ފޮތް: ސުނާމީއާ ގުޅިފައިވާ ފުން ހިތާމަ

2004ވަނަ އަހަރު ޑިސެމްބަރ މަހުގެ 26 ވީ އާދީއްތަ ދުވަހު ރާއްޖޭގެ ރަށްރަށަށް ސުނާމީ އެރި ޙާދިޘާއަކީ ބިރުވެރި ހިތާމަވެރި ނުރައްކާތެރި ކަމެއްކަމުގައި ސިފަކުރެވޭ ކަމެކެވެ. “ސުނާމީ” މިބަހަކީ ދިވެހިން މީގެ ކުރިން ދަންނަ ބަހެއްނޫނެވެ. އަދި އެތަޖްރިބާއަކީ މީގެކުރިން ދިވެހިންކޮށްފައިވާ ތަޖްރިބާއެއްވެސް ނޫނެވެ. ބިރުވެރިކަމުގެ އިންތިހާއެވެ. ވީނުވީއެއް ނޭނގި ތިއްބާ އެތައްބައެއްގެ ފުރާނަ ގެއްލި، ގެދޮރު ހަލާކުވެ، އަގުހުރި މުދާތަކެއް ގެއްލިގެން ދިޔައެވެ. ކުޑަކުޑަ ވަގުތުކޮޅެއްގެ ތެރޭގައެވެ.