
މީހަކު ރޯދަ ހިފަންފަށަނީ މުސްލިމުންގެ ރަށެއްގައެވެ. ދެން އޭނާ އެހެން ރަށަކަށްދެއެވެ. އެރަށުގެ މީހުން ރޯދަ ހިފަން ފަށާފައިވަނީ ފުރަތަމަ ރަށަށްވުރެ ފަހުންނެވެ. އޭނާ އެބައިމީހުންނަށް ތަބާވާނަމަ ތިރީސްދުވަހަށްވުރެ ގިނައިން ރޯދަހިފުމަށް ލާޒިމުއެބަވެއެވެ. ނުވަތަ މިކަން އިދިކޮޅަށްވެސް ހިނގައެވެ. މިކަމުގެ ޙުކުމަކީ ކޮބާ ހެއްޔެވެ؟
މީހަކު އިސްލާމުންގެ ރަށަކުން އެހެން އިސްލާމީ ރަށަކަށް ބަދަލުވެއްޖެނަމަ އަދި އޭނާ އެބަދަލުވިތާގައި ރޯދަވީއްލުން [އެބަހީ: ރޯދަމަސް ނިންމުން] ލަސްވެއްޖެނަމަ، ފަހެ އެބައިމީހުން ރޯދަވީއްލަންދެން އޭނާ އެބައިމީހުންނާ އެކުގައިވާނީއެވެ. [އެބަހީ: އެބައިމީހުންނާއެކު ރޯދަހިފާނީއެވެ.] އެހެނީ ރޯދައަކީ މީސްތަކުން ރޯދަ ހިފާދުވަހު ހިފަން އޮންނަ އެއްޗެކެވެ. އަދި ރޯދަ ދޫކޮށްލުންވެސް އޮންނަނީ މީސްތަކުން ރޯދަ ދޫކޮށްލާދުވަހުއެވެ. އަދި އަޟްޙާގެ ދުވަހަކީ މީސްތަކުން އުޟްޙިޔާކަތިލާދުވަހެއެވެ.1
މިއީ އެއްދުވަސް ނުވަތަ އެއަށްވުރެ އިތުރަށް އޭނާ ރޯދަހިފަން ޖެހުނުނަމަވެސްއެވެ.
އެހެނީ އޭނާ ދެވަނަ ރަށަށް ބަދަލުވިއިރު އެތަނުގައި ހަނދުފެނިފައިނުވެއެވެ. ހަމަކަށަވަރުން ނަބިއްޔާ صلى الله عليه وسلم އަމުރުކުއްވާފައިވަނީ އެ [އެބަހީ: ހަނދު] ނުފެންނަނީސް ރޯދަތައް ހިފަން ނުފެށުމަށެވެ. އަދި އެ [އެބަހީ: ހަނދު] ނުފެންނަނީސް ރޯދަހިފުން ދޫކޮށްވެސް ނުލުމަށެވެ. އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ.
(صُوْمُوا لِرُؤْيَتِهِ ، وَأَفْطِرُوا لِرُؤْيَتِهِ)
މާނައީ: “އެފެނުމުން [އެބަހީ: ހަނދު ފެނުމުން] ރޯދަހިފާށެވެ. އަދި އެފެނުމުން [އެބަހީ: ހަނދު ފެނުމުން] ރޯދަ ދޫކޮށްލާށެވެ.”
އޭގެ މިޘާލަކީ ލަހުން އިރުއޮއްސޭ ރަށަކަށް ދަތުރުކުރި މީހެއްގެ މިޘާލެވެ. ހަމަކަށަވަރުން އެތަނަށް އިރުއޮއްސެންދެން އޭނާ ރޯދައަށް ހުންނާނެއެވެ. އެއީ އާންމު ދުވަހަކަށްވުރެ ދެގަޑިއިރު ނުވަތަ ތިންގަޑިއިރު ނުވަތަ އެއަށްވުރެވެސް އިތުރުވިނަމަވެސްއެވެ.
މިއާ އިދިކޮޅަށް ކަންދިމާވެއްޖެނަމަ ދަންނައެވެ: އެއީ ރޯދަމަސް ޘާބިތުވުން ފަސްވެފައިވާ ރަށަކުން، ރޯދަމަސް ކުރިން ޘާބިތުވެފައި ރަށަކަށް ބަދަލުވުމެވެ. ފަހެ ހަމަކަށަވަރުން އޭނާ އެބައިމީހުންނާއެކު ރޯދަ ދޫކޮށްލާނީއެވެ. އަދި ރަމަޟާންމަހުން ފާއިތުވީ މިންވަރު އޭނާ ޤަޟާކުރާނީއެވެ. އޭނާއަށް އެއްދުވަސް ފާއިތުވިނަމަ އެއްދުވަސް ޤަޟާކުރާނީއެވެ. އަދި ދެދުވަސް ފާއިތުވިނަމަ ދެދުވަސް ޤަޟާކުރާނީއެވެ. ފަހެ އަށާވީސްދުވަހު ރޯދަ ހިފުމަށްފަހު ރޯދަ ދޫކޮށްލައިފިނަމަ، ދެރަށުގައިވެސް ރޯދަމަސް ފުރިހަމަވިނަމަ [އެބަހީ: ދެރަށުގެ މީހުންވެސް ތިރީސް ރޯދަހިފިނަމަ] ދެދުވަސް ޤަޟާކުރާނީއެވެ. ނަމަވެސް އެދެރަށުގައި ނުވަތަ އެއްރަށުގައިވެސް މަދުން ރޯދަހިފިނަމަ [އެބަހީ: ނަވާވީސް ދުވަސް ރޯދަހިފިނަމަ]، އޭނާ ޤަޟާކުރާނީ އެއްދުވަހެވެ.
ފަޟީލަތުއްޝައިޚު މުޙައްމަދު އިބްނު ޞާލިޙު އަލްޢުޘައިމީން رحمه الله
“مجموع فتاوى الشيخ ابن عثيمين” ( ١٩ / السؤال رقم ٢٤ ).
________________________________________________
މިފަތުވާގެ އަޞްލު ބައްލަވާ: ލިންކު1 (އިނގިރޭސި)، ލިންކު2 (ޢަރަބި)
1 މިތާގައި ޝައިޚު މިއިޝާރާތްކުރައްވަނީ ރޯދަމަސްފެށުމާއި ރޯދަމަސް ނިންމުމުގައާއި އަދި ޢީދުކުރުމުގައި އެއްޤައުމެއްގެ ބަޔަކު ޚިލާފުނުވެ އެއްބައިވަންތަވުމަށް ރަސޫލާ صلى الله عليه وسلم ބާރުއަޅުއްވާފައިވާ ޙަދީޘްއަށެވެ.
(( الصَّوْمُ يَوْمَ تَصُومُونَ، وَالْفِطْرُ يَوْمَ تُفْطِرُونَ، وَالأَضْحَى يَوْمَ تُضَحُّونَ.)) [رواه الترمذي / كتاب: الصوم / باب: ما جاء في أن الفطر يوم تفطرون…/ رقم: ٦٩٧، وحسن إسناده الألباني في إرواء الغليل / كتاب: الصيام / رقم: ٩۰٥ / الجزء:٤ / ص: ١٣/ طبعة: المكتب الإسلامي ]
މާނައީ: “ރޯދަހިފުންވަނީ ތިޔަބައިމީހުން (އެންމެން) ރޯދަ ހިފާދުވަހުއެވެ. އަދި ރޯދަވީއްލުންވަނީ (އެބަހީ: ރޯދަ ދޫކޮށްލުން) ތިޔަބައިމީހުން(އެންމެން) ރޯދަވީއްލާދުވަހުއެވެ. އަދި އަޟްޙާގެ ދުވަހަކީ ތިޔަބައިމީހުން (އެންމެން) އުޟްޙިޔާކަތިލާދުވަހެއެވެ.”