[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ދަރިފުޅާއެވެ! ބައްޕައާއި މަންމައަށް ކުޑަ ވަގުތުކޮޅެއް ދޭށެވެ.

ލޯބިވާ ދަރިފުޅާއެވެ! މަސައްކަތުގައި އަވަދިނެތި އުޅެމުންދާކަން މިބައްޕައަށާއި މަންމައަށް އެނގޭޙާލު، ދަރިފުޅުގެ ވަގުތުގެ ތެރެއިން ކުޑަ ވަގުތުކޮޅެއް ދޭށެވެ. ބައްޕައާއި މަންމަގެ މިބަސްކޮޅުން ދަރިފުޅަށް ދުނިޔެއާއި އާޚިރަތުގައި ފައިދާކޮށްފާނެކަމަށް އުއްމީދުކުރަމެވެ. ދަރިފުޅު ދުނިޔޭގައި ހުރެއްޖެނަމަ ހަމަމިދުވަސް ދަރިފުޅު ދެކޭހުއްޓެވެ. މިބަސްކޮޅުގެ ފައިދާ ދަރިފުޅަށް ދެއްވުން އެދޭ ޙާލު ބުނަމެވެ.

ދަރިފުޅާއެވެ! ދަރިފުޅަށް ނޭނގުނުކަމުގައިވީނަމަވެސް، މިމަންމަގެ ބަނޑުގައި ދަރިފުޅު ނުވަސްމަދުވަސް ހޭދަކުރިއެވެ. މީސްތަކުން، އެބައިމީހުންގެ އަރާމު ނިދީގައި ވަގުތުތައް ގުނަމުންދާ ރޭގަނޑުގެ އަނދިރިކަމުގައި ދަރިފުޅަށްޓަކައި މަންމަ ނިދިނަގާލީ ކިތައްކިތައް ރޭކަމެއް ނޭނގެއެވެ. އެނދުމަތީ އެހެން މީހުން ފަދައިން އަރާމުކޮށް އޮންނަން ބޭނުންވެއެވެ. އެކަމަކު ނޯވެވެއެވެ. މީރު އެއްޗެހި ކާންބޭނުމެވެ. ނަމަވެސް ކުރިން މީރުވެގެން އުޅުނު ކާއެއްޗެއްސަކީ ކަރުން ނުދިރޭ އެއްޗެހިކަމުގައިވިއެވެ. އަބަދުޖަހައިއުޅު، އަދި އެވަސްއަބަދުވެސް ނޭފަތުން ފިލާނުދިޔުމަށް އެދޭ ސެންޓާއި ލޯޝަނަކީ ދުޝްމަނެއްކަމުގައިވިއެވެ. ޞިއްޙަތު ރަނގަޅު، ހެޔޮލަފާ ދަރިއެއް ދެއްވުމަށް ދުޢާކުރުމުގައި ފިލައިނުދަމެވެ. ދަރިފުޅު ދުނިޔެއަށް އަންނަ ދުވަސްތައް ގުނަމުން ގެންދިޔައީ ކެތްމަދުވެފައިވާ ޙާލުގައެވެ. ކަލަނޑަރުގެ ގަނޑުތައް އުކުނީ ކިތައް ފަހަރުކަމެއް ނޭނގެއެވެ. ދަރިފުޅަށް އިސްތިޤްބާލުކުރުމަށްޓަކައި ބޭނުންވާނެ އެންމެހާ އެއްޗެއް ދިޔައީ އެއްކުރަމުންނެވެ.

ބައްޕައާއި މަންމަ އެދުވަހަކަށް އިންތިޒާރުކުރަމުން އައިދުވަސް ޖެހުނެވެ. ދަރިފުޅު ދުނިޔެއަށް އައުމަށް މަންމަ އެއުފުލިވޭން މޮޅަށް ދެނެވޮޑިގެންވާނީ ޢާލަމްތަކުގެ ވެރި ﷲއެވެ. އެވޭނުގެ އަގު ދަރިފުޅު މަންމައަށް އަދާކޮށްދޭނީ ފަހެ ކޮންފަދައަކުންތޯއެވެ؟ ﷲ ސުބުޙާނަހޫ ވަތަޢާލާ، އިބްނު ޢުމަރު ރަޟިޔަﷲ ޢަންހުއަށް ރުއްސުން ލައްވާށިއެވެ. ޔަމަނު މީހަކު ބުރަކަށި މައްޗަށް އޭނާގެ މައިމީހާ ލައިގެން ގެފުޅުވަށައިގެން ޠަވާފުކުރަނިކޮށް ދެކެވަޑައިގަތެވެ. އެމީހަކު ބުންޏެވެ. ‘ހަމަކަށަވަރުން ތިމަންނައަކީ އެކަނބުލޭގެއަށްވާ ކިޔަމަންތެރި ޖަމަލެކެވެ. އެކަނބުލޭގެ ސަވާރުވަންގެންގުޅޭ ޖަމަލު ބިރުގަތްނަމަވެސް ތިމަން ބިރެއް ނުގަންނާނަމެވެ.’ އެއަށްފަހު އެމީހާ ބުންޏެވެ. އޭ އިބްނު ޢުމަރެވެ! އެކަނބުލޭގެ އަގު އަދާކުރެވިއްޖެކަމަށް ކަލޭގެފާނު ދެކިލައްވަންތޯއެވެ؟ އިބްނު ޢުމަރު ވިދާޅުވިއެވެ. “ނޫނެކެވެ. ވިހެއުމަށް އެޅި އެންމެ ވޭނެއްގެ މިންވަރުވެސް އަދާނުކުރެވެއެވެ.” (الأدب المفر للبخاري)

އޭގެފަހުގައި، ދަރިފުޅަށް ޚިދުމަތް ކުރުމުގައި މެނުވީ އެއްވެސް ވަގުތުކޮޅެއް ހޭދަނުކުރަމެވެ. ބައްޕައާއި މަންމަ ރީތި އަންނައުނު ލާން ބޭނުންވިއެވެ. ނަމަވެސް އެއުއްމީދުތައް ދަރިފުޅަށްޓަކައި ޤުރުބާން ކުރީމެވެ. ހުރިހާ ވަގުތެއްގައިވެސް ދަރިފުޅު ހިތްހަމަ ޖައްސައި ދިނުމަށްޓަކައި ގަދައަޅައިމަސައްކަތްކުރީމެވެ. ބައެއްފަހަރު ދަރިފުޅު ހިތްދަތިވާގޮތަށް ކަންތައް ކުރެވިފައި ހުރެދާނެއެވެ. ބައްޕައާއި މަންމައަށް މަޢާފުކުރާށެވެ! ދަރިފުޅު ބޭނުން ކޮންމެކަމަކަށް އިޖާބަދެވިފައި ނުހުރެދާނެއެވެ. މަޢާފުކުރާށެވެ! ދަރިފުޅު ބޭނުން ކޮންމެ އެއްޗެއް ގަނެދެވިފައި ނުހުރެދާނެއެވެ. މަޢާފުކުރާށެވެ! ދަރިފުޅާއެވެ. މަޢާފުކުރާށެވެ! މަޢާފުކުރާށެވެ! ދަރިފުޅަށް ނުވިސްނުނުކަމުގައިވިޔަސް މިކަންކަމުގައި ޙިކުމަތްތަކެއް އޮވެދާނެކަން ވިސްނާށެވެ. އެގޮތަށް ބައްޕައާއި މަންމަ ކަންތައް ކުރީ ދަރިފުޅުގެ ސަލާމަތަށެވެ. ނޫނީ، ދަރިފުޅަކީ ހެޔޮވިސްނޭ ކުއްޖަކަށް ހެދުމަށްޓަކައި ތަރުބިއްޔަތު ދިނުމުގެ ގޮތުންނެވެ.

ދަރިފުޅާއެވެ! ބައްޕައާއި މަންމަ މިވަނީ ދުވަސްވެ މުސްކުޅިވެފައެވެ. މިދުވަސްތައް ހިތާމައާއި ވޭނުގައި ވުމަށް ދޫކޮށްނުލާށެވެ. ދަރިފުޅުގެ ކިބައިން ބައްޕައާއި މަންމަ އެދެނީ ލޯތްބެވެ. އަޅާލުމެވެ. އޯގާތެރިކަމެވެ. ބައްޕައާއި މަންމަގެ ފަރާތުން ދަރިފުޅަށް ލިބޭ އުނދަގުލާއި، ހިތްދަތިކަމަށް ނިހާޔަތަށް މަޢާފަށް އެދެމެވެ. މިނިކަމެތި ބައްޕައާއި މަންމައާއެކު ކެތްތެރިވާށެވެ. އަހަރެމެންގެ ޙާލު ދެނެގަންނާށެވެ.

އަހަރެމެންގެ ކެއުމުގައި ތަން ހަޑިވެދާނެއެވެ. ހެދުންލުމުގައި ދަރިފުޅުގެ އެހީއަށް ބޭނުން ވެދާނެއެވެ. ދަރިފުޅާއެވެ! ދަރިފުޅަށް މިކަންތައްތައް ދަސްކޮށްދިނުމަށް ބައްޕައާއި މަންމަ ހޭދަކުރި ވަގުތުތައް މަތިން ހަނދާންނައްތާ ނުލާށެވެ. ބައްޕައާއި މަންމަ ވާހަކަ ދެއްކުމުގައި އެއްވާހަކައެއް ތަކުރާރުކޮށް ދެއްކިކަމުގައިވީނަމަވެސް ކެތްތެރިކަމާއެކު އަޑުއަހާށެވެ. އަދި ބައްޕައާއި މަންމައަށް ދަރިފުޅު ބުނި އެއްޗެއް އޮޅުން ނުފިލިކަމުގައި ވީނަމަވެސް ތަކުރާރުކޮށް އިއްވަދޭށެވެ. ރުޅި ނާންނާށެވެ. ދަރިފުޅުގެ އެދުމަށް، އެއްވާހަކައެއް ތަކުރާރު ކުރެވުނީ ކިތައް ދުވަހުކަމެއް ޢަދަދުނުކުރެވޭނެއެވެ. ދަރިފުޅު އެއްވާހަކައެއް އެތައްފަހަރު ތަކުރާރުކުރިނަމަވެސް ބައްޕައާއި މަންމަ ކަނުލައި އަޑުއެހީމެވެ.

ދަރިފުޅާއެވެ! މިއަދު ބައްޕައާއި މަންމަ ފެންވަރާ ސާފުތާހިރުވުމަށް ދެކޮޅުހަދާފާނެއެވެ. އެއީ ބައްޕައާއި މަންމަގެ ޤަޞްދުގައެއް ނޫނެވެ. ފެންވަރާ ސާފުތާހިރުވުމުގައި ބައްޕައާއި މަންމައަށް ވާގިވެރިވެދޭށެވެ. ދަރިފުޅު ކުޑައިރު ފެންވެރުވުމަށްޓަކައި ކިތައް ވާހަކައެއް ދެއްކިންހެއްޔެވެ؟ ދުނިޔޭގެ ޒަމާނީ ވަޞީލަތްތަކަށާއި، ކަންކަމަށް ބައްޕައާއި މަންމަ ބީރައްޓެހިވެދާނެއެވެ. މިކަމަށް މަލާމާތްނުކުރާށެވެ. ބައްޕައާއި މަންމަ ފިޔަވައި، އެދެމީހަކަށްވުރެ ދަރިފުޅު މޮޅުވުމަށް އެދުނު އެހެން މީހަކު ހުރިހެއްޔެވެ؟ ބައްޕައާއި މަންމައަށް ތަޢުލީމެއް ލިބިފައިނެތްނަމަވެސް، ދަރިފުޅަކީ އަހަރެމެންނަށްވުރެ މޮޅު މީހަކަށް ވުމަށް އެދުނީމެވެ. ބައްޕައާއި މަންމައަށްވުރެ ދަރިފުޅު މޮޅުވީތީ ހަސަދަލައި ނުހަދަމެވެ. ދަރިފުޅަށް ލިބޭ ކޮންމެ މޮޅަކީ މިބައްޕައަށާއި މަންމައަށް ލިބުނު މޮޅެކެވެ. ދަރިފުޅާއެވެ! މިއަދު ބައްޕައާއި މަންމަގެ ފައި ދެރަކަމާހުރެ، ތަންތަނަށް ދިޔުމުގައި ދަރިފުޅުގެ އެހީއަށް ބޭނުންވެއެވެ. ދަރިފުޅަށް ހިނގަންދަސްކޮށްދިނުމަށްޓަކައި ދެއަތުގައި ހިފަހައްޓައިގެން ހިންގުވަން މަސައްކަތްކުރިދުވަސްތައް ގިނަގުނައެވެ.

ދަރިފުޅާއެވެ! މިވާހަކަތަކުގެ މިދައްކަނީ އެއްވެސް ޙާލެއްގައި ކަލަގޮވުމުގެ ނިޔަތެއްގައެއް ނޫނެވެ. ހަމަ ހަނދާންކޮށްލަދިނުމުގެ ގޮތުންނެވެ. ބައްޕައާއި މަންމަގެ ދުނިޔެވީޙަޔާތުގެ ނިމުން ކުރިމަތިން ފެންނަފަދައެވެ. ބައްޕައާއި މަންމަގެ ހިތުގައި އެތައްދުވަސްތަކެއް ވަންދެން ޙާޞިލުކުރަން ބޭނުންވި ކަމެއްގެ ވާހަކަ މިތަންވަޅު ބުނެލާނަމެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމަ ޙަދީޘްކުރައްވާފައިވެއެވެ. ((إِذَا مَاتَ الإِنْسَانُ انْقَطَعَ عَنْهُ عَمَلُهُ إِلاَّ مِنْ ثَلاَثَةٍ : مِنْ صَدَقَةٍ جَارِيَةٍ أَوْ عِلْمٍ يُنْتَفَعُ بِهِ أَوْ وَلَدٍ صَالِحٍ يَدْعُو لَهُ )). މާނައީ: “އިންސާނަކު މަރުވެއްޖެނަމަ، (އޭނާކޮށްފައިވާ) ތިންކަމަކުން ފިޔަވައި ޢަމަލުތައް ހުއްޓުމަކަށް އާދެއެވެ. (އެތިންކަމަކީ) ދޫކޮށްފައިވާ ދެމިގެންވި ޞަދަޤާތެއް، ނުވަތަ ދޫކޮށްފައިވާ ފައިދާ ކުރަނިވި ޢިލްމެއް، ނުވަތަ އެމީހާގެ މައްޗަށް ދުޢާކުރާނެ ޞާލިޙު ދަރިއެކެވެ.” (އިމާމް މުސްލިމް:1631) މިޙަދީޘްގައިވާފަދައިން ބައްޕައާއި މަންމައަށް ދުޢާކޮށް ދޭށެވެ. ދަރިފުޅުގެ ދުޢާގައި ބައްޕައާއި މަންމަގެ މަތިން ހަނދާން ނައްތާނުލާށެވެ.

ދަރިފުޅަށާއި، ބައްޕައަށާއި މަންމައަށް ﷲގެ ޙަޟްރަތުގައި ފާފަފުއްސެވުން އެދޭޙާލު މިބަސްކޮޅު ނިންމާލަމެވެ.