[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

އަޅުތަކުންގެ މައްޗަށްވާ، ﷲތަޢާލާގެ ޙައްޤުތައް

عَنْ مُعَاذِ بْنِ جَبَلٍ قَالَ كُنْتُ رِدْفَ رَسُولِ اللَّهِ -صلى الله عليه وسلم- عَلَى حِمَارٍ يُقَالُ لَهُ عُفَيْرٌ فَقَالَ: يَا مُعَاذُ تَدْرِى مَا حَقُّ اللَّهِ عَلَى الْعِبَادِ وَمَا حَقُّ الْعِبَادِ عَلَى اللَّهِ ؟. قَالَ: قُلْتُ اللَّهُ وَرَسُولُهُ أَعْلَمُ. قَالَ : فَإِنَّ حَقَّ اللَّهِ عَلَى الْعِبَادِ أَنْ يَعْبُدُوا اللَّهَ وَلاَ يُشْرِكُوا بِهِ شَيْئًا وَحَقُّ الْعِبَادِ عَلَى اللَّهِ عَزَّ وَجَلَّ أَنْ لاَ يُعَذِّبَ مَنْ لاَ يُشْرِكُ بِهِ شَيْئًا. قَالَ: قُلْتُ يَا رَسُولَ اللَّهِ أَفَلاَ أُبَشِّرُ النَّاسَ؟ قَالَ : لاَ تُبَشِّرْهُمْ فَيَتَّكِلُوا. (رواه مسلم)

ޙަދީޘުގެ މާނަ

މުޢާޛު ބިން ޖަބަލް ރަޟިޔަﷲ ޢަންހުގެ އަރިހުން ރިވާގެންވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމަގެ ފަހަތްޕުޅަށް، ޢުފައިރު ނަމަކަށް ކިޔާ ޙިމާރަކަށް ސަވާރުވެ ލައްވައިގެން ތިމަންކަލޭގެފާނު ހުންނެވީމެވެ. ދެންފަހެ އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. އޭ މުޢާޛެވެ. އަޅުތަކުންގެ މައްޗަށްވާ ﷲތަޢާލާގެ ޙައްޤަކީ ކޮބައިކަމާއި، އެއިލާހުގެ މައްޗަށްވާ އަޅުތަކުންގެ ހައްޤަކީ ކޮބައިކަން ކަލޭގެފާނަށް އެނގިލައްވާތޯއެވެ؟ އެކަލޭގެފާނު ވިދާޅުވިއެވެ. ތިމަންކަލޭގެފާނު ދެންނެވީމެވެ. އެންމެ މޮޅަށް ދެނެވޮޑިގެންވަނީ ﷲއެވެ. އަދި އެއިލާހުގެ ރަސޫލާއެވެ. ޙަދީޘްކުރެއްވިއެވެ. ފަހެ ހަމަކަށަވަރުން، އަޅުތަކުންގެ މައްޗަށްވާ ﷲތަޢާލާގެ ޙައްޤަކީ، އެއިލާހަށް އަޅުކަންކުރުމާއި، އެއިލާހާއި އެއްވެސް އެއްޗެއް ޝަރީކު ނުކުރުމެވެ. އަދި ﷲތަޢާލާގެ މައްޗަށްވާ އަޅުތަކުންގެ ޙައްޤަކީ، އެއިލާހާއި އެއްވެސް އެއްޗެއް ޝަރީކު ނުކުރާ އަޅުންނަށް ޢަޛާބު ނުދެއްވުމެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. ތިމަންކަލޭގެފާނު ދެންނެވީމެވެ. އޭ ﷲގެ ރަސޫލާއެވެ. ތިމަންކަލޭގެފާނު، މީސްތަކުންނަށް (ތިޔަ) އުފާވެރި ޚަބަރު ދެއްވަމުތޯއެވެ؟ ޙަދީޘްކުރެއްވިއެވެ. އެކަމުގެ ޚަބަރު ނުދެއްވާށެވެ. ފަހެ އެކަމަށް ބަރޯސާވެ، އެބައިމީހުން ޢަމަލުކުރުން ދޫކޮށްފާނެތެވެ.

ޙަދީޘް ރިވާކުރެއްވި ޞަޙާބީ

މި ޙަދީޘް ރިވާކުރައްވާފައިވަނީ ޚަޒްރަޖުވަންހައިގެ، އައުސްގެ ދަރިކަލުން ޢަމްރުގެ ދަރިކަލުން ޖަބަލުގެ ދަރިކަލުން، އަބޫ ޢަބްދިއްރަހްމާން މުއާޛު ރަޟިޔަﷲ ޢަންހުއެވެ. އެކަލޭގެފާނަކީ އަންޞާރީ ބޭކަލުންގެ ތެރެއިން މަޝްހޫރު ޞަޙާބީ ބޭކަލެކެވެ. ބަދުރު ހަނގުރާމައާއި، އޭގެފަހުން ކުރެވުނު ހަނގުރާމަތަކުގައިވެސް ބައިވެރިވެލެއްވިއެވެ. އެކަލޭގެފާނަކީ ދީނުގެ ޙުކުމްތަކާއި، ޤުރުއާން އެންމެ ރަގަޅަށް ދެނެލައްވާ ޢިލްމުވެރި ޞަޙާބީ ބޭކަލުންގެ ތެރެއިން ބޭކަލެކެވެ. އެކަލޭގެފާނު އަވަހާރަވެވަޑައިގެންނެވީ، ހިޖުރައިން 18ވަނަ އަހަރު، ޝާމުކަރައިގައި، ޠާޢޫން ޖެހިވަޑައިގެންނެވެ.

ޙަދީޘުގެ ތަފްޞީލީ މާނަ

މި ޙަދީޘުގައި، ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމަ ބަޔާންކޮށްދެއްވާފައިވަނީ، ﷲތަޢާލާ އެންމެހައި މަޚުލޫޤުންތައް ޚަލްޤުކުރެއްވި މަޤްޞަދެވެ. އެއީ ހަމައެކަނި އެއިލާހަށް އަޅުކަންތައް ޚާލިޞްކުރުމެވެ. ފަހެ ހަމަކަށަވަރުން ބޮޑުވެގެންވާ މި ޙައްޤު، އެންމެހައި ނިޢުމަތްތައް ދެއްވަވާ ޚާލިޤުވަންތަ އިލާހަށް މެނުވީ އަދާ ކުރުން ހުއްދަވެގެންނުވެއެވެ.

އަޅުތަކުން އެބައިމީހުންގެ ވެރިއިލާހަށް އަދާކުރަންޖެހޭ ޙައްޤު އަދާކުރާކަމުގައިވާނަމަ، އެއިލާހުގެ ޙަޟްރަތުން އެބައިމީހުންނަށް ވަނީ ކޮން ކަންތަކެއްކަންވެސް މި ޙަދީޘުގައި، ނަބިއްޔާ ޞައްލަﷲ ޢަލައިހިވަސައްލަމަ ވަނީ ބަޔާންކުރައްވާފައެވެ. އެއީ އެބައިމީހުން ނަރަކައިގެ ވޭންދެނިވި ޢަޛާބުން މިންޖުކުރައްވައި، ސުވަރުގެ ވެއްދެވުމެވެ.

މިއީ މުއުމިނުން އުފާވާނޭ، އެބައިމީހުންނަށް ހިތްހަމަޖެހުން ގެނެސްދޭނޭ ޚަބަރެއް ކަމުގައިވާތީ، އެބައިމީހުންނަށް މިއުފާވެރި ޚަބަރު ދެއްވުމުގެ އިޛުނައަށް، މުޢާޛު ރަޟިޔަﷲ ޢަންހު އެދިލެއްވިއެވެ. ނަމަވެސް ނަބިއްޔާ ޞައްލަﷲ ޢަލައިހިވަސައްލަމަ އެކަން މަނާކުރެއްވީ ބޮޑުވެގެންވާ މަޞްލަޙަތަކަށްޓަކައެވެ. އެއީ، ހެޔޮޢަމަލުކުރުމުގައި އެކަކު އަނެކަކަށް ވާދަކޮށް، ﷲއަށް ކުއްތަންވެ، މަތިވެރިވެގެންވާ ދަރަޖަތައް ޙާޞިލުކުރާ ބައެއްކަމުގައި، އެކަލޭގެފާނުގެ އުއްމަތުގެ އަހުލުވެރިން ވެގެންދިއުމަށް އެކަލޭގެފާނު ލޯބިކުރައްވާތީއެވެ. މިޚަބަރު އެބައިމީހުންނަށް ދެއްވައިފިނަމަ، ޝައިޠާނާގެ ވަސްވާހުގައި ޖެހި، މި ވަޢުދަށް ބަރޯސާވެ، ހެޔޮޢަމަލުކުރުމުގައި ފަރުވާކުޑަކުރެވުމުގެ ސަބަބުން، މަތިވެރިވެގެންވާ ދަރަޖަތަކުން އުއްމަތުގެ އަހުލުވެރިން މަޙުރޫމް ވެދާނެތީއެވެ.

މިޙަދީޘުން ލިބޭ ބައެއް ފައިދާތައް

1-އުނގަންނަވައި ދެއްވުމުގައި ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމަ ގެންގުޅުއްވާ ޙިކުމަތްތެރި އުސްލޫބް. މަޢުލޫމާތު ދެއްވުމުގެ ކުރިން، އެއާއި ބެހޭގޮތުން ސުވާލުކުރެއްވުމުން އެމަޢުލޫމާތު ހިތުގައި ހަރުލުން ފަސޭހަވެގެން ދިއުން.

2-ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމަގެ ތަވާޟުޢުވެރިކަން. އެކަލޭގެފާނާއެކު، ޙިމާރަށް ސަވާރުވުމަށް ޞަޙާބީ ބޭކަލުންނަށް ފުރުސަތު ދެއްވުމުން މިކަން ދޭހަވެގެންދެއެވެ.

3-އަޅުތަކުން އެބައިމީހުންގެ ވެރިއިލާހަށް އަދާކުރަންޖެހޭ އެންމެބޮޑު ޙައްޤަކީ އަޅުކަންކުރުމުގައި އެއިލާހު އެއްކައުވަންތަކުރުން ކަން.

4-ﷲތަޢާލާގެ ރަޙުމަތާއި ފަޟްލަވަންތަކަމުން، އެއިލާހަށް އަދާކުރަންޖެހޭ ޙައްޤަށް ފަރުވާތެރިވާ އަޅުންނަށް އެންމެ ހެޔޮވެގެންވާ ޖަޒާދެއްވާކަން.

5-މީސްތަކުން އުފާވާފަދަ ޚަބަރުތައް، އެބައިމީހުންނަށް ދިނުމަކީ މުސްތަޙައްބު ކަމެއްކަން.

6-ﷲތަޢާލާގެ ތަނަވަސްވެގެންވާ ރަޙުމަތަށް ބަރޯސާވެ، ހެޔޮޢަމަލުކުރުން ދޫކުރުމަކީ ބިރުވެރި ކަމެއްކަން.