[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

އިސްލާމީ އިޤްތިޞާދު 101 (1)

الحمد لله رب العالمين. والصلاة والسلام على أشرف الأنبياء والمرسلين. نبينا وحبيبنا وقدوتنا محمد وعلى آله وأصحابه ومن تبعهم بإحسان إلى يوم الدين.

 

އިސްލާމީ އިޤްތިޞާދު ތަފާތުވަނީ ކިހިނެއް؟

    އިސްލާމްދީނަކީ ދިރިއުޅުމުގެ ހުރިހާ މައިދާނެއްވެސް ޝާމިލުވާ ގޮތަށް އައިސްފައިވާ ދީނެއްކަމުން، މާލީ އަދި އިޤްތިޞާދީ ކަންކަން ބައްޓަންކުރަންވީ ގޮތުގެ އިރުޝާދުތައްވެސް މިދީނުގައި އައިސްފައިވެއެވެ. މިގޮތުން  އިސްލާމީ އިޤްތިޞާދެއްގެ އޮނިގަނޑު އެކަށައެޅިފައިވަނީ އިސްލާމީ ހަމަތަކާއި އުޞޫލުތަކާއި އެއްގޮތްވާގޮތުގެ މަތިން ދިރިއުޅުމަށްޓަކައި އާމްދަނީ ހޯދުމާއި ، ހޭދަކުރުމާއި އަދި އާމްދަނީ އިތުރުކުރެވިދާނެގޮތްތަކުގެ މައްޗަށެވެ. އިސްލާމީ އިޤްތިޞާދަކީ ދުނިޔެއާއި އާޚިރަތުގެ ފަލާޙާއި ކާމިޔާބު ލިބެނިވި، ވަޒަންހިފަހައްޓައިދޭ ތަރަހައެއްގެ މައްޗަށް ބިނާވެފައިވާ ނިޒާމެކެވެ.

 

ތާރީޚީ ގޮތުން އިސްލާމީ އިޤްތިޞާދު

    އެހެން ޢިލްމުތަކެކޭވެސް އެއްފަދައިން އިސްލާމީ އިޤްތިޞާދުގެވެސް އެންމެ އިސް ދެ މަރުޖިޢަކީ ޤުރުއާނާއި ސުންނަތެވެ. ނިސާ ސޫރަތުގެ ފަސް ވަނަ އާޔަތުގައި މުދަލަކީ ދިރިއުޅުން ހިފަހައްޓައިދޭ ބާރެއްކަމުގައި މާތް ﷲ ވަޙީކުރައްވައިފައިވުމުން މި ދާއިރާގެ މުހިއްމުކަން އަޅުގަނޑުމެންނަށް އެނގިގެންދެއެވެ. ޤުރުއާނާއި ސުންނަތުގެ އަލީގައި ޢިލްމުވެރިންވަނީ މި ޢިލްމުގެ ތަފްޞީލުތައް ބަޔާންކޮށްދެއްވާފައެވެ.

އިޤްތިޞާދީ ދާއިރާއިން ކުރެވިފައިވާ އެންމެ ފުރަތަމަ އެއް މަސައްކަތަކީ ޙަނަފީ މަޒުހަބުގެ ޢިލްމުވެރިޔެއްކަމުގައިވާ އަބޫ ޔޫސުފު ޔަޢުޤޫބު ބިން އިބްރާހިމް ގެ ކިތާބު އަލްޚަރާޖެވެ. މިފޮތް އެކަލޭގެފާނު ލިޔުއްވީ ޚަލީފާ ހާރޫނުއްރަޝީދުގެ އެދިލެއްވުމުގެ މަތިން ސަރުކާރުގެ އާމްދަނީއާއި ޚަރަދުތައް ހަމަޖައްސަންވީ ގޮތުގެ ފިޤްހީ އަތްމަތީފޮތެއްގެ ގޮތުގައެވެ. މި މަސައްކަތާއި ވިދިގެން ދެންވެސް އަޅުގަނޑުމެންނަށް ފެންނަން އޮތީ ޙަނަފީ މަޒުހަބުގެ އެހެން އިމާމެއްގެ ފޮތެކެވެ. އެއީ އަލްއިމާމް މުޙައްމަދު ބިން ޙަސަން އަލް ޝައިބާނީ ލިޔުއްވާފައިވާ ކިތާބު އަލް ކަސްބެވެ. މިފޮތަށް ‘ކިތާބު އަލް އިކްތިޞާބް’ މި ނަންވެސް ކިޔެއެވެ. މިއީ އާމްދަނީ ހޯދުމާއި ގުޅޭ މައްސަލަތަކުގެ މައްޗަށް އަލިއަޅުވައިލާ ލިޔެވިފައިވާ ފޮތެކެވެ. މި ފޮތުގައި އަލް ޝައިބާނީ އާމްދަނީ ހޯދުމަށްޓަކައި ކުރެވޭ މަސައްކަތްތައް ހަތަރު ގިންތިއަކަށް ބައްސަވާފައިވެއެވެ. އެއީ:

  1. އަލް އިޖާރާ: މުދަލާއި ބިން ކުއްޔަށް ދިނުމާއި، އަދި އުޖޫރައަށް މަސައްކަތްކުރުން
  2. އަލް ޞިނާޢާ: އެއްޗެހި އުފެއްދުން Manufacturing
  3. އަލް ޒިރާޢާ: ދަނޑުވެރިކަން
  4. އަލް ތިޖާރާ: ވިޔަފާރި

މީގެ އިތުރުން ކޮންމެ މީހަކުވެސް އެ މީހެއްގެ ހުނަރާއި ޝައުޤުވެރިކަމަށް ރިޢާޔަތްކުރުމަށްފަހު، އާމްދަނީހޯދާނެ ޝަރުޢީގޮތުން ހުއްދަ ދާއިރާއެއް ކަނޑައެޅުމަށް އަލް ޝައިބާނީ މިފޮތުގައި ބާރުއަޅުއްވާފައިވެއެވެ.

އޭގެފަހުން އިމާމް އަބޫ ޢުބައިދު އަލް ޤާސިމް ވަނީ ކިތާބު އަލްއަމްވާލް ގެ ނަމުގައި މާލިއްޔަތާއި އަދި އިޤްތިޞާދާއި ގުޅޭ ޙަދީޘްތަކާއި ސަލަފުންގެ އާޘާރުތައް ޖަމާކޮށް ‘އެކުވެންޏެއް’ (compendium) އެކުލަވާލައިފައެވެ.

އިސްލާމީ އިޤްތިޞާދު ވަކި ޢިލްމެއް ގޮތަށް ކިޔެވެން ފެށުނުތާ އަށެއްކަ ދަހަ ވެފައިވާއިރު، މި ދާއިރާއަށް މުސްލިމުންނެކޭ އެއްފަދައިން ޣައިރު މުސްލިމުންވެސް ޝައުޤުވެރިވެއެވެ. 2008ގެ އިގްތިޞާދީ ކާރިސާއިން އުފެދުނު ރާޅުބާނިތައް ހުޅަނގުގެ ޤައުމުތަކަށް ހޮޅިލާ ބިންދަމުންދިޔައިރު، އޭގެ އަސަރު އިސްލާމީ އިޤްތިޞާދުގެ އެކަށީގެންވާވަރަކަށް ތަންފީޒުކުރެވިފައިވާ ޤައުމުތަކަށް ކުރީ ވަރަށް ކުޑަކޮށެވެ.

 

=ނުނިމޭ=

 


މިލިޔުމުގެ އެހެންބައިތައް ބެއްލެވުމަށް