[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

އޭރުން މުޖްތަމަޢުގެ އަނެއް 1/2 ގެއްލިގެންދާނެއެވެ.

ހުޅަނގުގެ އަހުލުވެރިންނާއި، އެމީހުންގެ ފިޔަވަޅުމަތީ ފިޔަވަޅު އަޅަމުންދާ މީހުން، އަންހެނުންގެ ޙަޤީޤީ މަޤާމުން އެމީހުން ބޭރުކޮށް، ފިރިހެނުންނާއެކު ވަޒީފާއަށް ނެރެން ގޮވަމުންދެއެވެ. ފަހެ ހަމަކަށަވަރުން އެމީހުން އެގޮވަނީ ފިތުނައަށެވެ. އަދި އަންހެނުންގެ ކަރާމާތާއި ޢިއްޒަތް ނަގާލައި، އަބާއްޖަވެރިންގެ ތެރޭގައި އެކަނބަލުން ހިމެނުމަށެވެ. އެހެންކަމުން ޤަލަމާއި ދުލުން އެމީހުން ގޮވަމުންދާ، އެ ޖާހިލިއްޔަ ގޮވެލިތައް ހުއްޓުވަންޖެހެއެވެ. ހުޅަނގުގެ ޤައުމުތަކާއި، އެމީހުންގެ މަގުން ހިނގަމުންދާ އެހެން ޤައުމުތަކުގައި، އަންހެނުންނަށް ކުރިމަތިވަމުންދާ ހިތާމަވެރި ހިތްދަތި ކަންތަކުން އަހަރެމެން ޢިބްރަތް ޙާޞިލުކުރަންޖެހެއެވެ. ބާއްޖަވެރިއަކީ އޭނާގެ ވަށައިގެން ހިނގަމުންދާ ކަންތަކުން ޢިބްރަތް ޙާޞިލުކުރާ މީހާއެވެ.

އަންހެނުން ވަޒީފާއަށް ނުނެރެފިނަމަ، ‘މުޖުތަމަޢުގެ ދެބައިކުޅައެއްބައި ވަނީ މަސައްކަތެއް ނުކޮށޭ’ ބުނުން ފިޔަވައި، އިތުރު އެއްވެސް ޙުއްޖަތެއް އެމީހުންނަކަށް ނުވެއެވެ. މިހެން ބުނެ އެމީހުން ބޭނުންވަނީ އަންހެނުންނަކީވެސް، ފިރިހެނުންނާއި އެއްސަފެއްގައި ވަޒީފާ އަދާކުރާ ބަޔަކަށް ހަދާށެވެ. އަދި ފިރިހެނުންނާއި މަސްހުނިވެ އުޅޭ ބަޔަކަށް ހަދާށެވެ. އަންހެނުންތައް އެކަނބަލުންގެ ގެތަކުގައި ކުރަމުންދާ އަގުހުރި މަސައްކަތް އެމީހުންވަނީ ހަނދާންނެތިފައެވެ. ނުވަތަ ހަނދާން ނައްތައިލާފައެވެ. ފަހެ އަންހެނުން، ގެތަކުގައި އެކުރާ އަގުހުރި މަސައްކަތަކީ، މުޖުތަމަޢަށް ކޮށްދެވޭ ބޮޑުވެގެންވާ ޚިދުމަތެކެވެ. އެއީ އެކަނބަލުން ޚަލްޤުކުރެވިފައިވާ ފިޠުރަތާއި އެންމެ އެކަށޭނެ މަސައްކަތެވެ. އަދި އެކަނބަލުން ނޫން އެހެންބަޔަކަށް ނުކުރެވޭނޭ މަސައްކަތެކެވެ.

ބުރަމަސައްކަތް ކުރުމަށްފަހު ގެއަށް އަންނަވަގުތު އޯގާތެރިކަމާއި ލޯތްބާއެކު ވާހަކަދައްކައި، ފިރީން ހިތްހަމަޖައްސައިދޭ އަނބީންނަކީ އެކަނބަލުންނެވެ. ބަނޑުގައި ދަރީންތައް އުފުލައި، ވިހެއުމުގެ އެންމެހާ ވޭންތަކަށް ކެތްކޮށް، ގާތުންކިރުދީ، މުޖުތަމަޢު ހެޔޮގޮތުގައި ބިނާކުރާނޭ ދަރިންތަކެއް ތަރުބިއްޔަތުކުރުމުގެ ބުރަމަސްއޫލިއްޔަތު އުފުލަނީ އެކަނބަލުންނެވެ. ގޭގެ އެންމެހާ ކަންތައް ބަލަހައްޓަނީ އެކަނބަލުންނެވެ. ފިރިހެނުންނާއި އެއްސަފަކަށް ވަޒީފާއަށް އެކަނބަލުން ނެރެފިނަމަ މިމަސައްކަތްކުރާނީ ކާކުތޯއެވެ؟ އޭރުން މިމަސައްކަތްތައް ހުއްޓުމަކަށް އަންނާނޭކަން ކަށަވަރެވެ. އެހިނދުން މުޖްތަމަޢުގެ އަނެއް 1/2 ގެއްލިގެންދާނެއެވެ. (އެބަހީ: ވަޒީފާ އަދާކުރުމަށްޓަކައި، ރަނގަޅު ތަރުބިއްޔަތެއް ލިބިފައިވާ ފިރިހެނުންތަކެއް އޭރުން ނުތިބޭނެއެވެ.) ދެންފަހެ ‘ދެބައިކުޅަ އެއްބައި މަސައްކަތެއް ނުކުރެއޭ’ ބުނެ، މި 1/2(އަންހެނުން) ނެރުމުން ވާނީ ކޮންފައިދާއެއްތޯއެވެ؟ މުޅި މުޖްތަމަޢު ހަލާކުވެ ނިކަމެތިވެގެންދިއުން ފިޔަވައި އިތުރުކަމެއް ނުވާނެކަން ޔަޤީނެވެ.

އެހެންކަމުން، އަންހެނުން ވަޒީފާއަށް ނެރުމަށް ގޮވާލާ މީހުންނަށް އަހަރެމެން ބުނާނީ، ޣާފިލުކަމުގެ ނިދިން ހޭލާށެވެ. ހެޔޮވިސްނޭ ބަޔަކަށް ވާށެވެ. ﷲގެ ނިޢުމަތަށް ކާފަރުވެ، އަމިއްލަ ޤައުމު ހަލާކުގެގޮވައްޗަކަށް ހަދާ ބަޔަކަށް ނުވާށެވެ. ބިނާކުރުވާ، ހެޔޮޢަމަލުތަކަށް ގޮވާލާ ބަޔަކަށްވާށެވެ. އަދި ނިކަމެތިކޮށް ހަލާކުކޮށްލާ ނުބައިޢަމަލުތަކަށް، ގޮވާ ބަޔަކަށް ނުވާށެވެ.

އޭ މުސްލިމް އަންހެނާއެވެ! ތިބާގެ ދީނުގައި ގަދަޔަށް ހިފައްޓާށެވެ. އިސްލާމްދީން ތިބާއަށް ހޯދައިދީފައިވާ، ކަރާމަތާއި ޢިއްޒަތް ނަގާލަން މަސައްކަތްކުރަމުންދާމީހުންގެ ކެހިވެރި މަޅިތަކުގައި ނުޖެހޭށެވެ. ފަހެ އިސްލާމްދީން ނޫން އެހެން ދީނެއް އިޚްތިޔާރުކޮށްފި މީހަކީ ހުރިހާ ޢިއްޒަތަކުން މަޙުރޫމްވެ، ދެދުނިޔޭގައިވެސް ގެއްލެނިވެގެންދާނޭ މީހެކެވެ.

_________________________________________

ނޯޓް: މިއީ ޝެއިޚް ޞާލިޙް އަލްފައުޒާން ‘އަލްމުލައްޚަޞުލް ފިޤުހީ’ ގައި، އަންހެނުން މިސްކިތައް ދިއުމުގެ ޙުކުމް ނަންގަތް ބާބުގައި ލިޔުއްވާފައިވާ ބަސްކޮޅެއްގެ ތަރުޖަމާއެވެ.