[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ތިބާގެ މަންމަ ތިބާއަށް ނަމޫނާއަކަށް ނުފުދޭ ހެއްޔެވެ…؟

އޭ ލޮބުވެތި އުޚްތާއެވެ! ތިބާގެ މަންމަ ތިބާއަށް ނަމޫނާއަކަށް ނުފުދޭ ހެއްޔެވެ؟ ތިބާގެ މަންމަގެ ސީރަތުން ތިބާއަށް އަގުހުރި ފިލާވަޅުތައް ނުލިބޭ ހެއްޔެވެ؟ ނޫނެކެވެ. އެއީ ތާރީޚުގައި ރަންއަކުރުން ފަވާލެވިފައިވާ  ޝަޚްސިއްޔަތެކެވެ. މުސްލިމު އުޚްތުންނަށްވާ ފުރިހަމަ ނަމޫނާ އެކެވެ. އާދެ! އެއީ އުއްމުލްމުއުމިނީން ޚަދީޖާ ރަޟިޔަﷲ ޢަންހާއެވެ. އެކަމަނާއަކީ ރަސޫލާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ފުރަތަމަ އަނބިކަނބަލުންނެވެ. އެންމެ ފުރަތަމަ އިސްލާމްވެވަޑައިގަތުމުގެ ޝަރަފްވެސް ހޯއްދެވީ އެކަމަނާއެވެ. ހަމައެފަދައިން ރަސޫލާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމަގެ އަރިހުގައި ސިއްރުން ނަމާދު ކުރުމުގެ ޝަރަފްވެސް އެކަމަނާ ހޯއްދެވިއެވެ. އެކަމަނާއަކީ، އިސްލާމްދީނުގައި އަންހެން ކަނބަލުންނަކީ، ޝަރަފުވެރި އިއްޒަތްތެރި ބަޔެއްކަން އަންގައިދޭ ލާމަސީލު މިސާލެކެވެ.

އުއްމުލްމުއުމިނީން ޚަދީޖާ  ރަޟިޔަﷲ ޢަންހާއަކީ ޤުރައިޝް ވަންހައިގެ މާތް ބޭކަނބަލެކެވެ. އެކަމަނާ މަޝްހޫރުވެވަޑައިގެންފައިވަނީ ޢިލްމުވެރި، އިއްފަތްތެރި، އަބުރުވެރި ބޭކަނބަލެއްގެ ގޮތުގައެވެ. ރީތިކަމާ މުދާވެރި ކަމުގެ ސަބަބުން އެތަކެއް ލޯތަކެއް އެކަމަނާއަށް އަމާޒުވެގެން ދިޔައެވެ. ނަމަވެސް އެކަމަނާގެ ފިރިކަލެއްގެ ގޮތުގައި ޚިޔާރުކުރެއްވީ މިބިންމައްޗަށް ފޮނުއްވެވި އެންމެ މާތް އިންސާނާ، ކީރިތި ރަސޫލާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމައެވެ.

އުއްމުލްމުއުމިނީން ޚަދީޖާ  ރަޟިޔަﷲ ޢަންހާއަކީ އޯގާތެރި، ވަފާތެރި އަނތްބެކެވެ. އެކަމަނާގެ މުދަލުން އެކަމަނާގެ ލޮބުވެތި ފިރިކަލުންނާ މުސްލިމް އުއްމަތަށްޓަކައި އެތަކެއް ގުރުބާނީއެއްވެލެއްވިއެވެ. ކީރިތި ރަސޫލާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމައަށް ކުރިމަތިވެވަޑައިގެންނެވި ހުރިހާ ބޮޑެތި ކަންތައްތަކާއި އުނދަގޫ ޙާލަތްތަކުގައި ޚުދު އެކަމަނާ ބައިވެރިވެވަޑައިގެން އެހީތެރިކަން ފޯރުކޮށްދެއްވައެވެ. އަދި ބުއްދިވެރި ހެޔޮ ބަސްތަކުން ލޮބުވެތި ފިރިކަލުންގެ ހިތްޕުޅަށް ހިތްހަމަޖައްސައިދޭން މަސައްކަތްކުރެއްވެވިއެވެ.

ކީރިތި ރަސޫލާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމައަށް ފުރަތަމަ ވަޙީ ބާވައިލެއްވުނު ހާދިސާގެ ސަބަބުން އެކަލޭގެފާނަށް ބިރުވެރިކަން އިހުސާސް ކުރެއްވުނުހިނދު އެކަލޭގެފާނު ޚަދީޖަތުގެފާނުގެ އަރިހަށް އަވަސް އަވަހަށް ވަޑައިގެންނެވިއެވެ. އެހިނދު އުއްމުލްމުއުމިނީން ޚަދީޖާ  ރަޟިޔަﷲ ޢަންހާގެ އޯގާތެރި ކަމާ ވިސްނުންތެރިކަން ހާމަވެގެން ދިޔައެވެ. އެކަމަނާ ވިދާޅުވިއެވެ. “މާތް ﷲ ގަންދެއްވާ ވިދާޅުވަމެވެ. ދުވަހަކުވެސް ކަލޭގެފާނަށް މާތް ﷲ ދެރަގޮތެއް މިންވަރުނުކުރައްވާނެއެވެ. އެހެނީ ކަލޭގެފާނަކީ ގާތްތިމާގެ ގުޅުން ބަދަހިކުރައްވާ، ވާހަކަފުޅު ދެއްކެވުމުގައި ތެދުވިދާޅުވާ، ފަގީރުންނަށް ކާންދެއްވާ، މެހެމާނުންނަށް ކަމޭހިތްތަވާ، މީސްތަކުންނަށް އެހީތެރިވެވަޑައިގަންނަވާ ބޭކަލަކީމުއެވެ. އުފާކުރައްވަވާށެވެ! މިހުރިހާ ސިފަތަކެއް ކަލޭގެފާނަށް މާތް ﷲ ދެއްވަވާފައިވާ ހިނދު، އެކަލާނގެ ކަލޭގެފާނަށް އެއްވެސް ނިކަމެތިކަމެއް ނުދެއްވަވާނެކަން ކަށަވަރެވެ”. މިފަދަ ވަގުތަކާ ކިހާގުޅޭ ބަސްފުޅެއްތޯއެވެ؟ ހިތްހެޔޮކަމާ ވިސްނުންތޫނު ކަމުގެ ލާމަސީލު މިސާލެއް ނޫންތޯއެވެ؟

އުއްމުލްމުއުމިނީން ޚަދީޖާ ރަޟިޔަﷲ ޢަންހާގެ އެންމެ ފަހު ނޭވާފުޅާ ޖެހެންދެންވެސް އިސްލާމްދީނާ މުސްލިމުންގެ ދިފާއުގައި އެތަކެއް ގުރުބާނީތަކެއް ވެލެއްވިއެވެ. އެގޮތުން އެކަމަނާގެ އުމުރުފުޅުން 60 އަހަރަށްވުރެ މައްޗަށް ގޮސްފައިވާ ޙާލުގައިވެސް މުއުމިނުންގެ މައެއްގެ ގޮތުން ކީރިތި ރަސޫލާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމައާ މުސްލިމުންނާއެކު ޝިއުބުގައި މަޑުކުރެއްވެވިއެވެ.

އެތަކެއް ބުރަތަކާއި ވޭނެއް ތަހައްމަލު ކުރެއްވުމަށްފަހު، އެކަމަނާ މިދުނިޔެއާ ވަކިވެވަޑައިގަތީ ކާމިޔާބު އަންހެނެއްގެ ގޮތުގައެވެ. ކާމިޔާބު މަންމައެއްގެ ގޮތުގައެވެ. ދުނިޔޭގައި ހުންނަވަނިކޮށް އެކަމަނާގެ ވެރިރައްބުގެ ސަލާމް އެކަމަނާއަށް ވަނީ ލިބިވަޑައިގެންފައެވެ. އަދި ސުވަރުގޭގައި އެކަމަނާއަށް ރަންމުތުންވާ ގެއެއް ވާކަމުގެ އުފާވެރި ޚަބަރު ޖިބުރީލްގެފާނު ވަނީ އެކަމަނާއަށް ދެއްވަވާފައެވެ.