[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

لَكُمْ دِينُكُمْ وَلِيَ دِينِ

الحمد لله والصلاة والسلام على رسول الله وعلى آله وصحبه أجمعين.

މިއީ ތަކުރާރުކޮށް އަޅުގަނޑުމެން ކޮންމެ މީހަކަށްވެސް އަޑުއިވޭ އާޔަތެކެވެ. އަޑުއަހާ އާޔަތެކެވެ. ކިޔާ އާޔަތެކެވެ. އަދި ހިތުންނާއި ބަލައިގެން ކިޔަން ނޭނގޭނަމަ ދިވެހިމުޖުތަމައު އެމީހަކާމެދު މަލާމާތުގެ ނަޒަރަކުން ދެކޭ އާޔަތެއްވެސްމެއެވެ. އަޅުގަނޑުގެ މައުޟޫޢުއަކީ އާޔަތުގެ މަތިވެރިކަމާ މާތްކަމެއް ނޫނެވެ. އަދި އާޔަތުގެ މާނައެއްވެސް ނޫނެވެ. އާދެ! އަޅުގަނޑުގެ މައުޟޫޢުއަކީ ދިވެހިންގެ ތެރެއިން އެތައްބަޔަކު މިއާޔަތް ބޭނުންކުރާގޮތެވެ. ހުއްޖަތެއްގެ ގޮތުގައި ބޭނުންކުރާކުރުމެވެ. މައުޟޫޢު އައިގެން ކުރިޔަށްދިޔުމުގެ ކުރިން ދެތިންކަމަކަށް އަލިއަޅުވާލާނަމެވެ.

ފުރަތަމަކަމަކީ މަތީގައި ދެންނެވުނު އާޔަތް ހިމެނޭ ސޫރަތުގެނަން ނުވަތަ ޢުންވާނެވެ. އާދެ! މިލިޔުމުގެ މައުޟޫޢުގެ ގޮތުގައި ލިޔެފައިއެވަނީ އަޅުނޑުމެން އެންމެން ހިތުދަސް ކާފިރޫން ސޫރަތުގެ ހަވަނަ އާޔަތެވެ. މާތް ﷲގެ ކަލާމްފުޅު ލިޔެފައިވާ މުސްހަފުގައި މިސޫރަތުގެ ނަމުގެގޮތުގައި ލިޔެވިފައިއެވަނީ الكافرون އެވެ. އާދެ! ކާފިރުވީމީހުންނެވެ.

ދެވަނަކަމަކީ ސޫރަތް ބާވާލެއްވުނު ސަބަބެވެ. ތަފްސީރު އިލުމުވެރިންގެ ތެރެއިން ބޮޑު ދެއިމާމުންކަމުގައިވާ އަލްއިމާމު އައްޠަބަރީއާއި އަލްއިމާމު އަލްބަޣަވީ އެދެބޭކަލުންގެ ތަފްސީރުފޮތުގައި ގެންނެވިއެވެ. ގުރައިޝުވަންހައިގެ ބޮޑުންގެ ތެރެއިންބަޔަކު ރަސޫލާ  ﷺ އަށް ބޮޑުހުށައެޅުމެއް ހުށައެޅިއެވެ. މިހާރުގެ ބަހުރުވައިންނަމަ ވަރަށްބޮޑު “އޮފާއެއް” ހުށައެޅިއެވެ. އެއީ ރަސޫލާ ﷺ ގުރައިޝުވަންހައިގެ މުޝްރިކުންގެ ބުދުދީނަށް އެއްއަހަރު ދުވަހު އަޅުކަންކުރުމެވެ. ބަދަލުގައި މުޝްރިކުން އެއްއަހަރު ދުވަހު އިސްލާމްދީނަށް އަޅުކަންކުރުމެވެ. އާދެ! އެމުޝްރިކުންނަށް ޖަވާބެއްގެ ގޮތުގައި ﷲ سبحانه وتعالى ގިޔާމަތާ ޖެހެންދެން ތަރުތީލު ކުރެވޭނެ މިސޫރަތް ކާފިރޫން ސޫރަތް ބާވާލެއްވިއެވެ.

ތިންވަނަކަމަކީ މިސޫރަތުގައި ހިމެނޭ ކީރިތި މޫރިތި އާޔަތްތަކުގެ މާނައެވެ. بسم الله الرحمن الرحيم ގެ ބަރަކާތުން ފެއްޓެވުމަށްފަހު ރަސޫލު ﷺ އާއި މުޚާތަބުކުރައްވާ الله سبحانه وتعالى ވަޙީކުރެއްވިއެވެ.

﴿قُلْ يَا أَيُّهَا الْكَافِرُونَ﴾ ތިމަންالله އަށް އުރެދި ކާފިރުވީ މީހުންނަށް ވިދާޅުވާށެވެ.

﴿لَا أَعْبُدُ مَا تَعْبُدُونَ﴾ ތިޔަބައިމީހުންގެ އިލާހުންކަމުގައިވާ ބުދުތަކަށް ތިމަންކަލޭގެފާނު އަޅުކަން ނުކުރައްވާހުށީމެވެ.

﴿وَلَا أَنتُمْ عَابِدُونَ مَا أَعْبُدُ﴾  އަދި ތިޔަބައިމީހުން ﷲ تعالى އަށް އަޅުކަން ނުކުރާހުއްޓެވެ.

﴿وَلَا أَنَا عَابِدٌ مَّا عَبَدتُّمْ﴾ އަދި ތިޔަބައިމީހުން އަޅުކަންކުރި އިލާހުތަކަށް މުސްތަގުބަލުގައިވެސް ތިމަންކަލޭގެފާނު އަޅުކަން ނުކުރައްވާހުށީމެވެ.

﴿وَلَا أَنتُمْ عَابِدُونَ مَا أَعْبُدُ﴾  އަދި ތިމަންކަލޭގެފާނު އަޅުކަން ކުރައްވާ އިލާހަށް މުސްތަގުބަލުގައިވެސް ތިޔަބައިމިހުން އަޅުކަން ނުކުރާހުއްޓެވެ.   

﴿لَكُمْ دِينُكُمْ وَلِيَ دِينِ﴾ ތިޔަބައިމީހުންނަށް ތިޔަބައިމީހުންގެ ދީނެވެ. އަދި ތިމަންކަލޭގެފާނަށް ތިމަންކަލޭގެފާނުގެ ދީނެވެ. މަތިވެރިވެގެންވާ އިސްލާމުދީނެވެ.

 

އާދެ! ކުރުކޮށް މިބަޔާންކޮށްލަދެވުނީ މައުޟޫޢު ފަށައިގަތުމަށް މުހިންމު ތިންކަމެކެވެ. މައުޟޫޢުއާއިގެން ކުރިޔަށް ދަމާތޯއެވެ. “ތިޔަބައިމީހުންނަށް ތިޔަބައިމީހުންގެ ދީނެވެ. ތިމަންކަލޭގެފާނަށް ތިމަންކަލޭގެފާނުގެ ދީނެވެ.” އަޅުގަނޑުމެންގެ މުޖުތަމައުގެ ގިނަބަޔަކު، އިސްލާމުދިނުގައި އޭނާ ބޭނުން ކޮންމެގޮތަކަށް އުޅުމުގެ ހައްގު ލިބިގެންވާކަމަށްބުނެ ގެންނަ ހުއްޖަތެވެ. މާތްނަބިއްޔާ ﷺ އަށް މީހަކު ފުރައްސާރަކުރުމުން އެކަމާދެކޮޅަށް ބަޔަކު އަޑުއުފުލައިފިނަމަ ފުރައްސާރަކުރިމީހާގެ ދިފާއުގައި ގެންނަ ހުއްޖަތެވެ. އިސްލާމްދީނަށް ފުރައްސާރަކުރެވޭހިނދު އެކަމާދެކޮޅަށް އަޑުއުފުލުމުން ފުރައްސާރަކުރިމީހާގެ ދިފާއުގައި ގެންނަ ހުއްޖަތެވެ. މިމަތިވެރި ދީނުގެ ޝިއާރުތަކަށް ހަޖޫޖެހުމުން ދިފާއުގައި ގެންނަ ހުއްޖަތެވެ. ފާހިޝުކަންކަމާއި މުންކަރާތްތައް އާންމުކުރާހިނދު އެކަންކަމާ ދެކޮޅަށް އަޑުއުފުލުމުން ދައްކާހުއްޖަތެވެ. الله تعالى ހަރާމްކުރައްވާފައިވާ ކަންކަން މުޖުތަމައަށްފެތުރި އާމުވާހިނދު އެކަންކަމުގެ ނުބައިކަމާއި ނުރައްކާތެރިކަން އަދި الله ގެ ހަޒުރަތުން އަތުވެދާނެ ކޯފާއެއްގެ ބޮޑުކަން ބަޔާންކޮށްދެވޭހިނދު ދައްކާ ހުއްޖަތެވެ. މުންކަރާތްތަކާއި ފާހިޝްކަންކަމަށް އަރައިގަތުމަށް ދައްކާ ހުއްޖަތެވެ. ވިސްނާ ފިކުރުކޮށްލައްވާށެވެ. އަދިއެއްފަހަރު ފުންކޮށް ވިސްނާ ފިކުރުކޮށްލައްވާށެވެ. އަދިވެސް އެއްފަހަރު ފުންކޮށް ވިސްނާ ފިކުރުކޮށްލައްވާށެވެ.

އަޅުގަނޑު ވިސްނާވިސްނާ ވަރުބަލިވެއްޖެއެވެ! އިލުމުވެރިން މިއާޔަތާމެދު އަދި މިސޫރަތާމެދު ލިޔުއްވާފައިވާ ލިޔުންތަކުގެ މަދުނޫންމިންވަރެއް މުތޯލިއާކުރެވިއްޖެއެވެ. ނަމަވެސް އިސްލާމެއްގެ ނަމުގައިހުރެ ހިތުހުރިގޮތަކަށް އުޅުމަށް މިއާޔަތުން ދަލީލުލިބޭގޮތެއް ނުވިސްނުނެވެ. އަދި އާޔަތުގެ މާނައިންވެސް ނޫންނަމަ އިލުމުވެރިއެއްގެ ބަހަކުންވެސް ދޭހައެއްނުވިއެވެ. އަދިކިއެއްތަ ހުއްޖަތެއްގެ ގޮތުގައި މިއާޔަތް ބޭނުންކުރާކުރުމުން ދޭހަވީ ވަރަށް ނުރައްކާތެރި މާނައެކެވެ. ދޭހައެކެވެ. އާދެ! ތިމަން އުޅޭނެގޮތަކަށް އުޅެން ދޫކޮށްލާށެވެ. ތިޔަބައިމީހުންނަށް އިސްލާމްދީނެވެ. ތިމަންނަޔަށް ތިމަންގެ ދީނެވެ.

މައާފުކުރައްވާށެވެ. ނޭނގިނަމަވެސް ނުވަތަ ގަސްދުގައިނަމަވެސް މިބުނެވެނީ ތިޔަބައިމީހުންނާއި ތިމަން އެއް ދީނެއް ނޫނޭއެވެ. ތިޔަބައިމީހުންގެ ދީނުން ތިމަން ބަރީއަވެގެންވަމެވެ. މިލިޔުން ފެށުމުގައި ދެންނެވުނު ފަދައިން الله تعالى މިސޫރަތް ބާވާލެއްވީ މުޝްރިކުން އަޅުކަންކުރާ އިލާހުންތަކުގެ ކިބައިން ރަސޫލު ﷺ ބަރީއަވެގެންވާކަން ބަޔާންކޮށްދެއްވުމުގެގޮތުން ކަމުގައިވާތީއެވެ. އަދި ޢަރަބިބަހުން ބާވާލެއްވިފައިވާ މިއާޔަތުން އިތުރު މާނައެއް ދޭހަނުވާތީއެވެ. “ތިޔަބައިމީހުންނަށް ތިޔަބައިމީހުންގެ ދީނެވެ. ތިމަންކަލޭގެފާނަށް ތިމަންކަލޭގެފާނުގެ ދީނެވެ.”