[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ތަޤުވާއާއި އޭގެއަހުލުވެރިންގެ ޞިފަތަކާއި އޭގެ މޭވާތައް -1-

ތަޤުވާގެ ޙަޤީޤަތް

ތަޤުވާ އަކީ ކޮބައިކަން އެކި ޢިލްމުވެރިން އެކިގޮތްގޮތަށް މާނަ ކުރައްވާފައިވެއެވެ. އެހެންނަމަވެސް އޭގެ މާނަ ބިނާވެގެންވަނީ މުޅިންވެސް އެއްކަމެއްގެ މައްޗަށެވެ. އެއީ އަޅާ ﷲ ތަޢާލާގެ ކޯފާއާއި ޢަޒާބުން ރައްކާތެރިވުމަށް މަސައްކަތް ކުރުމެވެ. ﷲ ތަޢާލާގެ އަމުރުފުޅުތަކަށް ކިޔަމަންގަތުމާއެކު އެއިލާހު ނަހީކުރެއްވި ކަންތައްތަކުން ދުރުހެލިވެގަތުމެވެ.

އަލްޙާފިޟު އިބްނު ރަޖަބު -ރަޙިމަހުﷲ- ވިދާޅުވެފައިވެއެވެ. ” ތަޤުވާގެ އަޞްލަކީ އާޅާ އޭނާ ބިރުގަންނަ އަދި އެކަމަކުން ރައްކާތެރވާން އެދޭކަމަކުން ރައްކާތެރިވުމަށްޓަކާ އޭނާއާ އެކަމަކާ ދެމެދު ރައްކަލެއް ބެހެއްޓުމެވެ. އެހެންކަމުން އަޅާ އޭނާގެ ވެރި ރައްބަށް ތަޤުވާވެރިވުމަކީ  އެއިލާހުގެ ފަރާތްޕުޅުން އޭނާ ބިރުވެތިވާ އެއިލާހުގެ ކޯފާ އާއި ޢަޒާބުން ރައްކާތެރިވުމަށް، އެކަންކަމާއި އޭނާއާ ދެމެދު ރައްކަލެއް ބެހެއްޓުމެވެ. އަދި މި ރައްކަލަކީ އެއިލާހު އަމުރުކުރެއްވި ކަންތައްކުރުމާއި އެއިލާހު ނަހީކުރެއްވި ކަންތައްތަކުން ދުރުހެލިވުމެވެ. “

ބައެއް ފަހަރު “ތަޤުވާ” މިލަފްޒު ﷲ ތަޢާލާގެ ނަންފުޅާއި ގުޅިގެން އާދެއެވެ. ﷲ ތަޢާލާ ވަޙީކުރައްވާފައި ވެއެވެ. ( وَاتَّقُوا اللَّـهَ الَّذِي إِلَيْهِ تُحْشَرُونَ  ) އަލްމުޖާދަލާ 9 މާނައީ: ” އަދި ތިޔަބައިމީހުން ﷲ އަށް ތަޤުވާވެރިވާށެވެ! ތިޔަބައިމީހުން މަޙްޝަރުކުރައްވާހުށީ، ހަމައެކަލާނގެ ޙަޟުރަތަށެވެ. “ އަދިވެސް އެއިލާހު ވަޙީކުރައްވާފައި ވެއެވެ. ( يَا أَيُّهَا الَّذِينَ آمَنُوا اتَّقُوا اللَّـهَ وَلْتَنظُرْ نَفْسٌ مَّا قَدَّمَتْ لِغَدٍ ۖ وَاتَّقُوا اللَّـهَ ۚ إِنَّ اللَّـهَ خَبِيرٌ بِمَا تَعْمَلُونَ ) މާނައީ: ”  އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުން ﷲ އަށް ތަޤުވާވެރިވާށެވެ! އަދި ކޮންމެ ނަފްސެއްއްމެ، މާދަމައަށްޓަކައި އިސްކޮށްފައިވާ ޢަމަލެއް ބަލައިފާހުށިކަމެވެ! އަދި ތިޔަބައިމީހުން ﷲ އަށް ތަޤުވާވެރިވާށެވެ! ހަމަކަށަވަރުން، ﷲ އީ، ތިޔަބައިމީހުންކުރާ ކަންތައް މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ.  “ އަލްޙަޝްރު18 . މިގޮތަށް، ތަޤުވާގެ ލަފްޟު އިސްމުލް ޖަލާލާ އާއި ގުޅިގެން އައިސްފި ކަމުގައި ވާނަމަ އޭގެ މާނައަކީ ﷲ ތަޢާލާގެ ކޯފާ އާއި ޢަޒާބަށް ބިރުވެތިވުމެވެ.  ފަހެ އެއީ އެންމެ ބޮޑަށް ރައްކާތެރިވާންޖެހޭ ކަންތަކެވެ. މީގެ ތެރޭގައި ދުނިޔެއާއި އާޚިރަތުގައި އެއިލާހުގެ ޢަޒާބަށް ރައްކާތެރިވުން ހިމެނެއެވެ. އެހެނީ ރައްކާތެރިވުމުގެ މާނައިގައިވެސް ކީރިތި ޤުރްއާނުގައި ﷲތަޢާލާ “ތަޤުވާ” މިލަފްޡު ގެންނަވާފައިވެއެވެ. ﷲތަޢާލާ ވަޙީކުރައްވާފައި ވެއެވެ. ( إِلَّا أَن تَتَّقُوا مِنْهُمْ تُقَاةً ۗ وَيُحَذِّرُكُمُ اللَّـهُ نَفْسَهُ ۗوَإِلَى اللَّـهِ الْمَصِيرُ ) އާލް ޢިމްރާން 28. މާނައީ: ”  އެއުރެންގެ ކިބައިން އަންނަ ނުރައްކަލަކުން ތިޔަބައިމީހުން ރައްކާތެރިވާން މަޖުބޫރުވެއްޖެ ޙާލެއްގައި މެނުވީއެވެ. އަދި، ﷲ އެކަލާނގެ ޢުޤޫބާތައަށް ތިޔަބައިމީހުން ބިރުވެތި ކުރައްވަތެވެ. އެނބުރި ދިޔުންވަނީ ﷲ ގެ ޙަޟުރަތަށެވެ “. އަދިވެސް ﷲތަޢާލާ ވަޙީކުރައްވާފައިވެއެވެ.  ( هُوَ أَهْلُ التَّقْوَىٰ وَأَهْلُ الْمَغْفِرَةِ )މާނައީ: ” އެކަލާނގެއީ (މީސްތަކުން އެކަލާނގެއަށް ބިރުވެތިވެ) ތަޤުވާވެރިވުން ޙައްޤު ވެގެންވާ، އަދި  ފާފަތައް ފުއްސެވުމުގެ އަހުލުވެރި އިލާހެވެ.   “ އެހެންކަމުން ﷲ ތަޢާލާއީ އެފަރާތަކަށް ބިރުވެވުން ޙައްޤުވެގެންވާ އިލާހެވެ. އަދި އަޅުންގެ ހިތްތަކުގައި މަތިވެރިކުރެވިގެންވާންޖެހޭ އިލާހެވެ. އެއީ އަޅުން އެއިލާހަށް އަޅުކަންކުރުމަށްޓަކައެވެ. އަދި ކިޔަމަންތެރިކަން އަދާކުރުމަށްޓަކައެވެ. އެއިލާހަކީ މާތްކަމާއި މަތިވެރިކަމާއި ކިބްރިޔާވަންތަކަމާއި ބާރުވަންތަކަމާއި އެހެނިގެން ޞިފަފުޅުތައް މިލްކުވެގެންވާ އިލާހެވެ.

ބައެއްފަހަރު “ތަޤުވާ” މިލަފްޡު ﷲ ތަޢާލާ ދެއްވާ ޢުޤޫބާތަކާއި ގުޅިގެން އައިސްފައިވެއެވެ. އަދި އެއިލާހު ޚަލްޤުކުރައްވާފައިވާ ތަނަކާއި ގުޅިގެން، މިޘާލަކަށް ނަރަކަ އާއި ގުޅިގެން އައިސްފައިވެއެވެ. އަދި ޒަމާނާ ގުޅިގެން އައިސްފައިވެއެވެ. މިގޮތުން ޤިޔާމަތް ދުވަހާއި ގުޅިގެން އައިސްފައިވެއެވެ. ﷲތަޢާލާ ވަޙީކުރައްވާފައިވެއެވެ. ( وَاتَّقُوا النَّارَ الَّتِي أُعِدَّتْ لِلْكَافِرِينَ  ) އާލުޢިމްރާން 131 މާނައީ: ” އަދި، ނަރަކަޔަށް ތިޔަބައިމީހުން ބިރުވެތިވެ ރައްކާތެރިވާށެވެ! އެ ނަރަކަޔަކީ، ކާފަރުންނަށްޓަކައި ތައްޔާރުކުރައްވާފައިވާ ތަނެކެވެ.  “. އަދިވެސް ﷲތާޢާލާ ވަޙީކުރައްވާފައިވެއެވެ. ( وَاتَّقُوا يَوْمًا تُرْجَعُونَ فِيهِ إِلَى اللَّـهِ ) އަލްބަޤަރާ 281 މާނައީ: ” އެދުވަހެއްގައި، ﷲ ގެ ޙަޟުރަތަށް ތިޔަބައިމީހުން ރުޖޫޢަ ކުރައްވާނޭ ދުވަހަކަށް، ތިޔަބައިމީހުން ރައްކާތެރިވެ ބިރުވެތިވާށެވެ! “. އަދިވެސް ﷲ ތަޢާލާ ވަޙީކުރައްވާފައިވެއެވެ. (وَاتَّقُوا يَوْمًا لَّا تَجْزِي نَفْسٌ عَن نَّفْسٍ شَيْئًا ) އަލްބަޤަރާ 48 މާނައީ: ” އެދުވަހަކުން އެއްވެސް ނަފްސަކަށް އެއްވެސް ނަފްސެއްގެ ކިބައިން ކަމެއް ފުއްދައިނުދެވޭނޭ، ދުވަހަކަށް ތިޔަބައިމީހުން ބިރުވެތިވެ ރައްކާތެރިވާށެވެ! “.

ފަހެ ފުރިހަމަވެގެންވާ ތަޤުވާވެރިކަމުގެ ތެރޭގައި ﷲ ތަޢާލާ ފަރުޟުކުރެއްވި ހުރިހާ ކަމެއް ކުރުން ހިމެނެއެވެ. އަދި ﷲތަޢާލާ ޙާރާމްކުރެއްވި ހުރިހާ ކަމަކާއި، ދީނުގައި އުފެދޭ ޝުބުހަތަކުން ދުރުހެލިވުން ހިމެނެއެވެ. އަދި ބައެއްފަހަރު މަންދޫބު ކަންތައްތައް ކުރުމާއި މަކްރޫހަ ކަންތައްތަކުން ދުރުހެލިވުންވެސް ތަޤުވާވެރިވުމުގެ ތެރެއަށް ވަދެގެންދެއެވެ. އަދި މިއީ ތަޤުވާވެރިވުމުގެ އެންމެ މަތީ ދަރަޖައެވެ. ތަޤުވާވެރިންގެ ސިފަތައް ބަޔާންކުރައްވައި ﷲތަޢާލާ ވަޙީކުރައްވާފައިވެއެވެ. ( الم ﴿١﴾ ذَٰلِكَ الْكِتَابُ لَا رَيْبَ ۛ فِيهِ ۛ هُدًى لِّلْمُتَّقِينَ ﴿٢﴾الَّذِينَ يُؤْمِنُونَ بِالْغَيْبِ وَيُقِيمُونَ الصَّلَاةَ وَمِمَّا رَزَقْنَاهُمْ يُنفِقُونَ﴿٣﴾ وَالَّذِينَ يُؤْمِنُونَ بِمَا أُنزِلَ إِلَيْكَ وَمَا أُنزِلَ مِن قَبْلِكَ وَبِالْآخِرَةِ هُمْ يُوقِنُونَ ﴿٤﴾ ) އަލްބަޤަރާ 1-4. މާނައީ: ” ا ل م (މިއަކުރުތަކުގެ މާނަ މޮޅަށް ދެނެވޮޑިގެންވަނީ ﷲ އެވެ). ﴿١﴾ މިއީ އެ ފޮތެވެ. އެ ފޮތާމެދަކު ޝައްކެއް ނެތެވެ. (މިފޮތަކީ) ތަޤުވާވެރިންނަށްހުރި ހިދާޔަތެކެވެ. ﴿٢﴾  އެއުރެންނީ، ޣައިބަށް އީމާންވާ، އަދި ނަމާދު ޤާއިމްކުރާ، އަދި ތިމަންރަސްކަލާނގެ އެއުރެންނަށް ދެއްވި ތަކެތިން ހޭދަކުރާ މީހުންނެވެ.  ﴿٣﴾ އަދި އެއުރެންނީ، ކަލޭގެފާނަށް ބާވައިލައްވާފައިވާ ފޮތަށާއި ކަލޭގެފާނުގެ ކުރިން ބާވައިލައްވާފައިވާ ފޮތްތަކަށް އީމާންވާ މީހުންނެވެ. އަދި އެއުރެންނީ، ހަމަ އާޚިރަތްދުވަހާ މެދުގައި ޔަޤީންކުރާ މީހުންނެވެ. ﴿٤﴾”  . އަދިވެސް ﷲ ތަޢާލާ ވަޙީކުރައްވާފައިވެއެވެ. ( وَلَـٰكِنَّ الْبِرَّ مَنْ آمَنَ بِاللَّـهِ وَالْيَوْمِ الْآخِرِ وَالْمَلَائِكَةِ وَالْكِتَابِ وَالنَّبِيِّينَ وَآتَى الْمَالَ عَلَىٰ حُبِّهِ ذَوِي الْقُرْبَىٰ وَالْيَتَامَىٰ وَالْمَسَاكِينَ وَابْنَ السَّبِيلِ وَالسَّائِلِينَ وَفِي الرِّقَابِ وَأَقَامَ الصَّلَاةَ وَآتَى الزَّكَاةَ وَالْمُوفُونَ بِعَهْدِهِمْ إِذَا عَاهَدُوا ۖ وَالصَّابِرِينَ فِي الْبَأْسَاءِ وَالضَّرَّاءِ وَحِينَ الْبَأْسِ ۗ أُولَـٰئِكَ الَّذِينَ صَدَقُوا ۖ وَأُولَـٰئِكَ هُمُ الْمُتَّقُونَ  ) އަލްބަޤަރާ 177. މާނައީ: ”  އެހެނެއް ކަމަކު، ހެޔޮކަންކުރާ މީހާއީ، ﷲ އަށާއި އާޚިރަތްދުވަހަށާއި މަލާއިކަތުންނަށާއި ފޮތަށާއި ނަބިއްޔުންނަށް އީމާންވި މީހާއެވެ. އަދި މުދަލުގެ މައްޗަށް ލޯބިހުރުމާއެކުވެސް، ގާތްތިމާގެ މީހުންނަށާއި ޔަތީމުންނަށާއި މިސްކީނުންނަށާއި ދަތުރުވެރިންނަށާއި އެހީޔަށްއެދި ސުވާލުކުރާ މީހުންނަށާއި އަޅުން މިނިވަންކުރުމުގައި މުދާ ހޭދަކުރި މީހާއެވެ. އަދި ނަމާދު ޤާއިމްކޮށް، ޒަކާތްދީއުޅޭ މީހާއެވެ. އަދި ޢަހްދެއް ކޮށްފިނަމަ އެއުރެންގެ ޢަހްދު ފުއްދާ މީހުންނެވެ. އަދި ތަދުމަޑުކަމާއި ބަލިމަޑުކަމާއި ހަނގުރާމައިގެ ވަގުތުގައި ކެތްކުރާ މީހުންނެވެ. ތެދުވެރިވި މީހުންނަކީ، އެއުރެންނެވެ. އަދި ތަޤުވާވެރިންނަކީވެސް ހަމަ އެއުރެންނެވެ. “.

އިބްނު އަލްޤައްޔިމް –ރަޙިމަހުﷲ- ވިދާޅުވެފައިވެއެވެ. އަދި ތަޤުވާވެރިކަން ދަންނައެވެ. ފަހެ އޭގެ ޙަޤީޤަތަކީ ﷲ ތަޢާލާއަށް ކިޔަމަންތެރިވުމުގައި އީމަންތެރިކަމާއި، ސަވާބާއި ދަރުމަޔަށް އެދި، އަމުރަށާއި ނަޙީތަކަށް ބޯލަނބާ ޙާލު ޢަމަލުކުރުމެވެ. އެހެންކަމުން ﷲ ތަޢާލާ ކުރެއްވި އަމުރުފުޅަށް އީމާންވެ އެއިލާހުގެ ވަޢުދުފުޅު ތެދުކުރާ ހާލު ތަޤުވާވެރިޔާ އެކަމެއް ކުރެއެވެ. އަދި އެއިލާހުގެ ނަހީފުޅަށް އީމާންވެ އެއިލާހުގެ ވާޢީދަށް ބިރުވެތިވެ އެއިލާހު ނަހީކުރެއްވިކަންތައް ކުރުމުން އޭނާ ދުރުހެލިވެއެވެ.

ޠަލްޤު އިބްނު ޙަބީބު –ރަޟިޔަﷲ ޢަންހު- ވިދާޅުވެފައިވެއެވެ. ” ފިތުނައެއް އުފެދިއްޖެނަމަ ތަޤުވާއިން އެފިތުނައެއް ނިވާލާށެވެ. ވިދާޅުވިއެވެ: އަދި ތަޤުވާއަކީ ކޮބައިތޯއެވެ؟ ވިދާޅުވިއެވެ: އެއީ ﷲ ތަޢާލާ ގެ ފަރާތްޕުޅުން ލިބޭ ނޫރެއްގެމަތީގައި އެއިލާހުގެ ފަރާތްޕުޅުން ސަވާބަށް އެދޭޙާލު އެއިލާހަށް ކިޔަމަންތެރިވުމުގެ ޢަމަލުތައް ކުރުމެވެ. އަދި ﷲ ތަޢާލާގެ ފަރާތްޕުޅުން ލިބޭ ނޫރެއްގެ މަތީގައި ﷲ ތަޢާލާއަށް އުރެދޭކަންތައްތައް، އެއިލާހުގެ ޢުޤޫބާތަށް ބިރުވެތިވާޙާލު ދޫކޮށްލުމެވެ. “

މަތީގައި ބަޔާންވެދިޔައީ ތަޤުވާގެ ތަޢުރީފުގައި ގެނެވޭ އެންމެ ރަނގަޅު ތަޢުރީފެވެ. އެހެނީ ފަހެ ހަމަކަށަވަރުން ކޮންމެ ޢަމަލެއްވެސް ފެށޭ ހިސާބަކާއި އެއިން ހާޞިލްވާންބޭނުންވާ ކަންތަކެއް އޮންނާނެއެވެ. އެހެންކަމުން އެއްވެސް ޢަމަލެއް އީމާންކަމާއި ނުލާ ކިޔަމަންތެރިކަމުގެ ތެރެއިންވެސް އަދި ކުއްތަންވުމުގެ ތެރެއިންވެސް ހިމެނިގެންނުވެއެވެ. ފަހެ ތަޤުވާވެރިޔާ އެޢަމަލެއް ކުރަންޖެހެނީ ޙަޤީޤީ އީމާންކަމުގެ މަތީގައެވެ. އާދަކާދައާއި ޘަޤާފަތުގެ ސަބަބުން އޭނާކުރާ ކަމަކަށް ވެގެންނުވާނެއެވެ. އަދި ބަޔެއްގެ ކިބައިން ޘަނާ ކިޔުވުމަށް ކުރާކަމަށް ވެގެންނުވާނެއެވެ. އަދި ޖާހަށް އެދި ކުރާކަމަށް ވެގެންނުވާނެއެވެ. ފަހެ އެހެނެއްކަމަކު އޭނާގެ އެ ޢަމަލުގެ ފެށުމަކީ ނުވަތަ އެޢަމަލުގެ އަސާސަކީ ޙަޤީޤީ އީމާންކަންކަމުގައިވުން ލާޒިމްވެގެންވެއެވެ. އަދި އެ ޢަމަލަކުން އޭނާ ޙަޞިލްކުރަންބޭނުންވާ ކަމަކީ ﷲ ތަޢާލާ ދެއްވާ ސަވާބާއި އެއިލާހުގެ ރުއްސެވުންކަމުގައި ވާންވާނެއެވެ. އެހެންކަމުން ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމަގެ ޙަދީޘްފުޅުތަކުގައި އީމާންކަމާއި، ޘަވާބާއި ދަރުމައަށް އެދުން ފަރަޤުކުރައްވައި ވަކިވަކިން ގެންނަވާފައިވާތަން ނަބަވީ އިރުޝާދުތަކުން ފެނިގެންދެއެވެ. އެކަލޭގެފާނު ޙަދީޘްކުރައްވާފައިވެއެވެ. ((مَنْ صَامَ رَمَضَانَ إِيمَانًا وَاحْتِسَابًا غُفِرَ لَهُ مَا تَقَدَّمَ مِنْ ذَنْبِهِ )) رواه البخاريމާނައީ: ” ރަމަޟާންމަހުގެ ރޯދައަށް ދެއްވާނެ ޘަވާބަށް އީމާންވެ، އަދި ދަރުމައަށް އެދޭޙާލު އެރޯދަތައް ހިފައިފިމީހާގެ ފާއިތުވެދިޔަ ފާފަތައް ފުއްސެވެއެވެ.” އަދިވެސް ޙަދީޘްކުރައްވާފައިވެއެވެ.((مَنْ قَامَ لَيْلَةَ الْقَدْرِ إِيمَانًا وَاحْتِسَابًا غُفِرَ لَهُ مَا تَقَدَّمَ مِنْ ذَنْبِهِ )) رواه البخاري މާނައީ: “ލައިލަތުލް ޤަދުރި ވިލޭރޭގެ އަޅުކަމަށް ދެއްވާނޭ ޘަވާބަށް އީމާންވެ، ދަރުމައަށްއެދި ރޭއަޅުކަންކޮށްފި މީހާގެ ފާއިތުވެދިޔަ ފާފަތައް ފުއްސެވެއެވެ.”

ދެންފަހެ މަތީގައިވާ ޠަލްޤު އިބްނު ޙަބީބު –ރަޟިޔަﷲޢަންހު-ގެ ބަސްފުޅުގައި “ﷲ ތަޢާލާގެ ފާރާތްޕުޅުން ލިބޭ ނޫރެއްގެ މަތީގައި” މިހެން އޮތް ބަފުޅުގެ މުރާދައަކީ އީމާން ކަމެވެ. އަދި ތަޤުވާގެ ތާޢުރީފުގައި އެކަލޭގެފާނު ގެންނަވާފައިވާ ދެވަނަ ޝަރުޠަކީ ސަވާބާއި ދަރުމައަށް އެދި އަޅުކަންކުރުމެވެ.

ނުނިމޭ
مصدر: ” التقوى , صفات أهلها و ثمراتها في الدنيا و الآخرة ” لفضيلة الشيخ الدكتور صالح بن إبراهيم بن صالح آل الشيخ

މިލިޔުމުގެ އިތުރު ބައިތައް ބެއްލެވުމަށް