[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ނަބިއްޔާ صلى الله عليه وسلم ގެ ޒަވާޖީ ޙަޔާތް 27

މިހާ ހިސާބުން ވަރަށް މުހިއްމު މަޢުޟޫއަކަށް އެނބުރިލާނަމެވެ:

ފަހެ ނަބިއްޔާ صلى الله عليه وسلم ގެ ހިދާޔަތަށް ބަލައިފި ކޮންމެ މީހަކަށްވެސް ފެންނާން އޮތް ޙަޤީޤަތަކީ، ފިރިމީހާ ނުވަތަ ތަނެއްގެ އިސްކޮށް ހުންނަ މީހާއާ ދެކޮޅުވެރިވެ އެމީހަކާ ޒުވާބުކޮށް ހަޅުތާލު ހަދައި ހަނގުރާމަ ކުރުމަށް އޭނާގެ ދަށުގައި ތިބި މީހުންނަށް ދަސްކޮށްދިނުމަށް ވުރެ، ފައިދާ ބޮޑީ، ފިރިމީހާ ނުވަތަ އިސްކޮށް ހުންނަ މީހާއަށް ހެޔޮ ވިސްނައިދީ އެމީހާ ހެޔޮމަގަށް ގެނައުމެވެ. އެމީހާގެ ދަށުގައި ތިބި މީހުންނަށް ރަޙުމުކޮށް އޯގާތެރިވާން ބާރުއަޅައި އެވިސްނުން އެމީހުންގެ ސިކުނޑިއަށް ވެއްދުމެވެ.

މިއާ ޚިލާފަށް މިބުނެވުނު ފަދަ ޖަމިއްޔާތަކުން އާއްމު ގޮތެއްގައި އިސްކޮށް ހުންނަ މީހާގެ ދަށުގައި ތިބޭ މީހުންނަށް ވިސްނައިދެނީ، ތިމާމެންނީ ވެސް މިނިވަނުން ކަމުގެ ބަހަނާގައި، ކޮންމެ ތަނެއްގެވެސް އިސްކޮށް ހުންނަ މީހާ ދަށްކޮށްލައި، އެމީހާގެ ބާރުތައް ކަނޑުވާލައި، އެމީހާގެ ޙައްޤުތައް ފަހަނައަޅައިގޮސް، ކޮންޓްރޯލުން ނިކުމެ ހަޅުތާލު ހަދާށެވެ. އެމީހާގެ ބަސް އެހުމަކީ އަޅުވެތިކަމެއް ކަމުގައެވެ. ދަށުގައި ތިބޭ މީހުންގެ ޙައްޤުތަކެއް ލިބިފައި ވާފަދައިން، އިސްކޮށް ހުންނަ މީހާއަށް އެމީހުން އަދާކުރަންޖެހޭ ޙައްޤުތަކެއްވެސް ވާކަމެއް އެފަދަ ޖަމިއްޔާތަކަކުން ބުނެއެއް ނުދެއެވެ. މީގެ ސަބަބުން ފިރިންގެ ކިޔަމަންތެރިކަމުން އަނބީން ބޭރުވެގެން ދެއެވެ. މައިންބަފައިންގެ ކިޔަމަންތެރިކަމުން ދަރީން ބޭރުވެގެން ދެއެވެ. މުދައްރިސުންގެ ކިޔަމަންތެރިކަމުން ދަރިވަރުން ބޭރުވެގެން ދެއެވެ. އޮފީހުގެ އިސްކޮށް ތިބޭ މީހުންގެ ކިޔަމަންތެރިކަމުން ދަށުގައި ތިބޭ މުވައްޒަފުން ބޭރުވެގެން ދެއެވެ. އަދި ހަމަ އެފަދައިން ގައުމުގެ ވެރިމީހާގެ ކިޔަމަންތެރިކަމުން ވެސް ރައްޔިތުން ބޭރުވެގެން ދެއެވެ.

އާނއެކެވެ. ފިރިމީހާ ނުވަތަ އިސްކޮށް ތިބޭ މީހުންނަށް ވަކި ހުދޫދެއްވެއެވެ. އޭނާގެ ބާރު ގޮސް ހުއްޓޭނެ ވަކި އިމެއް، ހައްދެއް ވެއެވެ. ހަމަ އެފަދައިން އެމީހުންނަށް އަދާކޮށްދޭން ޖެހޭ ޙައްޤުތަކެއްވެސް ވެއެވެ. އިސްކޮށް ތިބޭ މީހުން ހުދޫދުން ބޭރުވާ ނަމަ ކަންކަން ކުރަން ޖެހޭ ހަރުދަނާ އޮމާން ގޮތްތަކަކާއި އުސޫލުތަކެއްވެސް ހުރެއެވެ. ނަމަވެސް ޙައްޤުތައް ހިމާޔަތްކުރުމުގެ ނަމުގައި ނިކުމެ އުޅޭ ޖަމިއްޔާތަކުގެ މަސައްކަތުން އުފެދޭ ރޫހަކީ ދެ ފަންތީގައި ތިބޭ މީހުން ކައިރިވެ އޯގާތެރިވެ އެކުވެރިވުމުގެ ބަދަލުގައި ކޮންމެ މީހެއްވެސް، އެމީހެއްގެ “އަނާނިއްޔަތު” ނުވަތަ “އީގޯ” ގެ ރޫހުގައި އެމީހެއްގެ ކޮޅަށް ވާންކުރުމުގެ ރޫޙެވެ.

ޙިކުމަތާއި ޙިލުމުވެރިކަމާއި ބުއްދިއާއި ވިސްނުންތެރިކަމާއި ދޫދިނުމާއި ކެތްތެރިކަން އިސްކުރުމުގެ ބަދަލުގައި އާއްމުކޮށް އެންމެ ފުރަތަމަވެސް އިސްކުރެވެން ފަށަނީ އަނާނިއްޔަތާއި ތިމާގެ ޙައްޤުތަކައްޓަކައި ހަޅުތާލު ހެދުމުގެ ފޯރިއެވެ. ޖޯށާއެކީ އެމަގުން ދުއްވައިގަނެ ރޭސް ކާމިޔާބު ކުރެވޭތޯ އަވަސްވެގަނެވެއެވެ. ނަމަވެސް އެންމެ ފަހު ނަތީޖާއަކަށް ގިނަފަހަރު ވެގެންދަނީ، ވަގުތީ ނަޞްރެއް ލިބުނެއް ކަމަކު، ފަހުން އެކަމާ ހިތާމަކުރަންޖެހޭ ފަދަ ހިތްދަތި ނަތީޖާއެވެ. ޢާއިލާ ރޫޅިގެން ދިއުމެވެ. ނުވަތަ ފަރިމީހާއާއެކު ދެން ދުވަހަކުވެސް ގާތް ނުވެވޭވަރަށް، އެކުވެރި ނުވެވޭވަރަށް، ބީރައްޓެހިކަމުގެ ބޯ ފާރެއް ދެމީހުންގެ ދޭތެރޭގައި ލެވިގެން ދިއުމެވެ. ގޭތެރޭގައި އޮންނަން ޖެހޭ ޢާއިލީ މާޙައުލު ބަދަލުވެގެން ދަނީ ގަބުރުސްތާނެއް ފަދަ ދިރުމެއް ނުވާ މާޙައުލަކަށެވެ. ޙަޔާތުގެ ދުވަސްތައް މަޑުމަޑުން ބަދަލުވެގެން ދަނީ، އެނޫން ގޮތެއް ނެތިގެން، ނުވަތަ އެކަމުން ސަލާމަތްވެވޭނެ ދުވަހެއްގެ އިންތިޒާރުގައި ގުނޭ ދިގު އަހަރުތަކަކަށެވެ. ޢާއިލީ ޙަޔާތުގެ އިތުރުން ވަޒީފާގެ ޙަޔާތުގައިވެސް ކަން ހިނގަނީ ދާދި މިއާ އެއްގޮތަކަށެވެ.

 

ނުނިމޭ…

 

ނަބިއްޔާ صلى الله عليه وسلم ގެ ޒަވާޖީ ޙަޔާތް 26