[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ބޮޑެތި ފާފަތައް (1)

އަޅުގަނޑު މީގެކުރީގައި ލިޔެފައިވާ “ބޮޑެތިފާފަތައް ދެނެގަތުން” މިލިޔުމުގައި ވާނީ ބޮޑެތިފާފައަކީ ކޮބައިކަމާމެދު އަލިއަޅުވާލެވިފައެވެ. އެގޮތުން މިލިޔުމުގައި ކުރުގޮތަކަށް އަލިއަޅުވާލުމަށް ޤަޞްދުކޮށްފައިވަނީ ބޮޑެތިފާފައާ ބެހޭގޮތުން އަލްޙާފިޡް އައްޛަހަބީ ރަޙިމަހުﷲ ލިޔުއްވާފައިވާ “އަލްކަބާއިރު” މިފޮތުގައި ބޮޑެތިފާފަތައްކަމަށް އެކަލޭގެފާނު ވިދާޅުވެފައިވާ ފާފަތަކަށެވެ. އެގޮތުން އެކަލޭގެފާނު 76 ފާފަ ޛިކުރުކޮށްފައިވެއެވެ. އަދި މީގެ ތެރެއިން އެތައް ފާފަތަކެއް އެއްނަމެއްގެ ދަށުން ގެންނަވާފައިވެއެވެ. އެފާފަތަކަކީ:

1. ﷲއަށް ކުރެވޭ އަޅުކަމެއްގައި އެހެން ފަރާތެއް ބައިވެރިކުރުން. (ޝިރުކުކުރުން).

2. ޙައްޤަކާނުލައި ނަފްސެއް ޤަތުލުކުރުން.

3. ސިޙުރުހެދުން.

4. ނަމާދު އެޅުން.

5. ޒަކާތް ނުދިނުން.

6. މައިންބަފައިންނަށް އިހާނެތިކޮށް ހިތުން.

7. ރިބާކެއުން.

8. ޔަތީމުންގެ މުދާ ނުޙައްޤުން ކެއުން.

9. ނަބިއްޔާ ޞައްލަﷲ ޢަލައިހިވަސައްލަމަގެ މައްޗަށް ދޮގުހެދުން.

10. ޢުޛުރަކާނުލައި ނުވަތަ ރޯދަދޫކޮށްލުމުގެ ހުއްދަދެއްވާފައިނުވާމީހަކު ރަމަޟާންމަހުގެ ރޯދަދޫކޮށްލުން.

11. ހަނގުރާމަ ހިނގަމުންދާވަގުތު ހަނގުރާމައަށް ފުރަގަސްދިނުން.

12. ޒިނޭކުރުން. (ޒިނޭގެ ބައެއް ވައްތަރުތަކަކީ އަނެއްބައި ވައްތަރަށްވުރެ ފާފަ ބޮޑުވެގެންވާ ވައްތަރުތަކެކެވެ. މިގޮތުން މަޙްރަމަކާ ނުވަތަ އަވަށްޓެރިމީހާގެ އަންހެނުންނާ ޒިނޭކުރުމަކީ ފާފަ ބޮޑުވާނެ ޒިނޭގެ ވައްތަރުތަކެވެ.)

13. ބައެއްގެ މައްޗަށް އިސްކޮށްފައިވާ ނުވަތަ އިސްވެފައިވާ ވެރިޔަކު އޭނާގެ ޒިންމާތަކަށް މަކަރުހެދުމާއި، އަނިޔާވެރިވުމާއި، ޖައްބާރުވުން.

14. ރާބުއިން: ރާބޮއެގެން އަމަލުނުވިނަމަވެސް، ރާބޮއެފިނަމަ މީގެ ތެރެއަށް ވަންނާނެއެވެ. (އަދި  މަސްތުވާ ކޮންމެ އެއްޗެއް ބުއިންވެސް މީގެ ތެރެއަށްވަންނާނެއެވެ.)

15. ކިބުރުވެރިވުމާއި، ފަޚްރުވެރިވުމާއި، ބޮޑާވެރިވުމާއި، އެހެންމީހުން ނިކަމެތިކުރުން.

16. ދޮގުހެކިދިނުން.

17. އެއްޖިންސުން ގުޅުން ހިނގުން.

18. ޢިއްފަތްތެރި އަންހެނުންނަށް ޤަޛްފުކުރުން.

19. ޣަނީމާމުދަލުންނާއި، ބައިތުލްމާލުންނާއި، ޒަކާތުމުދަލުން ޙައްޤުނޫން މުދާ ނެގުން.

20. ބާޠިލުގޮތުގައި މީސްތަކުންގެ މުދާ އަތުލައި އަނިޔާވެރިވުން.

21. ވައްކަންކުރުން.

22. މަގުފޭރުން.

23. ދޮގުހުވާކުރުން.

24. ވާހަކައިގައި ގިނަގިނައިން ދޮގުހެދުން.

25. އަމިއްލަ ނަފްސު ޤަތުލުކުރުން.

26. ނުބައި ގާޒީ.

27. ތިމާގެ އަހުލުން ނުބައި ފާޙިޝް ޢަމަލުކުރާއިރު ހަނުހުންނަމީހުން. (މިފަދަ މީހުންނަށް ދެވިފައިވާ ނަމަކީ ދައްޔޫޘުންނެވެ. ތިމާގެ އަނބިމީހާ ހިލޭފިރިހެނުންނާއެކު ފިލްމުކުޅެ، ޑުރާމާކުޅެ، ނަށާ، ޒިނޭކުރާއިރު ހަނުހުންނަ މީހުންނަކީ މިފަދަ މީހުންނެވެ.)

28. އަންހެނުންގެ ތެރެއިން ފިރިހެނުންނާ އެއްވައްތަރުވާ އަންހެނުންނާއި، ފިރިހެނުންގެ ތެރެއިން އަންހެނުންނާ އެއްވައްތަރުވާ ފިރިހެނުން.

29. ފަށްކަނޑައިދޭމީހާއާއި ފަށްކަނޑައިދެވޭމީހާ.

30. މުޅަތަކެއްޗާއި، ކަތިލާއިރު އޮހޮރިގެން އަންނަ ލެޔާއި، އޫރުމަސް ކެއުން.

31. ކުޑަކަމުދާތަކެތިން ރައްކާތެރިނުވުން. (ކުޑަކަމުދާތަކެތިން ރައްކާތެރިނުވުމަކީ ނަޞާރާއިންގެ ޝިޢާރުތަކުގެ ތެރެއިން ޝިޢާރެކެވެ.)

32. މީސްތަކުންގެ އަތުން  ބާޠިލުގޮތުގައި މުދާ ނަގާމީހުން.

33. ދެއްކުންތެރިކަން. (ދެއްކުންތެރިކަމަކީ ނިފާޤުކަމުގެ ތެރެއިންވާ ކަމެކެވެ.)

34. ޚިޔާނާތްތެރިވުން.

35. ދުނިޔެއަށްޓަކައި (ޝަރުޢީ ޢިލްމު) ޙާޞިލުކުރުމާއި، ޢިލްމު ފޮރުވުން.

(ނުނިމޭ)

___________________________

ބޮޑެތިފާފަތައް (2)