[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

مادة التوحيد ٦ (ف 2 ، د 11 – ޤިޔާމަތްދުވަހުގެ ކަންތައްތައް)

ޤިޔާމަތްދުވަހުގެ ކަންތައްތައް

 

* ޤިޔާމަތްވުމުގެ ކުރިން ވަރަށް ގިނަ ޢަލާމާތްތަކެއް ފެނިގެންދާނެއެވެ. އޭގެ ތެރޭގައި ޙުޛައިފާ ބުން އުސައިދު އަލްޣިފާރީ رضي الله عنه ރިވާކުރެއްވި ޙަދީޘްގައި ވާރިދުވެފައިވާ ކަންތައްތައް ހިމެނެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ.

“ތިމަން ބޭކަލުން، ޤިޔާމަތުގެ ވާހަކަ ދައްކަން ތިއްބާ، އެތަނަށް ނަބިއްޔާ صلى الله عليه وسلم ވަޑައިގެންނެވިއެވެ. އަދި ޙަދީޘްކުރެއްވިއެވެ.

“ތިޔަ ބޭކަލުން ތިޔަ ދައްކަވަނީ ކޮން ވާހަކައެއް ހެއްޔެވެ؟”

ތިމަންބޭކަލުން ދެންނެވީމެވެ.

“ތިމަންބޭކަލުން މި ދައްކަނީ ޤިޔާމަތުގެ ވާހަކައެވެ.”

އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ.

“އޭގެ ކުރިން ދިހަ ކަމެއް ފާޅުވެއްޖައުމަށް ދާންދެން ޤިޔާމަތް ނުވާނެއެވެ. – ދެން އެކަލޭފާނު ބަޔާންކުރެއްވިއެވެ. – ދުންގަނޑަކާއި ދައްޖާލާއި ދާއްބައަކާއި ހުޅަނގު ފަރާތުން އިރުއެރުމާއި ޢީސާގެފާނު صلى الله عليه وسلم ފައިބައިވަޑައިގެންނެވުމާއި ޔައުޖޫޖު މައުޖޫޖު ބައިގައި މީހުން ފާޅުވުމާއި ބިންގަނޑު ގަނބައިގަތުމުގެ (ބޮޑު) ތިން ޙާދިޘާ މެދުވެރިވުމެވެ. އެއީ: އިރުމަތީ ފަރާތުން ބިންގަނޑު ގަނބައިގަތުމާއި ހުޅަނގު ފަރާތުން ބިންގަނޑު ގަނބައިގަތުމާއި ޢަރަބި ޖަޒީރާގައި ބިންގަނޑު ގަނބައިގަތުމެވެ. އަދި އޭގެ އެންމެ ފަހު ކަމަކީ ޔަމަނު ކަރައިން ނުކުންނަ އަލިފާން ގަނޑެކެވެ. އެބައިމީހުން އެއްކުރެވޭ ބިމަށް އެ އަލިފާންގަނޑު އެބައިމީހުން ލަވަމުން ގެންދާނެއެވެ.” [1]

ﷲ ތަޢާލާ، ޤިޔާމަތްވުމުން، މަރުވެފައިވާ މީސްތަކުން އަލުން ދިރުއްވާނެއެވެ. އެއީ ދުނިޔޭގައި އެންމެ ކުރިން އުޅުން މީސްތަކުންނާއި އެންމެ ފަހުން އުޅުނު މީސްތަކުންވެސް މެއެވެ.

ދެން އެއިލާހު އެބައިމީހުން މަޙްޝަރު ބިމަށް އެއްކުރައްވައި އެބައިމީހުންގެ މެދުގައި ނިޔާކަނޑައަޅުއްވާނެއެވެ. ޢަބްދުﷲ ބުން އުނައިސު رضي الله عنه ގެ ޙަދީޘްގައި ވެއެވެ. ނަބިއްޔާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ.

“މީސްތަކުން މަޙުޝަރު ބިމަށް އެއްކުރެއްވޭ ހިނދުގައި އެބައިމީހުން ތިބޭނީ ފޭރާމެއް ނުލާ، ފުރަތަމަ ޚަލްޤުކުރެއްވި ފަދައިން، بُهْم ޙާލަތުގައެވެ. ތިމަން ބޭކަލުން ދެންނެވީމެވެ. بُهْم އަކީ ކޮބާ ހެއްޔެވެ؟ އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. އެއީ އެއްވެސް އެއްޗެއް ނެތުމެވެ. ދެން ދުރުގައިވާ މީހާއަށްވެސް ކައިރީގައިވާ މީހާއަށް އިވޭ ފަދައިން، އިވޭ އަޑަކުން އެބައިމީހުންނަށް ނިދާ އިއްވޭނެއެވެ. “ތިމަން އިލާހީ الْمَلِكُ (އެބަހީ: ރަސްވަންތަ އިލާހު) އެވެ. އަދި الدَّيَّانُ (އެބަހީ: އަޅުތަކުންގެ މެދުގައި ޙުކުމްކުރައްވައި ނިޔާކަނޑައަޅުއްވާ، އެބައިމީހުންގެ ޢަމަލުތަކަށް ޖަޒާދެއްވާ އިލާހު) އެވެ. ނަރަކަވަންތަވެރިން ކުރެ އެއްވެސް މީހަކު، ސުވަރުގެވަންތަވެރިއަކަށް އަދާކުރަން ޖެހޭ ޙައްޤެއް ވަނިކޮށް އެކަމުގެ ޤިޞާޞް ތިމަން އިލާހު އެމީހެއްގެ ކިބައިން ހިއްޕަވައި ދެއްވުމަށް ދާންދެން އެމީހަކު ނަރަކައަށް ވަނުން އެކަށީގެން ނުވެއެވެ. އަދި ސުވަރުގެވަންތަވެރިން ކުރެ އެއްވެސް މީހަކު، ނަރަކަވެރިއަކަށް އަދާކުރަން ޖެހޭ ޙައްޤެއް ވަނިކޮށް އެކަމުގެ ޤިޞާޞް ތިމަން އިލާހު އެމީހެއްގެ ކިބައިން ހިއްޕަވައި ދެއްވުމަށް ދާންދެން އެމީހަކު ސުވަރުގެއަށް ވަނުން އެކަށީގެން ނުވެއެވެ. އެއީ އެމީހެއްގެ ކޯތާފަތް މަތީގައި ޖެހުން (ފަދަ ކުޑަކަމެއް) ކަމުގައި ވިޔަސް މެއެވެ.”

ތިމަން ބޭކަލުން ދެންނެވީމެވެ.

“ފޭރާމެއް ނުލާ، ފުރަތަމަ ޚަލްޤުކުރެއްވި ފަދައިން، އެއްވެސް އެއްޗެއް ނެތި ތިއްބާ، އެކަން ހިނގާނީ ކިހިނަކުން ހެއްޔެވެ؟”

އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ.

“(އެކަން ހިނގާނީ) އެމީހެއްގެ ހެޔޮކަމާއި ނުބައި ޢަމަލުތަކުންނެވެ. [2]

އަޅުތަކުންގެ މެދުގައި ޤިޔާމަތް ދުވަހު ޤިޞާޞް ހިފޭނެ ގޮތަކީ އަނިޔާ ލިބުނު މީހާއަށް އަނިޔާކުރި މީހާގެ ހެޔޮ ޢަމަލުތައް ދީގެންނެވެ. އަދި އެމީހެއްގެ ކިބައިގައި ދޭނެ ހެޔޮ ޢަމަލެއް ނެތްނަމަ އަނިޔާ ލިބުނު މީހާގެ ނުބައި ޢަމަލު، އަނިޔާ ކުރި މީހާއަށް ދެވޭނެއެވެ. [3]

 

މި ޙަދީޘްގައިވާ:

ދުންގަނޑަކީ: ޤިޔާމަތްދުވަސް ކައިރި ވުމުން ފާޅުވާނޭ ދުންގަނޑެކެވެ. މިއީ އެންމެންނަށްވެސް ފެންނާނެ ގޮތަށް ފާޅުކޮށް އަންނާނެ ދުންގަނޑެކެވެ. އަދި މި ދުންގަނޑުގެ ޝަރަޙައިގައި ޞަޙާބީ ބޭކަލުން ވިދާޅުވެފައިވަނީ މުއުމިނުންނަށް އޭގެ އަސަރު ކުރާނީ ރޯގާއެއްގެ އަސަރުކުރާ ފަދައިންނެވެ. އަދި ކާފިރުންނާއި މުނާފިޤުންނަށް އޭގެ އަސަރު ވަރަށް ބޮޑަށް ކުރާނެއެވެ.

ދައްޖާލަކީ: ފަހު ޒަމާނުގައި ފާޅުވާނޭ ދޮގުވެރި، ކާފިރު މީހެކެވެ. އޭނާ ދަޢުވާކުރާނީ އޭނާއަކީ ރައްބުކަމުގައެވެ. އޭނާގެ ކިބައިން އާދަޔާ ޚިލާފު ވަރަށް ގިނަ ކަންތައްތައް ފެންނާނެއެވެ. އެކަންތައްތައް ފެނުމުން އޭނާއަށް ވަރަށް ގިނަ މީހުން ތަބާވާނެއެވެ. ދެން އޭނާ މުޅި ބިމުގައި ދަތުރުކުރާނެއެވެ. އަދި މައްކާއާއި މަދީނާ ފިޔަވާ ހުރިހާ ރަށަކަށް ވަންނާނެއެވެ. އެ ދެ ރަށަށް އޭނާއަށް ނުވަދެވެނީ މަލާއިކަތް ބޭކަލުން އެ ދެ ރަށް ހިމަޔާތްކުރައްވާތީއެވެ. އެއަށް ފަހު ޢީސާ – عليه السلام – ފައިބައިވަޑައިގެން، އެކަލޭގެފާނުގެ އަތްޕުޅުގެ މައްޗަށް އޭނާ ޤަތުލުވެގެންދާނެއެވެ.

ދާއްބައަކީ: ފަހު ޒަމާނުގައި ނުބައިކަން އިތުރުވެ، ފަސާދަ ޢާންމުވުން ބިމުން ނުކުންނަ ދާއްބައެކެވެ. މި ދާއްބަ މީސްތަކުންނާ ވާހަކަދައްކާނެއެވެ. އަދި މުއުމިނުންނާއި ކާފިރުން ފާހަގަކުރާނެއެވެ. އަދި ކާފިރުންގެ ނޭފަތުގައި ފާހަގައެއް ޖަހާނެއެވެ. މި ދާއްބަ ފާޅުވާހުށީ ހުޅަނގު ފަރާތުން އިރުއެރުމާ ނުހަނު އެކުއެކީގައެވެ. ﷲ ތަޢާލާ ވަޙީކުރެއްވިއެވެ.

﴿وَإِذَا وَقَعَ الْقَوْلُ عَلَيْهِمْ أَخْرَجْنَا لَهُمْ دَابَّةً مِّنَ الْأَرْضِ تُكَلِّمُهُمْ أَنَّ النَّاسَ كَانُوا بِآيَاتِنَا لَا يُوقِنُونَ﴾ [سورة النمل  ٨٢]

މާނައީ: “އެބައިމީހުންގެ މައްޗަށް (ޢަޛާބުގެ) ބަސްފުޅު ޙައްޤުވާ ހިނދު، ތިމަންއިލާހު އެބައިމީހުންނަށްޓަކައި ބިމުން ދާއްބައެއް ނެރުއްވާހުށީމެވެ. އޭތި އެބައިމީހުންނާ ވާހަކަދައްކާނެއެވެ. އެއީ ހަމަކަށަވަރުން ތިމަންއިލާހުގެ އާޔަތްތަކަށް އީމާންނުވާ ބަޔަކު ކަމުގައި މީސްތަކުން ވިކަމަށްޓަކައެވެ.”

 

 

ސުވާލުތައް

 

1- އަންނަނިވި ޢިބާރާތް ފުރިހަމަ ކުރާށެވެ.

ނަބިއްޔާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ: އޭގެ ކުރިން ދިހަ ކަމެއް ފާޅުވެއްޖައުމަށް ދާންދެން ޤިޔާމަތް ނުވާނެއެވެ. – ދެން އެކަލޭފާނު ބަޔާންކުރެއްވިއެވެ. –

(1) ދުންގަނޑަކާއި

(2) ދައްޖާލާއި

(3) ____________________________________________________

(4)  ____________________________________________________

(5) ____________________________________________________

(6) ____________________________________________________

(7) (8) (9) ______________________________________________

(10) ___________________________________________________

2- ޤިޔާމަތް ދުވަހުން މީސްތަކުން މަޙުޝަރު ބިމަށް އެއްކުރެވޭނީ ކިހިނަކުން ހެއްޔެވެ؟

3- މަރުވެފައިވާ މީހުން އަލުން ދިރުއްވޭނީ ކޮން އިރަކުން ހެއްޔެވެ؟

4- އެހެން މީހަކަށް އަނިޔާކޮށްފައި ވާނަމަ ނުވަތަ އެހެން މީހަކަށް އަދާކުރަން ޖެހޭ ދަރަންޏެއްވާ މީހަކަށް ސުވަރުގެއަށް ވަދެވޭނީ ކޮން އިރަކުން ހެއްޔެވެ؟

5- އެހެން މީހަކަށް އަނިޔާކޮށްފައި ވާނަމަ ނުވަތަ އެހެން މީހަކަށް އަދާކުރަން ޖެހޭ ދަރަންޏެއްވާ މީހަކަށް ނަރަކައަށް ވަދެވޭނީ ކޮން އިރަކުން ހެއްޔެވެ؟

6- ދައްޖާލާ މެދު ރައްކާތެރިވުމަށް، ނަބިއްޔާ صلى الله عليه وسلم އިންޛާރު ދެއްވާފައިވަނީ ކީއްވެގެން ހެއްޔެވެ؟

 

= ނުނިމޭ =


مادة التوحيد ٦

 

[1] صحيح مسلم (2901).

[2]  رواه أحمد في مسنده (16042) وحسنه الألباني في صحيح الترغيب والترهيب (3608).

[3] ބައްލަވާ: صحيح البخاري (2449).