[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ކާއިނާތުގައި އަހަރެން ކުރި ދަތުރު

އަހަރެންނާއި އެކީ ދަތުރެއް ކޮށްލަން ތިޔަ ކިޔުންތެރިޔާއަށް ދަޢުވަތު އަރުވަމެވެ. މުޅި ދަތުރު އަހަރެމެން ހުއްޓައިނުލައި ކުރިޔަށް ދާނީ، އަލި ދަތުރުކުރާ  ހަލުވި ބާރު މިނުގައެވެ. އެއީ ސިކުންތަކު 299,792,458 (29.9 މިލިއަން) މީޓަރު ބާރު މިނުގައެވެ. ނުވަތަ ގަޑިއަކު 1,079,252,484 (1.08 ބިލިއަން) ކިލޯމީޓަރު ބާރުމިނުގައެވެ. ދަތުރު ފެށުމަށް ހަމަޖެހިފައި ވަނީ ދުނިޔެއަކުންނޫނެވެ. އިރުންނެވެ. އަހަރެމެންގެ ދަތުރު އިރުން ފެށުމަށް ހަމަޖެހިފައިވާތީ އާއި ދަތުރަކީ ދުނިޔެއިން ބޭރުގައި ކުރެވޭ ދަތުރަކަށްވާތީއާއި އަދި ދަތުރު މިކުރަނީ މިހާރު ސައިންޓިސްޓުންނަށް ހޯދިފައިވާ ކާއިނާތުގެ ބޭރު ކައިރިޔަށް ކަމުގައިވާތީ، ދަތުރުގެ ހުރިހާ ވަގުތެއްގައިވެސް ސަމާލުވެ އިނުމަށް ކިޔުންތެރިޔާއަށް ނަސޭހަތްތެރިވަމެވެ. އަހަރެމެންގެ ޚިޔާލީ ދަތުރު މިފަށަނީ ޖެނުއަރީ 1 ވަނަ ދުވަހުއެވެ. ގަޑިން މެންދަމު 12 ޖެހީއެވެ. ދަތުރުގެ އެންމެހާ ބައިވެރިންނަށް ބާއްޖަވެރި ދަތުރަކަށް އެދެމުން އަހަރެމެންގެ ދަތުރު ފެށީމެވެ.

އިރާއި އެންމެ ކައިރީގައިވާ ޕްލެނެޓް ކަމުގައިވާ “މާރކިއުރީ” އާއި “ވީނަސް” ދަތުރުފެށިތާ މާގިނައިރެއްނުވެ  ކަނޑައްތު ކޮށްފީމުއެވެ. އެއަށްފަހު ދެން ޖެހިގެން އައި ޕްލެނެޓް “އާރތް” (ދުނިޔެ) އާއި ކައިރިން ދަތުރު ކުރެވުނުއިރު ދަތުރަށް އަދި މިވީ އެންމެ 8 މިނެޓް 9 ސިކުންތެވެ. ހުއްޓައިނުލައި ކުރިޔަށްދަމާ ބަހީއެވެ. ދެން އަނެއްކާވެސް މާ ދުރުނޫން ހިސާބަކުން ޕްލެނެޓް “މާރސް” ފެނިއްޖެއެވެ. މާގިނައިރުތަކެއްނުވެ އެ ޕްލެނެޓްވެސް ފަސްލައިފީމުއެވެ. އެއަށްފަހު “ޖުޕިޓާރ”، “ސެޓާރން” ، “ޔޫރެންސް” ، “ނެޕްޓޫން” އަދި އެންމެފަހުން “ޕްލޫޓޯ”އާއި އަރައި ހަމަކޮށް މާގިނަ އިރުތަކެއްނުވެ އެ ޕްލެނެޓްތައްވެސް ފަސްލައި އޮބައިލައިފިއެވެ. ދަތުރުގެ މިވީހާތަނަށް 3.5 ބިލިޔަން މޭލު ކަނޑައްތު ކުރެވުނުކަމުގައި ވިޔަސް، އަހަރެމެންގެ ދަތުރު ފެށިތާ އަދި މިވީ އެންމެ 5 ގަޑި އިރާއި 31 މިނެޓެވެ. މާގިނައިރެއް އަދި ނުވޭތާއެވެ. ދުވަހަކީ ޖެނުއަރީ 1 ވަނަދުވަހެވެ. ގަޑިން ފަތިހު 0531 އެވެ. ދުނިޔޭގައި ހުރިނަމަ ހާ ގޮވާއަޑު އިވުނީސްކަން ގައިމޭ ހިތަށް އެރިއެވެ.

މާގިނަ އިރުތަކެއްނުވެ އަހަރެމެންގެ ސޯލާރ ސިސްޓަމް ފަސްލައި އޮބައިލައިފިއެވެ. ވަށައިގެންވަނީ އަނދިރިކަމެވެ. ތަރިތަކުގެ ބެބުޅުން ފިޔަވައި އެހެން ދެވަނަ އެއްޗެއް އަހަރެމެންނާއިއެކު ނުވެއެވެ. ކަޅުފޮތިގަނޑަކަށް މެޝީން ބަޑި އަކުން ބަޑިޖަހާފައި އަހަރެމެންގެ ވަށައިގެން އެފޮތިގަނޑު ބައްދާފައި އޮތުމެކޭ އަހަރެމެން ޖައްވުގައި އޭރު ތިބި ހިސާބެކޭ ވަކި ތަފާތެއްނެތެވެ. ދަތުރު ކުރަމުންދަނީ ހަލުވި ސްޕީޑެއްގައި ނަމަވެސް، ޖައްވުގެ ފަޅުކަމުގެ ތެރެއިން އެއްވެސް ތަނަކަށް ދެވޭކަހަލަ އިހުސާސެއް އަހަރެމެންނަކަށް ނުވެއެވެ. ތަޖުރިބާ ކުރެވެމުންމިދަނީ ފަޅުކަމާއި އަނދިރިކަމުގެ އިންތިހާއެވެ…

މިގޮތަށް ދަތުރުކުރަމުން ކުރަމުންގޮސް 4 ވަނަ އަހަރު ފެށި 5 ވަނަ އަހަރަށް ލީތަނާ، ވަރަށް ދުރުން، ތަންކޮޅެއް އަލިގަދަ ތަރިއެއް ފެނިއްޖެއެވެ. އެތަރިއާއި އަހަރެމެންނާއި އެންމެ ކައިރިވެވުނީ 5 ވަނަ އަހަރުގެ އޭޕްރީލް މަހުގެ 19 ވަނަ ދުވަހުއެވެ. މިތަރިއަށް ކިޔަނީ “އަލްފަ ސެންޓޯރީ’ އެވެ. މިތަރިއަކީ އަހަރެމެންގެ ސޯލާރ ސިސްޓަމާއި 25 ޓްރިލިއަން މޭލު ދުރުގައިވާ، ދުނިޔެއާއި އެންމެ ކައިރީގައި ވިދާ ބަބުޅާ ތަރިއެވެ. ސުބުޙާނަﷲއެވެ. މިތަރިއާއި ހަމައަށް އާދެވޭވަރު މިވީ ދަތުރު ފެށިތާ 5 އަހަރާއި ދުވަސްކޮޅެއް ވީފަހުންތާއެވެ. ކިޔުންތެރިޔާއެވެ! އަދި ދަންނަވަންތޯއެވެ! ވޭތުވެދިޔަ 5 އަހަރު އަހަރެމެންގެ އުޅަނދު ދަތުރުކުރަމުން މިދިޔައީ ހަމައެކަނި ދަތުރަށް ތައްޔާރުވުމުގެ ނިޔަތުގައެވެ. ރަންވޭމައްޗަށް އަރައި އުޅަނދު ހަމަޖެހިލީ އަދި ކިރިޔާއެވެ. ހަގީގަތުގައި އަހަރެމެންގެ މަންޒިލަށް ދިޔުމުގެ ދަތުރު ދާދި ދެންމެއަކު މިފެށީއެވެ…

ހުއްޓައިނުލައި ހަމަ އެބާރުމިނުގައި ދަތުރު ކުރަމުންދާތާ މިއަދަށްމިވީ 10 އަހަރެވެ. ވޭތުވެދިޔަ 10 އަހަރު ދުވަހު އަހަރެމެންގެ އުޅަނދު ދަތުރު ކުރަމުން މިދިޔައީ އަލި ދަތުރު ކުރާ ބާރުމިނުގައި ކަމުގައިވިޔަސް، ކާއިނާތުގެ ބިޔަކަމާއި ފުޅާކަމުން، އެއްވެސް ތަނަކަށް ދެވޭކަހަލަ އިހުސާސެއް އަހަރެމެންނަކަށް ނުވެއެވެ. ކިތަންމެ ދުރަށް ދަތުރު ކުރި ނަމަވެސް ތަރިތަކުގެ އެއްވެސް ހަރަކާތެއް އަހަރެމެންނަކަށް އިހުސާސެއް ނުވެއެވެ. އަހަރެމެން ދިރިއުޅޭ ގެލެކްސީގައި ވަރަށް ގިނަ ތަރިތައް ހުރިއެއްކަމަކު އަހަރެމެންނާއި އަދި ދިމާވީ އެންމެ ތަރިއެކެވެ. ދެން ހުރި ތަރިތައް ދުރުން ވިދާ ބަބުޅާތަން ފެނުނުނަމަވެސް އެއިން ތަރިއަކަށް ދެވޭނެ ޒަމާނެއްވެސް ނޭނގެއެވެ.

ދަތުރު ކުރަމުންގޮސް 11  އަހަރުވީތަނާ، އަހަރެމެންގެ ވަށައިގެންވާ ތަރިތައް މަޑުމަޑުން އަހަރެމެންނާއި ދުރަށް ފޭވާންފަށައިފިއެވެ. މިގޮތަށް ތަރިތައް ފަހަތަށް ޖެހެމުން ޖެހެމުންގޮސް 100 އަހަރުވީފަހުން ދެންފެނިގެންދިޔައީ ޖައްވުގެ ފަޅުކަމާއި އަނދިރިކަމުގެ ތެރެއިން ގޭސް ފަށަލަތަކެކެވެ. އެ ގޭސް ތަކަކީ އަހަރެމެންގެ ގެލެކްސީގެ ބޭރުކައިރީގައިވާ ގޭސް ފަށަލަތަކެވެކެވެ. މިހާހިސާބުން ގެލެކްސީ ފަހަނައަޅައި ދާކަމުގެ އިހުސާސް މަޑުމަޑުން ކުރެވެން ފަށައިފިއެވެ. އެހެންނަމަވެސް ގެލެކްސީ ފަހަނައަޅައި ދިޔުމަށްޓަކައި ކުރަން އޮތް ދަތުރު ވަރަށް ދިގުކަމުގެ އިހުސާސްކުރެވެއެވެ.

މިގޮތަށް ދަތުރުކުރަމުންގޮސް، ކިރިޔާ ގެލެކްސީގެ އެއް އަރިމަތިން ފެންނަވަރުވީ ދަތުރުފެށިތާ 1000 (އެއްހާސް) އަހަރު ފަހުންނެވެ. ގެލެކްސީ ދުރުން ރީއްޗަށް ފެނި، މުޅީން ސާފު ވާވަރުވީ ދަތުރު ފެށިތާ 100,000 (އެއްލައްކަ) އަހަރުފަހުންނެވެ. މިހާރު ގެލެކްސީ ފެންނަނީ ބޮޑު އަލިގުޅައެއްގެ ސިފައިގައެވެ.

ދުރަށް ދަތުރު ކުރި ކުރީހެން ފެންނަނީ އިތުރު ގެލެކްސީތަކެވެ. ތަރިތަކަކީ ގެލެކްސީތަކުގެ ތެރޭގައި ވާއެއްޗެއްކަމުން އަހަރެމެން މިހާރު ދަތުރު ކުރަމުން މިދަނީ ގެލެކްސީގެ ބޭރުން ކަމުގައިވާތީ، އެންމެ ތަރިއެއްވެސް ފެންނަވަރެއްނުވެއެވެ. އޭގެބަދަލުގައި ފެންނަނީ އެތައް ބިލިޔަން ތަރިތަކެއްގެ މައްޗަށް އެކުލެވިގެންވާ ވަރަށް ގިނަ ބައިވަރު ގެލެކްސީތަކެކެވެ. އަލި ދަތުރު ކުރާ ސްޕީޑްގައި ދަތުރުކުރުމުން މިއިން ކޮންމެ ގެލެކްސީއެއް ކަނޑައްތުކުރަން 100,000 (އެއްލައްކަ) އަހަރު ނަގާނެތާއޭ އަހަރެންގެ ހިތަށް އަރަންފެށިއެވެ. ނޫނެކެވެ! އަހަރެމެންގެ ގެލެކްސީއަށްވުރެ ބޮޑު ބިޔަ ގެލެކްސީ ތައްވެސް ފެންނަން އެބަހުއްޓެވެ. އެހެންވިއްޔާ އެއިން ކޮންމެ ގެލެކްސީއެއްގައި ދަތުރުކޮށްފައި ދިޔުމަށް 100,000 (އެއްލައްކަ) އަހަރަށްވުރެވެސް ގިނަ ދުވަސް ނަގާނެތާއެވެ.

ދަތުރުގެ މިހާހިސާބުން ފެށިގެން، ދެން އަހަރެމެންނަށް ފެންނަމުންދާ ކޮންމެ އަލި ގުޅައަކީ ތަރިއެއް ނޫނެވެ. އެހެން ނަމަވެސް އެއިން ކޮންމެ އަލިގުޅައަކީ ގެލެކްސީއެކެވެ. ދަތުރުފެށިތާ 5,000,000 (5 މިލިއަން) އަހަރު ވޭތުވެއްޖެއެވެ. މިހާރު އަހަރެމެންނަށް އަހަރެމެންގެ ގެލެކްސީ ފެންނަނީ ހަމަ ކިރިޔާއެވެ. 50,000,000 (50 މިލިއަން) އަހަރު ވޭތުވެއްޖެއެވެ. މިހާރު އަހަރެމެންނަށް ފެންނަނީ ބޮޑެތި ގެލެކްސީ ގްރޫޕްތަކެކެވެ. ކޮންމެ ގްރޫޕެއްވެސް ހިމެނެނީ އެހެން ގްރޫޕްތަކާއި މަސްހުނި ނުވާނޭހެން ވަކީން ދުރުގައެވެ. އަހަރެމެންގެ ގެލެކްސީ ކޮބައިތޯ ހޯދައި ބަލައިލީމެވެ. އެހެންނަމަވެސް ގެލެކްސީގެ  ހިލަމެއްވެސް ވާވަރުނުވިއެވެ. މުޅީން ގެއްލިއްޖެއެވެ.

މާބޮޑު ހަރަކާތެއް ނެތި އަދި ދަތުރު ކުރެވޭކަމުގެ އެއްވެސް އިހުސާސެއްނެތި ގިނަ ޒަމާންތަކެއްވެއްޖެއެވެ. މިގޮތަށް ދެވޭ ނުދެވޭ ހިސާބެއްނޭނގި ދަތުރު ކުރެވޭތާ 10,000,000,000 (10 ބިލިޔަން) އަހަރުވެއްޖެއެވެ. މިހާހިސާބުން އަހަރެމެންގެ ދަތުރު މަޑު ޖައްސާލުމަށްފަހު ފަހަތަށް އެނބުރި ބަލައިލަންވީއެވެ. މިހާރު ތިޔަ ތަޖުރިބާ ކުރެވެނީ ގުނައި ޢަދަދު ނުކުރެވޭވަރުގެ އެތައް ބިލިޔަން ގެލެކްސީ ތަކެކެވެ. މި މަންޒަރު އެންމެ ބޮޑަށް ސިފަވަނީ ކަޅު ކަރުދާސް ގަނޑަކަށް އުކާލެވިފައިވާ ދޮންވެލިތަކެއްގެ ސިފައިގައެވެ.

ކިޔުންތެރިޔާއެވެ. މިއީ އަދި މުޅި ކައުނުން އިންސާނުންނަށް ހޯދިފައިވާ ކުޑަކުޑަ މިންވަރެކެވެ. މި ހޯދިފައިވާ މިންވަރު ސިފަ ކުރެވެނީ އާދައިގެ އޭ4 ސައިޒު ކަރުދާހެއްގައި ތުނޑު ހިމަ ފަންސޫރަކުން ތިއްކެއް ޖަހައިލީމައި ކުރެހިގެންދާ ތިއްކަށްވުރެވެސް ކުޑަ ތަންކޮޅެއްގެ ގޮތުގައެވެ.

މިހާހިސާބުން އަހަރެންގެ ހަނދާނަށް ﷲގެ ކުރުސީ އަތުވެއްޖެއެވެ. ޢިލްމުވެރީން ވިދާޅުވާގޮތުގައި ކުރުސީއަކީ މާތްﷲގެ ފައިންޕުޅު ބީއްސަވާ މަޤާމުފުޅެވެ. އެ ކުރުސީ މުޅި ކާއިނާތާއި އުޑަށްވުރެވެސް ބޮޑެވެ.

 وَسِعَ كُرْسِيُّهُ السَّمَاوَاتِ وَالْأَرْضَ ﴿٢٥٦﴾  سورة البقرة

މާނައީ: ” އެކަލާންގެ ކުރުސީ އުޑުތަކާއި ބިމުގެ އެންމެހައި ކަންކޮޅުތަކަށް ތަނަވަސްވެގެންވެއެވެ. “

ދެން އަހަރެންގެ ހިތަށްއެރީ ޢަރުޝީއެވެ. ސުބުޙާނަﷲ… ކުރުސީ ނަގާބަހައްޓާ ޢަރުޝީގަ ބޭހެއްޓީމަ މިސާލަކީ ބޮޑު ސަހަރާއެއްގެ ތެރޭގައި އޮންނަ ކުޑަ އަނގޮޓިއެއްގެ މިސާލެވެ. އަދި ކިޔެއްތޯއެވެ. މާތްﷲ ވޮޑިގެންވަނީ ޢަރުޝީގައެވެ.

إِنَّ رَبَّكُمُ اللَّـهُ الَّذِي خَلَقَ السَّمَاوَاتِ وَالْأَرْضَ فِي سِتَّةِ أَيَّامٍ ثُمَّ اسْتَوَىٰ عَلَى الْعَرْشِ يُغْشِي اللَّيْلَ النَّهَارَ يَطْلُبُهُ حَثِيثًا وَالشَّمْسَ وَالْقَمَرَ وَالنُّجُومَ مُسَخَّرَاتٍ بِأَمْرِهِ ۗ أَلَا لَهُ الْخَلْقُ وَالْأَمْرُ ۗ تَبَارَكَ اللَّـهُ رَبُّ الْعَالَمِينَ ﴿٥٤﴾  سورة الأعراف

މާނައީ: ” ހަމަކަށަވަރުން، ތިޔަބައިމީހުންގެ ވެރިރަސްކަލާނގެއީ، ހަ ދުވަހުގެ ތެރޭގައި، އުޑުތަކާއި ބިން ހެއްދެވި اللَّه އެވެ. އެއަށްފަހު، އެކަލާނގެ عرش ގެ މައްޗަށް استواء ވެ ވޮޑިގެންވިއެވެ. އަދި އެކަލާނގެ ރޭގަނޑުން ދުވާލު ފޮރުއްވާލައްވައެވެ. (އެއިން ކޮންމެ އެއްޗެއް) އަވަސްކަމާއެކު (އަނެކައްޗެއް) ހޯދައިގަނެއެވެ. އަދި އިރާއި، ހަނދާއި، ތަރިތައް، އެކަލާނގެ أمر ފުޅަށް ކިޔަމަން ކުރައްވާފައިވާ ގޮތުގައި ހެއްދެވިއެވެ. ދަންނާށެވެ! ހެއްދެވުމާއި أمر ކުރެއްވުންވަނީ، އެކަލާނގެއަށް خاص ވެގެންނެވެ. عالم ތަކުގެ ވެރި اللَّه މަތިވެރިވެ ވޮޑިގެންފިއެވެ. “

ދެން އަހަރެންގެ ހިތަށް އައީ މި ތިން ޖުމުލައެވެ. އިންސާނާގެ ނިކަމެތިކަމާއެވެ. އިންސާނާގެ ކުޑަކަމާއެވެ. އިންސާނާގެ ނުކުޅެދުންތެރިކަމާއެވެ.