[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ޢަޤީދާގެ ފިލާވަޅު 5 (ޢަޤީދަތުއް ޠަޙާވިއްޔާގެ ޝަރަޙަ)

قَالَ الطَّحَاوِيُّ رحمه الله: “وَلاَ شَيْءَ مِثْلُهُ، وَلاَ شَيْءَ يُعْجِزُهُ، وَلاَ إِلَهَ غَيْرُهُ”.

ޠަޙާވީ ރަޙިމަހުﷲ ވިދާޅުވިއެވެ.

“އަދި އެއިލާހާ އެއްފަދަ ވެގެންވާ ހަމައެކައްޗެއްވެސް ނުވެއެވެ. އަދި އެއިލާހަށް ނުކުޅައްދާނެ އެއްވެސް އެއްޗެއް ނުވެއެވެ. އަދި އެއިލާހު ފިޔަވައި ޙައްޤު އެހެން އިލާހެއްނުވެއެވެ.”

_________________________________________________________________

ޝަރަޙަ:

އިމާމް ތަޙާވީ ރަޙިމަހުﷲ މިތިން ޖުމްލާގައި ގެނެސްފައިއެވަނީ ﷲ އެއްކައުވަންތަކުރުމުގެ ތިން ބައެވެ. އެގޮތުން “وَلاَ شَيْءَ مِثْلُهُ” (އަދި އެއިލާހާ އެއްފަދަ ވެގެންވާ ހަމައެކައްޗެއްވެސް ނުވެއެވެ.) މިޖުމްލައިން އަންގައިދެނީ ﷲ ސުބުޙާނަހޫ ވަތަޢާލާގެ އިސްމުފުޅުތަކުގައާއި ޞިފަފުޅުތަކުގައި އެއިލާހު އެއްކައުވަންތަކަމެވެ. އަދި “وَلاَ شَيْءَ يُعْجِزُهُ” (އަދި އެއިލާހަށް ނުކުޅައްދާނެ އެއްވެސް އެއްޗެއް ނުވެއެވެ.) މިޖުމްލައިން އަންގައިދެނީ ربّ ވަންތަކަމުގައި އެއިލާހު އެއްކައުވަންތަކަމެވެ. އަދި “وَلاَ إِلَهَ غَيْرُهُ” (އަދި އެއިލާހު ފިޔަވައި ޙައްޤު އިލާހެއްނުވެއެވެ.) މިޖުމްލައިން އަންގައިދެނީ އިލާހުވަންތަކަމުގައި އެއިލާހު އެއްކައުވަންތަކަމެވެ.

* މިގޮތުން އިމާމް ޠަޙާވީ ރަޙިމަހުﷲގެ ފުރަތަމަ ޖުމްލަ “وَلاَ شَيْءَ مِثْلُهُ” (އަދި އެއިލާހާ އެއްފަދަ ވެގެންވާ ހަމައެކައްޗެއްވެސް ނުވެއެވެ.) ދަންނައެވެ. މިޖުމްލައިގެ މުރާދަކީ ﷲ ސުބުޙާނަހޫ ވަތަޢާލާގެ ޛާތުފުޅުގައާއި، ޞިފަފުޅުގައާއި، އަދި އެއިލާހު ކުރައްވާ ކަންކަމުގައި އެއިލާހާ އެއްފަދަ އެއްވެސް ފަރާތެއް ނުވެއެވެ. ދިވެހިބަސްފޮތުގައިވާގޮތުން ދިވެހިބަހުގައި “އެއްފަދަކުރުން” ބުނެވިއްޖެނަމަ އޭގެމާނައަކީ އެއްގޮތްކުރުމާއި ހަމަހަމަކުރުމެވެ. އެއިލާހު ވަޙީ ކުރައްވާފައިވެއެވެ. ((لَيْسَ كَمِثْلِهِ شَيْءٌ)) الشورى:11 މާނައީ: “އެއިލާހާ އެއްފަދަ އެއްވެސް ފަރާތެއްނުވެއެވެ.”  ((وَلَمْ يَكُنْ لَهُ كُفُوًا أَحَدٌ)) الإخلاص:4 މާނައީ: “އަދި އެއިލާހާ އެއްފަދަވެގެންވާ ހަމައެކަކުވެސް ނުވެއެވެ.” މިއިން އެއްވެސް ކަމެއްގައި އެއިލާހާ އެއްފަދަ ފަރާތެއްވާކަމަށް ޤަބޫލުކުރުމަކީ އެއިލާހަށް ކުފުރުވެރިވުމެވެ. އެހެނީ، އެފަދަ މީހަކު ﷲ ސުބުޙާނަހޫ ވަތަޢާލާއާ އެކަށީގެންނުވާ ކަމެއް އެއިލާހަށް ނިސްބަތްކޮށް، އެއިލާހުގެ މަތިވެރިކަން ދަށްކޮށްލީއެވެ.

ﷲ ސުބުޙާނަހޫ ވަތަޢާލާއާ އެއްފަދަ ފަރާތެއް ވާކަމަށް ޤަބޫލުކުރާމީހާ އެއަޅުކަންކުރަނީ ﷲ އަކަށް ނޫނެވެ. ނަމަވެސް އެމީހާގެ ޚިޔާލާއި ފިކުރު ދައްކައިދޭ ޞޫރައަކަށެވެ. މިއީ ބުދަށް އަޅުކަންކުރާ މީހުންގެ އުޞޫލެވެ. އެމީހުންގެ ބުދުތައް އެމީހުން ހަދާފައިވަނީ އެމީހުންގެ ޚިޔާލާއި ފިކުރު ދައްކައިދޭ ގޮތަށެވެ. އަދި އެއީ އިލާހުކަމުގައި އެމީހުން ޤަބޫލުކުރެއެވެ. ހަމައެފަދައިން، ﷲގެ ޞިފަފުޅަކީ މަޚްލޫޤުންގެ ޞިފަތައް ކަމުގައި ބަލައިފިމީހާގެ މިސާލަކީ ނަޞާރާއިންނެވެ. އެމީހާގެ ކާފަރުކަމުގައި ނަޞާރާއިންގެ ކާފަރުކަމާ އެއްފަދައެވެ. އިބްނުލް ޤައްޔިމު ރަޙިމަހުﷲ ތަޢާލާ “ނޫނިއްޔާ” ގައި ވިދާޅުވެފައިވެއެވެ. لَسْنَا نُشَبِّهُ وصفه بِصِفَاتِنَا *** إِنَّ المُشَبِّه عَابِدُ الأَوْثَانِ މާނައީ: “އެއިލާހާ (އެހެން ފަރާތްތަކާ) އެއްފަދަކުރާ، އަދި ތިމަންމެންގެ ޞިފައިން އެއިލާހަށް ޞިފަފުޅުދޭ ބައެއްކަމުގައި ތިމަންމެން ނުވަމެވެ. ހަމަކަށަވަރުން (ﷲއާއި އެހެން ފަރާތްތަކާ) އެއްފަދަކުރާ މީހާއަކީ ބުދުތަކަށާއި ގަސްގަހާގެއްސަށް އަޅުކަންކުރާ މީހެކެވެ.” އަދިވެސް ވިދާޅުވެފައިވެއެވެ. مَنْ شبِّه الله العظيم بِخَلْقِهِ *** فَهُوَ النَّسيب بِمُشْرِكِ نَصْرَانِي މާނައީ: “ޢަޡީމްވަންތަ ﷲއާ އެއިލާހުގެ ޚަލްޤުތަކުންނާ އެއްފަދަކުރާމީހާ ދަންނާށެވެ. ފަހެ އެމީހަކީ މުޝްރިކު ނަޞާރާއަކާ އެއްފަންތިއެއްގައިވާ މީހެކެވެ.” ބުދަށް އަޅުކަންކުރާމީހުންނާއި ނަޞާރާއިންނާ ހުރި ތަފާތަކީ، ބުދަށް އަޅުކަންކުރާ މީހުން ﷲ އާއި އެއިލާހުގެ މަޚްލޫޤުންނާ އެއްފަދަ ކުރުމެވެ. ނަޞާރާއިން މިއާ އިދިކޮޅެވެ. ނަޞާރާއިން އެއިލާހުގެ މަޚްލޫޤުން ﷲ އާ އެއްފަދަ ކުރެއެވެ. އެބައިމީހުން ޢީސާގެފާނަކީ އިލާހުކަމުގައި ބަލައެވެ. މިއީ މަޚްލޫޤުން ﷲ އާ އެއްފަދަކުރުމެވެ. މިދެވައްތަރަކީވެސް ﷲ އާ އެހެން ފަރާތްތަކާ އެއްފަދަކުރުމެވެ.

ﷲ ސުބުޙަނޫ ވަތަޢާލާއާ އެއިލާހުގެ މަޚްލޫޤުން އެއްފަދަކުރާ މީހުންނަށް ކިޔަނީ “މުޝައްބިހާ” އިންނެވެ. މިބައިމީހުން ޤަބޫލުކުރާގޮތުގައި ޛާތުފުޅުގައާއި، ޞިފަފުޅުގައާއި، ޢަމަލުފުޅުގައި ﷲ އާ އެއިލާހުގެ މަޚްލޫޤުންނާ އެއްފަދައެވެ. މިބައިމީހުން ޚާލިޤުވަންތަ އިލާހާ، އެއިލާހު ޚަލްޤުކުރެއްވި މަޚްލޫޤުންނާ ތަފާތެއް ނުކުރެއެވެ. މިއީ ބާޠިލު ޢަޤީދާއެކެވެ. މިބައިމީހުންގެ އިދިކޮޅު ބަޔަކީ “މުޢައްޠިލާ” އިންނެވެ. މިބައިމީހުން ﷲ ސުބުޙާނަހޫ ވަތަޢާލާއާ އެއިލާހުގެ މަޚްލޫޤުނާ އެއްފަދަ ނުކުރަންވެގެން، ﷲ ސުބުޙާނަހޫ ވަތަޢާލާ، އެއިލާހަށް ނިސްބަތްކުރައްވާފައިވާ އިސްމުފުޅުތަކާއި ޞިފަފުޅުތައް އެއްކޮށް ނަފީކުރެއެވެ. މިއީވެސް ބާޠިލު ޢަޤީދާއެކެވެ. މުޝައްބިހާއިން ﷲ އަށް އިސްމުފުޅުތަކާއި ޞިފަފުޅުތައް ނިސްބަތްކުރުމުގައި ޙައްދު ފަހަނައަޅައި ދަނީއެވެ. އަދި މުޢައްޠިލާއިން ނިޞްބަތްނުކުރުމަށް ޙައްދުފަހަނަ އަޅާ ދަނީއެވެ. މިދެބައިމީހުންގެ ދެމެދުގައިވާ ބަޔަކީ ސުންނަތާއި ޖަމާޢަތުގެ އަހުލުވެރިންނެވެ. މި ސިލްސިލާގެ ކުރީގައި ދެންނެވިފައިވާނެ ފަދައިން ސުންނަތާއި ޖަމާޢަތުގެ އަހުލުވެރިންނަކީ ޢަދުލުވެރިކަމާއެކު މެދުމިނުގައި ޘާބިތުވެ ތިބޭ ބައެކެވެ. މިކަމުގައި ސުންނަތާއި ޖަމާޢަތުގެ އަހުލުވެރިންގެ ޢަޤީދާއަކީ، ﷲ ސުބުޙާނަހޫ ވަތަޢާލާ އެއިލާހަށް ނިސްބަތްކުރައްވާފައިވާ އިސްމުފުޅުތަކާއި ޞިފަފުޅުތައް، އެއިލާހުގެ ޖަލާލުވަންތަކަމާ އެކަށޭނެގޮތުގެ މަތިން، އެއިލާހުގެ މަޚްލޫޤުންނާ އެއްފަދަކުރުމެއްނެތި، އަދި އެއިލާހުގެ އިސްމުފުޅުތަކާއި ޞިފަފުޅުތައް ނަފީކުރުމެއްނެތި، އެއިލާހަށް ނިސްބަތްކޮށް ތެދުހިތުން ޤަބޫލުކުރުމެވެ. މިކަމުގެ އެންމެ ބޮޑު ދަލީލަކީ ﷲ ސުބުޙާނަހޫ ވަތަޢާލާގެ ވަޙީ ބަސްފުޅެވެ. ((لَيْسَ كَمِثْلِهِ شَيْءٌ  وَهُوَ السَّمِيعُ الْبَصِيرُ)) الشورى:11 މާނައީ: “އެއިލާހާ އެއްފަދަ އެއްވެސް ފަރާތެއްނުވެއެވެ. އަދި އެއިލާހީ މޮޅަށް އައްސަވާވޮޑިގެންވާ، މޮޅަށް ބައްލަވާވޮޑިގެންވާ އިލާހެވެ.” މިއާޔަތުގައިވާ ((لَيْسَ كَمِثْلِهِ شَيْءٌ )) (މާނައީ: “އެއިލާހާ އެއްފަދަ އެއްވެސް ފަރާތެއްނުވެއެވެ.”) މިބަސްފުޅުން އެވަނީ އެއްފަދަކުރުން ނަފީކުރައްވާފައެވެ. އަދި ((وَهُوَ السَّمِيعُ الْبَصِيرُ)) (މާނައީ: ” އަދި އެއިލާހީ މޮޅަށް އައްސަވާވޮޑިގެންވާ، މޮޅަށް ބައްލަވާވޮޑިގެންވާ އިލާހެވެ.”) މިބަސްފުޅުން އެވަނީ އެއްކޮށް ޞިފަފުޅު ނަފީކުރުން ނަފީކުރައްވާފައެވެ. މިސަބަބާހުރެ ޢިލްމުވެރިން ވިދާޅުވެފައިވެއެވެ. “މުޢައްޠިލާއިން އަޅުކަންކުރަނީ ނުވާ ފަރާތަކަށެވެ. އަދި މުޝައްބިހާއިން އަޅުކަންކުރަނީ ބުދަށެވެ. އަދި އެއްކައުވަންތަކަން ޤަބޫލުކުރާމީހާ އަޅުކަންކުރަނީ އެއްކައުވަންތަ، އެއިލާހާ އެއްފަދަވެގެންވާ އެއްވެސް ފަރާތެއްނުވާ އިލާހަށެވެ.”

އަޅުގަނޑުމެން ބުއްދީގެ ގޮތުން ބަލާލިކަމުގައި ވީނަމަވެސް މިކަން އެނގިގެންދާނެއެވެ. އަޅުގަނޑުމެން ޤަބޫލުކުރާގޮތުގައި ޖަނަވާރުތަކާއި، މަސްމަހާމެއްސާއި، ދޫނިސޫފާސޫފީގައި ލޯ ވާކަމަށް ޤަބޫލުކުރަމެވެ. ނަމަވެސް މިހުރިހާ މަޚްލޫޤުތަކެއްގައި ލޯ ހުންނަނީ އެއްގޮތަކަށް ކަމަށް އަޅުގަނޑުމެން ޤަބޫލެއް ނުކުރަމެވެ. ވީހިނދު، އެއެންމެހާ މަޚްލޫޤުތަކެއް ހެއްދެވި އިލާހު އެތަކެއްޗާ އެއްފަދަ ވުމަކީ ހަމަބުއްދިޤަބޫލުކުރާކަމެއް ނޫނެވެ. ﷲ ސުބުޙާނަހޫ ވަތަޢާލާގެ ލޯފުޅުވާކަމަށް ޤުރުއާނާއި ސުންނަތުގައި ވާރިދުވެފައިވެއެވެ. މިގޮތުން ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމަ ދައްޖާލާބެހޭގޮތުން ޙަދީޘްފުޅުކުރައްވާފައިވެއެވެ. ((أَنَّهُ أَعْوَرُ، وَأَنَّ اللهَ لَيْسَ بِأَعْوَرَ)) މާނައީ: “ހަމަކަށަވަރުން އޭނަ (އެބަހީ، ދައްޖާލު) އަކީ (ކަނާތު) ލޯ ކަނުމީހެކެވެ. އަދި ހަމަކަށަވަރުން ﷲ އަކީ ކަނުފަރާތެއް ނޫނެވެ.” (ބައްލަވާ: ޞަޙީޙުލް ބުޚާރީ: 3057، 3337، 3441). އިބްނުލް ޤައްޔިމު ރަޙިމަހުﷲ “ޞަވާޢިޤުލް މުރުސަލާ” ގައި ވިދާޅުވެފައިވެއެވެ. “(މިޙަދީޘުން) ﷲ ސުބުޙާނަހޫ ވަތަޢާލާއަށް ދެލޯފުޅުވާކަމަށް ސަލަފުން ޙުއްޖަތް ނަންގަވައެވެ.” ޤުރުއާނާއި ސުންނަތުގައި ﷲ ސުބުޙާނަހޫ ވަތަޢާލާއަށް ދެލޯފުޅުވާކަމަށް ޘާބިތުވެފައިވާއިރު، އެދެލޯފުޅުވާނީ އެއިލާހުގެ ޖަލާލުވަންތަކަމާއި މަތިވެރިވަންތަކަމާ އެކަށޭނެގޮތުންކަން އަޅުގަނޑުމެން ޖެހޭނީ ޤަބޫލުކުރާށެވެ. އެއްވެސް ޙާލެއްގައި އެއިލާހުގެ ލޯފުޅުވަނީ އެއިލާހުގެ މަޚްލުޤުންނާ އެއްފަދައިން ކަމަށް ޤަބޫލުކޮށްގެން ނުވާނެއެވެ. ހަމައެހެންމެ، އެއިލާހުގެ ޛާތުފުޅުގެ އެހެން ޞިފަފުޅުތަކާއި، އެއިލާހުގެ ޞިފަފުޅުތަކާއި، އަދި އެއިލާހުގެ ކުރައްވާ ކަންކަމުގައި އަޅުގަނޑުމެން ޤަބޫލުކުރަންޖެހޭ ގޮތަކީ މިއެވެ.

ﷲ ސުބުޙާނަހޫ ވަތަޢާލާގެ ބައެއް އިސްމުފުޅުތަކާއި، އިންސާނުން ބޭނުންކޮށްއުޅޭ ނަމާ ލަފުޡުގެގޮތުންނާއި މާނައިގެ ގޮތުން އެއްގޮތްވުމަކީ މަނާވެގެންވާ ކަމެއް ނޫނެވެ. މިސާލެއްގެ ގޮތުން “المَلِكُ”  އެވެ. މިއީ ﷲ ސުބުޙާނަހޫ ވަތަޢާލާގެ އިސްމުފުޅެކެވެ. އެއިލާހު ވަޙީކުރައްވާފައިވެއެވެ. ((مَالِكِ يَوْمِ الدِّينِ)) الفاتحة:4  މާނައީ: “އެއީ ޙިސާބުބައްލަވާދުވަހުގެ ވެރި އިލާހެވެ.” އަދިވެސް ވަޙީ ކުރައްވާފައިވެއެވެ. ((فَتَعَالَى اللَّهُ الْمَلِكُ الْحَقُّ)) طه:114، المؤمنون:116 މާނައީ: “ފަހެ، މުލްކުވަންތަ، ޙައްޤުވަންތަ ﷲ މަތިވެރިވެ ވޮޑިގެންވެއެވެ.” ހަމައެފަދައިން އެއިލާހު ވަނީ އިންސާނުންގެ ތެރެއިން ބައެއް މީހުންނަށް “مَلِكُ” މިނަމުން ނަންދެއްވާފައެވެ. މިގޮތުން އެއިލާހު ވަޙީ ކުރައްވާފައިވެއެވެ. ((وَقَالَ الْمَلِكُ)) يوسف:43، 50، 54 މާނައީ: “އަދި މަލިކު (އެބަހީ ރަސްގެފާނު) ވިދާޅުވިއެވެ.” “العَزِيزُ” މިއިސްމުފުޅުވެސް ހަމައެފަދައެވެ. މަނާވެގެންވަނީ އެއްފަދަކުރުމެވެ. އެއިލާހުގެ މުލްކުވަންތަކަމާ އެއިލާހުގެ މަޚްލޫޤުންގެ މުލްކުވެރިކަމާ އެއްފަދަކުރުމެވެ. އަދި އެއިލާހުގެ ޢިއްޒަތްވަންތަކަމާ އެއިލާހުގެ މަޚްލުޤުންގެ ޢިއްޒަތާ އެއްފަދަކުރުމެވެ.

(މިއަންނަބައިގައި މިޝަރަޙައިގެ ބަކީ ބައި ގެނެސްދިނުމުގެ އުއްމީދުގައި މިބައި ނިންމާލަމެވެ. إن شاء الله)

 _________________________________________________

ސުވާލު:

1.  ﷲ ސުބުޙާނަހޫ ވަތަޢާލާއާ އެއިލާހުގެ މަޚްލުޤުންނާ އެއްފަދަ ކުރާމީހާގެ މިސާލަކީ ކޮބާ؟

2.  ﷲ ސުބުޙާނަހޫ ވަތަޢާލާގެ މަޚްލުޤުންނާ އެއިލާހާ އެއްފަދަ ކުރާމީހާގެ މިސާލަކީ ކޮބާ؟

3.  ﷲ ސުބުޙާނަހޫ ވަތަޢާލާ ދެލޯފުޅުވާ ކަމުގެ ދަލީލެއް ބުނެދީ!

__________________________________________________

ޢަޤީދާގެ ފިލާވަޅުގެ ކުރީގެ ފިލާވަޅުތައް