[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

مادة التوحيد ٦ (ف 2 ، د 9 – ޞައްޙަ ޙަދީޘްތަކުގައި ވާރިދުފައިވާ ކަންތައްތަކަށް އީމާންވުމުގެ ވާޖިބުކަން)

އަހުލުއްސުންނާ ވަލް ޖަމާޢަތުގެ އުޞޫލުތަކުގެ ތެރޭގައި ހިމެނޭ ބައެއް ކަންތައްތައް:

 

ރަސޫލާ صلى الله عليه وسلم ގެ އަރިހުން ޞައްޙަކޮށް ވާރިދުވެގެންވާ އެންމެހާ ޙަދީޘްތަކަށް އީމާންވުން. އެ ގޮތުން އިސްރާއާއި މިޢުރާޖާ، ޤިޔާމަތުގެ ޢަލާމާތްތަކާއި ކަށްވަޅުތަގެ ނިޢުމަތާއި ޢަޛާބާއި ޤިޔާމަތުގެ ކަންތައްތަކާ ބެހޭގޮތުން ވާރިދުވެފައިވާ ޙަދީޘްތައް އަދި މި ނޫންވެސް ޢަޤީދާއާއި ޙުކުމްތަކާ ގުޅޭ އެންމެހާ ޙަދީޘްތައް މިކަމުގައި ހިމެނެއެވެ.

 

އިސްރާއާއި މިޢުރާޖު

އިސްރާ: ރޭގަނޑުގެ ވަގުތެއްގައި، ބުރާޤުގައި [1] މައްކާއިން ބައިތުލް މަޤްދިސްއަށް، ރަސޫލާ صلى الله عليه وسلم ކުރެއްވި ދަތުރުފުޅު.

މިޢުރާޖު: ޖިބްރީލު عليه السلام ގެ އަރިހުގައި ނަބިއްޔާ صلى الله عليه وسلم ހަތްވަނަ އުޑާ ހަމައަށް އަރައިވަޑައިގަތުން.

ދެން އެއަށް ފަހުގައި ހަމަ އެ ރޭ، އެކަލޭގެފާނުގެ އެނބުރި މައްކާއަށް ވަޑައިގަތެވެ.

މި ޙާދިޘާގެ ތަފްޞީލު، އަނަސް ބުން މާލިކު رضي الله عنه ގެ އަރިހުން ރިވާވެފައިވާ ޙަދީޘްގައި ވެއެވެ.

ހަމަކަށަވަރުން ﷲގެ ރަސޫލާ صلى الله عليه وسلم ގެ އަރިހަށް ބުރާޤު ގެނެވުމުން، އެކަލޭގެފާނު އެއަށް އަރައިވަޑައިގަންނަވައިގެން ބައިތުލް މަޤްދިސަށް ވަޑައިގެންނެވިއެވެ. ފަހެ އެކަލޭގެފާނު އެ މިސްކިތްކޮޅަށް ވެދެވަޑައިގެން ދެ ރަކުޢަތުގެ ނަމާދެއް ކުރެއްވިއެވެ. ދެން އެކަލޭގެފާނު އުޑަށް މިޢުރާޖު ކުރެއްވުނެވެ. ފަހެ (އުޑުގެ ދޮރުކޮޅު) ހުޅުވައިދެއްވުމަށް ޖިބްރީލުގެފާނު އެދިވަޑައިގެންނެވުމުން އެދެބޭކަލުންނަށް އެތަން ހުޅުވައިދެއްވުނެވެ. ﷲގެ ރަސޫލާ صلى الله عليه وسلم އަދި ޖިބްރީލުގެފާނު ހަތްވަނަ އުޑާ ހަމައަށް އަރައިވަޑައިގެންނެވިއެވެ. އަދި ސިދްރަތުލް މުންތަހާއާ ހަމައަށް ﷲގެ ރަސޫލާ صلى الله عليه وسلم ވަޑައިގެންނެވިއެވެ. [2] އަދި ފަސް ނަމާދު އެތަނުގައި ފަރުޟުކުރެއްވުނެވެ. ދެން ހަމަ އެ ރޭ، އެކަލޭގެފާނު އެނބުރި (މައްކާއަށް) ވަޑައިގެންނެވިއެވެ. [3]

އިސްރާއާއި މިޢުރާޖަކީ އެކަލޭގެފާނަށް ދެއްވުނު މުޢުޖިޒާތެކެވެ. އަދި އެކަލޭގެފާނުގެ ތެދުވެރިކަމުގެ ދަލީލެއްވެސް މެއެވެ.

 

ސުވާލުތައް

1- އަންނަނިވި ޖުމްލަތަކުގެ ތެރެއިން ރަނގަޅު ޖުމްލައިގައި ރަނގަޅު ފާހަގަލާށެވެ. އަދި ނުބައި ޖުމްލާގައި ނުބައި ފާހަގަލާށެވެ. އަދި ނުބައިކޮށް ލިޔެފައިވާ ޢިބާރާތް ރަނގަޅުކޮށްގެން އަލުން އެ ޖުމްލަ ލިޔާށެވެ.

– މިޢުރާޖަކީ ރަސޫލާ صلى الله عليه وسلم މައްކާއިން ބައިތުލް މަޤްދިސްއަށް ކުރެއްވި ދަތުރުފުޅެވެ. (  )

______________________________________________________

– ރަސޫލާ صلى الله عليه وسلم ގެ އަރިހުން ޞައްޙަކޮށް ވާރިދުވެގެންވާ އެންމެހާ ޙަދީޘްތަކަށް އީމާންވުމަކީ އަހްލުއްސުންނާ ވަލް ޖަމާޢަތުގެ އުޞޭލެކެވެ. (  )

______________________________________________________

– އިސްރާއަކީ ޖިބްރީލު عليه السلام ގެ އަރިހުގައި ނަބިއްޔާ صلى الله عليه وسلم ހަތްވަނަ އުޑާ ހަމައަށް އަރައިވަޑައިގަތުމެވެ. (  )

______________________________________________________

 

2- އިސްރާއާއި މިޢުރާޖުގެ މާނައަކީ ކޮބާ ހެއްޔެވެ؟

 

3- އިސްރާއާއި މިޢުރާޖުގައި ނަބިއްޔާ صلى الله عليه وسلم ގެ ނަބީކަމުގެ ދަލާލަތު ވެއެވެ. އެކަން ޝަރަޙަކުރާށެވެ.

 

4- ފަސް ނަމާދު ފަރުޟުކުރެއްވުނީ ކޮން އިރެއްގައި ހެއްޔެވެ؟ އަދި އެކަމުން ދަލާލަތުކުރަނީ ކޮންކަމެއް ހެއްޔެވެ؟


 

[1] ބުރާޤަކީ: ހުދުކުލައިގެ، ދިގު ޖަނަވާރެކެވެ. އެ ޙިމާރަކަށް ވުރެ ބޮޑެވެ. އަދި ބަޣްލު (mule) އަކަށް ވުރެ ކުޑައެވެ. އޭގެ ފިޔަވަޅު އަޅަނީ އޭގެ ލޮލުކޮޅަށް ފެންނަ ހިސާބުގައެވެ. އެބަހީ: އެހާ ބާރަށް އޭތި ދަތުރުކުރިއެވެ. (ބައްލަވާ: صحيح مسلم (162)).

[2] ސިދްރަތުލް މުންތަހާއަކީ: ހަތްވަނަ އުޑުގައިވާ ބޮޑު ގަހެކެވެ. އޭގެ ފަތް، އެތުގެ ކަންފަތްހާ ބޮޑެވެ. އަދި އޭގެ މޭވާ، ބޮޑު ޖާޑިއެއް ވަރު ވެއެވެ. އޭގެ ރީތިކަން އެއްވެސް މަޚްލޫޤަކަށް ސިފައެއް ނުކުރެވޭނެއެވެ. އަދި އެއަށް ‘މުންތަހާ’ އޭ ކިޔުނީ އޭގެ ފަހަތުގައިވާ އެއްޗެއް އެއްވެސް މަޚްލޫޤަކަށް ނޭނގޭތީއެވެ. މަޚްލޫޤުންގެ ޢިލްމު އެހާ ހިސާބުން ކޮޅުނެތް ކޮޅަށް ދެއެވެ. (ބައްލަވާ: صحيح مسلم (162) وتفسير الطبري (22 / 513 – 514)).

[3] ބައްލަވާ: صحيح البخاري (3207) وصحيح مسلم (162).

 

مادة التوحيد ٦