[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

އަހަރެން ދަޢުވަތުދޭން ލޯބިކުރަން އެކަމަކު…

އަހަރެން ދަޢުވަތުދޭން ލޯބިކުރަމެވެ. އެކަމަކު އަހަންނަކީ އެހާ ބަސްމޮށުންތެރިމީހެއްނޫނެވެ. ފަހެ އަހަރެން ހަދާނީ ކިހިނެތްހެއްޔެވެ؟

الحمد لله والصلاة والسلام على رسول الله وعلى آله وصحبه أجمعين.

ބަލާޣާތްތެރިކަމާއި ފަޞާޙާތްތެރިކަމާއި ބަޔާންކޮށްދިނުމުގެ ހުނަރަކީ ﷲގެ މަގަށް ދަޢުވަތުދިނުމުގައި ޝަރުތެއްނޫނެވެ. ފަހެ ރަޙްމާނުވަންތަ ﷲގެ ކަލީމް (އެބޭކަލަކަށް ﷲތަޢާލާ ސީދާ ބަސްވަޙީކުރެއްވި) މޫސާ عليه السلامގެ ދޫފުޅުގައި، ކަންކަން ބަޔާންކޮށްދެއްވުމުގައި ބުރަހެލިގޮތެއް ހުއްޓެވެ. އަދި އެކަލޭގެފާނު އަންނަވި ބަސްފުޅުވިދާޅުވެ ﷲ ޙަޟްރަތުގައި ދެންނެވިއެވެ. ﴿وَاحْلُلْ عُقْدَةً مِّن لِّسَانِي﴾  (سورة طه ٢٧) 

މާނައީ: “އަދި މިއަޅާގެ ދުލުގެ ގޮށް މޮއްސަވައިލައްވާނދޭވެ. (އެބަހީ: ދުލުގައިހުރި ދަތިގޮތް ފިލުއްވައިދެއްވައި، ދޫފަސޭހަކޮށްދެއްވާނދޭވެ.)”

އެކަލޭގެފާނުގެ ޢަދާވާތްތެރިޔާ ފިރުޢައުނުވީ އެކަލޭގެފާނަށްވުރެ ބަސްމޮށުންތެރި މީހަކަށެވެ. އެހެންކަމުން ﷲ ތަޢާލާ ޚަބަރުކުރައްވާފައިވަނީ އަންނަވި ބަސްތައް ހަމަކަށަވަރުންވެސް ފިރުޢައަނު ބުނިކަމަށެވެ. ﴿أَمْ أَنَا خَيْرٌ مِّنْ هَـٰذَا الَّذِي هُوَ مَهِينٌ وَلَا يَكَادُ يُبِينُ﴾  (سورة الزخرف ٥٢) 

މާނައީ: “އަދި ކީއްހެއްޔެވެ. މިހިރަ ދެރަނިކަމެތި މީހާއަށްވުރެ (އެބަހީ: މޫސާ عليه السلامއަށް ވުރެ) ތިމަން މާމޮޅެވެ. އޭނާއީ ދައްކާ ވާހަކަ ބަޔާންކޮށްދިނުމާ ގާތްވެސް ނުކުރެވޭ މީހެކެވެ.”

އެބަހީ: ބަސްމޮށުންތެރިއެއްނޫނެވެ. އަދި ބަޔާންނުކޮށްދެވެއެވެ. މޫސާ عليه السلامގެ ކިބައިގައި ބަޔާންކޮށްދެއްވުމުގައި ދަތިކަމެއްހުރެ، ފަޞާޙާތްތެރިނޫން ޙާލުވެސް އެކަލޭގެފާނުގެ އުންމަތްވީ ނަބިއްޔާ މުޙައްމަދު صلى الله عليه وسلمގެ އުންމަތަށްފަހު އެންމެ ގިނަ ތަބާވީމީސްތަކުންވީ އުންމަތަށެވެ.

ފަހެ ތިބާއަށް ކުޅަދާނަވީ މިންވަރަކުން ބުރަމަސައްކަތްކޮށް، ލިބިފައިވާ ޢިލްމެއް ފަޞާހާތްތެރިކަމާއެކު ފޯރުކޮށްދޭށެވެ. ތިބާގެ ކިބައިގައި ހުރި ލަދުވެތިކަމަކީ ހެޔޮކަންމީސްތަކުންނަށް ފޯރުކޮށްދިނުން މަނާކުރާކަމެއްކަމުގައި ނަހަދާށެވެ.

ﷲގެ މަގަށް ދަޢުވަތުދިނުމަކީ ހަމައެކަނި މިންބަރެއްގެ މަތީގައި ވާހަކަދެއްކުމެއްނޫނެވެ. ނުވަތަ ހަމައެކަނި ޙަފްލާއެއްގައި ނަޞީޙަތެއް ދިނުމެއްވެސްނޫނެވެ. އަދި ކިއެއްހެއްޔެވެ. ހަމަކަށަވަރުން ދަޢުވަތަކީ ގިނަވައްތަރުތަކެއް އެކުލެވޭކަމެކެވެ. ފަހެ މީހަކާއެކު އެކަނި ހުރެވެސް އޭނާކުރާ (ގޯސްކަމެއް) އިންކާރުކުރުމަކީ ދަޢުވަތެކެވެ. އަދި ހެޔޮކަންކަމަށް ހުރިމަގުތަކަށް މުދަލުން އެހީވުމަކީވެސް ވަރަށް މާތްކަމެކެވެ. އަދި ދަޢުވަތުގެ މަގުތައް ފަސޭހަކޮށްދިނުމަކީވެސް ދަޢުވަތެކެވެ. އަދި މީގެ ސަބަބުން މުޅި މުޖުތަމަޢުގައި ތިބި ތަފާތުއެކިއެކި ވަޒީފާތަކުގެ އަހުލުވެރިންވެސް ﷲގެ މަގަށް ދަޢުވަތުދޭމީހުންނަށް ވެގެންދާނެއެވެ. އެއީ މުދަލުންނާއި ޤަލަމުންނާއި ދުލުންނެވެ.

_____________________________________

މިލިޔުމަކީ މަސްޖިދުއްނަބަވީގެ އިމާމެއްކަމުގައިވާ د.عبدالمحسن القاسم ގެ ރިސާލާއެއްކަމަށްވާ الخطوات إلى السعادة (ބާއްޖަވެރިކަމާ ދިމާއަށް ފިޔަވަޅުތަކެއް)، މިރިސާލާއިން ނަގާފައިވާ ލިޔުމެކެވެ.

މިލިޔުމުގެ އެހެނިހެން ބައިތައް