الحمد لله والصلاة والسلام على رسول الله وعلى آله وصحبه أجمعين.
ހުކުރު ދުވަހުގެ މާތްކަން
ހުކުރު ދުވަހަކީ މުސްލިމުންނަށްވާ ޢީދު ދުވަހެކެވެ. އިބްނު ޢައްބާސް رضي الله عنهما ގެ އަރިހުން ރިވާވެފައިވެއެވެ. ނަބިއްޔާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ.
«إِنَّ هَذَا يَوْمُ عِيدٍ، جَعَلَهُ اللَّهُ لِلْمُسْلِمِينَ، فَمَنْ جَاءَ إِلَى الْجُمُعَةِ فَلْيَغْتَسِلْ، وَإِنْ كَانَ طِيبٌ فَلْيَمَسَّ مِنْهُ، وَعَلَيْكُمْ بِالسِّوَاكِ» [رواه ابن ماجة (1098) وحسنه الألباني في صحيح الترغيب والترهيب (707)]
މާނައީ: “ހަމަކަށަވަރުން މި ދުވަހަކީ (އެބަހީ: ހުކުރު ދުވަހަކީ) މުސްލިމުންނަށްޓަކައި (ކޮންމެ ހަފްތާއެއްގައި) ލައްވާފައިވާ ޢީދު ދުވަހެކެވެ. ފަހެ ހުކުރު ނަމާދަށް ދާ މީހަކު ހިނައިގަނެގެން ދާ ހުށިކަމެވެ. އަދި މީރުވަސްދުވާ އަތަރެއް އޮތްނަމަ އެ ލައިގެން ދާށެވެ. އަދި މިސްވާކުކުރާ ހުށިކަމެވެ. (އެބަހީ: ދަތް އުނގުޅާ ހުށިކަމެވެ.)”
ހުކުރުދުވަހުގެ ޚާއްޞަ ކަންތައްތައް ބަޔާންކުރައްވަމުން އިބްނުލް ޤައްޔިމު رحمه الله ވިދާޅުވިއެވެ.
“ތޭރަވަނައީ: އެއީ ކޮންމެ ހަފްތާއެއްގައި ތަކުރާރުވާ ޢީދު ދުވަހެކެވެ.” [1]
އެހެންކަމުން މުސްލިމުންނަށް ވަނީ އަހަރަކު ދެ ޢީދު ދުވަހާއި ހަފްތާގެ ޢީދު ދުވަހެވެ.
ހުކުރު ދުވަހު “ޖުމުޢާ މުބާރަކާ” މިފަދައިން ތަހުނިޔާ ކިޔުމުގެ ޙުކުމް
ފިޠުރު ޢީދާއި އަޟްޙާ ޢީދުގައި މުސްލިމުން އެއްބަޔަކު އަނެއް ބަޔަކަށް ތަހުނިޔާ ކިޔުމަކީ ޝަރުޢުކުރައްވާފައިވާ ކަމެކެވެ. އެކަން ވަނީ ޞަޙާބީބޭކަލުންގެ އަރިހުން ވާރިދުވެފައެވެ.
ހުކުރު ދުވަހުގެ ތަހުނިޔާ ފޮނުވުމާ (އެބަހީ: ޖުމުޢާ މުބާރަކާ ކިޔުމާ) މެދުގައި ދަންނައެވެ. އެއީ ޝަރުޢުކުރައްވާފައި ކަމެއް ނޫނެވެ. އެހެނީ ހުކުރު ދުވަހަކީ (ހަފްތާގައި) އަންނަ ޢީދު ދުވަހެއްކަން ޞަޙާބީ ބޭކަލުންނަށް އެނގިވަޑައިގެންވާ ޙާލު އަދި އެބޭކަލުން އަޅުގަނޑުމެންނަށް ވުރެ ޢިލްމީ ގޮތުން އެ ދުވަހުގެ މާތްކަން މާ ރަނގަޅަށް ދެނެވަޑައިގެންވާ ޙާލު އަދި އެ ދުވަހަށް މާތްކޮށް ހިތާއި އެ ދުވަހުގެ ޙައްޤު އަދާކުރެއްވުމުގައި އެބޭކަލުން މާ ބޮޑަށް ފަރުވާތެރިވެލެއްވުމާ އެކުގައިވެސް އެބޭކަލުން އެދުވަހުގެ ތަހުނިޔާ އެއް ބޭކަލަކު އަނެއް ބޭކަލަކަށް ކިޔުއްވިކަމެއް އެނގޭކަށް ނެތެވެ. ފަހެ ހުރިހާ ހެވެއް ވަނީ އެބޭކަލުންނަށް ތަބާވުމުގައެވެ. – ﷲ އެބޭކަލުންނަށް ރުއްސުން ލައްވާށިއެވެ! –
އައްޝައިޚު ޞާލިޙު ބުން ފައުޒާނު އަލްފައުޒާނު حفظه الله އާ ސުވާލު ދެންނެވުނެވެ.
“ކޮންމެ ހުކުރު ދުވަހެއްގައި “ޖުމުޢާ މުބާރަކާ” މިފަދައިން ލިޔެފައި ފޯނަށް މެސެޖު ފޮނުވުމަކީ ކޮންކަހަލަ ކަމެއް ހެއްޔެވެ؟
ޖަވާބު: “ސަލަފުންގެ ބޭކަލުން ހުކުރު ދުވަހުގައި އެއް ބޭކަލަކު އަނެއް ބޭކަލަކަށް ތަހުނިޔާ ކިޔުއްވާފައި ނުވެއެވެ. އެބޭކަލުން ކުރައްވާފައި ނުވާ ކަމެއް އަޅުގަނޑުމެންވެސް ނުކުރާނަމެވެ.” [2]
_______________________
[1] زاد المعاد (1 / 369).
[2] من أجوبة أسئلة “مجلة الدعوة الإسلامية”.