[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ސުނަން އަބީދާވުދު

ފޮތުގެ ނަން:

އިމާމް އަބޫދާވުދު ރަޙިމަހުﷲ ތަޢާލާ ލިޔުއްވާފައިވާ މަޝްހޫރު ޙަދީޘްފޮތް ޢިލްމުވެރިންގެ މެދުގައި މަޝްހޫރުވެފައިވަނީ “އައްސުނަން” ގެ ނަމުންނެވެ. މިނަން މިފޮތަށް ދެއްވާފައި ވަނީ ޚުދު އިމާމް އަބޫދާވުދެވެ. އެކަލޭގެފާނުގެ މިފޮތާ ބެހޭގޮތުން މައްކާގެ އަހުލުވެރިން ދެންނެވި ސުވާލަށް ޖާވާބުދެއްވުމުގެ ގޮތުން ފޮނުއްވި ސިޓީފުޅުގައި މިފޮތަށް “އައްސުނަން”ގެ ނަން ދެއްވާފައިވެއެވެ.

ޙަދީޘް ޢިލްމުވެރިންގެ އަރިހުގައި “ސުނަން” އަކީ ޙުކުމްތަކާ ބެހޭ ޙަދީޘްތައް، ފިޤުހީ ބާބުތަކަށް ތަރުތީބުކުރައްވާފައިވާ ޙަދީޘް ފޮތްތަކެވެ. މިގޮތުން އާއްމުގޮތެއްގައި ކިތާބުތައް ގެންނަވާފައިވާނީ އެންމެ ފުރަތަމަ ޠަހާރަތާބެހޭ ކިތާބެވެ. ދެން ނަމާދު، ޒަކާތް، ރޯދަ، ޙައްޖު، އެއަށްފަހު މުޢާމަލާތުތަކާ ބެހޭ ޙަދީޘްތަކެވެ. މިފަދަ ފޮތްތަކުގައި މައުޤޫފު ރިވާޔަތްތަކާއި މުރުސަލް ރިވާޔަތްތައް ގެނެސްފައެއް ނުހުންނާނެއެވެ. އެހެނީ މުޙައްދިޘުންގެ އަރިހުގައި މިދެވައްތަރުގެ ޙަދީޘަށް ސުންނަތޭ ނުކިޔާނެއެވެ. އެދެވައްތަރުގެ ޙަދީޘް ގެނެސްފައިވީނަމަވެސް ގެނެސްފައިވާނީ ސީދާ ނަބިއްޔާ ޞައްލަﷲ ޢަލައިހިވަސައްލަމަގެ އަރިހުން ރިވާވެފައިވާ ޙަދީޘަކަށް ބާރުދިނުމުގެ ގޮތުންނެވެ. (ނޯޓް: މައުޤޫފު ޙަދީޘަކީ ޞަޙާބީންނާ ހަމައަށް ސަނަދު ހުއްޓިފައިވާ ޙަދީޘްތަކެވެ. މިސާލެއްގެ ގޮތުން އަބޫހުރައިރާ ރަޟިޔަﷲ ޢަންހު ރަސޫލާ ޞައްލަﷲ ޢަލައިހިވަސައްލަމަ ޙަދީޘްކުރެއްވިއޭ ވިދާޅުނުވެ ވިދާޅުވެފައިވާ ބަސްފުޅުތަކެވެ. މިފަދަ  ޙަދީޘްތައް ބައެއް ޝަރުޠުތަކާއެކު މަރުފޫޢުގެ ޙުކުމަށް ދާނެއެވެ. މުރުސަލު ޙަދީޘަކީ ތާބިޢީއަކު ރަސޫލާ ޞައްލަﷲ ޢަލައިހިވަސައްލަމަ ޙަދީޘް ކުރެއްވިއޭ ވިދާޅުވެފައިވާ ޙަދީޘްތަކެވެ. މިސާލެއްގެ ގޮތުން މުޖާހިދު ބުން ޖަބުރު ރަޙިމަހުﷲ ރަސޫލާ ޙަދީޘްކުރެއްވިއެވެ. މިފަދައިން ގެނެސްފައިވާ ޙަދީޘްތަކެވެ. އެހެނީ، މުޖާހިދުއަކީ ތާބިޢީއެކެވެ. އެހެންކަމުން، މުޖާހިދު އާއި ރަސޫލާ ޞައްލަﷲ ޢަލައިހިވަސައްލަމައާ ދެމެދު އެންމެ މަދުވެގެން ޞަޙާބީއެއް ނުވަތަ އެހެން ތާބިޢީއެއް ވެއްޓިފައިވާނެއެވެ.)

“ސުނަން” ޙަދީޘްފޮތްތަކުގެ ތެރެއިން މަޝްހޫރު ފޮތްތަކުގެ ތެރޭގައި: ސުނަން އަބީދާވުދު، ސުނަން އަންނަސައީ، ސުނަން އިބްނުމާޖާ، ސުނަން އައްދާރަމީ، ސުނަން އަލްބައިހަޤީ، އަދި ސުނަން ދާރަޤުޠުނީ ފާހަގަކޮށްލެވެއެވެ. (ނަސާއީ، ސުނަން ކުބުރާއަކާއި ސުނަން ސުޣުރާއަކާ ލިޔުއްވާފައިވެއެވެ. ސުނަން ޞުޣުރާއަކީ ސުނަން ކުބުރާގެ ޚުލާޞާ ފޮތެވެ. އެއީ މަޝްހޫރުކޮށް މިގެންގުޅޭ ސުނަން އަންނަސައީއެވެ. ހަމައެފަދައިން ބައިހަޤީވެސް ސުނަން ކުބުރާއަކާއި ސުނަން ޞުޣުރާއަކާ ލިޔުއްވާފައިވެއެވެ.)

މުއައްލިފު:

އަބޫދާވުދު ރަޙިމަހުﷲގެ ފުރިހަމަ ނަންފުޅަކީ ސުލައިމާން ބުނުލް އަޝްޢަޘް ބުން އިސްޙާޤު ބުން ބަޝީރު ބުން ޝައްދާދުލް އަޒްދީ އައްސިޖިސްތާނީއެވެ. ދުނިޔޭގެ އަލިކަން ދެކެވަޑައިގަތީ ހިޖުރައިން 202 ވަނަ އަހަރުއެވެ. އަދި އަވަހާރަވެފައިވަނީ ހިޖުރައިން 275 ވަނަ އަހަރުއެވެ.

އަލްޙާފިޡް އިބްނު ޙަޖަރު ރަޙިމަހުﷲ “ތަހްޛީބުއް ތަހްޛީބު” އޭ ކިޔުނުފޮތުގައި ވިދާޅުވެފައިވެއެވެ. “ސުނަންގައާއި އެހެން ފޮތްތަކުގައި އެކަލޭގެފާނުގެ ޝެއިޚުންގެ ޢަދަދު ގާތްގަނޑަކަށް ތިންސަތޭކަ ޝެއިޚުންނަށް އަރައެވެ.” އެކަލޭގެފާނު ޢިލްމު ޙާޞިލުކުރެއްވި ބޭކަލުންގެ ތެރޭގައި: ޤުތައިބާ ބުން ސަޢީދު އަލްބަޣްލާނީ (އ. 240ހ.)، އިސްޙާޤް ބުން ރާހޫޔާ (އ. 238ހ.)، އަޙްމަދު ބުން ޙަންބަލް (އ. 241ހ.)، މުޙައްމަދު ބުން އިސްމާޢިލް އަލްބުޚާރީ (އ. 256ހ.)، ސަޢީދު ބުން މަންޞޫރު އަލްޚުރާސާނީ (އ. 227ހ.)، އަބޫބަކުރު ބުން އަބީ ޝައިބާ (އ. 235ހ.)، ޢަލިއްޔު ބުން މަދީނީ (އ. 234ހ.) ރަޙިމަހުމުﷲ ފަދަ އެތައް ޢިލްމުވެރިންނެއް ވެއެވެ. އެކަލޭގެފާނުގެ ކިބައިން ޢިލްމު ޙާޞިލުކުރެއްވި ބޭކަލުންގެ ތެރޭގައި: އަންނަސައީ (އ. 303ހ.)، އިބްނު އަބިއްދުންޔާ (އ. 381ހ.) އައްތިރުމިޛީ (އ. 274ހ.)، އަބޫ ޢަވާނާ (އ. 316ހ.) ރަޙިމަހުމުﷲ ފަދަ އެތައް ބޭކަލުންނެއް ހިމެނިވަޑައިގަންނަވައެވެ.

އިމާމް އަބޫދާވުދު ރަޙިމަހުﷲ ސުނަންގެ އިތުރަށް ލިޔުއްވާފައިވާ ފޮތްތަކުގެ ތެރޭގައި: އަލްމަރާސީލު، އައްރުވާތު މިނަލް އުޚުއްވަތި ވަލް އަޚަވާތި، ކިތާބުއް ޒުހުދު ފަދަ އެތައް ފޮތެއް ހިމެނެއެވެ. ﷲ ސުބުޙާނަހޫ ވަތަޢާލާ އިމާމް އަބުދާވުދަށް ރަޙުމަތް ލައްވާށި!

ސުނަން އަބީދާވުދު ލިޔުއްވަން މެދުވެރިވި ސަބަބު:

އިމާމް އަބީދާވުދު ރަޙިމަހުﷲ އުޅުއްވި ޒަމާނައަކީ ޙަދީޘާއި ފިޤްހުގެ ރަންޒަމާނެވެ. ފިޤުހީ މަޛްހަބުތައް އުފެދިގެން އައި ޒަމާނެވެ. އެހެންކަމުން، ފިޤުހީ މައްސަލަތަކުގައި ދަލީލެއްގެ ގޮތުގައި ބޭނުންކޮށްއުޅޭ ޙަދީޘްތައް ފަސޭހައިން ލިބެންހުރުމަކީ މުހިއްމުކަމެއްކަމުގައި ދެކެ، އަބޫދާވުދު ރަޙިމަހުﷲ ތަޢާލާ މިފޮތް ލިޔުއްވިއެވެ. މިފޮތްވީ ޙަދީޘާއި، ފިޤުހު ޢިލްމުގެ ޚަޒާނާއަށް އިތުރުވި މުހިއްމު ފޮތެއް ކަމުގައެވެ.

ސުނަން އަބީދާވުދަށް އަވަސް ނަޒަރެއް:

އަބޫދާވުދު ރަޙިމަހުﷲ ސުނަން އެކުލަވާލައްވާފައިވަނީ އެކަލޭގެފާނު ލިޔުއްވި ފަސްލައްކަ ޙަދީޘްގެ ތެރެއިންނެވެ. (ނޯޓް: ޙަދީޘް ޢިލްމުވެރިންގެ އަރިހުގައި ޙަދީޘެއްގެ ސަނަދުގައި އެންމެ ރާވީއެއް ބަދަލުވިނަމަވެސް އެއީ ވަކި ޙަދީޘެކެވެ. އެބޭކަލުން ބައްލަވަނީ ސަނަދަށެވެ. މަތަނަކަށް ނޫނެވެ.) އަބޫދާވުދު ރަޙިމަހުﷲ މިފޮތް ލިޔުއްވުމަށްފަހު، އެކަލޭގެފާނުގެ ޝެއިޚެއްކަމުގައިވާ އަޙްމަދު ބުން ޙަންބަލް ރަޙިމަހުﷲ (އ. 241ހ.) އަށް ހުށަހެޅުއްވިއެވެ. އިމާމް އަޙްމަދު އެފޮތަށް ގެންނަންފެނިވަޑައިގަންނަވާ އިޞްލާޙުތައް ހުށަހެޅުއްވިއެވެ. މީގެން ދޭހަވާ ކަމަކީ، އަބޫދާވުދު ރަޙިމަހުﷲ ސުނަން ނިންމަވާފައިވާނީ ހިޖުރައިން 241 ވަނަ އަހަރުގެ ކުރިންކަމެވެ. އެހެނީ، އެތާރީޚަކީ އިމާމް އަޙްމަދު އަވަހާރަވި ތާރީޚެވެ. އެހެންކަމުގައިވާނަމަ، އަބޫދާވުދު ސުނަން ނިންމަވާފައިވަނީ އަވަހާރަވުމުގެ 34 އަހަރު ކުރިންނެވެ. އޭގެފަހުންވެސް، އެކަލޭގެފާނުގެ ފޮތަށް ކުދި އުނިއިތުރު ގެންނަވާފައިވެއެވެ.

އަބުދާވުދު ރަޙިމަހުﷲ ސުނަން އަތުރުއްވާފައިވަނީ ފިޤުހުގެ މަޢުޟޫތަކަށް ކިތާބު (އެބަހީ ފޮތް) ތަކެއްގެ މައްޗަށެވެ. އަދި ކޮންމެ ކިތާބެއްގައި ޙަދީޘްތައް އަތުރުއްވާފައިވަނީ ބާބު ތަކެއްގެ މައްޗަށެވެ. އެހެންކަމުން، ފިޤުހީ މަސްއަލައެއްގައި ޙަދީޘެއް ހޯދަން ޖެހިއްޖެ ހާލަތެއްގައި މިފޮތަކީ ވަރަށް މުހިއްމު އަދި ފަސޭހަ ފޮތެކެވެ.

އަބޫދަވުދު ރަޙިމަހުﷲ ސުނަނުގައި ގާތްގަނޑަކަށް 4800 ޙަދީޘް ގެންނަވާފައިވެއެވެ.

މިފޮތުގެ ޚާއްޞަކަންތައްތައް:

އިމާމް އަބޫދާވުދު ރަޙިމަހުﷲގެ ސުނަނަކީ ތަފާތު ގޮތްގޮތުން ފާހަގަކޮށްލެވޭ ފޮތެކެވެ. އެގޮތުން ބައެއްކަންކަމަކީ:

1. އާއްމުގޮތެއްގައި ކޮންމެ ބާބެއްގައިވެސް ގެންނަވާފައިވަނީ އެއްޙަދީޘް ނުވަތަ ދެޙަދީޘެވެ.

2. ބާބުތަކުގައި އެކަލޭގެފާނު ހިމަނުއްވާފައިވާ ޙަދީޘްތަކަކީ، އެކަލޭގެފާނަށް އެނގިވަޑައިގަންނަވާ އެންމެ ޞައްޙަކަން ބޮޑު ޙަދީޘްތަކެވެ.

3. ޙަދީޘްގެ ސަނަދުތައް ފަންނުވެރިކަމާއެކު ޖަމާކުރައްވާފައިވެއެވެ.

4. ޙަދީޘްތަކުން ނެގޭ ފިޤުހީ މައްސަލަ ހިމެނޭބަޔަށް ޙަދީޘް ކުރުކުރައްވާފައިވެއެވެ.

5. ސުނަނުގައިވާ ގިނަ ޙަދީޘްތަކަކީ މަޝްހޫރު ޙަދީޘްތަކެވެ.

6. ޙަދީޘްގައި ހިމެނޭ ބައެއް ލަފްޡުތަކުގެ މާނަ ގެންނަވާފައިވެއެވެ.

 ސުނަން އަބީދާވުދަށް ކިޔުއްވާފައިވާ ޘަނާ:

ސުނަން އަބީދާވުދުގެ މަތިވެރިކަން ބަޔާންކުރައްވައި އަލްޚައްޠާބީ ރަޙިމަހުﷲ (އ. 388ހ.) “މަޢާލިމުއް ސުނަން” ގައި ވިދާޅުވެފައިވެއެވެ. “ތިޔަބައިމީހުން ދެނެގަންނާށެވެ. ﷲ ތިޔަބައިމީހުންނަށް ރަޙުމަތް ލައްވާނެތެވެ. ހަމަކަށަވަރުންވެސް، އަބޫދާވުދުގެ ސުނަނަކީ ޝަރަފުވެރިފޮތެކެވެ. ދީނުގެ ޢިލްމުގައި އެއާ އެއްފަދަ ފޮތެއް ލިޔުއްވިފައި ނުވެއެވެ.”

ސުނަން އަބީދާވުދުގެ ބައެއް ޝަރަޙަތައް:

1. މަޢާލިމުއް ސުނަން: އަބޫ ސުލައިމާން ޙަމްދު ބުން މުހައްމަދު ބުން އިބްރާހީމް އަލްޚައްޠާބީ  (އ. 388ހ.).

2. މަރްޤާތުއް ޞުޢޫދު އިލާ ސުނަނި އަބީދާވުދު : ޖަލާލުއްދީން އައްސުޔޫޠީ (އ. 911ހ.).

3. ޢަވްނުލް މަޢުބޫދު ޝަރަޙް ސުނަން އަބީދާވުދު: ޝަރަފުލް ޙައްޤު އަލްޢަޡީމް އާބާދީ (އ. 1326ހ.).

__________________________________________

މަރުޖިޢުތައް:

1. މުޞްޠަލަޙުލް ޙަދީޘް: މުޙައްމަދު ބުން ޞާލިޙު އަލްޢުޘައިމީން.

2. އަޢްލާމުލް މުޙައްދިޘީން ވަ މައާޘިރުހުމުލް ޢިލްމިއްޔާ: ތަޤިއްޔުއްދީނުއް ނަދްވީ.

3. ތަދްވީނުއް ސުންނާ: މުޙައްމަދު މަޠަރުއް ޒަހްރާނީ.

4. މުޢުޖަމް މުޞްޠަލަޙާތުލް ޙަދީޘް ވަލަޠާއިފުލް އަސާނީދު: މުޙައްމަދު ޡިޔާއުއްރަޙްމާން އަލްއަޢްޡަމީ.

__________________________________________

ފޮތްތަކާއެކު މީގެ ކުރީގެ ބައިތައް