-
ޙަޤީޤަތް ބަޔާންކޮށްދެއްވުން
ދެން އެއަށްފަހު ވެދިޔަ ކަންތަކުގައި ފޮރުވިފައިވާ ޙަޤީޤަތް، މުސާގެފާނަށް، ޚަޟިރުގެފާނު ބަޔާންކޮށްދެއްވިއެވެ. ޚަޟިރުގެފާނު ވިދާޅުވިއެވެ.
(أَمَّا السَّفِينَةُ فَكَانَتْ لِمَسَاكِينَ يَعْمَلُونَ فِي الْبَحْرِ فَأَرَدتُّ أَنْ أَعِيبَهَا وَكَانَ وَرَاءَهُم مَّلِكٌ يَأْخُذُ كُلَّ سَفِينَةٍ غَصْبًا) [1]
މާނަ: “ނަވާމެދު ދަންނާށެވެ! ފަހެ، އެ ނައުވީ ކަނޑުގައި މަސައްކަތްކޮށް އުޅޭ މިސްކީނު ބަޔެއްގެ ނަވަކަށެވެ. ފަހެ، ތިމަންކަލޭގެފާނު އެ ނައު ހަލާކުކޮށްލެއްވުމަށް ޤަޞްދުކުރެއްވީ (ޢައިބެއް ންވާ) ކޮންމެ ނަވެއް ގަދަކަމުން އަތުލާ ރަސްކަލަކު އެމީހުންގެ ފަހަތުގައިވާތީއެވެ.”
(وَأَمَّا الْغُلَامُ فَكَانَ أَبَوَاهُ مُؤْمِنَيْنِ فَخَشِينَا أَن يُرْهِقَهُمَا طُغْيَانًا وَكُفْرًا)[2]
މާނަ: “އަދި އެ ފިރިހެންކުއްޖާއާމެދު ދަންނާށެވެ! ފަހެ، އޭނާގެ މައިންބަފައިންވީ (ހެޔޮލަފާ) މުއުމިނުން ކަމުގައެވެ. ފަހެ، އެ ދެމީހުން އުރެދި ކާފިރުވާ ދަރަޖައަށް އެދެމީހުންނަށް އެ ކުއްޖާ އުނދަގޫކޮށް، އަނިޔާދީފާނެކަމަށް ތިމަންކަލޭގެފާނު ބިރުގަތީއެވެ.”
(فَأَرَدْنَا أَن يُبْدِلَهُمَا رَبُّهُمَا خَيْرًا مِّنْهُ زَكَاةً وَأَقْرَبَ رُحْمًا)[3]
މާނަ: “ފަހެ، ތިމަންކަލޭގެފާނު އެދިވަޑައިގަތީ، އެ ދެމީހުންގެ ވެރި ރައްބު، އެކުއްޖާއަށްވުރެ ހެޔޮވެގެންވާ ޞާލިޙު އަދި އޯގާތެރިކަންބޮޑު ކުއްޖަކު އޭނާގެ ބަދަލުގައި އެދެމީހުންނަށް ދެއްވުމަށެވެ.”
(وَأَمَّا الْجِدَارُ فَكَانَ لِغُلَامَيْنِ يَتِيمَيْنِ فِي الْمَدِينَةِ وَكَانَ تَحْتَهُ كَنزٌ لَّهُمَا وَكَانَ أَبُوهُمَا صَالِحًا فَأَرَادَ رَبُّكَ أَن يَبْلُغَا أَشُدَّهُمَا وَيَسْتَخْرِجَا كَنزَهُمَا رَحْمَةً مِّن رَّبِّكَ) [4]
މާނަ: “އަދި ފާރާމެދު ދަންނާށެވެ! ފަހެ، އެރަށުގައިވާ ޔަތީމު ދެ ކުދިންނަށް ލިބިގެންވާ ފާރެއްކަމުގައި އެ ފާރުވިއެވެ. އަދި އެ ފާރުގެ ދަށުގައި، އެދެކުދިންނަށް ޚަޒާނާއެއް ވިއެވެ. އަދި އެ ދެކުދިންގެ ބައްޕައަކީ، ޞާލިޙު މީހެއްކަމުގައިވެސްވިއެވެ. ފަހެ، ކަލޭގެފާނުގެ ވެރިރައްބު އިރާދަކުރެއްވީ، އެ ދެކުދިން ބޮޑުވެ، ފުރާފުރިހަމަވުމުން، އެ ދެކުދިންގެ ޚަޒާނާ، އެ ދެކުދިން ނެރުމަށެވެ. ކަލޭގެފާނުގެ ވެރިރައްބުގެ ޙަޟްރަތުން އޮތް ރަޙްމަތެއްގެ ގޮތުންނެވެ.”
(وَمَا فَعَلْتُهُ عَنْ أَمْرِي ۚ ذَٰلِكَ تَأْوِيلُ مَا لَمْ تَسْطِع عَّلَيْهِ صَبْرًا)
މާނަ: “އަދި ތިމަންކަލޭގެފާނު އެކަންތައްކުރެއްވީ، ތިމަންކަލޭގެފާނުގެ އަމިއްލަ ރައުޔަކަށް ނޫނެވެ. މިއީ ކަލޭގެފާނަށް އެކަންކަމުގެ މައްޗަށް ކެތްކުރެއްވުމަށް ކުޅަދާނަވެވަޑައިނުގެންނެވުނު ކަންތަކުގެ ތަފްސީރެވެ.”
މިހާރު މޫސާގެފާނަށް ޙަޤީޤަތް އެނގިވަޑައިގެންފިއެވެ. އެއްވެސް މީހަކަށް، ﷲ ތަޢާލާގެ ޢިލްމުފުޅު ފުރިހަމައަށް ދެނެގަތުމުގެ ކުޅަދާނަކަމެއް ލިބިގެން ނުވާކަމެވެ. ތިމާއަށް ލިބިފައިނުވާ ޢިލްމެއް، އެހެން ބަޔަކަށް ލިބިދާނެކަމެވެ. އަދި ކޮންމެ ޢިލްމުވެރިޔެއްގެ މައްޗަށް (ހުރިހާކަމެއް) މޮޅަށް ދެނެވޮޑިގެންވާ ކަލާނގެ ވޮޑިގެންވެއެވެ.
___________________
މަޞްދަރު: قصص النبيين للأطفال
[1] الكهف 79
[2] الكهف 80
[3] الكهف 81
[4] الكهف 82