[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ސުނަން އިބްނިމާޖާ

 

ފޮތުގެ ނަން:

އިބްނުމާޖާ ރަޙިމަހުﷲ ލިޔުއްވާފައިވާ ފޮތް “އައްސުނަން” އަކީ ކުތުބުއްސިއްތާގެ (އެބަހީ، ޙަދީޘްފޮތްތަކުގެ ތެރެއިން އެންމެ މަޝްހޫރު، ފައިދާ ބޮޑު ހަފޮތުގެ ތެރެއިން) އެންމެ ފަހު ފޮތެވެ. މުޙައްމަދު ބުން ޠާހިރު އަލްމަޤްދިސީ، (މަޝްހޫރު ނަމުންނަމަ އިބްނުލް ޤައިސަރާނީ) (އ. 507ހ.) އާހަމައަށް މިހަފޮތުގެ ތެރޭގައި ބެލެވެމުން އައިސްފައިވަނީ އިމާމް މާލިކު ރަޙިމަހުﷲ (އ. 179ހ.) ލިޔުއްވާފައިވާ “އަލްމުވައްޠާ” އެވެ. ނަމަވެސް އިބްނު ޠާހިރު އަލްމަޤްދިސީ، އެކަލޭގެފާނުގެ ފޮތް “ޝުރޫޠު އައިމަތިއްސިއްތާ” ގައި އެންމެ ފުރަތަމަ އިމާމް މާލިކްގެ “އަލްމުވައްޠާ” ގެ ބަދަލުގައި، އިބްނުމާޖާގެ “އައްސުނަން” ލެއްވިއެވެ. މިއަށްފަހު، ވަޑައިގެންނެވި ޢަބްދުލް ޣަނިއްޔި އަލްމަޤްދިސީ ރަޙިމަހުﷲ (އ. 600ހ.) އެކަލޭގެފާނުގެ ފޮތް “އަލްކަމާލު ފީ އަސްމާއިއްރިޖާލި” ގައި އިބްނު ޠާހިރުއަށް ތަބާވެވަޑައިގެން ސުނަން އިބްނުމާޖާ ހަވަނަފޮތެއްކަމުގައި ލެއްވިއެވެ. އެއަށްފަހު އެފޮތްތަކާ ބެހޭގޮތުން ފޮތްތައް ލިޔުއްވި އެންމެހާ ބޭކަލުންވެސް ހަވަނަ ފޮތެއްކަމުގައި މިފޮތް ލައްވާފައިވެއެވެ. މިގޮތަށް ބަދަލުވުމުގެ އެންމެ ބޮޑު ސަބަބެއްކަމުގައި ވެފައިވަނީ، އިމާމް މާލިކަކީ މިހަފޮތް ލިޔުއްވި ބޭކަލުންނަށްވުރެ ކުރީގެ ބޭކަލަކަށް ވެފައި، އެކަލޭގެފާނަކީ ވަރަށް ގިނަ ހަދީޘްތައް ރިވާކުރެއްވި، އަދި ޙަދީޘް ޢިލްމުގައި މަޝްހޫރުބޭކަލެކެވެ. އެހެންކަމުން، އެކަލޭގެފާނު “އަލްމުވައްޠާ” ގައި ގެންނަވާފައިވާ ގިނަ ޙަދީޘްތަކަކީ ޞަޙީޙް ބުޚާރީ އާއި، ޞަޙީޙް މުސްލިމް އާއި، ސުނަން އަބީދާވުދު އާއި، ޖާމިޢުއްތިރުމިޛީ އާއި، ސުނަން އަންސައީގައި ރިވާވެފައިވާ ޙަދީޘްތަކަށްވުމާއެކު، މިގޮތުން ބަލާއިރު “އަލްމުވައްޠާ” އަށްވުރެ “ސުނަން އިބްނުމާޖާ” ފައިދާ ބޮޑުވުމެވެ.

“އައްސުނަން” މިނަން ޙަދީޘް ޢިލްމުވެރިންގެ އަރިހުގައި ބޭނުންކުރައްވާގޮތް “ސުނަން އަބީދާވުދު” ގެ ތަޢްރީފުގައި އިސްވެހިނގައްޖެއެވެ.

މުއައްލިފު:

އިބްނުމާޖާ ރަޙިމަހުﷲގެ ފުރިހަމަ ނަންފުޅަކީ މުޙައްމަދު ބުން ޔަޒީދު ބުން ޢަބްދުﷲ ބުން މާޖާ އަލްޤަޒްވީނީ އެވެ. ކުންޏާއަކީ އަބޫ އަބްދުﷲ އެވެ. ދުނިޔޭގެ އަލިކަން ދެކެވަޑައިގަތީ ހިޖުރައިން 209 ވަނަ އަހަރުއެވެ. އަދި އަވަހާރަވެފައިވަނީ ހިޖުރައިން 273 ވަނަ އަހަރުއެވެ.

އިބްނުމާޖާ ރަޙިމަހުﷲ ވަރަށް ގިނަ ޢިލްމުވެރިންގެ އަރިހުން ޢިލްމު ޙާޞިލުކުރެއްވިއެވެ. އެކަލޭގެފާނު ޢިލްމު ޙާޞިލުކުރެއްވި ބޭކަލުންގެ ތެރޭގައި: ޢަލީ ބުން މުޙައްމަދު އައްޠަނާފުސީ (އ. 235ހ.)، މުޙައްމަދު ބުން ރުމްޙު (އ. 241ހ.)، އަބޫބަކުރު ބުން އަބީ ޝައިބާ (އ. 235ހ.)، ޢުޘްމާން ބުން އަބީ ޝައިބާ (އ. 239ހ.) ރަޙިމަހުމުﷲ ފަދަ އެތައް ޢިލްމުވެރިންނެއް ހިމެނެއެވެ. އެކަލޭގެފާނުގެ ކިބައިން ޢިލްމު ޙާޞިލުކުރެއްވި ބޭކަލުންގެ ތެރޭގައި: މުހައްމަދު ބިން ޢީސާ އައްޞައްފާރު (އ. 307ހ.)، އަބުލް ހަސަން ޢަލީ ބިން އިބްރާހީމް އަލްޤަޒްވީނީ އަލްޤައްޠާން (އ. 345ހ.)، ސުލައިމާން ބުން ޔަޒީދު އަލްޤަޒްވީނީ (އ. 339ހ.) ރަޙިމަހުމުﷲ ފަދަ އެތައް ބޭކަލުންނެއް ހިމެނިވަޑައިގަންނަވައެވެ.

އިބްނުމާޖާ ރަޙިމަހުﷲ ސުނަންގެ އިތުރަށް ލިޔުއްވާފައިވާ ފޮތްތަކުގެ ތެރޭގައި: އައްތަފްސީރު، އައްތާރީޚް ހިމެނެއެވެ. ﷲ ސުބުޙާނަހޫ ވަތަޢާލާ އިބްނުމާޖާއަށް ރަޙުމަތް ލައްވާށި!

ސުނަން އިބްނިމާޖާއަށް އަވަސް ނަޒަރެއް:

އެހެންވެސް ސުނަން ފޮތްތަކޭ އެއްގޮތަށް އިބްނުމާޖާ ރަޙިމަހުﷲ ވަނީ އެކަލޭގެފާނުގެ ފޮތް “އައްސުނަން” ފިޤްހީ ބާބުތަކަށް ޙަދީޘްތައް އަތުރުއްވާފައެވެ. މިގޮތުން މިފޮތް ދިރާސާކުރެއްވި މުޙައްމަދު ފުއާދު ޢަބްދުލްބާޤީ (އ. 1388ހ.) ރަޙިމަހުﷲ ވިދާޅުވެފައިވާ ގޮތުގައި، ސުނަން އިބްނިމާޖާ ގައި 4341 ޙަދީޘްވެއެވެ. އަދި އެކުލެވިގެންވަނީ 37 ކިތާބުގެ މައްޗަށެވެ. އަދި ކުތުބުއްސިއްތާގެ ފަސްފޮތުގައިވާ ރިވާވެގެންނުވާ 1339 ޙަދީޘް މިފޮތުގައިވެއެވެ.

ސުނަން އިބްނިމާޖާގައި، އިބްނުމާޖާ އާ ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމައާ ދެމެދު 3 ރާވީން އެކުލެވިގެންވާ ފަސް ޙަދީޘްވެއެވެ. ފޮތް ލިޔުއްވި މުޞަނިއްފާއި ރަސޫލާ ޞައްލަﷲ ޢަލައިހިވަސައްލަމައާ ދެމެދު ރާވީން މަދުވުމަކީ ޙަދީޘަށް ލިބޭ އިތުރު ފުރިހަމަކަމެކެވެ. ޙަދީޘް ޢިލްމުވެރިން ގިނަރަށްރަށަށް ޙަދީޘް ހޯއްދެވުމަށްޓަކައި ދަތުރުކުރެއްވި ބޭނުންތަކުގެ ތެރެއިން އެއްބޭނުމަކީ މިފަދަ ޙަދީޘްތައް ހޯއްދެވުމެވެ. އިބްނުމާޖާ ރަޙިމަހުﷲ ގެންނަވާފައިވާ މިފަސް ހަދީޘްވެސް ގެންނަވާފައިވަނީ އަނަސްގެފާނު ކިބައިން، ކަޘީރު ބުން ސުލައިމް، ކަޘީރު ބުން ސުލައިމްގެ ކިބައިން ޖުބާރަތު ބުނުލް މުޣައްލިސް، އިބްނުމާޖާ ރިވާކުރައްވާފައި ވަނީ ޖުބާރަތު ބުނުލް މުޣައްލިސްގެ ކިބައިންނެވެ. އެހެންކަމުން، އިބްނުމާޖާއާ ރަސޫލާއާ ދެމެދުގައި ވަނީ ޖުބާރަތު ބުނުލް މުޣައްލިސް އާއި ކަޘީރު ބުން ސުލައިމް އާއި އަނަސްގެފާނެވެ. އެފަސްޙަދީޘްގެ ނަންބަރަކީ (3310)، (3356)، (3357)، (3479)، (4292) މިފަސް ހަދީޘެވެ. ނަމަވެސް މިފަސް ޙަދީޘުގެ ސަނަދު ޟަޢީފެވެ. ޖައްބާރަތު ބުން މުޣައްލިސް އާއި ކަޘީރު ބުން ސުލައިމް އަކީ ޟަޢީފް ދެރާވީންނެވެ. އެހެންކަމުން، ސުނަން އިބްނިމާޖާގައި 3 ރާވީން އެކުލެވިގެންވާ ޞައްޙަ އެއްވެސް ސަނަދެއް ނުވެއެވެ.

ސުނަން އަބީދާވުދުގެ ބައެއް ޝަރަޙަތައް:

1. ޝަރްޙު އިބްނިމާޖާ: ޢަލާޢުއްދީން މުޣްލަޠާޔީ  (އ. 762ހ.).

2. ޝަރްޙު އިބްނި ރަޖަބް އަލްޙަންބަލީ: އިބްނު ރަޖަބް އަލްޙަންބަލީ (އ. 795ހ.).

3. ޝަރްޙު ސުނަން އިބްނިމާޖާ: އަބުލްޙަސަން އައްސިންދީ (އ. 1138ހ.).

__________________________________________

މަރުޖިޢުތައް:

1. މުޞްޠަލަޙުލް ޙަދީޘް: މުޙައްމަދު ބުން ޞާލިޙު އަލްޢުޘައިމީން.

2. އަޢްލާމުލް މުޙައްދިޘީން ވަ މައާޘިރުހުމުލް ޢިލްމިއްޔާ: ތަޤިއްޔުއްދީނުއް ނަދްވީ.

3. ތަދްވީނުއް ސުންނާ: މުޙައްމަދު މަޠަރުއް ޒަހްރާނީ.

4. ކައިފިއްޔަތުލް އިސްތިފާދު މިނަލް ކުތުބު އައްސިއްތާ: ޢަބްދުލްމުޙްސިން އަލްޢައްބާދު އަލްބަދުރު.

__________________________________________

ފޮތަކާއެކު މީގެ ކުރީގެ ބައިތައް