[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ތަވްޙީދު ފިލާވަޅު 13 (ކިތާބުއް ތަވްޙީދުގެ ޝަރަޙަ)

قَالَ اللَّهُ تَعَالَى: قُلْ تَعَالَوْا أَتْلُ مَا حَرَّمَ رَبُّكُمْ عَلَيْكُمْ أَلا تُشْرِكُوا بِهِ شَيْئًا وَبِالْوَالِدَيْنِ إِحْسَانًا وَلا تَقْتُلُوا أَوْلادَكُمْ مِنْ إِمْلاقٍ نَحْنُ نَرْزُقُكُمْ وَإِيَّاهُمْ وَلا تَقْرَبُوا الْفَوَاحِشَ مَا ظَهَرَ مِنْهَا وَمَا بَطَنَ وَلا تَقْتُلُوا النَّفْسَ الَّتِي حَرَّمَ اللَّهُ إِلا بِالْحَقِّ ذَلِكُمْ وَصَّاكُمْ بِهِ لَعَلَّكُمْ تَعْقِلُونَ
(الأنعام: ١٥١)
ކަލޭގެފާނު ވިދާޅުވާށެވެ! ތިޔަބައިމީހުން އަންނާށެވެ! ތިޔަބައިމީހުންގެ މައްޗަށް، ތިޔަބައިމީހުންގެ ވެރިރައްބު ޙަރާމްކުރެއްވި ކަންތައް ކިޔައިދެއްވާ ހުށީމެވެ. ތިޔަބައިމީހުން، އެއިލާހާއި އެއްވެސް އެއްޗެއް ބައިވެރިކޮށް ޝަރީކު ނުކުރާށެވެ! އަދި މައިންބަފައިންނަށް ހެޔޮކޮށް ހިތާށެވެ! އަދި ފަޤީރުކަމުގެ ސަބަބުން ތިޔަބައިމީހުން ދަރިން ނުމަރާށެވެ! ތިޔަބައިމީހުންނަށާއި، އެ ދަރިންނަށް ރިޒުޤުދެއްވަނީ، ތިމަންއިލާހެވެ. އަދި ފާޙިޝްކަންތައްތަކާ ތިޔަބައިމީހުން ކައިރި ނުވާށެވެ! އޭގެތެރެއިން ފާޅުވެގެންވާ ކަންތަކާއި، ވަންހަނާ ވެގެންވާ ކަންތަކެވެ. އަދި ﷲ ޙުރުމަތްތެރި ކުރައްވާފައިވާ ނަފްސެއް، ޙައްޤަކާ ނުލައި ނުމަރާށެވެ! އެކަންތައްތަކާމެދު، އެއިލާހު ތިޔަބައިމީހުންނަށް ވަޞިއްޔަތް ކުރެއްވީ، ތިޔަބައިމީހުން ވިސްނުމަށްޓަކައެވެ.

___________________________________

ޝަރަޙަ

(وَلا تَقْتُلُوا النَّفْسَ الَّتِي حَرَّمَ اللَّهُ إِلا بِالْحَقِّ): އަދި ﷲ ޙުރުމަތްތެރި ކުރައްވާފައިވާ ނަފްސެއް، ޙައްޤަކާ ނުލައި ނުމަރާށެވެ!

ﷲ ޙުރުމަތްތެރިކުރައްވާފައިވާ ނަފްސަކީ، މުސްލިމުންނާއި، ކާފިރުންގެ ތެރެއިން އެމީހުންނާއި (ހަނގުރާމަ ނުކުރުމަށް) މުޢާހަދާއެއް ކުރެވިފައިވާ މީހުންނާއި، މުސްލިމުންނަށް ޖިޒުޔަދޭ ޛިއްމީންނާއި، މުސްލިމުންގެ ހިމާޔަތް ލިބިފައިވާ މުސްތައުމަނުންނެވެ. މުސްލިމުންގެ ޙިމާޔަތުގައި އެޤައުމުތަކަށް ޒިޔާރަތްކުރާ ކާފަރުންނަށް ހަމަލާދިނުމަކީ އިސްލާމްދީނުގައި ހުއްދަކަމެއް ނޫނެވެ. އެމީހުންނަށް ހަމަލާދީ، އެމީހުން ޤަތުލުކުރެވޭނީ، ޤަތުލުކުރުން ޙައްޤުވާފަދަ ކަމަކަށް އެމީހުންވެސް އަރައިގެންފިނަމައެވެ. އެހެންކަމުން ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމަ ޙަދީޘްކުރައްވާފައިވެއެވެ. مَنْ قَتَلَ مُعَاهَدًا لَمْ يَرِحْ رَائِحَةَ الْجَنَّةِ (رواه البخاري) “މުޢާހަދަކު މަރައިފިމީހަކަށް ސުވަރުގޭގެ ވަސްވެސް ނުލިބޭހުއްޓެވެ.”

ﷲ ޙުރުމަތްތެރި ކުރައްވާފައިވާ ނަފްސެއް ޤަތުލުކުރުން ޙައްޤުވާނީ މައިގަނޑު 3 ކަމަކުންނެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމަ ޙަދީޘްކުރައްވާފައިވެއެވެ. لاَ يَحِلُّ دَمُ امْرِئٍ مُسْلِمٍ يَشْهَدُ أَنْ لاَ إِلَهَ إِلاَّ اللَّهُ وَأَنِّى رَسُولُ اللَّهِ إِلاَّ بِإِحْدَى ثَلاَثٍ الثَّيِّبُ الزَّانِي وَالنَّفْسُ بِالنَّفْسِ وَالتَّارِكُ لِدِينِهِ الْمُفَارِقُ لِلْجَمَاعَةِ (متفق عليه) “ﷲތަޢާލާ ފިޔަވައި ޙައްޤުގޮތުގައި އަޅުކަންވެވޭ އިލާހެއް ނުވާކަމަށާއި، ތިމަންކަލޭގެފާނަކީ އެއިލާހުގެ ރަސޫލާކަމަށް ހެކިވާ މުސްލިމެއްގެ ލޭ 3 ކަމެއްގެ ތެރެއިން ކަމަކުން މެނުވީ ހުއްދަ ނުވާހުއްޓެވެ. ޝަރުޢީ ކައިވެންޏަކުން ކައިވެނިކޮށްފައިވާ މުޙްޞަން ޒިނޭކުރާމިހާއާއި، ނަފްސަކަށް ނަފްސެއްގެ ގޮތުންނާއި (ހުރުމަތްތެރިކުރައްވާފައިވާ ނަފްސެއް ޙައްޤަކާނުލައި މަރާމީހާއާއި)، ޖަމާޢާތުންވަކިވެ އިސްލާމްދީންދޫކޮށް މުރުތައްދުވާ މީހާއެވެ.” އަދި މީގެ އިތުރުން ބިންމަތީގައި ފަސާދަކުރުމާއި، މަގުފޭރުންފަދަ ކަމެއްގެ ސަބަބުންވެސް ޤަތުލުކުރެވިދާނެކަން އެހެން ދަލީލުތަކުން ޘާބިތުވެއެވެ.

ޙައްޤަކާނުލައި ﷲޙުރުމަތްތެރި ކުރައްވާފައިވާ ނަފްސެއް މެރުމީ މުއުމިނުންގެ ޞިފައެއް ނޫނެވެ. އަދިކިއެއް! އެއީ ނަރަކައިގެ އަހުލުވެރިންގެ ޞިފައެކެވެ. ﷲތަޢާލާ ވަޙީކުރައްވާފައިވެއެވެ.  وَالَّذِينَ لا يَدْعُونَ مَعَ اللَّهِ إِلَهًا آخَرَ وَلا يَقْتُلُونَ النَّفْسَ الَّتِي حَرَّمَ اللَّهُ إِلا بِالْحَقِّ وَلا يَزْنُونَ وَمَنْ يَفْعَلْ ذَلِكَ يَلْقَ أَثَامًا (الفرقان: ٦٨) ” އެބައިމީހުންނީ (މުއުމިނުންނީ) ﷲއާއެކު އެހެން އިލާހަކަށް ދުޢާކޮށް އަޅުކަންކޮށް ނަހަދާމީހުންނެވެ. އަދި ﷲ ޙުރުމަތްތެރި ކުރައްވާފައިވާ ނަފްސެއް، ޙައްޤުގޮތުންނޫނީ، ނުމަރާ މީހުންނެވެ. އަދި ޒިނޭނުކުރާ މީހުންނެވެ. އެއިން ކަމެއްކޮށްފިމީހާ (އެކަމުގެ) ޢުޤޫބާތާ ބައްދަލުކުރާނެތެވެ.” އެހެން އާޔަތެއްގައި ﷲތަޢާލާ ވަޙީކުރައްވާފައިވެއެވެ.  وَمَنْ يَقْتُلْ مُؤْمِنًا مُتَعَمِّدًا فَجَزَاؤُهُ جَهَنَّمُ خَالِدًا فِيهَا وَغَضِبَ اللَّهُ عَلَيْهِ وَلَعَنَهُ وَأَعَدَّ لَهُ عَذَابًا عَظِيمًا (النساء: ٩٣) “އަދި، ޤަޞްދުގައި މުއުމިނަކު މަރާމީހާ (ދަންނާށެވެ!) ފަހެ، އެމީހާގެ ޖަޒާއަކީ ނަރަކަޔެވެ. އެތާނގައި ދެމިހުންނަނިވި ގޮތުގައެވެ. އަދި، ﷲ، އެމީހާގެ މައްޗަށް ކޯފާލައްވައި ލަޢުނަތްލެއްވިއެވެ. އަދި، ބޮޑުވެގެންވާ ޢަޛާބު އެމީހާއަށް ތައްޔާރު ކުރެއްވިއެވެ. “

(ذَلِكُمْ وَصَّاكُمْ بِهِ لَعَلَّكُمْ تَعْقِلُونَ): އެކަންތައްތަކާމެދު، އެއިލާހު ތިޔަބައިމީހުންނަށް ވަޞިއްޔަތް ކުރެއްވީ، ތިޔަބައިމީހުން ވިސްނުމަށްޓަކައެވެ.

ވަޞިއްޔަތް ކުރެއްވުމުގެ މުރާދަކީ، އެކަމަށް ބާރުއަޅުއްވައި އަމުރުކުރެއްވުމެވެ.

تَعْقِلُونَ ގެ މާނައަކީ ވިސްނައިފިކުރުކޮށް ހުއްދަނޫން ކަންތައްތަކުން ދުރުހެލިވުމެވެ. ޢަޤްލަށް (ބުއްދިއަށް) ޢަޤްލޭ ކިޔުނީވެސް އެކަށީގެންނުވާ ކަންތަކުން އިންސާނާ ދުރުކުރާތީއެވެ. ޖަމަލު ގެއްލިގެންދިޔުމުން ސަލާމަތްކުރުމަށްޓަކައި އޭތި ބަނުމަށް ބޭނުންކުރެވޭ ފަށަށް ޢިޤާލް އޭ ކިޔާފަދައިންނެވެ.

އަންނަނިވި ސުވާލުތަކަށް ޖަވާބުދޭށެވެ!

1-ﷲ ޙުރުމަތްތެރި ކުރައްވާފައިވާ ނަފްސުތަކަކީ ކޮބާ؟

2-ޙައްޤަކާ ނުލައި މެރުމޭ ބުނެވޭ ބަހުގެ މުރާދަކީ ކޮބާ؟ އަދި މެރުން ހުއްދަވާނެ ކަންތައްތަކަކީ ކޮބާ؟

3-ބުއްދިއަށް އަޤުލް އޭ ކިޔުނީ ކީއްވެ؟

-ނުނިމޭ-

__________________________________________

ކުރީގެ ބައިތައް