[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މިބައިމީހުން މިއުޅެނީ އުޚްރަވީ ޙަޔާތުގެ ސަޒާއަށް އަންހެނުން ހުށަހަޅާށެވެ.

الحمد لله رب العالمين. والصلاة والسلام على أشرف الأنبياء والمرسلين. نبينا محمد وعلى آله وصحبه أجمعين. أما بعد

ސައްތައިންސައްތަ މުސްލިމު ޤައުމެއްގެ ގޮތުގައި ދިވެހިރާއްޖެ އޮތުމުން އެކަމާއި ކަންބޮޑުވެ، ހަތަރުއުދަރެސްފެނުޖެހިގެން ބަޔަކު އެބައުޅެއެވެ. އަޅުގަނޑުމެންގެ ޤައުމުގައި އޮތް އިސްލާމީ ވަޙުދަތު ނަގާލައި އެހެންދީންތަކުގެ ޝިޢާރުތައް އެކިއެކި މޮޅެތި ނަންތައް ކިޔައިގެން ފާޅުކުރަން މަސައްކަތްކުރަމުން އެބަދެއެވެ. އެހެނަސް އޮރެންޖް ޖޫހޭ، މެބިސްކަދުރު ޖޫހޭ ކިޔަސް ރާ ވާނީ ރަލަށްކަމާއި، މޮނިއުމެންޓޭ ކިޔަސް ބުދުވާނީ ބުދަށްކަން މޭރުން ނުވާވަރަށް، ދިވެހިންގެ އަޤީދާ ބަލިކަށިވެ ޣާފިލުވެފައެއް ނުވެއެވެ. ކުލައިގެ ނިވަލުގައި ނިދާފައިތިބި މީހުން މެނުވީއެވެ. އެހެންކަމުން ‘މިކޮޅަށްވުރެ އެކޮޅު ގާތްވެފައިވާ’ ދައިތައެއް ގެނެސް މިބައިމީހުންގެ ވާހަކަތައް އެދައިތަގެ ދުލުން ދައްކުވައިފިއެވެ. އިތުރު ބަޔަކު ނިދާތޯއެވެ.

މިދައިތަ ދެއްކި ވާހަކަތަކުގެ ތެރެއިން އެންމެ ބޮޑަށް ބަހުސް ކުރެވެމުންދާ އެއްވާހަކައަކީ ޒިނޭކުރާ އަންހެނުން ގައިގަ ޙައްދުޖެހުމާއި ދެކޮޅަށް ދެއްކި ވާހަކައެވެ. އެހެންކަމުން މިވާހަކައަށް އަލިއަޅުވާލުމަކީ، ކޮންމެހެން ކުރަންވެއްޖެ ކަމެއް ކަމުގައި ދެކެމެވެ.

އާދެ، އެންމެ ފުރަތަމަ އަޅުގަނޑުމެން ދަންނަންވީ، ﷲތަޢާލާ ބާވައިލައްވާފައިވާ އެއްވެސް ޙުކުމަކާމެދު މުސްލިމުންގެ މެދުގައި ބަހުސް ނުކުރެވޭނެކަމެވެ. އެހެނީ އެއިން އެއްވެސް ޙުކުމަކަށް އިންކާރުކޮށްފި މީހާ އިސްލާމްދީނުގެ ދާއިރާއިން ބޭރުވާނެއެވެ. ދެން އެއަށްފަހު އިސްލާމްދީނުގައި ޒިނޭގެ ޙައްދުޖަހަނީ ހަމައެކަނި އަންހެނުންގައިގަ ނޫންކަމާއި، އެއީ ދެޖިންސަށްވެސް އައިސްފައިއޮތް ޙުކުމެއްކަން ދަންނަން ޖެހެއެވެ. އެހެނަސް ޙުކުމް ޤާއިމް ކުރެވޭނީ އެޖަރީމާއަށް އަރައިގަތްކަން ޝަރީޢަތަށް ޘާބިތުވެގެންނެވެ. އެއީ، އޭނާގެ އިޤުރާރުން ނުވަތަ އެއްވެސް ޝުބުހައެއް ޝައްކެތްނެތްގޮތުގައި ހަތަރު ހެކީންގެ ހެކިބަހުން ޘާބިތުވެއްޖެނަމައެވެ. ނުވަތަ އަންހެނަކު ޝަރުޢީ ކައިވެންޏަކާނުލައި ބަލިވެއިނދެއްޖެނަމައެވެ.

ދެން މިހާހިސާބުން، އިސްލާމްދީނަކީ މީހުން މަރައި، އަދަބުދީ ހަދާދީނެއްކަމަށް ބުނެ، ދީނާއި ދެކޮޅަށް މަސައްކަތްކުރަމުންދިޔަ މީހުން، ދީނުގެ މައްސަލައަކަށް މިދައްކަނީ ބަޔަކަށް އަދަބު ނުދިނުމެވެ. މިބައިމީހުން ބުނާގޮތުން އަންހެން މީހާއަށް އަދަބު ދޭއިރު އޭނައާއެކު ޒިނޭކުރީ ކޮންފިރިހެނެއްތޯ ހޯދައިބަލައި އެމީހާއަށްވެސް އަދަބު ދޭންޖެހެއެވެ. ނަމަވެސް ދަންނަވާލަން ޖެހެނީ އެގޮތަށް ހޯދައިބަލައި އަދަބު ދޭކަށް އިސްލާމްދީނުގައި އައިސްފައި ނުވެއެވެ. އެއީ ކޮންމެހެން އަންހެނަކަށް ވީމައެއް ނޫނެވެ. ފިރިހެނަކު ޒިނޭކުރިކަން ޘާބިތުވެއްޖެނަމަ، އޭނައާއެކު ޒިނޭކުރީ ކޮން އަންހެނެއްތޯ ހޯދައިބަލައި އެމީހާ ގެނެސް ޙައްދު ޖަހާކަށްވެސް އިސްލާމްދީނުގައި ކަނޑައެޅިފައިނުވެއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމަ، މާޢިޒް ރަޟިޔަﷲ ޢަންހުގެ މައްޗަށް ޒިނޭގެ ޙައްދު ޤާއިމްކުރެއްވިއިރު، އެކަލޭގެފާނާއެކު ޒިނޭކުރީ ކޮން އަންހެނެއްތޯ ނައައްސަވައެވެ. އަދި ޖުހަނިއްޔާ ރަޟިޔަﷲ ޢަންހާގެ މައްޗަށް ޙައްދު ޤާއިމްކުރެއްވިއިރު، ކޮންފިރިހެނަކާއެކުތޯ ނައައްސަވައެވެ.

ދެން އެބައިމީހުން މިބުނަނީ، އެހެންވިއްޔާ އިސްލާމްދީނުގައި އިންޞާފެއް ނެތްކަމުގައެވެ. އެހެނީ ބަނޑުބޮޑުވަނީ އަންހެނުންކަމުގައި ވުމުން ގިނައިން ޙައްދުޖެހޭނީ އަންހެނުންގެ ގައިގައި ކަމުގައިވާތީއެވެ. އަނެއް ދެގޮތުން ޒިނޭ ޘާބިތުވާނީ ވަރަށް މަދު ނާދިރުފަހަރެއްގައި ކަމަށް ވާތީއެވެ. މީގެ ޖަވާބުގައި ބުނަންޖެހެނީ:

-އަންހެން މީހާ ޢިއްފަތްތެރިކަމާއެކު ގޭގައި ހުއްޓާ އޭނާގެ މައްޗަށް ޙައްދު ޤާއިމެއް ނުކުރެއެވެ. ޙައްދު ޤާއިމްކުރެވެނީ އޭނާ، ﷲ ޙަރާމްކުރައްވާފައިވާ ބޮޑު ޖަރީމާއަށް އަރައިގަތުމުގެ ސަބަބުންނެވެ.

-މިފަދަ ޖަރީމާއަކަށް މަގުފަހިވާ ހުރިހާ ކަމަކުން ދުރުހެލިވެ ރައްކާތެރިވާން އެކަނބަލުންނަށް އިސްލާމްދީނުގައިވަނީ އިރުޝާދު ދެވިފައެވެ. ހިލޭ ފިރިހެނުންނާއި މަސްހުނި ނުވުމަށް ވަނީ އަމުރުކުރައްވާފައެވެ. އެމީހުންނާއެކު އެކަހެރި ނުވުމަށް ވަނީ އަންގަވާފައެވެ. ޒީނަތްތެރިކަން ފާޅުނުކުރުމަށް ވަނީ އިރުޝާދު ދެވިފައެވެ. ފިރިހެނުންނަށް ޒީނަތްތެރިކަން ފާޅުނުކުރުމަށް އަމުރުކުރެވިގެންނެއް ނުވެއެވެ. ނިވާވުމަށް އަމުރުވެވިގެން ނުވެއެވެ. އެހެނީ މިފަދަ ކަންކަމުގައި ފަޟީޙަތުން އެބައިމީހުންނަށް ގިނަފަހަރު އެބަ ސަލާމަތްވެވެއެވެ. ނަމަވެސް ‘އަންހެނުންގެ ޙައްޤު’ގެ ނަމުގައި އެކަނބަލުން ގެއިންނެރެ ޒިނޭއަށް މަގުފަހިކޮށްދިނީ ހުޅަނގުގެ މީހުންނެވެ. އިސްލާމްދީނުގެ ޢަދުއްވުންނެވެ.

-ބަނޑުބޮޑުވަނީ އެކަނބަލުން ކަމުގައިވާތީ، ފަޟީޙަތް ނުވުމަށްޓަކައި ގިނަފަހަރު ދަރިން މަރައި ހަދަނީ އަންހެނުންނެވެ. އެހެންވީމާ އެޖަރީމާއިން މުޖުތަމަޢު ޠާހިރުކުރުމަށްޓަކައި އެ ޙައްދު ޤާއިމްކުރެވެއެވެ. އޭރުން ތިމަންމެން ބަނޑު ބޮޑުވެއްޖެނަމަ ޙައްދު ޤާއިމްކުރެވޭނެކަން ދަނެ ޒިނޭއިން އަންހެނުންތައް ދުރުވާނެއެވެ.

-ދުނިޔެމަތީގައި ޤާއިމްކުރެވޭ ޙައްދަކީ އޭނާކޮށްފައިވާ ފާފައިގެ ކައްފާރާއެއް ކަމުގައި ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމަގެ ޙަދީޘުން އަޅުގަނޑުމެންނަށް އެނގެއެވެ. އެހެންވީމާ އަންހެނުން ފާފައިން ޠާހިރުވީމާ އެމީހުންނަށް ސުވަރުގެ ދިއުމުގެ ޙައްޤު ހޯދައި ދޭން މަސައްކަތް ކުރެވުނީއެވެ. އެމީހުންގެ ޙައްޤު ނިގުޅައިގަނެވުނީއެއް ނޫނެވެ.

-ފިރިހެންމީހާއަށް ދުނިޔޭގައި ސަޒާ ނުދެވުނަސް، ތައުބާވެ، ފާފައިން ޠާހިރު ނުވާނަމަ އުޚްރަވީ ޙަޔާތުގައި އޭނައަށް އެކަމުގެ ސަޒާ ލިބިގެންދާނެއެވެ. ނަމަވެސް ޙައްދު ޖެހިފައިވާ އަންހެންމީހާ އެވަނީ، އެފާފައިން ޠާހިރުވެފައެވެ. އެހެންވީމާ މިއޮތީ އިންޞާފު ނޫންތޯއެވެ. މިބައިމީހުން މިއުޅެނީ އުޚްރަވީ ޙަޔާތުގެ ސަޒާއަށް އަންހެނުން ހުށަހަޅާށެވެ. މިކަމަށް އަންހެނުންތައް ރައްކާތެރިވެ، ސަމާލުވާން ޖެހެއެވެ. އެހެނީ ޝައިޠާނާވަނީ އޭނައާއެކު ގިނަ އާދަމުގެ ދަރީން ނަރަކައަށް ގެންދާނޭ ކަމުގައި ބުނެފައެވެ. އެހެންވެ އިންސީންގެ ތެރެއިންވާ މިޝައިޠާނުންތައް ބޭނުންވަނީ އެކަމެވެ.