[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ނަސޭޙަތްތެރިވުން 3

މުޖުތަމާއެއްގައި ނަސޭޙަތްތެރިވުން ނެތިހިނގައްޖެނަމަ ޣީބަބުނުން ފާޅުވެއެވެ. ތިބާއަށް ނަސޭޙަތްތެރިވާނީ ތިބާދެކެ ލޯބިވާމީހުންނެވެ. މީހަކާމެދު ކަންބޮޑުވާމީހާ އޭނާއަށް ސިއްރުގައި ނަސޭޙަތްތެރިވާށެވެ.

އިބްނު ރަޖަބު ވިދާޅުވިއެވެ.

“ސަލަފުންގެ ބޭކަލުން މީހަކަށް ނަސޭޙަތެއްދެއްވާނަމަ އޭނާއަށް ސިއްރިއްޔާތުގައި ވަޢުޛުވިދާޅުވެއެވެ. އަދި އޭގެ ތެރެއިން ބައެއް ބޭކަލުން ވިދާޅުވިއެވެ. ދެމީހެއްގެ ދެމެދުގައި (ސިއްރުން) ނަސޭޙަތްތެރިވެއްޖެމީހަކު ދަންނައެވެ. އެއީ ނަސޭޙަތެކެވެ. އަދި މީސްތަކުންގެ މެދުގައި (ފާޅުކޮށް) ނަސޭޙަތްތެރިވެއްޖެމީހަކު ދަންނައެވެ. އެއީ ޢައިބުކިޔުމެވެ.”

އަދި މީހަކު ތިބާގެ ގާތުގައި ނަސޭޙަތެއް ދިނުމަށް އެދިއްޖެނަމަ ނަސޭޙަތްދިނުން ލާޒިމުވާނެއެވެ. ނަބިއްޔާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ.

((حَقُّ الْمُسْلِمِ عَلَى الْمُسْلِمِ سِتٌّ» … وَإِذَا اسْتَنْصَحَكَ فَانْصَحْ لَهُ…)) [رواه مسلم]

މާނައީ: “އެއް މުސްލިމެއް އަނެއް މުސްލިމަކަށްޓަކައި ހަ ޙައްޤެއްވެއެވެ… އަދި ތިބާގެ އަޚާ ނަސޭޙަތަކަށް އެދިއްޖެނަމަ ފަހެ ނަސޭޙަތްތެރިވާށެވެ…”

ފަހެ ތިބާގެ އަޚާއަށް ދެވޭ ނަސޭޙަތަކީ އޯގާތެރިކަމާއި އަޅާލުމާއި ލޯތްބާއި ކުލުނާއި އިޚްލާޞްތެރިކަމާއެކު ދެވޭ ނަސޭޙަތަކަށް ހަދާށެވެ. އަދި ހިތުގައި އޮންނަ އުދާސްތަކާއި ޙަސަދަ ފިލުވާލުމަށް އެކަން ބޭނުންނުކުރާށެވެ. އަދި އެކަމުގައި ފަޟީޙަތްނުކުރާށެވެ. އަދި ދީނުގައި ކަނޑައެޅިފައިވާ ޝަރުޢީ ހަމަތަކާ އެއްގޮތަށް އެކަންކުރެވޭ ވަރަކަށް އޭގެ ސަބަބުން ނަފްސުތަކަށް ކުރާ އަސަރު ބޮޑުވެގެންދާނެއެވެ. އަދި ބަދަލު އަންނަލެއް އަވަސްވާނެއެވެ. އަދި އެއްވެސް މީހަކަށް ނަސޭޙަތްތެރިވުމަށް ފަސް ނުޖެހޭށެވެ. އަދި އެމީހަކު ނިކަމެތިކޮށް ނުލާށެވެ. ވަރަށް މަދު ބަސްކޮޅަކުންވެސް ﷲ ތަޢާލާ މީހެއްގެ ޙާލަތު ބަދަލުކުރައްވަފާނެތެވެ. ފަހަރުގައި އެބަސް ބުނި މީހާ އޭގެ މަތިން ހަނދާންވެސް ނުހުރެދާނެއެވެ. އެހެނެއްކަމަކު އެބަސްބުނި މީހާގެ ތެދުވެރިކަމަށްޓަކައި އެނަސޭޙަތް އަޑުއިވުނު މީހާގެ ހިތުގައި އޭގެ ބިންވަޅު ނެގިދާނެއެވެ.

 

___________________________

މިލިޔުމަކީ މަސްޖިދުއްނަބަވީގެ އިމާމެއްކަމުގައިވާ د.عبدالمحسن القاسم ގެ ރިސާލާއެއްކަމަށްވާ الخطوات إلى السعادة (ބާއްޖަވެރިކަމާ ދިމާއަށް ފިޔަވަޅުތަކެއް)، މިރިސާލާއިން ނަގާފައިވާ ލިޔުމެކެވެ.
މިލިޔުމުގެ އެހެނިހެން ބައިތައް