[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ނަބަވީ އިރުޝާދުތަކުގެ ތެރެއިން 8

 

عَنْ أَبِيْ هُرَيْرَةَ رَضِيَ اللهُ عَنْهُ، أَنَّ النَّبِيَّ صَلَّى اللهُ عَلَيْهِ وَسَلَّمَ قَالَ: ((إِذَا قُمْتَ إِلَى الصَّلاَةِ فَأَسْبِغِ الْوُضُوءَ، ثُمَّ اسْتَقْبِلِ الْقِبْلَةَ، فَكَبِّرْ، ثُمَّ اقْرَأْ بِمَا تَيَسَّرَ مَعَكَ مِنَ الْقُرْآنِ، ثُمَّ ارْكَعْ حَتَّى تَطْمَئِنَّ رَاكِعًا، ثُمَّ ارْفَعْ حَتَّى تَعْتَدِلَ قَائِمًا، ثُمَّ اسْجُدْ حَتَّى تَطْمَئِنَّ سَاجِدًا، ثُمَّ ارْفَعْ حَتَّى تَطْمَئِنَّ جَالِسًا، ثُمَّ اسْجُدْ حَتَّى تَطْمَئِنَّ سَاجِدًا، ثُمَّ ارْفَعْ حَتَّى تَطْمَئِنَّ جَالِسًا، ثُمَّ افْعَلْ ذَلِكَ فِي صَلاَتِكَ كُلِّهَا))

( أَخْرَجَهُ السَّبْعَةُ، واللَّفْظُ لِلْبُخَارِيِّ )

ޙަދީޘްގެ މާނަ :

އަބޫ ހުރައިރާ رضي الله عنه ކިބައިން ރިވާވެފައިވެއެވެ. ހަމަކަށަވަރުން ﷲގެ ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެވިއެވެ. “ތިބާ ނަމާދަށް ތެދުވެއްޖެކަމުގައިވާނަމަ ވުޟޫ ފުރިހަމަކުރާށެވެ. އަދި ޤިބުލަޔަށް ކުރިމަތިލާށެވެ. ދެން ﷲ އަކްބަރު ކިޔާ ހަރަމް ބަންނާށެވެ. އެއަށްފަހުގައި ތިބާޔަށް ފަސޭހަވީ މިންވަރަކަށް ޤުރުއާން ކިޔަވާށެވެ. ދެން ރުކޫޢު ކުރާށެވެ. އެއީ އެތަނުގައި ހަމަޖެހިލެވެންދެނެވެ. އެއަށްފަހު، ތެދުވެ އިޢްތިދާލުގައި ހަމަޖެހެންދެން މަޑުކުރާށެވެ. ދެން ސަޖިދަޔަށް ދާށެވެ. އެއީ އެތާގައި ހަމަޖެހިލެވެންދެނެވެ. ދެން ތެދުވެ އިށީންނާށެވެ. އެއީ އެގޮތުގައި ހަމަޖެހިލެވެންދެނެވެ. ދެން ސަޖިދަޔަށް ދާށެވެ. އެއީ އެގޮތުގައި ހަމަޖެހިލެވެންދެނެވެ. ދެން މިގޮތަށް ތިބާގެ ނަމާދު ފުރިހަމަކޮށް ކުރާށެވެ.”

ޙަދީޘް ރިވާކުރެއްވީ އިމާމް މުސްލިމާއި، ބުޚާރީއާއި، އިމާމް އަޙްމަދާއި، ސުނަންގެ ހަތަރު އިމާމުންނެވެ. އަދި ޙަދީޘް ގެނެވިފައި އެވަނީ ބުޚާރީގައިވާ ލަފްޒުންނެވެ.

މިޙަދީޘުން ލިބޭ ބައެއް ފައިދާ:

*  ނަމާދު ކުރާނެގޮތް އުނގެނުމާއި، އުނގައްނައިދިނުމަކީ މުސްލިމުންގެ މައްޗަށް ވާޖިބު ކަމެއްކަން.

* އަވަހަށް ނަމާދު ކުރިނަމަވެސް، ނަމާދުގެ ކޮންމެ ހަރަކާތެއްގައި މަޑުކޮށް ހަމަޖެހިލުމަކީ ނަމާދުގެ ރުކުނެއްކަން.

* ޙަދީޘްގައި ބަޔާންވެފައިވަނީ ނަމާދު ޞައްޙަވުމުގެ ޝަރުޠުގެ ތެރެއިން ތިން ޝަރުޠުކަން، އެއީ ނިޔަތާއި، ވުޟޫކުރުމާއި، ޤިބްލަޔަށް ކުރިމަތިލުމެވެ.