[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ޢިލްމުވެރިންނަށް އިޙްތިރާމްކުރުން

ilmuverin

الحمد لله والصلاة والسلام على رسول الله وعلى آله وصحبه أجمعين.

އަޅުތަކުންނަށްވާ ބައްތިތަކަކީ ޢިލްމުވެރިންނެވެ. އަދި ރަށުގެ ފާހަގަތަކަކީވެސް އެއީއެވެ. އަދި އުންމަތް ނަގަހައްޓާބަޔަކީވެސް އެއީއެވެ. ސަލްމާން އަލްފާރިސީ رضي الله عنه ވިދާޅުވެއެވެ: “ކިޔަވައިދޭ މުޢައްލިމެއްގެ މިޘާލަކީ އަނދިރިމަގެއް އަލިކުރުމަށްޓަކައި ބައްތިއެއް ބެހެއްޓި މީހެއްގެ މިޘާލެވެ. އެއީ ހުރަސްކޮށްފައިދާމީހުން އޭގެ އަލިކަން ޙާޞިލުކުރުމަށްޓަކައެވެ.”

ޢިލްމުވެރިންނަށް މާތްކޮށްހިތުން ހިމެނިގެންވަނީ ދީނަށާއި ޝަރީޢަތަށް މާތްކޮށް ހިތުމުގެ ތެރެއިންނެވެ. ފަހެ އެބޭކަލުންނަކީ ދަޢުވަތުގެ ޚަލީފާއިންނެވެ. ރަސޫލާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ.

((العلماء ورثة الأنبياء)) [رواه أحمد]

މާނައީ: “ޢިލްމުވެރިންނަކީ ނަބީބޭކަލުންގެ ވާރުތަވެރިންނެވެ.” އިސްވެދިޔަ ޞާލިޙުބޭކަލުންވަނީ ޢިލްމުވެރިންނަށް މާތްކޮށްހިތާ އިޙްތިރާމްކުރައްވާފައެވެ.

އައްރަބީޢު ބުން ސުލައިމާން رحمه الله ވިދާޅުވެއެވެ: “ޝާފިޢީގެފާނުގެ ހައިބަތުގެ ބޮޑުކަމުން އެކަލޭގެފާނު ބައްލަވަން ހުއްޓާ އަޅުގަނޑަށް ފެންފޮދެއްވެސް ބޯން ނުކުރެއެވެ.”

އެބޭކަލުންނާ ސުވާލުކުރުމަކީ ޢިލްމެވެ. އަދި އެބޭކަލުންނާ މަޖިލިސްކުރުމަކީ ބާއްޖަވެރިކަމެވެ. އަދި އެބޭކަލުންނާ އެކުވެ އުޅުމަކީ ސުލޫކުނަގަހައްޓާކަމެކެވެ. އަދި ޒުވާނުން އެބޭކަލުންނާއެކު ގިނަވަގުތު ހޭދަކުރުމަކީ ﷲގެ އިޛްނަފުޅާއެކު، މަގުން ކައްސާލުމުން ރައްކާތެރިކޮށްދޭނެކަމެކެވެ.

އަބުއްދަރްދާ رضي الله عنه ވިދާޅުވެއެވެ: “ޢިލްމުވެރިންނާއެކު ހިނގާ އަދި ވަދެ ނުކުމެ އުޅުމަކީ (އެބަހީ: އެބޭކަލުންގެ އަރިހަށް ގޮސްއުޅުމަކީ) މީހެއްގެ ފިޤުހުވެރިކަމުގެ ތެރެއިންވާކަމެކެވެ.”

ޢިލްމުވެރިންނާއިއެކު އުޅުމުގެ މޭވާއަކީ ހަމައެކަނި ޢިލްމުލިބި ތަންދޮރުފިލުމެއްނޫނެވެ. އަދި ކިއެއްހެއްޔެވެ. އެބޭފުޅުންގެ އުޅުމާއި ގުޅުމާއި ހިއްމަތުގެ މަތިވެރިކަމާއި މީސްތަކުންނަށް ކޮށްދޭ ފައިދާއިންވެސް ނަމޫނާލިބެއެވެ.

މައިމޫނު އިބްނު މަހްރާނު رحمه الله ވިދާޅުވިއެވެ: “އަޅުގަނޑުގެ ހިތުގެ ރަނގަޅުކަން ފެނިފައިވަނީ ޢިލްމުވެރިންނާއެކު އެއްމަޖިލިސްކުރުމުންނެވެ.”

މުސްލިމުން ޢިލްމުވެރިންނާ ދުރުގައި ތަރުބިއްޔަތުވުމުން ޢިލްމު ޙާޞިލުކުރުމުގައި ވަޅުޖެހެއެވެ. އަދި އަމިއްލަ ރައުޔުތައް މާމޮޅުކަމަށް ހީކުރެވެއެވެ. އަދި ބައިބައިވުމުގެ ސަބަބަކަށްވެއެވެ. އަދި އަޅުކަންކުރުން މަދުވެއެވެ. އައްޝަޢްބީ رحمه الله ވިދާޅުވެއެވެ: “ޢިލްމުވެރިންނާއެކު އެއްމަޖިލިސްކުރާށެވެ. ފަހެ އެހެނީ ތިޔަބައިމީހުން ރަނގަޅަށް ކަންކޮށްފިއްޔާ ޘަނާކިޔުއްވާނެއެވެ. ތިޔަބައިމީހުން ގޯސްކޮށްކަމެއްކޮށްފިއްޔާ ޢުޛުރުހޯދައިދީ އެކަން ތައުވީލުކުރައްވާނެއެވެ. އަދި ތިޔަބައިމީހުންނަށް ކުށެއްކުރެވިއްޖެނަމަ އެކަމުގެ މައްޗަށް ހަރުކަށިވެނުލައްވާނެއެވެ. އަދި ތިޔަބައިމީހުންނަށް ނޭނގިއްޖެނަމަ އުނގަންނައިދެއްވާނެއެވެ. އަދި ތިޔަބައިމީހުންނަށްޓަކައި ހެކިވެއްޖެނަމަ ފައިދާކޮށްދެއްވާނެވެ.”

ފަހެ އަދަބުވެރިކަމާއި، ތަވާޟުޢުވެރިކަމާއި އަދި ސުވާލުކުރުމުގައި މަޑުމައިތިރިވެ ޢިލްމުވެރިންނާ މަޖިލިސްކުރާށެވެ. އަދި އެބޭކަލުންނާ އެންމެ ރިވެތި ބަހުރުވައިން ވާހަކަދައްކާށެވެ.

_________________________________

މިލިޔުމަކީ މަސްޖިދުއްނަބަވީގެ އިމާމެއްކަމުގައިވާ د.عبدالمحسن القاسم ގެ ރިސާލާއެއްކަމަށްވާ الخطوات إلى السعادة (ބާއްޖަވެރިކަމާ ދިމާއަށް ފިޔަވަޅުތަކެއް)، މިރިސާލާއިން ނަގާފައިވާ ލިޔުމެކެވެ.

މިލިޔުމުގެ އެހެނިހެން ބައިތައް