[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

އަނާމްގެ ކާފަ

އަނާމްގެ ކާފައަށް ބާރަ ކުދިން ލިބުނެވެ. އެ ބާރަކުދިންނަށް ކުދިން ލިބި މިހާރު އެކުދިންނަށްވެސް ވަނީ ކުދިން ލިބިފައެވެ. ކާފަގެ ޢުމުރުން މިހާރު އަށްޑިހަ ނުވަ އަހަރު ވެއްޖެއެވެ. އެހެން ނަމަވެސް މިހާރުވެސް ކާފަ ފެންނަނީ އުފާވެރި މީހެއްގެ ގޮތުގައެވެ. ކާފައަބަދުވެސް ފަރުޟު ފަސްނަމާދު ކުރެއެވެ. ގުރުއާން ކިޔަވެއެވެ. ގަޑިން ގަޑިއަށް ކައެވެ. ބަރާބަރަށް ފެން ބޮއެވެ. އަދި އަރާމު ކުރެއެވެ.

އަނާމްގެ ޢާއިލާގެ ހުރިހާކުދިން ކޮންމެ އަހަރަކު ބޮޑު ޢީދު (ޙައްޖުގެ އަޅުކަމާ ގުޅިގެން އަންނަޢީދު) ގައި ކާފައަށް ޒިޔާރަތް ކުރެއެވެ. ރާއްޖޭގެ އެތަންމިތާގައި ތިބޭ ހުރިހާ ކުދިން އެކިވަރުގެ ހަދިޔާ ހިފައިގެން އައިސް ކާފަގެ ޙާލު ބަލާލާ ކާފަޔާއެކު ހީނ ސަމާސާ ކުރެއެވެ. ތަފާތު ސަބަބު ތަކާހެދި ނާދެވޭ ކުދިންވެސް ފޯނުން ވާހަކަ ދެއްކުމުގައި ޢީދު ދުވަހު ގިނައިރު ހޭދަ ކުރެއެވެ.

ކޮންމެއަހަރެއްގެ ބޮޑު ޢީދުގައި އާއިލާގެ ހުރިހާއެންމެން މަޝްވަރާކުރުމަށްފަހު މިކަންތައް ފަނޑުނުވާގޮތަށް ކުރިއަށް ގެންދިޔުމަށް މަޝްވަރާ ކުރެއެވެ. މަގުސަދަކީ އިސްލާމީ ސަގާފަތް ދިރުވުމާއެކު ޢާއިލީ ގުޅުން ބަދަހި ކުރުމެވެ. ކާފަގެ ހިތްއުފާ ކޮށް ދިނުމެވެ. އުފަންދުވަސް ފާހަގަކުރުމުގެ ބަދަލުގައި އަނާމްގެ ޢާއިލީ މެމްބަރުން ކުލަގަދަކޮށް ފާހަގަ ކުރަނީ މިދުވަހެވެ.

އަނާމްއަކީ މި ބޮޑު ޢާއިލާގައި ހުރި އެންމެ އެކަނިވެރި ކުއްޖާއެވެ. އެންމެ ބަލިކަށި ކުއްޖާވެސް މެއެވެ. އަނާމްގެ މަންމަޔާއި ބައްޕަ އަނާމް ކުޑައިރު ވަނީ އެކްސިޑެންޓެއްގައި ނިޔާވެފައެވެ. އަނާމްގެ ޢުމުރުން އެންމެ ފަސްއަހަރުގައި އަނާމްގެ މަންމަޔާއި ބައްޕަ ނިޔާވުމާ ގުޅިގެން އަނާމް ބަލަހައްޓަނީ އަނާމްގެ ކާފައެވެ. އަނާމްގެ ގޭގައި އުޅެނީ އަނާމްގެ ކާފައާއި އަނާމް އެވެ. ދެން ކާފަ ބަލަހައްޓާ ބޭރު މީހެކެވެ.

މިއަދަކީ އަނާމްގެ ގެއަށް އެންމެ އުފާވެރިކަން އަންނަ ދުވަހެވެ. އެއްކަލަ ބޮޑު ޢީދު ޕާޓީ އޮންނަ ދުވަހެވެ. ހެނދުނުއްސުރެ މީހުން ގެއަށް ޖަމާވެ، ކުލަބޮކިތަކުން ގެ ޒީނަތްކޮށް ހަވީރު ޕާޓީ ބޭއްވި އެވެ. ކާފަކުދިން ކާފައާ ސަލާމް ކުރިއެވެ. އެކިވަރުގެ ހަދިޔާ ލިބުނެވެ. އެންމެންވެސް ހިނިތުންވެފައި ތިބެ ޕާޓީ ނިންމާފައި ގެއަށް ހިނގައްޖެއެވެ. ރަށުން ބޭރުން އައި މީހުންވެސް އެރޭ ކާފަގެ ގޭގައި ނިދާފައި ފަހު ދުވަހު ފުރައިފި އެވެ.

މިއަހަރު ޕާޓީ ފެށިގެން ގޮސް ނިމުނުއިރު ކާފައަށް އެއްކަމެއް ފާހަގަ ވިއެވެ. އެއީ ކާފަ ބަލަހައްޓާ ދަރިފުޅު މާޔޫސްވެފައި ވާތަން ފެނުމެވެ.

ގޭތެރެ ހަމައަކަށް އެޅުނީމައި އަނާމް ކައިރިއަށް ގެނެސް ގަޔާ ކައިރި ކޮށްލާފައި އަހާލިއެވެ. “ކާފަގެ ލޯބިވާ ދަރިފުޅާ! ދަރިފުޅަށް ތިހިރީ ކިހިނެއްވެފައި؟” ޖަވާބުގައި އަނާމް ބުންޏެވެ. “ލޯބިވާ ކާފާ! އަޅުގަނޑު ކާފަ ކައިރީ ހުންނަތާ މިހާރު ހަ އަހަރު ފާއިތުވެއްޖެ. އަޅުގަނޑަށް މިހާރު ސާދަ އަހަރު ވެއްޖެ. އެކަމަކު އަދިވެސް އަޅުގަނޑަށް ކާފައަކަށް ހަދިޔާއެއް ނުދެވޭ. މިއަހަރު އަޅުގަނޑުވެސް ވަރަށް ފޮނި އުއްމީދާއެކު ކާފައަށްދިނުމަށް ސްކޫލުގެ ޕީއޭ ގަޑީގައި އާމިނަތު މިސް ދަސްކޮށްދިން އެއްޗެއްހެދިން. އެކަމަކު އެހެން ކޮއްކޮމެންނާއި ބޭބެމެން ކާފައަށް ގެނައި ޕާރސަލް މާ ބޮޑުވެފަ ރީތިވީމަ އެހަދިޔާ ކާފަޔަށް ކަމުނުދާނެހެންހީވާތީ ނުދިނީ.”

މިއަޑު އަހާފައި ކާފަ އަނާމްގެ ބޮލުގައި ފިރުމާލާފައި ބުންޏެވެ. “ނިކަން އަވަހަށް ދަރިފުޅު ތިހަދިޔާގެނެސް ބަލަ.” އަނާމް ދުވެފައި ގޮސް އެ ހަދިޔާ ގެނެސްދިނެވެ. ކާފަ އެ ހަދިޔާއަށް ބަލާފައި ބުންޏެވެ. “ކާފައަށް މިފަހަރު ލިބުނު ޢީދުހަދިޔާގެ ތެރެއިން ކާފައަށް އެންމެ ކަމުދިޔަ ހަދިޔާއަކީ މިއީ. ކާފަ ސަބަބުވެސް ކިޔާދޭނަން. ފުރަތަމަ ކަމަކީ މި ހަދިޔާއަކީ ދަރިފުޅަށް ސްކޫލުން ކިޔަވައި ދެއްވި އެއްޗެއްގެ ބޭނުންކޮށް ކާފަޔަށްޓަކައި ތައްޔާރު ކޮށްފައިވާ ހަދިޔާއެއް. ދެވަނަކަމަކީ ކާފައަތުން ފައިސާ ހޯދައިގެން ކާފަޔަށް ދޭން ހަދިޔާ ގަންނަން ބުނުމުގެ ބަދަލުގައި މާހައުލުން ލިބެންހުރި ދިވެހި ރުކުގެ ބައިތައް ބޭނުން ކޮށްގެން މިހާރީތި މާވަށްޓެއް ހަދާ ދިނީތީ. އެހެންވީމާ ދަރިފުޅަށް ފަށްފަށުން ޝުކުރިޔާ. އަދި ކާފަ ދުނިޔޭގައި ހުރިހާ ދުވަހަކު ކާފަ ދޫކޮށްފައި ނުދާނަމޭ އަބަދުވެސް ދަރިފުޅު ބުނަމެއްނު. ކާފައަށްޓަކައި އަބަދުވެސް ހެޔޮދުޢާ ކުރާނަމޭ އަބަދުވެސް ބުނަމެއްނު. ދަރިފުޅާ! ކާފަގެ ހުރިހާ ހަދިޔާއެއް ދަރިފުޅަށް. ހުރިހާމުދަލެއްވެސް ދަރިފުޅަށް. ތިޔައީ ހިތްވަރުގަދަ ކުއްޖެއް.” އަނާމް އުފަލުން ބުންޏެވެ. “ކާފަ ހާދަ ރަނގަޅޭ. ވަރަށް ބޮޑަށް ޝުކުރިއްޔާ. އަޅުގަނޑު އަދިވެސް މިކަހަލަ ތަފާތު ހަދިޔާ އަމިއްލަ އަށް ތައްޔާރު ކޮށްފައި ދޭނަން.”

އަނާމްގެ ކާފަގެ ހެޔޮ ބަސްތަކުން ހިތްވަރު ލިބިގަނެ އުފަލާއެކު ދެބަފައިން އުޅެން ފެށިއެވެ.