[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

އެންމެ ފުރަތަމަ ތައުޙީދެވެ

ތައުޙީދަކީ ކުރާކޮންމެ ކަމެއްގައި މާތް ﷲ އެއްކައުވަންތަކުރުމެވެ. ޝިރުކަށް ބާރުދޭ ނުވަތަ ޝިރުކު ކުރުމަށް ހިތްވަރުދޭ ނުވަތަ ކަނޑަ އެޅިގެން ޝިރުކު ކުރުމަކީ ތައުޙީދާއި ދިމާ އިދިކޮޅު ކަންކަމެވެ. އެހެންނަމަވެސް ހިތާމައަކީ މުސްލިމުން ކަމުގައިވާ ޙާލު އަދި ވަކީން ޚާއްސަ ގޮތެއްގައި އަޙްލުއްސުންނާ ވަލްޖަމާޢަތުގެ އަހުލުވެރީންކަމުގައިވާ ޙާލު ދިވެހިންނަށް މިފަދަ ކަންކަން އެނގުމީ ކޮންމެ ފަރުދަކަށް ލާޒިމް ކުރާ ކަންކަން ކަމުގައި ވިޔަސް ދިވެހީންނަށް ތައުޙީދުމިވަނީ ވަރަށްވެސް ބީރައްޓެހި އެއްޗެއްކަމުގައި ވެގެންގޮސްފައެވެ.

ދިވެހި  މުޖުތަމައަށް ނަޒަރު ހިނަގާލައިފިކަމުގައި ވާނަމަ އިސްލާމްދީނަކީ ހަމައެކަނި ތިމާގެ ހިތުގައި އޮންނަ އީމާންކަމޭ، ކޮންމެހެން ނަމާދު ނުކުރިޔަސް އެންމެ ރަނގަޅު ކަމަށް ދެކިގެން އުޅޭ ފާސިޤުންނާއި އަދި ތަނެއްގަ ބުދެއް ބެހެއްޓިޔަސް އޯކޭ އޭ ބުނާ މީހުން އަޅުގަނޑުމެންގެ ތެރޭގައިމިވަނީ ނުހަނު ގިނަވެފައެވެ. އަދި މީގެ އިތުރުން ބަޔަކު ކުރާހާކަމެއް އެއްވެސް ފިކުރެއް ޚިޔާލެއްނެތި ކުރަމުންގޮސް މިހާރު މިވަނީ ކިރިޔާ މުރުތައްދުވާ ހިސާބުގައޭބުންޏަސް ދޮގަކަށް ނުވާނެއެވެ. ހިތާމަޔަކީ އެހެން ޤައުމުތަކުގެ ކަންކަން ބަލައިލުމެއްނެތި އަޅުގަނޑުމެން ދަސް ކުރަންފަށާފައިވާތީއެވެ. މިއީ ވަރަށް ވިސްނާލަންޖެހޭ ކަމެކެވެ. އެހެން ބައެއް ޤައުމުތަކުގެ ޘަޤާފަތާއި ދީނާއި ވަރަށް ބޮޑަށް ގުޅި ލާމެހި މަސްހުނި ވެފައިވުމުގެ ސަބަބުން މިގޮތަށް ކަންކަން ދަސްކުރަން ފަށައިފިކަމުގައިވާނަމަ ދިވެހީންގެ އަތުން އިސްލާމްދީން ބީވެ ތަފާތު އެކިއެކި ފިކުރުތަކުގެ ފިރުޤާތައް އުފެދި ދިވެހީންގެ މެދުގައިވާ ދީނީ އެއްބައިވަންތަކަން ގެއްލި ހިނގައިދާނެއެވެ. ފަހަރެއްގައިވެސް އަޅުގަނޑުމިދަންނަވަނީ އެހެން ޤައުމުތަކުގެ ޘަޤާފަތްތަކުން ރިވެތި، އިސްލާމްދީނާ ފުށުނާރާ ކަންތައްތައް ދަސް ނުކުރާށެކޭނޫނެވެ. ކޮންމެ މުޖުތަމަޢެއްގައިވެސް އެހެން މުޖުތަމަޢުތަކުގައި ނުހުންނަ އަދި ހަމައެކަނި ވަކިވަކި މުޖުތަމަޢުތަކަށް ނިސްބަތްވާ ހެޔޮ އާދަތައް އެ މުޖުތަމަޢުތަކުގައި އަށަގެންފައިވެއެވެ. އިސްލާމްދީނާއި ފުށުނާރާކަމުގައިވާނަމަ މިފަދަ ޘަޤާފަތްތައް އުނގެނި ދަސްކުރުމަކީ ނުހަނު ބޭނުންތެރި ކަމެއްކަމުގައި އަޅުގަނޑުވެސް ދެކެމެވެ. އެހެންނަމަވެސް ދީނީ ގޮތުން އެހެނިހެން މުޖުތަމަޢުގައި ހުންނަ ނުވަތަ ދީނާ ޘަޤާފަތާއި ގުޅިފައިވާ ކަންކަން ދަސްކުރުމަކީ އަޅުގަނޑުމެންގެ ފުރިހަމަވެފައިވާ އިސްލާމްދީނަށް ކުރެވޭ މަލާމާތަކަށް ވެގެންނޫނީ ނުދާނެއެވެ.

މިފަހަކަށް އައިސް ޣައިރުދީންތަކުގެ ޝިޢާރުތައް އެކުލެވޭ ލިޔުންތަކާއި، ކުރެހުންތަކާއި، ބުދުތަކާއި އަދި މި ނޫނަސް އެހެން ދީންތައް އިޚްތިރާމް ކުރާ ބާވަތުގެ ބުދުތަކާއި ކުރެހުންތަކާއި އެހެން ޤައުމުތައް އިޚްތިރާމް އަދާ ކުރާ އަދި ކުރުނީސް ކުރާ ބުދުތައް އަޅުގަނޑުމެންގެ މުޖުތަމަޢުއިން ފެންނަން ޖެހުނީ ކީއްވެގެންތޯއެވެ؟ މިކަމުގައި ކޮންމެވެސް ހިސާބަކުން ކޮންމެވެސް ބައެއްގެ އިހުމާލެއްވާކަމީ ދެބަސްވެވޭނެ ކަމެއް ނޫނެވެ.

ކަންމިހެން ހުރުމާއިއެކު ޅައިރު ކުޑަކުދީންނަށް ޤުރުއާން ކިޔަވަން ދަސްކޮށްދިނުމަށްޓަކައި ޢަރަބި އަކުރު ލިޔަން ކިޔަން ދަސްކޮށްދީ ހަދާ ބީދައިން އަޅުގަނޑުމެންގެ ޅަދަރީންނަށް ތައުޙީދު ދަސްކޮށްދީ ހެދުމީ މިއަދު ކުރަން މަޖުބޫރުވެފައިވާ ކަމެއްކަމުގައި ދެކެމެވެ. މަދުންނަމަވެސް މުރުތައްދުވާމީހުން ފެނުމާއި، މާތް ﷲ އާއި އެކަލާނގެ ރަސޫލާއަށް ބަދު ބަސް ބުނާ މީހުން މި ޤައުމުން ފެނިގެންދިޔުމީ ތައުޙީދު ފިލާވަޅު އަޅުގަނޑުމެންގެ ޅަދަރީންނަށް ބުނެދިނުމުގައި އިހުމާލު ތަކެއްހުރިކަން ހާމަކޮށްދޭ ވަރުގަދަ ހެއްކެކެވެ. އަދި މިކަމުގައި އިހުމާލު ވެވުނު ހިސާބަކީ ކޮބައިތޯ ބަލައި ވަގުތުން ވަގުތަށް އިސްލާޙު ކުރެވުނިއްޔާ މެނުވީ އަޅުގަނޑުމެންގެ ތެރޭގައި ޢާންމުގޮތެއްގައި ދީނީ ޚިލާފުވުންތައް އުފެދުމީ ވަރަށް ގާތުގައިވާ ކަމެއްކަމުގައި ދެކެމެވެ.

ވީމާ ދިވެހިރާއްޖޭގެ ތަޢުލީމީ މުޤައްރަރުގައި ތައުޙީދަށް ވަކީން ޚާއްސަ އިސްކަމެއްދީ ބޮޑުވަމުން އަންނަ ކުދީންނަށް ތައުޙީދު ވީހާވެސް ބޮޑަށް ދަސްކޮށްދިނުމަށް ބާރު އަޅައި އިސްލާމް ދީން ހިމާޔަތް ކުރުމަށްޓަކައި ކުރެވެން އޮތް ހުރިހައި ކަމެއް ކުރުމަށް އެދި ގޮވައިލަމެވެ. އެހެންނޫން ކަމުގައިވާނަމަ ކުރިޔަށް އޮތް ދެ ތިން ޖީލު ފަހަނަ އަޅައިދާއިރު އަޅުގަނޑުމެން ތިބޭނީ ދާންވީ މަގު އޮޅި ދާން ނުވާ ހިސާބަށް ގޮސް ނިމިފައެވެ. ރައްކާވެ ތިބިއްޔާ ދަތުރޭ ބުނާއާޑު އަހަމު ނޫންތޯއެވެ؟