[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ޤުރުއާނާއި، ސުންނަތާއި، ހަތަރު ޚަލީފާއިންގެ ގޮތުގައި ހިފަހައްޓާށެވެ.

قَالَ عِرْبَاضٌ صَلَّى بِنَا رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ الصُّبْحَ ذَاتَ يَوْمٍ ثُمَّ أَقْبَلَ عَلَيْنَا فَوَعَظَنَا مَوْعِظَةً بَلِيغَةً ذَرَفَتْ مِنْهَا الْعُيُونُ وَوَجِلَتْ مِنْهَا الْقُلُوبُ فَقَالَ قَائِلٌ يَا رَسُولَ اللَّهِ كَأَنَّ هَذِهِ مَوْعِظَةُ مُوَدِّعٍ فَمَاذَا تَعْهَدُ إِلَيْنَا فَقَالَ أُوصِيكُمْ بِتَقْوَى اللَّهِ وَالسَّمْعِ وَالطَّاعَةِ وَإِنْ كَانَ عَبْدًا حَبَشِيًّا فَإِنَّهُ مَنْ يَعِشْ مِنْكُمْ بَعْدِي فَسَيَرَى اخْتِلَافًا كَثِيرًا فَعَلَيْكُمْ بِسُنَّتِي وَسُنَّةِ الْخُلَفَاءِ الرَّاشِدِينَ الْمَهْدِيِّينَ فَتَمَسَّكُوا بِهَا وَعَضُّوا عَلَيْهَا بِالنَّوَاجِذِ وَإِيَّاكُمْ وَمُحْدَثَاتِ الْأُمُورِ فَإِنَّ كُلَّ مُحْدَثَةٍ بِدْعَةٌ وَكُلَّ بِدْعَةٍ ضَلَالَةٌ (صحيح، رواه أحمد)

ޙަދީޘުގެ މާނަ

ޢިރުބާޟު ރަޟިޔަﷲ ޢަންހު ވިދާޅުވިއެވެ. އެއްދުވަހަކު، ތިމަންބޭކަލުންނާއިގެން ފަތިސްނަމާދު ކުރެއްވުމަށްފަހު، ތިމަންބޭކަލުންނަށް ކުރިމަތިލައްވައި، ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމަ، ބަލާޣާތްތެރި، ލޯތަކުން ކަރުނަ އޮހޮރުވާލި، ހިތްތަކަށް މަޑުމޮޅިކަން ގެނެސްދިން ވަޢުޡު ނަޞޭޙަތެއް ދެއްވިއެވެ. ދެންފަހެ އެތަނުން ބޭކަލަކު ވިދާޅުވިއެވެ. އޭ ﷲގެ ރަސޫލާއެވެ. ތިޔައީ އަލްވަދާޢު ކިޔަން އުޅޭ މީހެއްގެ ވަޢުޡު ނަޞޭޙަތެއް ކަހަލައެވެ. ފަހެ، ކަލޭގެފާނު ތިމަންބޭކަލުންނަށް ވަޞިއްޔަތް ކުރައްވަނީ ކޮންކަމަކަށްތޯއެވެ. ދެންފަހެ، ރަސޫލާ ޞައްލަﷲ ޢަލައިހިވަސައްލަމަ ޙަދީޘްކުރެއްވިއެވެ. ﷲއަށް ބިރުވެތިވެ ތަޤުވާވެރިވުމަށާއި، (ވެރިމީހާއަކީ) ޙަބަޝީ އަޅެއް ކަމުގައިވިއަސް (އޭނާއަށް) އަޑުއަހައި ކިޔަމަންވުމަށް ތިމަންކަލޭގެފާނު ތިޔަބައިމީހުންނަށް ވަޞިއްޔަތް ކުރައްވަމެވެ. ފަހެ ހަމަކަށަވަރުން، ތިމަންކަލޭގެފާނަށްފަހު ދިރިތިބޭ ބަޔަކަށް، ގިނަ ޚިލާފުތަކެއް ފެންނާނެތެވެ. ފަހެ (އެވަގުތުގައި) ތިމަންކަލޭގެފާނުގެ ސުންނަތާއި، ތެދުމަގު ލިބިވަޑައިގެން ތިއްބެވި ޚަލީފާވެރި ބޭކަލުންގެ ގޮތުގައި ތިޔަބައިމީހުންގެ ކޮލުދަތްތަކުން ހިފަހައްޓާށެވެ. އަދި އަލަށް އުފެއްދޭ ކަންތައްތަކުން ދުރުހެލިވާށެވެ. ފަހެ ހަމަކަށަވަރުން ކޮންމެ އާކަމަކީ ބިދުޢައެކެވެ. އަދި ކޮންމެ ބިދުޢައަކީ މަގުފުރެދުމެކެވެ.

ޙަދީޘް ރިވާކުރެއްވި ޞަޙާބީ

މި ޙަދީޘް ރިވާކުރެއްވީ ސުލައިމު ވަންއަހިގެ ސާރިޔާގެ ދަރިކަލުން އަބޫނަޖީޙު ޢިރުބާޟު ރަޟިޔަﷲ ޢަންހުއެވެ. އެކަލޭގެފާނު އަވަހާރަވެވަޑައިގެންނެވީ ހިޖުރައިން 75 ވަނަ އަހަރުގައެވެ.

ޙަދީޘުގެ ތަފްޞީލީ މާނަ

މި ޙަދީޘަކީ ޖާމިޢު އިރުޝާދުތަކެއް ވާރިދުވެފައިވާ، ދީނުގެ އަޞްލެއްގެ ގޮތުގައި ބެލެވޭ ޙަދީޘެކެވެ. ރަސޫލާ ޞައްލަﷲ ޢަލައިހިވަސައްލަމަގެ މި ބޮޑުވެގެންވާ ވަޢުޡު ނަޞޭޙަތުގައި، އިރުޝާދުދެވިފައިވަނީ ވަރަށް މުހިންމު ކަމަކަށެވެ. މިއަށް ތަބަޢަވެގެން މެނުވީ، ދީނާއި ދުނިޔޭގެ ކަންތައްވެސް އިޞްލާހުގެ މަގުން ނުގެންދެވޭނެއެވެ. އަދި ދިމާވާ މައްސަލަތަކަށް ޙައްލެއްވެސް ނުގެނެވޭނެއެވެ.

ފަހެ، ﷲއަށް ބިރުވެތިވެ އެއިލާހަށް ތަޤުވާވެރިވެގެން މެނުވީ ދީނަށް ތަބަޢާވާކަމުގައި ނުވާނެއެވެ. އެހެނީ ތަޤުވާވެރިވުމަކީ، ﷲގެ އަމުރުފުޅުތަކަށް ބޯލަނބައި ކިޔަމަންގަނެ، އެއިލާހު ނަހީކުރައްވާފައިވާ ކަންތަކުން ދުރުހެލިވުމެވެ.

ޤުރުއާނާއި ސުންނަތުގެ އަލީގައި، އެބައިމީހުންގެ ކަންތައް ކުރިޔަށް ގެންދާ، ﷲގެ ޝަރީޢަތް އެމީހުންގެ ތެރޭގައި ތަންފީޛުކޮށް، އެމީހުންގެ ޞަފުތައް ރާވައި އެއްބައިވަންތަކޮށް، ﷲގެ ކަލިމަފުޅު މަތިވެރިކުރުމަށްޓަކައި އެމީހުންގެ ތެރޭގައި ޖިހާދުގެ ދިދަ އުފުލާ ވެރިއަކަށް އަޑުއަހައި ކިޔަމަންވެގެން މެނުވީ، އެމީހުންގެ ދީނާއި ދުނިޔޭގެ ކަންތައްވެސް ރަނގަޅުގޮތުގައި ގާއިމުވެގެން ނުދާނެއެވެ. ﷲގެ ޙުކުމްފުޅުތައް ޤާއިމުކޮށް، އެއިލާހުގެ އަމުރުފުޅުތަކަށް ބޯލަނބާހާ ހިނދަކު، އޭނައަށް ކިޔަމަންތެރިވާންޖެހޭނެއެވެ.

މުސްލިމުންގެ މެދުގައި، ޞުލްޙަމަސަލަސް ކަމާއި، އެއްބައިވަންތަކަން ދަމަހައްޓައި، އެބައިމީހުންގެ ފުރާނަ ރައްކާތެރި ކުރުމަށްޓަކައި، ވެރިމީހާ އަކީ ފާފަތަކަށް އަރައިގަންނަ މީހަކު ކަމުގައިވިއަސް، ކާފިރުވެ ދީނުން ބޭރު ނުވާހާހިނދަކު، އޭނައަށް ތަބަޢަވުމަށް އިސްލާމްދީން އަމުރުކުރެއެވެ.

ހަމައެހެންމެ، ދެބަސްވެ، ޚިޔާލު ތަފާތުވެ، ޙައްޤުން އެއްކިބާވާމީހުންގެ ތެރެއިން ނުވެ، ނަބިއްޔާ ޞައްލަﷲ ޢަލައިހިވަސައްލަމައާއި، ޚުލަފާއުއް ރާޝިދޫންގެ މަންހަޖުގައި ހިފަހައްޓަން މިޙަދީޘުގައި އެކަލޭގެފާނު ވަޞިއްޔަތް ކުރައްވާފައިވެއެވެ. މި ވަޞިއްޔަތުގައި ފުރިހަމަ ގޮތުގައި ހިފަހައްޓައިފި ބަޔަކު މަގުފުރެދިގެން ނުދާނެއެވެ.

އަދި ދީނުގެ ތެރެއަށް އަލަށް ވެއްދޭ ކަންތައްތަކަކީ ބިދުޢަތަށް ކަމާއި، އެއީ ކަނޑައެޅި ބަޔާންވެގެންވާ މަގުފުރެދުމެއްކަންވެސް މި ޙަދީޘުން އެނގިގެންދެއެވެ. އެފޮތެއްގެ ކުރިމަތިންވެސް، އަދި ފަހަތުންވެސް ބާޠިލެއް ނައަންނާނޭ ޞައްޙަފޮތް ކީރިތިޤުރުއާނާއި، އެޤުރުއާނުގެ ޝަރަޙަ ކަމުގައިވާ، ނަބިއްޔާ ޞައްލަﷲ ޢަލައިހިވަސައްލަމަގެ ސުންނަތާއި، އެސުންނަތަށް ތަބަޢަވުމުގައި ނަމޫނާ ދައްކަވާފައިވާ ސަލަފުންގެ މަގު އެނގުމަށް ފަހު، އާކަންތައްތަކެއް އުފައްދައި ބިދުޢަހެދުމުގެ ޖާގައެއް ނެތެވެ. ނަމަވެސް ހިތާމައަކީ މިއުންމަތުގެ އެތައް ބަޔަކު މިއަށް ފުރަގަސްދީ، ފުރިހަމަވެފައިވާ މިދީނުގެ ތެރެއަށް އާކަންތައްތަކެއް ވައްދަން އުޅުމެވެ. ނަމަވެސް ފުރިފައިވާ ތަށްޓަކަށް އިތުރަށް ފެން އަޅާނީ ކޮންފަދައަކުންތޯއެވެ!.

މިޙަދީޘުން ލިބޭ ބައެއް ފައިދާތައް

1-މުސްލިމުންނަށް ވަޢުޡު ނަޞޭޙަތް ދިނުމަކީ ކުރަންޖެހޭ ކަމެއްކަން.

2-ވަޢުޡު ނަޞޭޙަތުގައި ތަޤުވާވެރިވުމަށް ވަޞިއްޔަތް ކުރުމުގެ މުހިންމުކަން.

3-ނަބިއްޔާ ޞައްލަﷲ ޢަލައިހިވަސައްލަމަ ޚަބަރު ދެއްވި ފަދައިން، ބޮޑެތި ޚިލާފުތަކާއި ފިތުނަތަށް ފާޅުވެ، އެކަލޭގެފާނުގެ ނަބީކަމުގެ ތެދުކަން އިތުރަށް ފާޅުވުން.

4-ދީނުގެ ކަންތައްތަކުގައި ދެބަސްވުމުން ދުރުވާން ޖެހޭކަން.

5-ނަބިއްޔާ ޞައްލަﷲ ޢަލައިހިވަސައްލަމަ އާއި، ޚުލަފާއުއްރާޝިދޫންގެ ގޮތަށް ރުޖޫޢަވާން ޖެހޭކަން.

6-ބިދުޢަތަކާޢި ޚުރާފާތްތަކުން ދުރުހެލިވާން ޖެހޭކަން.

7-އިސްތިސްނާއެއް ނެތި ހުރިހާ ބިދުޢައަކީވެސް މަގުފުރެދުމެއްކަން.