ޙައްޖާއި ޢުމްރާގައި، ފަހާފަ ހުންނަ ހެދުން މުޙްރިމުން ނުލުމުގެ ޙިކުމަތަކީ ކޮބާ؟
الحمد لله
[އާންމުކޮށްލާ ހެދުން މުޙްރިމުން] ނުލުމުގެ ޙިކުމަތަކީ އިންސާނާ އޭނާގެ رَبّއަށް އެތެރެފުށުންނާއި ބޭރުފުށުން މަޑުމޮޅިވެއުޅުން ފުރިހަމަވުމުގެ ގޮތުންނެވެ. އެއީ ރިދާއަކާއި(1) އިޒާރެއްލުމުންނެވެ.(2) އެންމެ މޮޅު ހެދުންލުމުގެ ކުޅަދާނަކަން ލިބިފައިވާ އެންމެ މުއްސަނދިމީހުންވެސް އެންމެ ފަޤީރުމީހުންނާ އެއްފަދައިންވާތަން ތިބާއަށް ފެންނާނެއެވެ. އެއީ މަޑުމޮޅިކަންފުރިހަމަވުމުގެ ތެރެއިންވާކަމެކެވެ.
އަދިވެސް މުސްލިމުންގެމެދުގައި އޮންނަ އެއްބައިވަންތަކަން ދެއްކުމަށްވެސްމެއެވެ. އަދި އެބައިމީހުން އަޅާހެދުމުގައިވެސް އެބައިމީހުންނަކީ އެއް އުންމަތެއްކަން ދެއްކުމަށްޓަކައެވެ. އެހެންކަމުން އެއްބިނާއެއްގެ ވަށައިގެން އެބައިމީހުން ޠަވާފުކުރެއެވެ. އަދި ހުއްޓިގެންވެސް ތިބެނީ އެއްތަނެއްގައެވެ. އަދި ރޭތައް ހޭދަކުރަނީވެސް އެއްބިމެއްގައެވެ. އަދި [ހިލަ] އުކަނީވެސް އެއްތާކަށެވެ.
ތިންވަނަ ފައިދާއަކީ: ހަމަކަށަވަރުން އިންސާނާ ދުނިޔެއިން ނުކުންނައިރު އޭނާ ނުކުންނާނީ މިފަދަ ގޮތަކަށްކަން އިންސާނާ ހަނދުމަވެއެވެ. އެއްވެސް ޙާލެއްގައި އެންމެ މޮޅު ހެދުމުގައި އޭނާ ނުނުކުންނާނެއެވެ. ނަމަވެސް ނުކުންނާނީ ކަފުނެއްގައެވެ.
والله المستعان
ފަޟީލަތުއްޝައިޚް މުޙައްމަދު އިބްނު ޞާލިޙު އަލްޢުޘައިމީން رحمهالله
“مجموع فتاوى ابن عثيمين” (22/ 136) .
___________________________________
1 ރިދާއަކީ: ފިރިހެނުން އިޙްރާމްބަންނައިރު ހަށިގަނޑުގެ މަތީބައިނިވާކުރުމަށް ބޭނުންކުރާ ފޮތިގަނޑެވެ.
2 އިޒާރަކީ: ފިރިހެނުން އިޙްރާމްބަންނައިރު ހަށިގަނޑުގެ ތިރީބައިނިވާކުރުމަށް ބޭނުންކުރާ ފޮތިގަނޑެވެ.
މިފަތުވާގެ އަޞްލު ބައްލަވާ: ލިންކު1(ޢަރަބި) ، ލިންކު2 (އިނގިރޭސި)