[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ސިޔަރަތު ފިލާވަޅު 3

ލޮބުވެތި ނަބިއްޔާ މުޙައްދު ޞައްލަﷲ ޢަލައިހި ވަސައްލަމް ރަށްފުށު ހިސާބެއް ކަމުގައިވާ ބަނީ ސަޢުދުގައި ހުންނެވި ދުވަސްވަރާއި އެކަލޭގެފާނުގެ މޭފުޅު ފެޅުއްވުނު ޙާދިޘާ:

ޙަލީމަތުއް ސަޢްދިއްޔާ ރަޟިޔަﷲ ޢަންހާ އެކަމަނާގެ އަރިހުގައި ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް ހުންނެވި ދުވަސްވަރު އެކަމަނާއަށް ލިބުނު ތަނަވަސްކަމާއި ބަރަކާތާއި ބެހޭގޮތުން ވިދާޅުވެފައިވެއެވެ. އެކަލޭގެފާނުގެ އުމުރުން 2 އަހަރުފުޅުވަންދެން ﷲ ގެ ޙަޟުރަތުން ތިމަންމެންގެ މައްޗަށް ހެޔޮކަމާއި ތަނަވަސްކަން އިތުރުވޭވެ ހުއްޓެވެ. އޭރުވެސް އެކަލޭގެފާނު, ބަލާބެލުމަށް ވައްތަރީ ކުޑަކުއްޖަކަށްވުރެ ބޮޑަށް ޒުވާނަކާއެވެ.

އެކަލޭގެފާނު ބާދިޔަތު ބަނީސަޢުދުގައި ހުންނެވި ދުވަސްވަރު އެކަލޭގެފާނަށް ވަރަށް ޢަޖާއިބުކުރަނިވި ޙާދިޘާއެއް ދިމާވެވަޑައިގެންނެވިއެވެ. މި ޙާދިޘާގެ ސަބަބުން އެކަލޭގެފާނުގެ ކިރުމައިކަމަނާ ޙާލީމަތުގެފާނު އެކަމާއި ބިރުފުޅުގެންވަޑައިގެން އެކަލޭގެފާނުގެ މަންމާފުޅުގެ އަރިހަށް މައްކާއަށް އެކަލޭގެފާނު ފޮނުއްވާލެއްވިއެވެ. މިޙާދިޘާއަކީ ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމްގެ މުޢުޖިޒާތަކުގެ ތެރޭގައި ހިމެނޭ މޭފުޅު ފެޅުއްވުމުގެ ޙާދިޘާއެވެ. މި ޙާދިޘާ ހިނގިގޮތަކީ، އެކަލޭގެފާނު ކުޑަކުދިންކޮޅަކާއިއެކީ ކުޅެން އުޅުއްވަނިކޮށް ޖިބްރީލް ޢަލައިހިއްސަލާމް ވަޑައިގެންނެވިއެވެ. އަދި އެކަލޭގެފާނުގެ ގައިކޮޅުގައި ހިއްޕަވައި އެކަލޭގެފާނުގެ މޭފުޅު ފެޅުއްވިއެވެ. އަދި އެކަލޭގެފާނުގެ ހިތްޕުޅު ނެރުއްވައި އޭގެތެރެއިން ގަނޑުލޭކޮޅެއް ނެރުއްވިއެވެ. އަދި އެއީ އެކަލޭގެފާނުގެ ހަށިކޮޅުގައިވާ ޝައިޠާނާގެ ބާރުފޯރުވާ ބައިކަމުގައި ވިދާޅުވިއެވެ. އަދި އެކަލޭގެފާނުގެ ހިތްޕުޅު ރަނުގެ ތައްޓެއްގައިވާ ޒަމްޒަމްފެނުގައި ދޮންނެވުމަށްފަހު ހިތް އޭގެ މަޙައްލަށް ރުޖޫޢަކުރެއްވުމަށް ފަހު އެކަލޭގެފާނުގެ މޭފުޅުން ފެޅުއްވިތަން ފެއްސެވިއެވެ. އަދި މިޙާދިޘާ ޞައްޙަ މަގުން ޞަޙީޙު މުސްލިމްގައި ރިވޭވެގެން އަިއިސްފައިވެއެވެ.

ޢިލްމުވެރިން ވިދާޅުވާގޮތުގައި މިޙާދިޘާގެ ސަބަބުން އެކަލޭގެފާނު ބޮޑުފުޅުވެވަޑައިގަތީ ޝައިޠާނާގެ ކިބައިން ފުރިހަމަ ރައްކާތެރިކަން ލިބިގެންވާ ޙާލުކޮޅުގައެވެ. އަދި ހުރިހާ ވައްތަރެއްގެ ގޯސް އެދުންތަކާއި ޝަހުވާނީ ނުބައި އެދުންތަކާއި މުޅިން ދުރުވެގެންވާ ޙާލުކޮޅުގައެވެ. މިފަދަ ރައްކާތެރިކަމެއް އެކަލޭގެފާނަށް ދެއްވުނީ އެވަގުތު މައްކާއަކީ މިފަދަހުރިހާ ނުބައިކަމެއް ފެތުރިފައިވާ ތަނަކަށް ވުމާއި މީސްތަކުން މިފަދަ ނުބައިކަންތަކަށް އަރައިގަތުން ފަސޭހަވެފައިވާލެއް ބޮޑުކަމުންނެވެ. އެގޮތުން އެކަލޭގެފާނު ދުވަހަކުވެސް ޝިރުކުގެ ނުބައި ޢަމަލެއް ނުކުރައްވައެވެ. އެހެންކަމުން އެކަލޭގެފާނުގެ މުޅި ސިޔަރަތަކީ ނުބައިޢަމަލުތަކުން މުޅިން ޠާހިރުވެގެންވާ އެއްޗެކެވެ. އަދި މިކަންތައް ހިމެނެނީ އެކަލޭގެފާނުގެ މައްޗަށްހުރި ﷲ ތަޢާލާގެ ބެލެއްޓުންތެރިކަމާއި ރިޢާޔަތްތެރިކަމުގެ ތެރެއިންނެވެ. އިންސާނާގެ ޠަބީޢަތުގައި ހުންނަ ނޭދެވޭ ކަންތައްތަކަށާއި ޝައިޠާނާ ވަސްވާސްދޭ ކަންތައްތަކަށް އަރައިގަތުމުން ﷲ ތަޢާލާ އެކަލޭގެފާނު ރައްކާތެރިކުރެއްވިއެވެ.

އެކަލޭގެފާނުފެ ލޮބުވެތި މަންމާފުޅުގެ ބެއްލެވުމުގެދަށުގައި ހުންނެވިދުވަސްވަރު:

ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމްގެ މޭފުޅު ފެޅުއްވުމުގެ މުޢުޖިޒާތަށްފަހު އެކަލޭގެފާނުގެ ކިރުމައިކަމަނާ ޙަލީމަތުއްސަޢުދިއްޔާ ބިރުފުޅުގެންވަޑައިގެން އެކަލޭގެފާނުގެ މަންމާފުޅު އާމިނަތުގެފާނުގެ އަރިހަށް މައްކާއަށް ފޮނުވާލެއްވިއެވެ.  އޭގެފަހުން އެކަލޭގަފާނުގެ އުމުރުފުޅުން 6 އަހަރުފުޅު ވަންދެން އެކަލޭގެފާނުގެ މަންނާފުޅުގެ ބެއްލެވުމުގެ ދަށުގައި ހުންނެވިއެވެ.

އެކަލޭގެފާނުގެ މަންމާފުޅުގެ ގާތަށް ވަޑައިގެންނެވީ އެކަލޭގެފާނުގެ އުމުރުފުޅުން 5 ވަނަ އަހަރުގެ ފުރަތަކޮޅުގައެވެ. އޭގަފަހުން އެކަލޭގެފާނުގެ ހަށިކޮޅު އެ އުމުރުގެ އެހެން ކުޑަކުއްޖަކަށްވުރެ ދުޅަހެޔޮކަމާއި ހަލުވިކަމާއެކު ހެދޮބޮޑުވަމުން އައެވެ. އަދި އެކަލޭގެފާނުގެ މަންމާފުޅުގެ ބެލެހެއްޓެވުމުގެ ދަށުގައި ތަރުބިއްޔަތުވެވަޑައިގެންނެވިއެވެ. ރެއާއި ދުވާލު އެކަމަނާ އެކަލޭގެފާނާއިގެން އަވަދިނެތި އުޅުއްވިއެވެ. އެކަމަނާގެ ޙަޔާތުގެ ހުރިހާ ވަގުތެއްވެސް އެކަލޭގެފާނަށްޓަކައި ހުސްކުރެއްވިއެވެ. އެކަލޭގެފާނުގެ ޢުމުރުފުޅުން 6 އަހަރުފުޅުގައި އެކަލޭގެފާނުގެ މަންމާފުޅާއިއެކީ މަދީނާއަށް ވަޑައިެގެންނެވިއެވެ. މިދަތުރުފުޅުގައި ވަޑައިގެންނެވީ ބަނިއްނަޖާރު ޤަބީލާގެ އެކަލޭގެފާނުގެ ބައްޕާފުޅުގެ މައިފުށުގެ ބޮޑުބޭބެއިންނާއި ބައްދަލުކުރެއްވުމަށްޓަކައެވެ. އަދި މަދީނާގައި އެއްމަސްދުވަސް ވަންދެންހުންނެވިއެވެ.

މަދީނާގެ ދަތުރުފުޅު ނިންމުމަށްފަހު މައްކާއަށް އެނބުރިވަޑައިގެންނެވުމުގެ މަގުމަތީގައި އެކަލޭގެފާނުގެ މަންމާފުޅު އާމިނަތުގެފާނަށް އާލާސްކަންފުޅެއް ޖެހިވަޑައިގެންނެވިއެވެ. އަދި އެކަމާނާ މި އާލާސްކަންފުޅުން ރަނގަޅުނުވެ މި ދަތުރުމަތީގައި އަވަހާރަވެއްޖެއެވެ.

އެކަލޭގެފާނުފެ އުމުރުފުޅުން މިހާ ޅަދުވަސްވަރުގައި މަންމާފުޅާއި ބައްޕާފުޅުވެސް އަވާހާރަވުމުގެ ހިކުމަތަކީ އެކަލޭގެފާނުގެ މައްޗަށް ހުރި ﷲ ތަޢާލާގެ ޢިނާޔަތްތެރިކަން ފާޅުކުރެއްވުން ކަމުގައި ވެދާނެއެވެ. މަންމާފުޅާއި ބައްޕާފުޅު އަވަހާރަވުމަށްފަހު ﷲ ތަޢާލާގެ ޢިނާޔަތްތެރިކަން އެކަލޭގެފާނު ވަށާލިކަން ކަށަވަރެވެ. ކުޑަކުދިންނަށް ކަންތައްތަކާއި ރިވެތިއަޚްލާޤު އުންގަންނައިދޭންތިބޭ އެންމެމުހިއްމު ބަޔަކީ މައިންބަފައިންނެވެ. ނަމަވެސް އެބައިމީހުން ޣައިރު ޙާޟިރުގައި ﷲ ތަޢާލަ އެކަލޭގެފާނަށް މިހުރިހާ ކަމެއް ދަސްކޮށްދެއްވިއެވެ.

މިފިލާވަޅުގެ ސުވާލުތައް:

1-       ރަސޫލުﷲ ޞައްލަﷲ ޢައިހި ވަސައްލަމްގެ މޭފުޅު ފެޅުއްވުމުގެ ޙާދިޘާ ހިނގީ އެކަލޭގެފާނި ކޮންތެންގައި ހުންނަވަނިކޮށް؟

2-      ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމްގެ ކިރުމައިކަމަނާ ޙަލީމަތުއް ސަޢްދިއްޔާ އެކަލޭގާފާނުގެ މަންމާފުޅުގެ އަރިހަށް ފޮނުވާލެއްވީ ކީއްވެ؟

3-      ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމްގެ މަންމާފުޅު އަވަހާރަވީ އެކަލޭގެފާނުގެ އުމުރުފުޅުން ކިތައްއަހަރުފުޅުގައި؟

4-      ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް އެކަލޭގެފާނުގެ މަންމާފުޅުގެ އަރިހަށް ވަޑައިގެންނެވީ އުމުރުފުޅުން ކިހާހިސާބެއްގައި؟

5-       ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމާއި އެކަލޭގެފާނުގެ މަންމާފުޅު މަދީނާއަށް ވަޑައިގެންނެވީ ކޮންބޭނުންފުޅަކު؟

މފިލާވަޅުގެ  އެހެން ބައިތައް ބެއްލެވުމަށް