[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

مادة التوحيد ٦ (ف 2 ، د 10 – ކަށްވަޅުގެ ނިޢުމަތާއި ޢަޛާބު)

އަހުލުއްސުންނާ ވަލް ޖަމާޢަތުގެ އުޞޫލުތަކުގެ ތެރޭގައި ހިމެނޭ ބައެއް ކަންތައްތައް:

 

* ކަށްވަޅުގެ “ފިތުނައަށް” (އެބަހީ: ކަށްވަޅުގައި ކުރެވޭ އިމްތިޙާނަށް) އީމާންވުން.

އެއީ މައްޔިތާ ކަށްވަޅުގައި ވަނިކޮށް އޭނާގެ ރައްބާއި ދީނާއި ނަބިއްޔާ صلى الله عليه وسلم އާ ބެހޭގޮތުން ސުވާލު ކުރެވޭނެކަމަށް އީމާންވުމެވެ.

* ކަށްވަޅުގެ ނިޢުމަތާއި ޢަޛާބަށް އީމާންވުން.

އެތަން ވާހުށީ ސުވަރުގޭގެ ބަގީޗާތަކުގެ ތެރެއިން ބަގީޗާއަކަށެވެ. ނުވަތަ ނަރަކައިގެ ވަޅުގަނޑުތަކުގެ ތެރެއިން ވަޅުގަނޑަކަށެވެ.

* އަދި އަބޫ ހުރައިރާ رضي الله عنه ރިވާކުރެއްވި ޙަދީޘްގައިވެއެވެ. ﷲ ގެ ރަސޫލާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ.
“މަރުވެފައިވާ މީހާ ވަޅުލުމުން އޭނާގެ ގާތަށް ކަޅާއި ނޫ ކުލައިގެ ދެ މަލާއިކަތުން ވަޑައިގަންނަވާނެއެވެ. [1] އޭގެ ތެރެއިން އެއް މަލާއިކަތަކަށް ކިޔަނީ މުންކަރެވެ. އަދި އަނެއް މަލާއިކަތަކަށް ކިޔަނީ ނަކީރެވެ.” (سنن الترمذي (1071) والسلسلة الصحيحة للألباني (3 / 380)).

އަދި އަނަސް رضي الله عنه ގެ އަރިހުން ވާރިދުވެފައިވާ ޙަދީޘެއްގައި ކަށްވަޅުގައި މެދުވެރިވާ ކަންތައްތަކުގެ ތަފްޞީލު ވާރިދުވެގެން އައިސްފައިވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. ﷲ ގެ ރަސޫލާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ.

“ހަމަކަށަވަރުން އަޅާ ކަށްވަޅަށް ތިރިކޮށްފައި އޭނާގެ އެކުވެރިން އެތަނުން ދުރަށް ހިނގާފައި ދާއިރުގައި އެބައިމީހުންގެ ފައިވާނުގެ އަޑުތައް އޭނާއަށް އިވޭނެއެވެ. އެ ހިނދު އޭނާގެ ގާތަށް ދެ މަލާއިކަތުން ވަޑައިގެން އޭނާ ބައިންދާނެއެވެ. އަދި އޭނާއަށް އެ ދެމަލާއިކަތުން ވިދާޅުވާނެއެވެ. މިމީހާ އާ ބެހޭގޮތުން – އެބަހީ: މުޙައްމަދު صلى الله عليه وسلم އާ ބެހޭގޮތުން – ތިބާ ބުނެ އުޅުނީ ކީކޭ ހެއްޔެވެ؟ ފަހެ މުއުމިނު އަޅާއާ މެދު ދަންނައެވެ. އޭނާ ބުނާނެއެވެ. އެއީ ﷲ ގެ އަޅާ އަދި ރަސޫލާކަމަށް ތިމަން ހެކިވަމެވެ. ދެން އޭނާއަށް ބުނެވޭނެއެވެ. ނަރަކައިގައިވާ ތިބާގެ ޖާގައެއް ބަލާށެވެ. ހަމަކަށަވަރުން ﷲ އެވަނީ ސުވަރުގެއިން ޖާގައަކަށް އެ ބަދަލުކުރައްވާފައެވެ. ދެން އޭނާއަށް އެ ދެ ތަންވެސް ފެންނާނެއެވެ. މުނާފިޤުވި މީހާއާއި ކާފިރުވި މީހާއާމެދު ދަންނައެވެ. ފަހެ އޭނާއަށް ބުނެވޭނެއެވެ. މިމީހާ ބެހޭގޮތުން ތިބާ ބުނެ އުޅުނީ ކީކޭ ހެއްޔެވެ؟ ފަހެ އޭނާ ބުނާނެއެވެ. އަހަންނަކަށް ނޭނގެއެވެ. އަހަރެން ބުނެ އުޅުނީ މީހުން ބުނެ އުޅުނު އެއްޗެކެވެ.

ފަހެ އޭނާއަށް ބުނެވޭނެއެވެ. ތިބާ ނުވެސް އުނގެނެއެވެ. އަދި ނުވެސް ކިޔަވައެވެ. (އެބަހީ: ޤުރުއާންވެސް ނުކިޔަވައެވެ.) އެހާއިރުން ދަގަނޑު މުގުރިއަކުން އޭނާގެ ގައިގައި ޖެހުމުން އޭނާ ބާރަށް ހަޅޭއް ލަވާނެއެވެ. ފަހެ އިންސީންނާއި ޖިންނިން ފިޔަވާ އޭނާގެ ގާތުގައިވާ ހުރިހާ އެއްޗަކަށް އެ އަޑު އިވޭނެއެވެ.” (صحيح البخاري (1374)).

އަދި ބަރާއު ބުން ޢާޒިބު رضي الله عنه ގެ އަރިހުން ރިވާވެފައިވާ ޙަދީޘްގައިވަނީ ކޮންމެ އަޅަކަށްވެސް އޭނާގެ ރައްބާއި ދީނާ ނަބިއްޔާ صلى الله عليه وسلم އާ ބެހޭގޮތުން ކަށްވަޅުގައި ސުވާލުކުރެވޭނެ ކަމަށެވެ. (سنن أبي داود (4753) وأحكام الجنائز للألباني (ص: 157)).

އެހެންކަމުން މުސްލިމުންގެ މައްޗަށް ވާޖިބުވެގެންވަނީ ކަށްވަޅުގެ ނިޢުމަތްތަކަށާއި ޢަޛާބަށް އީމާންވުނެވެ. އަދި މަރަށް ތައްޔާރުވުމެވެ. އެހެނީ އެ ހިނދުގައި ކޮންމެ މީހަކުވެސް ކަށްވަޅުގައި އޮންނަން ޖެހޭނީ އެކަނި މާ އެކަންޏެވެ. އޭނާގެ ޢާއިލާގެ މީހުންނާއި އޭނާގެ އެކުވެރިން އޭނާ އެތަނަށް ދޫކޮށްލާފައި ދާނީއެވެ. އޭނާއަށް ފައިދާ ކުރާނީ އޭނާ ދުނިޔޭގައި ކުޅަ ހެޔޮ ޢަމަލުންނެވެ.

 

ސުވާލުތައް

 

1- ކަށްވަޅުގެ ފިތުނައިގެ މުރާދަކީ ކޮބާ ހެއްޔެވެ؟

2- ކަށްވަޅަށް މީހަކު ތިރިކުރުމަށް ފަހު އޭނާއާ ކުރެވޭނެ ސުވާލުތަކަކީ ކޮބާ ހެއްޔެވެ؟

3- ނަބިއްޔާ صلى الله عليه وسلم އާ ބެހޭގޮތުން މުއުމިނު އަޅާއަށް ސުވާލުކުރެވުމުން އޭނާ ދޭނީ ކޮން ޖަވާބެއް ހެއްޔެވެ؟

4- ނަބިއްޔާ صلى الله عليه وسلم އާ ބެހޭގޮތުން މުނާފިޤުވި މީހާއާއި ކާފިރުވި މީހާއާއަށް ސުވާލުކުރެވުމުން އޭނާ ދޭނީ ކޮން ޖަވާބެއް ހެއްޔެވެ؟

5- ކަށްވަޅުގެ ޢަޛާބުން ސަލާމަތްވުމަށްޓަކައި މުއުމިނުން ކުރަންވީ ކޮންކަމެއް ހެއްޔެވެ؟

6- ﷲ ތަޢާލާ ވަޙީކުރެއްވިއެވެ.

﴿يُثَبِّتُ اللَّهُ الَّذِينَ آمَنُوا بِالْقَوْلِ الثَّابِتِ فِي الْحَيَاةِ الدُّنْيَا وَفِي الْآخِرَةِ ۖ وَيُضِلُّ اللَّهُ الظَّالِمِينَ ۚ وَيَفْعَلُ اللَّهُ مَا يَشَاءُ﴾‏ [سورة إبراهيم ٢٧]

މާނައީ: “ދުނިޔޭގެ ޙަޔާތުގައްޔާއި އާޚިރަތުގައި ސާބިތުވެގެންވާ (ޙައްޤު) ބަހުން (އެބަހީ: ތައުޙީދުގެ ކަލިމައިން) އީމާންވި މީހުންނަށް ސާބިތުކަން ދެއްވައެވެ. އަދި ﷲ، އަނިޔާވެރިން މަގުފުރައްދަވައެވެ. އަދި ﷲ، އެއިލާހު އިރާދަކުރައްވާ ކަމެއް ކުރައްވައެވެ.”

މި އާޔަތުން ލިބޭ 3 ފައިދާއާއި ޢިބުރަތް ލިޔާށެވެ.

 


 

[1] ބައެއް ޢިލްމުވެރިން ވިދާޅުވެފައިވަނީ އެއީ ކަޅުކުލައިގެ ދެ މަލާއިކަތުންނެވެ. ލޯ ހުންނާނީ ނޫ ކުލައިގައެވެ. والله أعلم. (ބައްލަވާ: مرقاة المفاتيح للملا (1 / 209)).

 

مادة التوحيد ٦