[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ސަނާކިއުން 7

އިބްނު ޙަޖަރު رحمه الله ވިދާޅުވެފައިވެއެވެ.

“ސަނާކިޔުމުގައި ހުއްދަވާ މިންވަރާ އަދި މަނާވާ މިންވަރުގެ މިންގަނޑަކީ ކޮބާކަން ބަޔާންކޮށްދެއްވަމުން ޢިލްމުވެރިން ވިދާޅުވަނީ ހުއްދަ މިންވަރަކީ ޝަރުޠަކާއެކު ނުވަތަ ގާތްކުރާފަދަ ގޮތަކަށް ބުނާ ބުނުމެވެ. މަނާގެންވަނީ އެއާ ޚިލާފަށް ބުނުމެވެ.”

ބައެއްފަހަރު މީހުންނަށް ސަނާކިޔަން ތިބާއަށް ޖެހިދާނެއެވެ. ފަހެ، ސަނާކިޔާއިރު ތިބާ ބުނާނީ ކީކޭ ހެއްޔެވެ. “އެމީހަކީ، – ﷲ އިރާދަކުރެއްވިއްޔާ – ދީނުގައި ހިފަހައްޓައިގެންހުރިހާ ހިނދަކު ހެޔޮކަމުގެ އަހުލުވެރިއެކެވެ. ނުވަތަ ރަސޫލާ صلى الله عليه وسلم ގެ ސުންނަތަށް ތަބާވާހާ ހިނދަކު ހެޔޮކަމުގެ އަހުލުވެރިއެކެވެ.” އެސަނާ ކިޔުމަކީ ޝަރުޢުގައިވާގޮތަށް ކިޔާ ސަނާއަކަށްވުމަށްޓަކައި، މިޝަރުޠުގެ މުހިންމުކަން ވަރަށް ބޮޑެވެ. އެހެންނޫންނަމަ އެއީ ﷲ ނުރުއްސަވާފަދަ ކަމަކަށްވެދާނެކަމަށް ބިރުވެތިވާށެވެ. ފަހެ އެޙާލަތުގައި ބުނާނީ: “އަހަރެން ދެކޭ ގޮތުގައި އޭނާއަކީ މިފަދަ މީހެކެވެ.” މިފަދަ ޢިބާރާތެއްގައި މައްސަލައެއް ނެތެވެ.

ހަމައެފަދައިން ސަނާކިޔާމީހާގެ އެޢަމަލުގެ ސަބަބުން އޭނާގެ އަމިއްލަ ނަފްސަށްވެސް ގެއްލުންތަކެއް ވެދާނެއެވެ. ފަހެ، ސަނާކިޔުމުންގޮސް އޭނާއަށް ދޮގުހެދިދާނެއެވެ. ނުވަތަ ދެއްކުންތެރިކަމުގެ ތެރެއަށްވެސް ވަދެވިދާނެއެވެ. އަދި ނަހީކުރައްވާފައިވާ ކަމަކަށްވެސް އަރައިގަނެވިދާނެއެވެ. އޭގެ ތެރޭގައި ފާސިޤުންނާއި އަނިޔާވެރިންނަށް ސަނާކިޔުން ހިމެނެއެވެ. އަދި ހަމައެފަދައިން އޭނާ ސަނާކިޔުމުގައި އެދައްކާވާހަކައަކީ ރަނގަޅަށް ދިރާސާކުރުމަށްފަހު ދައްކާވާހަކައަކަށް ނުވެވެސް ހިނގައިދާނެއެވެ. މިސާލަކަށް މިވެނި މީހަކީ މިވެނި ސިފަތަކެއްގެ ވެރިއެކޭބުނެފާނެއެވެ. ނަމަވެސް ޙަޤީޤަތުގައި އޭނާގެ ކިބައިގައި އެފަދަ ސިފަތަކެއް ނެތިދާނެއެވެ. އެހެންކަމުން މީހަކަށް ސަނާކިޔުމުގެ ކުރިން ރަނގަޅަށް ދިރާސާކުރުމަށްފަހު، އެމީހެއްގެ ކިބައިގައި އެސިފަތަކެއް ހުރިކަން ޔަޤީން ކުރަންވާނެއެވެ. ނަމަވެސް ހިތުގެ ޢަމަލުތައްފަދަ ބައެއް ކަންކަމަކީ އެފަދައިން ޔަޤީން ކުރެވޭނެކަންކަމެއް ނޫނެވެ. މިސާލަކަށް: “މިއީ ވަރަށް އިޚްލާޞްތެރި މީހެކެވެ.” “އޭނާގެ އީމާންތެރިކަން ވަރަށް ފުރިހަމައެވެ.” މިފަދަ ބަސްތައް ނުބުނެވޭނެއެވެ. އެހެނީ އިޚްލާޞްތެރިކަމާއި އީމާންތެރިކަން ވަނީ ހިތުގައެވެ. އަދި އެކަން ތެދުކޮށްދެނީ ޢަމަލުންނެވެ. ފަހެ، ހިތުގައި ވާ އެއްޗެއް ނޭނގި، ހަމައެކަނި އޭނާގެ ޢަމަލަށް ބެލުމަށްފަހު އެކަމަށް ޙުކުމްކުރާނީ ކިހިނެތް ހެއްޔެވެ. އެހެން މީހެއްގެ ހިތުގައި ވާ އެއްޗެއް ﷲ ފިޔަވާ އެހެން ފަރާތަކަށް އެނގިގެން ނުވެއެވެ.

ބައެއްމީހުން ބުނެއެވެ. “އެއީ ވަރަށް ވަރަޢަވެރި މީހެކެވެ.” [ވަރަޢަވެރިކަމަކީ އާޚިރަތުގައި ގެއްލުންވެދާނެ ފަދަ ކަންކަމުން ދުރުހެލިވުމެވެ.] “އެއީ ވަރަށް ތަޤުވާވެރި މީހެކެވެ.” “އެއީ ވަރަށް ޒުހުދުވެރި މީހެކެވެ.” [ޒުހުދުވެރިކަމަކީ އާޚިރަތުގައި ފައިދާ ނުކުރާނެފަދަ ކަންކަން ދޫކޮށްލުމެވެ.] މިފަދައިން ސަނާކިޔުމަކީ ރަނގަޅު ގޮތެއް ނޫނެވެ. އޭގެ ބަދަލުގައި ބުނާށެވެ. “މިވެނި މީހަކު ނަމާދުކުރަނިކޮށް ދުށީމެވެ.” “މިވެނި މީހަކު ޙައްޖުވަނިކޮށް ދުށީމެވެ.” “މިވެނި މީހަކު ޒަކާތްދެނިކޮށް ދުށީމެވެ.”

ކައިވެނިކުރުމުގެ ގޮތުން މީހެއްގެ ގޮތް އެނގެން ބޭނުންވެގެން ތިބާއާ ސުވާލުކޮށްފިނަމަ، އެއީ ވަރަޢަވެރިމީހެކޭ، ނުވަތަ ތަޤުވާވެރިމީހެކޭ، ނުވަތަ އަޅުވެރިއެކޭ ނުވަތަ ޒުހުދުވެރިއެކޭ ނުވަތަ އީމާންކަން ފުރިހަމަ މީހެކޭ ނުބުނާށެވެ. ނަމަވެސް މިފަދައިން ބުނާށެވެ. “އޭނާ ނަމާދުކުރަނިކޮށް ދުށީމެވެ.” “އޭނާ، ﷲ ގެ މަގަށް މީސްތަކުންނަށް ދަޢުވަތުދޭ މީހުންގެ ތެރޭގައި އުޅެނިކޮށް ދުށީމެވެ.” “އޭނާއަކީ ޢިލްމުވެރިމީހެއް ކަމުގައި އަހަރެން ދެކެމެވެ.”

މީހެއްގެ ގޮތް އެނގެން ބޭނުންވާ މީހަކަށް، އޭނާއަކީ ނަމާދުކުރާ މީހެއް ނުވަތަ ޢިލްމުގެ އަހުލުވެރިއެއްކަން މިފަދަ ބަސްތަކަކުން ފަސޭހައިން އެނގޭނެއެވެ.

ސަލަފުންގެ ބައެއް ބޭކަލުންނަށް ސަނާ ރައްދުވުމުން ވިދާޅުވެއެވެ.

“اللهُمَّ لَا تُؤَاخِذْنِي بِمَا يَقُولُونَ، وَاغْفِرْ لِي مَا لَا يَعْلَمُونَ، وَاجْعَلْنِي خَيْرًا مِمَّا يَظُنُّونَ” [شعب الإيمان]

މާނައީ: “އޭﷲ! އެބައިމީހުން އެބުނާ ބަސްތަކުގެ ސަބަބުން މިއަޅާއަށް ޢުޤޫބާތް ނުދެއްވާނދޭވެ! އަދި އެބައިމީހުންނަށް ނޭނގޭ ކަންކަމަށް މިއަޅާއަށް ފާފަފުއްސަވާނދޭވެ! އަދި އެބައިމީހުން އެހީކުރާވަރަށް ވުރެ ރަނގަޅުމީހެއްކަމުގައި މިއަޅާ ލައްވާނދޭވެ!”

ޙަދީޘް ރިވާކުރެއްވި ބޭކަލުންގެ ސިފަތައް ބަޔާންކޮށްދެއްވުމުގައި ސަލަފުންގެ ޢިލްމުވެރިން ގެންގުޅުއްވާފައިވާ އުޞޫލުތައް، الجرح والتعديل ގެ ފޮތްތައް ބަލާލުމުން ފެންނާނެއެވެ. އެސިފަތަކެއް އެބޭކަލަކަށް ޙަޤީޤަތުގައި ވެސް ސާބިތު ނުވާނަމަ “އެއީ ވަރަޢަވެރިކަމާއި، ޒުހުދުވެރިކަމާއި، ތަޤުވާވެރިކަމާއި، އަޅުވެރިކަން ސާބިތުވެފައިވާ ޢަދުލުވެރި، އިތުބާރުހިފޭ، އިމާމެކޭ” ވިދާޅުނުވެއެވެ. އެނޫން ސިފައެއް ސާބިތުވެފައިވާނަމަ އެކަންވެސް އެބޭފުޅުންވަނީ ބަޔާންކުރައްވާފައެވެ.

ޝުޢަރާ ސޫރަތުގެ 138 ވަނަ އާޔަތުގައި ﷲ ތަޢާލާ ވަޙީކުރައްވާފައިވެއެވެ.

﴿وَلَا تَبْخَسُوا النَّاسَ أَشْيَاءَهُمْ﴾

މާނައީ: “އަދި ތިޔަބައިމީހުން މީސްތަކުންނަށް އެއުރެންގެ ތަކެތި އުނިނުކުރާށެވެ!”

އެހެންކަމުން އެބޭކަލުންވަނީ އުނިކުރުމެއް ނެތި ސާފުކޮށް ބަޔާންކުރައްވާފައެވެ.

=ނުނިމޭ=

______________________________________________________

މިއީ އައްޝައިޚް މުޙައްމަދު ޞާލިޙް އަލްމުނައްޖިދު ދެއްވާފައިވާ ޚުޠުބާއެއް އަޞްލަކަށް ބަލައިގެން ލިޔެފައިވާ ލިޔުމެކެވެ.

ޚުޠުބާގެ އަޞްލު ބެއްލެވުމަށް

މިލިޔުމުގެ އެހެންބައިތައް ބެއްލެވުމަށް