[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

އިމާމު ނަވަވީގެ ސާޅީސް ޙަދީސް 24

الحديث الخامس والثلاثون:

عَنْ أَبِي هُرَيرَةَ رَضِيَ اللَّهُ عَنْهُ قَالَ: قَالَ رَسُولُ اللَّهِ ﷺ: ((لَا تَحَاسَدُوا، وَلَا تَنَاجَشُوا، وَلَا تَبَاغَضُوا، وَلَا تَدَابَرُوا، وَلَا يَبِعْ بَعْضُكُمْ عَلَى بَيْعِ بَعْضٍ، وَكُونُوا عِبَادَ اللَّهِ إِخْوَانًا.

الْمُسْلِمُ أَخُو الْمُسْلِمِ، لَا يَظْلِمُهُ، وَلَا يَخْذُلُهُ، وَلَا يَحْقِرُهُ، التَّقوَى هَهُنَا -وَيُشِيرُ إِلَى صَدْرِهِ ثَلاَثَ مَرَّاتٍ-.

بِحَسْبِ امْرِئٍ مِنَ الشَّرِّ أنْ يَحْقِرَ أَخَاهُ الْمُسْلِمَ.

كُلُّ الْمُسْلِمِ عَلَى الْمُسْلِمِ حَرَامٌ: دَمُهُ، وَمَالُهُ، وعِرْضُهُ((

[رَوَاهُ مُسْلِمٌ 2564]

 

މާނައީ: އަބޫ ހުރައިރާ رضي اللّه عنه ރިވާކުރެއްވިއެވެ. ﷲގެ ރަސޫލާ ﷺ ޙަދީޘްކުރެއްވިއެވެ.

“ތިޔަބައިމީހުން އެއްބަޔަކު އަނެއް ބަޔަކަށް ޙަސަދަވެރިނުވާށެވެ. އަދި އެއްބަޔަކު އަނެއްބަޔަކަށް ގެއްލުންދިނުމުގެ ގޮތުން މުދަލުގެ އަގު ބޮޑުނުކުރާށެވެ. އަދި އެއްބަޔަކު އަނެއް ބަޔަކަށް ރުޅިވެރިނުވާށެވެ. އަދި އެއްބަޔަކު އަނެއް ބަޔަކަށް ފުރަގަސްނުދޭށެވެ. އަދި ގަނެވިއްކުމުގައި (ވިޔަފާރިއަށް ހުރަސްއެޅޭ ގޮތަށް) އެކަކު ކިޔާ އަގުގެ މައްޗަށް އަނެކަކު އަގުނުކިޔާށެވެ. އޭ ﷲގެ އަޅުތަކުންނޭވެ! ތިޔަބައިމީހުން އަޚުވަންތަވާށެވެ. އެއް މުސްލިމަކީ އަނެއް މުސްލިމެއްގެ އަޚެކެވެ. އޭނާ، އޭނާގެ އަޚާއަށް އަނިޔާވެރި ނުވާނެއެވެ. އަދި އޭނާގެ އަޚާއަށް އެހީތެރިކަން ބޭނުންވާ ވަގުތު އެހީނުވެ ނުހުންނާނެއެވެ. އަދި އޭނާގެ އަޚާ ކުޑައިމީސް ނުކުރާނެއެވެ. ތަޤުވާވެރިކަންވަނީ މިތަނުގައެވެ.” މިފަދައިން ޙަދީޘްކުރައްވާފައި އެކަލޭގެފާނުގެ މޭފުޅަށް ތިންފަހަރު އިޝާރާތްކުރެއްވިއެވެ. “ތިބާގެ މުސްލިމު އަޚާ ކުޑައިމީސްކުރިމީހާ ދަންނައެވެ. ނުބައިކަމެއްގެ ގޮތުގައި އޭނާއަށް އެކަން ފުދެއެވެ. ކޮންމެ މުސްލިމެއްގެ މައްޗަށްވެސް، އަނެއް މުސްލިމެއްގެ ލެޔާއި މުދަލާއި އަބުރު ޙަރާމްވެގެންވެއެވެ.”

 

އިތުރުބަޔާން

 

ރަސޫލުﷲ ﷺ އުންމަތަށް އިރުޝާދު ދެއްވާފައިވަނީ މުސްލިމުންނަކީ، އެކަކު އަނެކަކަށް އެހީތެރިވެ، އެކަކު އަނެކަކަށް ރަޙުމްކޮށ،ް އެކަކު އަނެކެއްގެ ހިތާމައާއި އުފަލުގައި ބައިވެރިވުމުގައި އެއްހަށިގަނޑެއްގެ މިސާލު ކަމުގައެވެ.

((مَثَلُ الْمُؤْمِنِينَ فِي تَوَادِّهِمْ، وَتَرَاحُمِهِمْ، وَتَعَاطُفِهِمْ مَثَلُ الْجَسَدِ إِذَا اشْتَكَى مِنْهُ عُضْوٌ تَدَاعَى لَهُ سَائِرُ الْجَسَدِ بِالسَّهَرِ وَالْحُمَّى)) [متفق عليه]

މާނައީ: “އެކަކު އަނެކަކުދެކެ ލޯބިވުމުގައްޔާއި އެކަކު އަނެކަކަށް ރަޙުމުކުރުމުގައްޔާ އަދި އެކަކު އަނެކަކަށް އޯގާތެރިވުމުގައި މުއުމިނުންގެ މިޘާލަކީ އެއްހަށިގަނޑެއްގެ މިސާލެވެ. ހަށިގަނޑުން ގުނަވަނަކަށް އުނދަގުލެއް ކުރިމަތިވާ ހިނދު، ނިދިނަގާލައި ހުންއައިސް، މުޅި ހަށިގަނޑު އެކަމުގައި ބައިވެރިވެއެވެ.”

 

 

އިމާމު ނަވަވީގެ 40 ޙަދީޘް – އެހެންބައިތައް