[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ޢަޤީދާގެ ފިލާވަޅު 21 (ޢަޤީދަތުއް ޠަޙާވިއްޔާގެ ޝަރަޙަ)

قَالَ الطَّحَاوِيُّ رحمه الله: “وَكُلُّ شَيْءٍ يَجْرِي بِتَقْدِيْرِهِ، وَمَشِيْئَتُهُ تَنْفُذُ، لَا مَشِيْئَةَ لِلْعِبَادِ إِلَّا مَا شَاءَ لَهُمْ، فَمَا شَاءَ لَهُمْ كَانَ وَمَا لَمْ يَشَأْلَمْ يَكُنْ.”
 ޠަޙާވީ ރަޙިމަހުﷲ ވިދާޅުވިއެވެ.
“އެންމެހާ ކަންތައްތައް ހިނގަމުންދަނީ އެއިލާހު ތަޤްދީރުކުރައްވާފައިވާގޮތަށެވެ. އެއިލާހުގެ މަޝީއަތްވަނީ ތަންފީޛުވެގެންނެވެ. އަޅުތަކުންނަށް ކަންތައްތައް ކުރުމުގެ ބާރުލިބިގެންވަނީ، ހަމައެކަނި އެއިލާހު އަޅުތަކުންނަށް އިރާދަކުރެއްވިކަމަކަށެވެ. އެއިލާހު އެބައިމީހުންނަށް އިރާދަކުރެއްވިކަމެއް ވާހުއްޓެވެ. އަދި އެއިލާހު އިރާދަނުކުރައްވާކަމެއް ނުވާ ހުއްޓެވެ.”

_______________________________________

ޝަރަޙަ:

* އިމާމް ޠަޙާވީ ރަޙިމަހުﷲގެ ބަސްފުޅު ((وَكُلُّ شَيْءٍ يَجْرِي بِتَقْدِيْرِهِ)) (އެންމެހާ ކަންތައްތައް ހިނގަމުންދަނީ އެއިލާހު ތަޤްދީރުކުރައްވާފައިވާގޮތަށެވެ.) ދަންނައެވެ.

ޝައްކެއްވެސްނެތްގޮތުގައި، އެންމެހާ ކަމެއް ހިނގަމުންދާހުށީ ﷲ ސުބުޙާނަހޫ ވަތަޢާލާ ތަޤްދީރުކުރައްވާފައިވާގޮތުގެ މަތީންނެވެ. ކިތަންމެކުޑަ ހެޔޮކަމެއްވިޔަސް އަދި ކިތަންމެކުޑަ ނުބައިކަމެއްވިޔަސް އެއިލާހުގެ ޤަދަރުކުރެއްވުމުގެ ބޭރުން ނުވާނެއެވެ. އެއިލާހަށް ކިޔަމަންތެރިވުމާއި އުރެދުމާއި، ކުފުރާއި އީމާނާއި، ބައްޔާއި ޞިއްޙަތާއި، މުއްސަނދިކަމާއި ފަޤީރުކަމާއި، ޢިލްމުވެރިކަމާއި ޖާހިލުކަންފަދަ އެންމެހާ ކަމެއް ހިނގާހުށީ މިތަޤްދީރުކުރެއްވުމުގެ ދަށުންނެވެ. ﷲ ސުބުޙާނަހޫ ވަތަޢާލާގެ ތަޤްދީރުކުރެއްވުމާބެހޭ ބައެއްވާހަކަތައް 19ވަނަ ފިލާވަޅުގައި އިސްވެހިނގައްޖެއެވެ. އަދި އިމާމް ޠަޙާވީ ރަޙިމަހުﷲ ޤަދަރުގެ ވާހަކަ އަދިފަހުން ގެންނަވާހުއްޓެވެ. ޤަދަރާބެހޭ އިތުރު ތަފްޞީލު އެބައިގައި ގެނެސްދެވޭނެއެވެ. إن شاء الله.

* އިމާމް ޠަޙާވީ ރަޙިމަހުﷲގެ ބަސްފުޅު ((وَمَشِيْئَتُهُ تَنْفُذُ، لَا مَشِيْئَةَ لِلْعِبَادِ إِلَّا مَا شَاءَ لَهُمْ، فَمَا شَاءَ لَهُمْ كَانَ وَمَا لَمْ يَشَأْ لَمْ يَكُنْ)) (އެއިލާހުގެ މަޝީއަތު ވަނީ ތަންފީޛުވެގެންނެވެ. އަޅުތަކުންނަށް ކަންތައްތައް ކުރުމުގެ ބާރުލިބިގެންވަނީ، ހަމައެކަނި އެއިލާހު އަޅުތަކުންނަށް އިރާދަކުރެއްވިކަމަކަށެވެ. އެއިލާހު އެބައިމީހުންނަށް އިރާދަކުރެއްވިކަމެއް ވާހުއްޓެވެ. އަދި އެއިލާހު އިރާދަނުކުރައްވާކަމެއް ނުވާ ހުއްޓެވެ.) ދަންނައެވެ.

މަޝީއަތަކީ ކޮބާ؟

أهل السنة والجماعة ގެ އަރިހުގައި ﷲ ސުބުޙާނަހޫ ވަތަޢާލާގެ އިރާދަކުރެއްވުން ދެބަޔަކަށް ބެހިގެންވެއެވެ.

(1) إِرَادَةُ كَوْنِيَّةٍ (ކަވްނީ އިރާދަކުރެއްވުމެވެ.): މިއިރާދަކުރެއްވުމާ، ﷲ ސުބުޙާނަހޫ ވަތަޢާލާގެ ލޯބިވެވޮޑިގަތުމާއި ރުއްސަވާވޮޑިގަތުމާ އެއްވެސް ގުޅުމެއް ނުވެއެވެ. ހަމައެހެންމެ، މިއިރާދަކުރެއްވުމުގެ ތެރެއަށް ކުފުރާއި، އީމާނާއި، ކިޔަމަންތެރިކަމާއި، ނުކިޔަމަންތެރިކަމާއި، ރުއްސަވާވޮޑިގެންވުމާއި، ލޯބިވެވޮޑިގެންވުމާއި، ރުއްސަވާވޮޑިގެންނުވުމާ މިއެންމެހާ ކަމެއް ޝާމިލުވާ ހުއްޓެވެ. މިއިރާދަކުރެއްވުމުން މުސްލިމެއް ވިޔަސް ކާފަރެއްވިޔަސް އިސްތިސްނާވެ، އަދި ސަލާމަތް ނުވާހުއްޓެވެ. މިއީ ﷲ ސުބުޙާނަހޫ ވަތަޢާލާގެ ޢިލްމުފުޅާއި ޙިކްމަތްފުޅުގެ ދަށުން މިކައުނުގެ ކަންތައްތައް ހިންގެވުމަށް އެއިލާހު އިރާދަކުރައްވާފައިވާ އިރާދަކުރެއްވުމެވެ. މިއިރާދަކުރެއްވުން މަޝީއަތުގެ މާނައިގައި އާދެއެވެ. ﷲ ސުބުޙާނަހޫ ވަތަޢާލާ ވަޙީ ކުރައްވާފައިވެއެވެ. ((وَلَوْ شَآءَ اللهُ مَا اقْتَتَلُواْ وَلَـكِنَّ اللهَ يَفْعَلُ مَا يُرِيدُ ) البقرة: 253 މާނައީ: “އަދި، ﷲ އިރާދަކުރެއްވިނަމަ، އެބައިމީހުން އެކަކު އަނެކަކާ ހަނގުރާމަޔެއް ނުކުރީހެވެ. އެހެނެއްކަމަކު ﷲ އެކަލާނގެ އިރާދަކުރައްވާ ކަމެއް ކުރައްވައެވެ.” ﷲ ސުބުޙާނަހޫ ވަތަޢާލާ މިއާޔަތުގައި މިވައްތަރުގެ އިރާދަކުރެއްވުން އެވަނީ އެއިލާހުގެ މަޝީއަތުގެ މާނާގައި ގެންނަވާފައެވެ.

(2) إِرَادَةُ شَرْعِيَّةٍ (ޝަރުޢީ އިރާދަކުރެއްވުމެވެ.): މިއިރާދަކުރެއްވުން ބިނާވެފައިވަނީ ﷲ ސުބުޙާނަހޫ ވަތަޢާލާގެ ރުއްސަވާވޮޑިގަތުމާއި ލޯބިވެވޮޑިގަތުމާއެވެ. މިއިރާދަކުރެއްވުމުގެ ދަށުން އެއިލާހުގެ އަޅުތަކުންނަށް ކަންކަމަށް އަމުރުކުރައްވައި، ކަންކަން ނަހީ ކުރައްވައެވެ. މިއިރާދަކުރެއްވުން މަޙައްބަތުގެ (އެބަހީ: ލޯބިވެވޮޑިގަތުން) މާނާގައި އާދެއެވެ.

މަޝީއަތުގައި ﷲ ސުބުޙާނަހޫ ވަތަޢާލާގެ މަޝީއަތަކާއި، އަޅުތަކުންގެ މަޝީއަތެއްވެއެވެ. އަޅާގެ މަޝީއަތް އަންނަހުށީ ﷲ ސުބުޙާނަހޫ ވަތަޢާލާގެ މަޝީއަތުގެ ދަށުންނެވެ. އެއިލާހު އިރާދަނުކުރައްވާކަމެއް އަޅާ ކިތަންބޭނުންވިޔަސް، އަދި އެކަމެއް ޙާޞިލުކުރަން މަސައްކަތްކުރިނަމަވެސް އެކަމެއް ޙާޞިލެއްނުވާނެއެވެ. ﷲ ސުބުޙާނަހޫ ވަތަޢާލާ ވަޙީ ކުރައްވާފައިވެއެވެ. ((وَمَا تَشَاءُونَ إِلَّا أَنْ يَشَاءَ اللَّهُ إِنَّ اللَّهَ كَانَ عَلِيمًا حَكِيمًا)) الإنسان: 30 މާނައީ: “އަދި ﷲ އިރާދަކުރެއްވުމުން މެނުވީ، ތިޔަބައިމީހުންނަކަށް (އެއްވެސްކަމެއް) އިރާދަނުކުރެވޭނެތެވެ. ހަމަކަށަވަރުން، މޮޅަށް ދެނެވޮޑިގެންވާ، ޙަކީމްވަންތަ ރަސްކަލާނގެ ކަމުގައި ﷲ ވޮޑިގެންވެއެވެ.” އަދިވެސް ވަޙީ ކުރައްވާފައިވެއެވެ. ((وَمَا تَشَاءُونَ إِلاَّ أَنْ يَشَاءَ اللَّهُ رَبُّ الْعَالَمِينَ)) التكوير: 29 މާނައީ: “ޢާލަމްތަކުގެ ވެރި ރައްބު އިރާދަކުރެއްވުމުން މެނުވީ، ތިޔަބައިމީހުންނަކަށް (އެއްވެސް ކަމެއް) އިރާދަނުކުރެވޭނެތެވެ.” އަދިވެސް ވަޙީ ކުރައްވާފައިވެއެވެ. ((وَكَذَلِكَ جَعَلْنَا لِكُلِّ نَبِيٍّ عَدُوّاً شَيَاطِينَ الإِنسِ وَالْجِنِّ يُوحِي بَعْضُهُمْ إِلَى بَعْضٍ زُخْرُفَ الْقَوْلِ غُرُوراً وَلَوْ شَاءَ رَبُّكَ مَا فَعَلُوهُ)) الأنعام: 112 މާނައީ: “ހަމައެފަދައިން، ތިމަންރަސްކަލާނގެ، ކޮންމެ ނަބީބޭކަލަކަށް އިންސީންނާއި، ޖިންނީންގެ ޝައިޠާނުން ޢަދާވާތްތެރިން ކަމުގައި ލެއްވީމެވެ. އޭގެ އެއްބަޔަކު އަނެއްބަޔަކަށް ހެއްލުންތެރި ކުރުމަށް މަތިއޮމާންކޮށްފައިވާ ބާޠިލުބަސްތަކުން ވަސްވާސްދީ އުޅެތެވެ. ކަލޭގެފާނުގެ ވެރިރަސްކަލާނގެ އިރާދަކުރެއްވިނަމަ، އެބައިމީހުން އެކަންތަކެއް ނުކުރީހެވެ.” އަދިވެސް ވަޙީ ކުރައްވާފައިވެއެވެ. ((وَلَوْ شِئْنَا لآتَيْنَا كُلَّ نَفْسٍ هُدَاهَا وَلَكِنْ حَقَّ الْقَوْلُ مِنِّي لأَمْلأَنَّ جَهَنَّمَ مِنْ الْجِنَّةِ وَالنَّاسِ أَجْمَعِينَ)) السجدة: 13 މާނައީ: “އަދި ތިމަންރަސްކަލާނގެ އިރާދަކުރެއްވިނަމަ، ކޮންމެ ނަފްސަކަށްމެ އެ ނަފްސެއްގެ ހިދާޔަތް ދެއްވީމުހެވެ. އެހެނެއްކަމަކު (ފާފަކުރާ) ޖިންނީންނާއި އިންސީން އެއްކޮށް، ހަމަކަށަވަރުން ނަރަކަ ފުރުއްވާނޭކަމުގެ ބަސްފުޅު ތިމަންރަސްކަލާނގެ ޙަޟްރަތުން އިސްވެގޮސްފައިވެއެވެ.” އަދިވެސް ވަޙީކުރައްވާފައިވެއެވެ. ((مَنْ يَشَأِ اللَّهُ يُضْلِلْهُ وَمَنْ يَشَأْ يَجْعَلْهُ عَلَى صِرَاطٍ مُسْتَقِيمٍ)) الأنعام: 39  މާނައީ: “ﷲ އިރާދަކުރައްވާ މީހަކު މަގު ފުރައްދަވަތެވެ. އަދި އެކަލާނގެ އިރާދަކުރައްވާ މީހަކު ސީދާ ވެގެންވާ ތެދުމަގެއްގައި ލަހައްޓަވަތެވެ.” މިއިންކޮންމެ އާޔަތަކުން އަޅުގަނޑުމެންނަށް ދޭހަކޮށްދެނީ ﷲ ސުބުޙާނަހޫ ވަތަޢާލާގެ އިރާދަކުރެއްވުމުން މެނުވީ އަޅުތަކުންގެ އިރާދަކުރުން ނާންނާނެކަމެވެ. އަޅުތަކުންގެ އިރާދަކުރުން ވަނީ އެއިލާހުގެ އިރާދަފުޅުގެ ދަށުގައިކަމެވެ. ﷲގެ އިރާދަފުޅާއި އަޅުންގެ އިރާދަ ހަމަހަމަކުރުމަކީ ޝިރުކެކެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމަ ޙަދީޘް ކުރައްވާފައިވެއެވެ. ((لاَ تَقُولُوا: مَا شَاءَ اللَّهُ وَشَاءَ فُلاَنٌ. وَلَكِنْ قُولُوا: مَا شَاءَ اللَّهُ ثُمَّ شَاءَ فُلاَنٌ)) (أبوداود: 4982، وصححه الألباني في الصحيحة: 137) މާނައީ: “ﷲ އިރާދަކުރެއްވީތީއޭ އަދި އެވެނިމީހަކު އިރާދަކުރީތީއޭ، ތިޔަބައިމީހުން ނުބުނާށެވެ. އެހެނެއްކަމަކު، ﷲ އިރާދަކުރެއްވީތީއޭ، ދެން އެވެނިމީހަކު އިރާދަކުރީތީއޭ ތިޔަބައިމީހުން ބުނާށެވެ.” މިޙަދީޘްގައި “الواو” ން ގުޅިފައިވުމުން ދޭހަކޮށްދޭ މާނައަކީ އެއްޗެއް އެއްގޮތްވުމާއި ހަމަހަމަވުމުގެ މާނައެވެ. “ﷲ އާއި ތިބާ އިރާދަކުރެއްވިއްޔާއޭ” ބުނެފި މީހަކު އެއެއްގޮތްކުރަނީ އަޅެއްގެ އިރާދަކުރުމާއި ﷲ ސުބުޙާނަހޫ ވަތަޢާލާގެ އިރާދަކުރެއްވުމާއެވެ. އަދި މިދެފަރާތުގެ އިރާދަކުރުން ހަމަހަމަ ކުރަނީއެވެ. މިއާއި ޚިލާފަށް “ثُمَّ” އިން ގުޅިފައިވުމުން ދޭހަކޮށްދެނީ، ކަމެއްގެ ފަހުން ކަމެއް އަންނަ މާނައެވެ. “ﷲ އިރާދަކުރެއްވިއްޔާއޭ ބުނުމަށްފަހު، ތިބާ އިރާދަކުރިއްޔާއޭ” ބުނެއްޖެމީހަކު އެއިޤުރާރުވަނީ، އަޅެއްގެ އިރާދަކުރުން އަންނާނީ، ﷲ ސުބުޙާނަހޫ ވަތަޢާލާގެ އިރާދަކުރެއްވުމަށް ފަހުގައި ކަމަށެވެ. އަދި އަޅެއްގެ އިރާދަކުރުން، ﷲ ސުބުޙާނަހޫ ވަތަޢާލާގެ އިރާދަކުރެއްވިއްޔާ މެނުވީ ނުވާނެކަމަށެވެ.

ﷲ ސުބުޙާނަހޫވަތަޢާލާއަށް އުރެދި އެކަމުގެ ޙުއްޖަތެއްކަމުގައި އެއިލާހު އިރާދަކުރެއްވިގޮތޭ ބުނުމަކީ ބާޠިލުބުނުމެކެވެ. އަދި އެއީ އެއިލާހަށް އުރެދޭ ކާފަރުންގެ ބުނުންތަކުގެ ތެރެއިން ބުނުމެކެވެ. އެހެނީ، ކާފަރުން އެބައިމީހުން އެއުޅުނުގޮތްތަކަކީ ﷲ އިރާދަކުރެއްވިގޮތޭ ބުނެ ސަލާމަތްވާން އުޅޭނެއެވެ. މިބައިމީހުންގެ މިބަހުގެ ދޮގުކަން ބަޔާންކުރައްވައި ﷲ ވަޙީ ކުރައްވާފައިވެއެވެ. ((سَيَقُولُ الَّذِينَ أَشْرَكُوا لَوْ شَاءَ اللَّهُ مَا أَشْرَكْنَا وَلَا آَبَاؤُنَا وَلَا حَرَّمْنَا مِنْ شَيْءٍ كَذَلِكَ كَذَّبَ الَّذِينَ مِنْ قَبْلِهِمْ حَتَّى ذَاقُوا بَأْسَنَا قُلْ هَلْ عِنْدَكُمْ مِنْ عِلْمٍ فَتُخْرِجُوهُ لَنَا إِنْ تَتَّبِعُونَ إِلَّا الظَّنَّ وَإِنْ أَنْتُمْ إِلَّا تَخْرُصُونَ)) الأنعام: 148 މާނައީ: “ޝަރީކުކުޅަ މީހުން ބުނާނެތެވެ. ﷲ އިރާދަކުރެއްވިނަމަ ތިމަންމެން، އަދި ތިމަންމެންގެ ކާބަފައިންވެސް، ޝަރީކެއް ނުކުޅައީހެވެ. އަދި ތިމަންމެން އެއްވެސް އެއްޗެއް ޙަރާމްކޮށެއްވެސް ނުހެދީމުހެވެ. ހަމައެފަދައިން، އެބައިމީހުންގެ ކުރީގެ މީހުން، ތިމަންރަސްކަލާނގެ ޢަޛާބުގެ ރަހަ ލިބިއްޖައުމަށްދާނދެން (ރަސޫލުން) ދޮގުކުޅައެވެ. ކަލޭގެފާނު ވިދާޅުވާށެވެ! ތިޔަބައިމީހުން، އަހުރެމެންނަށް ނެރެދައްކައިދޭނޭ އެއްވެސް ޢިލްމެއް، ތިޔަބައިމީހުންގެ ކިބައިގައި ވޭހެއްޔެވެ؟ ތިޔަބައިމީހުން ތަބާވަނީ، ހީއަކަށް ކަމުގައި މެނުވީ ނުވެއެވެ. އަދި ތިޔަބައިމީހުން ދޮގުހަދާ ބަޔަކު ކަމުގައި މެނުވީ ނުވެއެވެ.” އަދިވެސް ވަޙީކުރައްވާފައިވެއެވެ. ((وَقَالَ الَّذِينَ أَشْرَكُوا لَوْ شَاءَ اللَّهُ مَا عَبَدْنَا مِنْ دُونِهِ مِنْ شَيْءٍ نَحْنُ وَلا آبَاؤُنَا وَلا حَرَّمْنَا مِنْ دُونِهِ مِنْ شَيْءٍ كَذَلِكَ فَعَلَ الَّذِينَ مِنْ قَبْلِهِمْ فَهَلْ عَلَى الرُّسُلِ إِلاَّ الْبَلاغُ الْمُبِينُ)) النحل: 35 މާނައީ: “ޝަރީކުކުޅަ މީހުން ބުނެފިއެވެ. ﷲ އިރާދަކުރެއްވިނަމަ، އެކަލާނގެ ފިޔަވައި އެހެން އެއްވެސް އެއްޗަކަށް ތިމަންމެންވެސް، އަދި ތިމަންމެންގެ ކާބަފައިންވެސް އަޅުކަމެއް ނުކުޅައީހެވެ. އަދި އެކަލާނގެ އެންގެވުމަކާނުލައި އެއްވެސްއެއްޗެއް ތިމަންމެން ޙަރާމްކޮށެއް ނުހެދީމުހެވެ. އެބައިމީހުންގެ ކުރީގެ މީހުންވެސް ކަންތައްކުޅައީ، ހަމައެފަދައިންނެވެ. ފަހެ، ބަޔާންވެގެންވާ އިއްވެވުން މެނުވީ، ރަސޫލުންގެ މައްޗަށް ވޭހެއްޔެވެ؟” ފަހެ، މުޝްރިކުން އެބައިމީހުންގެ ޙުއްޖަތެއްކަމުގައި ބުނެއުޅުނީ ނުވަތަ ޤިޔާމަތްދުވަހު ބުނާނީ، އެބައިމީހުން ﷲ އަށް އުރެދިއުޅުނީ އެއިލާހުގެ މަޝީއަތުންކަމުގައެވެ. ނުވަތަ އެބައިމީހުން އެބުނަނީ އެއިލާހުގެ މަޝީއަތަކީ ﷲގެ ރުއްސެވުމާއި ލޯބިވެވޮޑިގަތުމުގެ ދަލީލެއްކަމުގައެވެ. ﷲ މިވަނީ މިއާޔަތްތަކުގައި އެބައިމީހުންގެ އެބަސްތަކަކީ ދޮގު، އެއްވެސް ބުރަދަނެއްނެތް ބަސްތަކެއްކަމުގައި ބަޔާންކުރައްވާފައެވެ. އެހެނީ، ކުރިންދެންނެވުނު ފަދައިން މަޝީއަތަކީ ﷲ ސުބުޙާނަހޫ ވަތަޢާލާ ކައުނުގެ ކަންކަން ހިންގެވުމަށް އިރާދަކުރައްވާފައިވާ އިރާދަކުރެއްވުމެވެ. އެއިލާހުގެ މަތިވެރިވެގެންވާ ޙިކުމަތްފުޅުން މިކައުނުގައި ޝިރުކު ލައްވާފައިވުމީ ޝިރުކުކުރުން ހުއްދަވުމުގެ ދަލީލެއްނޫނެވެ. ހަމައެހެންމެ، އެއިލާހުގެ މަތިވެރިވެގެންވާ ޙިކުމަތްފުޅުން ކައުނުގައި އެއިލާހަށް އުރެދެވޭ ކަންކަން ލައްވާފައިވުމަކީ އެކަންކަން ކުރުން ހުއްދަކަމުގެ ދަލީލެއް ނޫނެވެ. އެއިލާހު އަޅުތަކުންނަށް އަމުރުކުރައްވާފައިވަނީ އެއިލާހަށް ޝިރުކުނުކުރުމަށާއި، އެއިލާހަށް ނުއުރެދުމަށެވެ. އަދި ޙައްޤު މަގަކީ ކޮބައިކަން ވަނީ ރަސޫލުންނާއި ނަބިއްޔުން މެދުވެރިކުރައްވައި، އަދި އެއިލާހު ބާވާލެއްވި ފޮތްތަކުގެ ޒަރީޢާއިން އަޅުތަކުންނަށް ބަޔާންކޮށްދެއްވާފައެވެ. މިހުރިހާކަމެއް އެއިލާހު ބަޔާންކުރައްވާފައިވާއިރު، ދެން އެއިލާހަށް ޝިރުކުކޮށް އުރެދުމަކީ ﷲގެ އިރާދަކުރެއްވުން ބަހަނާއަކަށް ހެދޭނެކަމެއް ނޫނެވެ. ބަޔާންވެ ދިޔަ އާޔަތްތަކުގައި އެއިލާހު އެވަނީ މިބަހަނާގެ ބާޠިލުކަން ބަޔާންކުރައްވާފައެވެ.

________________________________

ޢަޤީދާގެ ފިލާވަޅުގެ ކުރީގެ ފިލާވަޅުތައް