَلِكَ الْفَوْزُ الْعَظِيمُ)) سورة التوبة : 100  މާނައީ : “މުހާޖިރުންނާއި އަންޞާރުންގެ ތެރެއިން ކުރިން އިސްނެންގެވި ބޭކަލުންނާއި، ހެޔޮގޮތުގައި އެބައިމީހުންނަށް ތަބާވީ މީހުން (ދަންނާށެވެ!) ﷲ އެބައިމީހުނަށް ރުހިވޮޑިގެންފިއެވެ. އަދި އެބައިމީހުން އެއިލާހަށް ރުހުނެވެ. އަދި އެތަންތާނގެ ދަށުން ކޯރުތައް ހިނގަހިނގާ ހުންނަ ސުވަރުގެތައް، އެއިލާހު އެބައިމީހުންނަށްޓަކައި ތައްޔާރުކުރެއްވިއެވެ. އެތާނގައި އެބައިމީހުން ދެމިތިބެނިވިގޮތުގައެވެ. ބޮޑުވެގެންވާ ނަސީބު ލިބުމަކީ އެއީއެވެ.” މިއާޔަތުގައި ﷲ އެވަނީ ޞަޙާބީންނަށާއި، އެބޭކަލުންނަށް ހެޔޮގޮތުގައި ތަބާވާމީހުންނަށް ޘަނާ ވަޙީކުރައްވާފައެވެ.

ސަލަފުން ޤުރުއާނާއި ސުންނަތް މާނަކުރެއްވިގޮތަށް މާނަނުކުރުމުގެ ސަބަބުން ތަފާތު ބައިތަކަށް އިސްލާމީ އުއްމަތް ބައިވެގެންގޮސް ފިރުޤާތައް އުފެދުނެވެ. މިއިން ކޮންމެ ފިރުޤާއެއްގެ ބަޔަކުވެސް މިދެމަޞްދަރު މާނަކުރަނީ އެބައިމީހުންނަށް ފެންނަގޮތެއްގެ މައްޗަށެވެ. ނަތީޖާއަކަށްވެގެން ދިޔައީ ޙައްޤުމަގުން އެއްކިބާވެގެންގޮސް، ވާވަދެގެން ދިޔުމެވެ.

3. އެބައިމީހުންގެ މަގަކީ ޢަދުލުވެރި މަގެއް: ސުންނަތާއި ޖަމާޢަތުގެ އަހުލުވެރިންގެ މަގަކީ ޢަޤީދާއާއި އަޙްކާމުގެ މަސްއަލަތަކުގައި ހައްދުފަހަނައަޅާ ދިޔުމެއް ނުވާ، އަދި ފަރުވާކުޑަކަމުންގޮސް އޭގެ ހައްދުން ނެއްޓުމެއްނުވާ މެދުމިނުގެ ޢަދުލުވެރި މަގެކެވެ. މިއީ ﷲ ސުބުޙާނަހޫ ވަތަޢާލާ މިއުއްމަތް ލައްވަވާފައިވާ މަގެވެ. އެއިލާހު ވަޙީ ކުރައްވާފައިވެއެވެ. ((وَكَذَلِكَ جَعَلْنَاكُمْ أُمَّةً وَسَطاً)) سورة البقرة: 143  މާނައީ : “އަދި ހަމަ އެފަދައިން، މެދުމިން އުއްމަތެއް ކަމުގައި ތިމަންއިލާހު ތިޔަބައިމީހުން ލެއްވީމެވެ.” މިއާޔަތުގައިވާ ((وَسَطاً)) ގެ މުރާދަކީ ޢަދުލުވެރިކަން ކަމުގައި ޞަޙީޙުލް ބުޚާރީގައި ރިވާވެފައިވެއެވެ. (ބައްލަވާ: ޞަޙީޙުލް ބުޚާރީ: ޙަދީޘް ނަންބަރު: 4487).

މިގޮތުން ސުންނަތާއި ޖަމާޢަތުގެ އަހުލުވެރިންގެ މަގަކީ ހައްދުފަހަނައަޅާފައިވާ ފިރުޤާތަކާއި، ފަރުވާކުޑަކަމުންގޮސް އޭގެ ހައްދުން ނެއްޓުމެއްނުވާ މަގެވެ. މިސާލަކަށް ޚަވާރިޖުންނަށާއި މުރުޖިޢާއިންނަށް ބަލާލަމާތޯއެވެ. މިދެބަޔަކީވެސް އިސްލާމްދީނުގައި އުފެދިގެން އައި ދެފިރުޤާއެވެ. މިގޮތުން ޚަވާރިޖުން ޤަބޫލުކުރާގޮތުގައި ޒިނޭ، ވައްކަންކުރުން ފަދަ ބޮޑުފާފައެއް ކޮށްފިނަމަ، އެމީހެއްގެ ކިބައިން އީމާންކަން ނިގުޅި، ދީނުން ބޭރުވެ އަބަދުގެ އަބަދަށް ނަރަކައަށް ވަންނަހުއްޓެވެ. މިއާއިޚިލާފަށް މުރުޖިޢާއިން ޤަބޫލުކުރާގޮތުގައި ބޭރުފުށުން ކުރެވޭ ޢަމަލުތަކަކީ އީމާންކަމަށް އެއްވެސް އަޘަރެއް ކުރާ އެއްޗެއް ނޫނެވެ. އެންމެންގެ އީމާންކަމަކީ ހަމަހަމައެއްޗެކެވެ. އަބޫބަކުރުގެފާނު ފަދަ ބޭކަލުންގެ އީމާންކަމާއި، އިސްލާމަކަށްވެހުރެ ފާފަކުރާ ފާޖިރެއްގެ އީމާންކަމާ ހަމަހަމަވާނެއެވެ. ސުންނަތާއި ޖަމާޢަތުގެ އަހުލުވެރިންގެ މަގަކީ ބޮޑު ފާފައެއް ކޮށްފިމީހާ، އެމީހާ އެފާފައެއް ޙަލާލުނުކުރާހާ ހިނދަކު ދީނުން ބޭރުނުވާނެއެވެ. އަދި ތައުބާނުވެ މަރުވެއްޖެނަމަ، ﷲ ސުބުޙާނަހޫ ވަތަޢާލާގެ އޯގާވަންތަވެރިކަމުން އެމީހަކަށް އެފާފަ ޢަފޫކުރައްވަފާނެއެވެ. ނުވަތަ އެއިލާހުގެ ޙިކުމަތްތެރިކަމާއި ޢަދުލުވެރިކަމާއެކު އެމީހާގެ އެފާފައާ އެއްވަރަށް ނަރަކާގައި ޢަޛާބު ދެއްވުމަށްފަހު ސުވަރުގެ ވައްދަވާ ހުއްޓެވެ. އެހެނީ، ސުންނަތާއި ޖަމާޢަތުގެ އަހުލުވެރިން އީމާންވާގޮތުގައި ނަރަކާގައި އަބަދުގެ އަބަދަށް ހުންނާނެ ބަޔަކީ ހަމައެކަނި ކާފަރުންނެވެ. އަދި އީމާންކަމަކީ ﷲ އަށް ކިޔަމަންތެރިވިވަރަކަށް އިތުރުވެ، އެއިލާހަށް އުރެދުނުވަރަކަށް މަދުވާ އެއްޗެކެވެ. މިކަމާގުޅޭ ވާހަކަތައް އީމާންކަމާބެހޭ ބައިގައި އަދިފަހުން އަންނަ ހުއްޓެވެ. إن شاء الله.

ހަމަމީގެ އަނެއް މިސާލަކީ ޤަދަރީންނާއި ޖަބަރީންނެވެ. މިއީވެސް ދެފިރުޤާއެވެ. މީގެ ތެރެއިން ޤަދަރީން ޤަބޫލުކުރާގޮތުގައި އިންސާނާގެ ޢަމަލުތައް އެނާ އެޢަމަލެއް ކުރުމުގެ ކުރިން ﷲ ސުބުޙާނަހޫ ވަތަޢާލާ އޭނާ އެޢަމަލުކުރާނެކަން ދެނެވޮޑިގެންނުވެއެވެ. ޖަބަރީން ޤަބޫލުކުރާގޮތުގައި ﷲ ސުބުޙާނަހޫ ވަތަޢާލާ ވަނީ އިންސާނާ ވަކިގޮތަކަށް އުޅުމަށް މަޖުބޫރު ކުރައްވާފައެވެ. ހެޔޮޢަމަލުކުރާ މީހާ ހެޔޮ ޢަމަލުއެކުރަނީ ﷲ އޭނާއަށް އެކަން މަޖުބޫރުކުރައްވާފައިވާތީއެވެ. އަދި ނުބައި ޢަމަލު ކުރާ މީހާ ނުބައި ޢަމަލުއެކުރަނީ ﷲ އޭނާއަށް އެކަން މަޖުބޫރުކުރައްވާފައިވާތީއެވެ. އެހެނީ، ﷲ ވަނީ އެންމެހާކަމެއް ހިނގާނެގޮތް ލިޔުއްވާފައެވެ. މިމަސްއަލާގައި ސުންނަތާއި ޖަމާޢަތުގެ އަހުލުވެރިންގެ ޤަބޫލުކުރާގޮތުގައި ﷲ ސުބުޙާނަހޫ ވަތަޢާލާއީ އެންމެހާ ކަމެއް އެންމެ މޮޅަށް ދެނެވޮޑިގެންވާ އިލާހެވެ. އެންމެހާ ޚަލްޤުތަކެއް ޚަލްޤުކުރެއްވުމުގެ ކުރިންވެސް ﷲ އެޚަލްޤުތަކުގެ އެންމެހާ ކަމެއް، އެއްވެސް ކަމެއް ސިއްރުވެ ވަންހަނާނުވާގޮތުގެ މަތީން މޮޅަށް ދެނެވޮޑިގެންވެއެވެ. އަދި އެއިލާހުވަނީ ލަވްޙުލް މަޙްފޫޡުގައި ޚަލްޤުތަކުންގެ އެންމެހާކަމެއް ލިޔުއްވާފައެވެ. އަދި އެއިލާހަކީ ޛައްރެއްގެ މިންވަރު ވިޔަސް އެއިލާހުގެ އަޅުތަކުންނަށް އަނިޔާވެރިވެވޮޑިނުގަންނަވާ އިލާހެވެ. އެއިލާހުގެ ނަބިއްޔާ ޙަދީޘް ކުރައްވާފައިވެއެވެ. “مَا مِنْكُمْ مِنْ أَحَدٍ إِلاَّ وَقَدْ كُتِبَ مَقْعَدُهُ مِنَ الْجَنَّةِ وَمَقْعَدُهُ مِنَ النَّارِ.” فَقَالُوا: يَا رَسُولَ اللهِ أَفَلاَ نَتَّكِلُ؟ فَقَالَ: “اعْمَلُوا فَكُلٌّ مُيَسَّرٌ.” ثُمَّ قَرَأَ: ((وَصَدَّقَ بِالْحُسْنَى * فَسَنُيَسِّرُهُ لِلْيُسْرَى * وَأَمَّا مَنْ بَخِلَ وَاسْتَغْنَى * وَكَذَّبَ بِالْحُسْنَى * فَسَنُيَسِّرُهُ لِلْعُسْرَى)) سورة الليل: 6-10 މާނައީ: “އެމީހަކު ސުވަރުގޭގައި ހުންނާނެތަނާއި ނަރަކާގައި ހުންނާނެތަން ލިޔުއްވާފައިވާ ނުވާ އެއްވެސް މީހަކު ތިޔަބައިމީހުންގެ ތެރެއަކުނުވެއެވެ.” ފަހެ، އެބޭކަލުން (އެބަހީ ޞަޙާބީން) ދެންނެވިއެވެ. އޭ ﷲގެ ރަސޫލާއެވެ! އެހެންވެއްޖެނަމަ ތިމަންމެން (ޢަމަލުނުކޮށް) އެކަމަށް ބަރޯސާވެގެން ހުންނަންވީތޯއެވެ؟ އެހިނދު އެކަލޭގެފާނު ޙަދީޘް ކުރެއްވިއެވެ. “ތިޔަބައިމީހުން ޢަމަލުކުރާށެވެ. ފަހެ، ކޮންމެ މީހަކަށް އެމީހާގެ މަގު ވަނީ ފަސޭހަކުރެވިގެންނެވެ.” ދެން އެކަލޭގެފާނު ކިޔަވާ ވިދާޅުވިއެވެ. ((وَصَدَّقَ بِالْحُسْنَى * فَسَنُيَسِّرُهُ لِلْيُسْرَى * وَأَمَّا مَنْ بَخِلَ وَاسْتَغْنَى * وَكَذَّبَ بِالْحُسْنَى * فَسَنُيَسِّرُهُ لِلْعُسْرَى)) މާނައީ: “އަދި އެންމެ ހެޔޮބަސް (އެބަހީ ޝަހާދަތުގެ ކަލިމައާއި އެކަލިމައިގެ ސަބަބުން އެނގުން ލާޒިމުކުރާ ކަންކަން) ތެދުކުރިމީހާ ދަންނާށެވެ! ފަހެ، ތިމަންއިލާހު ފަސޭހަކަން ހުރިމަގަށް އެމީހަކަށް މަގު ފަހިކޮށްދެއްވާ ހުށީމެވެ. އަދި ދަހިވެތިވެ، ﷲ ފިޔަވައި އަމިއްލަޔަށް ފުދިގެންކަމަށްހީކޮށް (އެބަހީ އެއިލާހަށް އަޅުކަންކުރުމުން އެއްކިބާވެ)، އަދި އެންމެ ހެޔޮބަސް ދޮގުކުރިމީހާ ދަންނާށެވެ! ފަހެ، ތިމަންއިލާހު ދަތިކަންހުރި މަގަށް އެމީހަކަށް މަގު ފަހިކޮށްދެއްވާ ހުށީމެވެ.” (ބުޚާރީ :4947 ، މުސްލިމް: 2647). އެހެންކަމުން، މީސްތަކުންނަށް އޮތީ ﷲ ސުބުޙަނަހޫ ވަތަޢާލާއަށް ތަވައްކުލުކުރުމާއެކު ޢަމަލުކުރުމެވެ. އިންސާނާއަށް ﷲ ވަނީ ދެމަގު ދައްކަވާ ދެއްވާފައެވެ. އޭނާ ޚިޔާރުކުރިމަގަކަށް އެއިލާހު އޭނާއަށް މަގު ފަހިކޮށްދެއްވާނެއެވެ. އަދި އެންމެހާ ކަމެއް ހިނގާހުށީ އެއިލާހުގެ ޢިލްމުފުޅުގެ ދަށުން، އެއިލާހު ޤަދަރުކުރައްވާފައިވާ ގޮތަށެވެ.

މިއީ އެހެން ފިރުޤާތަކާ ސުންނަތާއި ޖަމާޢަތުގެ އަހުލުވެރިންނާ ހުރި ބޮޑު ތަފާތެކެވެ. ސުންނަތާއި ޖަމާޢަތުގެ އަހުލުވެރިން ޢަޤީދާ އާއި އަޙްކާމުގެ މަސްއަލާތަކުގައި ޢަދުލުވެރިކަމާއެކު މެދުމިނުގެ މަގު ޚިޔާރުކުރެއެވެ.

4. ޙުކުމުގައި މުތަވާތިރު ޙަދީޘާއި އާޙާދު ޙަދީޘް ތަފާތު ނުކުރުން: ސުންނަތާއި ޖަމާޢަތުގެ އަހުލުވެރިންގެ އަރިހުގައި ޙުކުމުގައި މުތަވާތިރު ޙަދީޘާއި އާޙާދު ޙަދީޘަކީ ޙުއްޖަތެކެވެ. އަދި އެދެވައްތަރު ޙަދީޘް ޢަޤީދާގެ މަސްއަލަތަކުގައާއި އަޙްކާމުގެ މަސްއަލަތަކުގައި ފަރަޤުނުކުރައްވައެވެ. މުތަވާތިރު ޙަދީޘަކީ ޙަދީޘެއްގެ ސަނަދުގެ ކޮންމެ ގިންތިއަކުން އެތައް ރާވީންނެއް ރިވާކުރައްވާފައިވާ، އަދި އެޙަދީޘެއްގައި ދޮގެއް އެކުލެވިގެންވުން މުސްތަޙީލު ޙަދީޘެވެ. އާޙާދު ޙަދީޘަކީ މުތަވާތިރުގެ ދަރަޖައަށް ނުފޯރާ ހަދީޘެވެ. ބައެއް ފިރުޤާތަކުގެ މީހުން އާޙާދުޙަދީޘްތައް ރައްދުކުރެއެވެ. ނުވަތަ ޢަޤީދާގެ މަސްއަލަތަކުގައި މިފަދަ ޙަދީޘްތައް ނުނަގައި ފިޤުހުގައި މިހަދީޘްތައް ނަގައެވެ. މިފަދަ ފިރުޤާތަކުގެ މީހުންގެ މިމަގުއޮޅުމުގެ ސަބަބުން ދީނުގެ މުހިއްމު މަސްއަލަތަކާގުޅޭ ވަރަށް ގިނަ ޙަދީޘްތައް ޤަބޫލުނުކޮށް ރައްދުކުރެއެވެ. ނަތީޖާއަކަށްވީ ދީނުގެ ތެރެއަށް އަމިއްލަ ގޮތްތައް ވަދެ މަގުއޮޅިގެން ދިޔުމެވެ.

ސުންނަތާއި ޖަމާޢަތުގެ އަހުލުވެރިން މުތަވާތިރުކޮށް ނުވަތަ އާޙާދުކޮށްނަމަވެސް ޞައްޙަ ޙަދީޘެއް ނަމަ އެއީ އެބައިމީހުންގެ އަރިހުގައި ޙުއްޖަތެކެވެ. އަދި ޢަޤީދާގެ މަސްއަލަތަކުގައިވެސް އަދި ފިޤުހީ މަސްއަލަތަކުގައިވެސް އެއީ ޙުއްޖަތެކެވެ.

5. ޤުރުއާނާއި ސުންނަތަށް ތަބާވުން: ސުންނަތާއި ޖަމާޢަތުގެ އަހުލުވެރިންގެ އެންމެ މުހިއްމު އެއްކަމަކީ އެންމެހާ ޙާލަތެއްގައިވެސް ޤުރުއާނަށާއި މާތް ނަބިއްޔާ މުޙައްމަދު ޞައްލަﷲ ޢަލައިހިވަސައްލަމަގެ ސުންނަތައް ފުރިހަމައަށް ބޯލަނބައި ކިޔަމަންތެރިވުމެވެ. މިގޮތުން ޢަޤީދާގެ މަސްއަލަތަކުގެ ތެރެއިން ބައެއް ކަންކަމަކީ، ޚާއްޞަކޮށް ޣައިބުގައިވާ ކަންކަމަކީ އިންސާނުންގެ ބުއްދިއަށް ތަސައްވުރު ނުކުރެވުނުކަމެއްކަމުގައިވީނަމަވެސް ޤުރުއާނާއި ސުންނަތުގައި އެކަން ޘާބިތުވެއްޖެނަމަ ތެދުހިތުން އެކަމެއް ޤަބޫލުކުރުމެވެ. ﷲ ސުބުޙާނަހޫ ވަތަޢާލާއާ މަޢުރިފާކޮށް ދެނެގަތުމުގައްޔާއި، މަލާއިކަތުންގެ ޚަބަރުތަކާއި، ކަށްވަޅުގެ ޚަބަރުތަކާއި، އާޚިރަތްދުވަހުގެ ޚަބަރުތަކަކީ އިންސާނުންނަށް ޣައިބުގައިވާ ކަންކަމެވެ. އެފަދަ ކަންކަން ހަމައެކަނި އެނގޭނެގޮތަކީ ޤުރުއާނާއި ސުންނަތުގެ އަލީގައެވެ. އެދެމަޞްދަރުން އަންގަވާ ދެއްވާފައިވާ ޚަބަރެއްގެ އިތުރަށް، އެއިންއެއްވެސް ކަމަކީ އިންސާނާގެ ބުއްދިން ވިސްނައި، އެކަންކަމާމެދު ގޮތް ކިޔޭނޭ ކަންކަމެއް ނޫނެވެ. އިންސާނާގެ ބުއްދިއާއި ވިސްނުމަކީ ފުރިހަމަ އެއްޗެއް ނޫންކަމާމެދު ޚުދު އިންސާނާވެސް އަމިއްލައަށް ހެކިވާނެއެވެ. އެހެންވެއްޖަނަމަ، އިންސާނާގެ ބުއްދިއާއި ވިސްނުމަށް ބަރޯސާވެގެން ކޮންމެ ކަމަކީ، ޚާއްޞަކޮށް އޭނާއަށް ޢިލްމެއްނުވާކަންކަމަކީ، ވަކިގޮތަކަށް ނިންމޭނެ ކަންކަމެއް ނޫނެވެ. އެހެންކަމުން، ސުންނަތާއި ޖަމާޢަތުގެ އަހުލުވެރިން އަބަދުވެސް ތަބާވަނީ ބާޠިލެއްނުވާ ހައްޤު ފޮތް ޤުރުއާނަށާއި ސުންނަތަށެވެ. އެކަމަކީ އިންސާނާގެ ބުއްދިއާއި ވިސްނުމަށް ނުގެނެވޭފަދަ ކަމެއްކަމުގައި ވީނަމަވެހެވެ.

އިސްވެމިދިޔައީ އެހެން ފިރުޤާތަކުގެ އަހުލުވެރިންނާ ޚިލާފަށް ސުންނަތާއި ޖަމާޢަތުގެ އަހުލުވެރިން ގެންގުޅޭ ބައެއް ޚާއްޞަ، މުހިއްމުކަންތައްތަކެވެ.

* އިމާމް ޠަޙާވީގެ ބަސްފުޅު هَذَا ذِكْرُ بَيَانِ عَقِيدَةِ أَهْلِ السُّنَّةِ وَالْجَمَاعَةِ، عَلَى مَذْهَبِ فُقَهَاءِ الْمِلَّةِ: أَبِي حَنِيفَةَ النُّعْمَانِ بْنِ ثَابِتٍ الْكُوفِيِّ، وَأَبِي يُوسُفَ يَعْقُوبَ بْنِ إِبْرَاهِيمَ الْأَنْصَارِيِّ، وَأَبِي عَبْدِ اللَّهِ مُحَمَّدِ بْنِ الْحَسَنِ الشَّيْبَانِيِّ -رِضْوَانُ اللَّهِ عَلَيْهِمْ أَجْمَعِينَ- وَمَا يَعْتَقِدُونَ مِنْ أُصُولِ الدِّينِ، وَيَدِينُونَ بِهِ رَبَّ الْعَالَمِينَ. ދަންނައެވެ.

އިމާމް ޠަޙާވީ ރަޙިމަހުﷲ އަންނަނިވި ޞަފްޙާތަކުގައި ބަޔާންކުރައްވާ ޢަޤީދާ ބިނާވެފައިވަނީ މިމިއްލަތުގެ ފިޤްހު ޢިލްމުވެރިންކަމުގައިވާ، އަބޫ ޙަނީފާ ނުޢުމާން ބިން ޘާބިތިލް ކޫފީއާއި، އަބޫ ޔޫސުފް ޔަޢްޤޫބު ބިން އިބްރާހީމުލް އަންޞާރީއާއި، އަބޫ އަބްދުﷲ މުޙައްމަދު ބިން އަލްޙަސަން އައްޝައިބާނީ ރަޙިމަހުމުﷲ ގެ ގޮތްކޮޅަށެވެ. މިބޭކަލުންގެ ޢަޤީދާގެ ގިނަ މަސްއަލަތަކުގައި މަގަކީ ސުންނަތާއި ޖަމާޢަތުގެ އަހުލުވެރިންގެ މަގެވެ. ނަމަވެސް، ޢަޤީދާގެ ވަރަށް މުހިއްމު އެއްބައިކަމުގައިވާ އީމާންކަމަކީ ކޮބައިކަމާމެދު މިބޭކަލުން  ސުންނަތާއި ޖަމާޢަތުގެ އަހުލުވެރިންނާ ޚިލާފުވެފައިވެއެވެ. މިބޭކަލުންގެ އަރިހުގައި އީމާންކަމަކީ ދުލުން އިޤުރާރުވުމާއި ހިތުން ތެދުކުރުމެވެ. ބޭރުފުށުގެ ގުނަންތަކުން ކުރާ ޢަމަލުތައް އީމާންކަމުގެ ތެރޭގައި ނުހިމަނުއްވައެވެ. އަދި އީމާންކަމުގައި އެންމެން ވަނީ ހަމަހަމަވެގެންނެވެ. މިއީ ކުރިން ދެންނެވިފައިވާނޭ ފަދައިން މުރުޖިއާއިން ދެކޭގޮތެވެ. މިއާޚިލާފަށް ސުންނަތާއި ޖަމާޢަތުގެ އަހުލުވެރިންގެ އަރިހުގައި އީމާންކަމަކަމުގެ ތެރެއަށް ދުލުން ބުނެވޭ ބަހާއި، ހިތުން ޤަބޫލުކުރެވޭ ޤަބޫލުކުރުމާއި، ބޭރުފުށުގެ ގުނަންތަކުން ކުރާ ޢަމަލުތައް ހިމަނުއްވައެވެ. އެހެންކަމުން، އިމާމް ޠަޙާވީ ރަޙިމަހުﷲ މިބަޔާން ކުރައްވާ ޢަޤީދާ ބިނާވެފައިވަނީ ޢާއްމުކޮށް ސުންނަތާއި ޖަމާޢަތުގެ އަހުލުވެރިންގެ ޢަޤީދާއަށެވެ. އަދި ޚާއްޞަކޮށް އަބޫ ޙަނީފާއާއި، އަބޫ ޔޫސުފްއާއި، އަބޫ އަބްދުﷲ އައްޝައިބާނީ ރަޙިމަހުމުﷲ ގެ ޢަޤީދާއަށެވެ.

ގިނަ މަސްއަލަތަކުގައި މަގަކީ “أهل السنة والجماعة” ގެ މަގުކަމުގައިވާނަމަ ބައެއް ފިރުޤާތަކުގެ މީހުން، ބައެއް ޢިލްމުވެރިން “أهل السنة والجماعة” ގެ ތެރޭގައި ހިމަނުއްވައެވެ. މިއީ ކުށެކެވެ. އެހެނީ، “أهل السنة والجماعة” އަކީ ޢަޤީދާގެ އެންމެހާ އުޞޫލެއްގައި ސުންނަތަށް ތަބާވެ، ސަލަފު ބޭކަލުން ދެއްކެވިގޮތުގައި ތިބޭ މީހުންނެވެ.

އީމާންކަމާއި ޢަމަލާވާ ގުޅުމާމެދު އުފެދިފައިވާ ޚިލާފަކީ ވަރަށް ގިނަ ބާޠިލު ފިރުޤަތަކުގައި އޮތްކަމެކެވެ. އެންމެ ފުރަތަމަ މިކަމާމެދު ޚިޔާލުތަފާތުވި ބަޔަކީ ޚަވާރިޖުންނެވެ. މިބައިމީހުން ދެކޭ ގޮތް ބަޔާންކުރެވި ހިނގައްޖެއެވެ. އޭގެ ފަހުގައި ޚަވާރިޖުން ޤަބޫލުކުރާގޮތުގެ އިދިކޮޅު ޤަބޫލުކުރާ މީހުން މުރުޖިއާ އިން އުފެދުނެވެ. މިކަމުގެ ތެރެއަށް ބައެއް މީހުންނަށް ވަދެވިފައިވަނީ މަސްއަލަ އޮޅި، މަސްއަލައިގެ ޙައްޤު ނޭނގުމުގެ ސަބަބުންނެވެ. އަބޫ ޙަނީފާއާއި، އަބޫ ޔޫސުފްއާއި، އަބޫ އަބްދުﷲ އައްޝައިބާނީ ރަޙިމަހުމުﷲ އުޅުއްވި ދުވަސްވަރަކީ ޚަވާރިޖުންނާއި މުރުޖިއާއިންނާއި އަދި އެނޫން އެތައް ފިރުޤާތަކެއް ފެތުރިގެން އައިސް، އެބައިމީހުންގެ ފިކުރުތައް ގަދަވެގެން އައި ދުވަސްވަރެކެވެ. ޚާއްޞަކޮށް މިބޭކަލުން އުޅުއްވި ކޫފާއަކީ މިފަދަ ފިތުނަތަކުގެ އަޘަރު ވަރަށް ބޮޑަށް ކޮށްފައިވާ ތަނެކެވެ. އެހެންކަމުން ބާޠިލު ފިރުޤަތަކުގެ މީހުންގެ އަޘަރު އެތަނުގެ އަހުލުވެރިންނަށް ކުރުމަކީ އެދުވަސްވަރުގައި ކައިރިކަމެކެވެ. ޤުރުއާނާއި ސުންނަތުގައި ޢަމަލަކީ އީމާންކަމާ ގުޅިފައިވާ ކަމެއްކަމަށް ދަލީލުކޮށްދޭ ވަރަށްގިނަ ދަލީލުތައް އައިސްފައިވެއެވެ. މިކަމާބެހޭ އިތުރު ތަފްޞީލު އަދިފަހުގެ ބައެއްގައި އަންނަހުއްޓެވެ. إن شاء الله.

______________________________________________________________

ސުވާލު:

1. ސުންނަތާއި ޖަމާޢަތުގެ އަހުލުވެރިންގެ ޚާއްޞަކަންތައްތަކުގެ ތެރެއިން މުހިއްމު ފަސް ކަމަކީ ކޮބާ؟

2. ޞަޙާބީން ދައްކަވާ ދެއްވި މަގަކީ އެންމެހާގޮތަކުން ޙައްޤުމަގުކަމުގެ ދަލީލަކީ ކޮބާ؟

3. ސުންނަތާއި ޖަމާޢަތުގެ އަހުލުވެރިންގެ މަގަކީ މެދުމިނުގެ ޢަދުލުވެރި މަގެއްކަމުގެ މިސާލެއް ބުނެދީ!

4. މުތަވާތިރު ޙަދީޘާއި އާޙާދު ޙަދީޘަކީ ކޮބާ؟

5. “ﷲ ސުބުޙާނަހޫ ވަތަޢާލާ ވަނީ އިންސާނާ ވަކިގޮތަކަށް އުޅުމަށް މަޖުބޫރު ކުރައްވާފައޭ” މީހަކު ބުނެއްޖެނަމަ، އެފަދަ މީހަކަށް ދޭނެ ޖަވާބަކީ ކޮބާ؟

____________________________

ކުރީގެ ފިލާވަޅުތައް:

ޢަޤީދާ ފިލާވަޅު 1

ޢަޤީދާ ފިލާވަޅު 2