- މޫސާގެފާނަށް ފަހު ބަނޫ އިސްރާއީލުގެ މީހުން
މޫސާގެފާނު އަވަހާރަވެވަޑައިގަތެވެ. ﷲ ތަޢާލާގެ ޙަޟްރަތުން ލިބިފައިވާ ޢުޤޫބާތެއްގެ ގޮތުގައި، ބަނޫއިސްރާއީލުގެ މީހުންނަށް ދެވޭނުދެވޭ ތަނެއް ނޭނގި ބިމުގައި ބެހިގެން އުޅުނެވެ. އެމީހުން ކުރި ޢަމަލުތަކުގެ ޖަޒާއެއްގެ ގޮތުގައެވެ.
(وَضُرِبَتْ عَلَيْهِمُ الذِّلَّةُ وَالْمَسْكَنَةُ وَبَاءُوا بِغَضَبٍ مِّنَ اللَّـهِ)[1]
މާނަ: “ދެރަކަމާއި ނިކަމެތިކަން އެއުރެންނަށް ޖެހުނެވެ. އަދި ﷲ ގެ ކޯފާ އެއުރެންގެ މައްޗަށް ޙައްޤުވެ، އެ ކޯފާއާއިގެން އެއުރެން އެނބުރިއައެވެ.”
އެމީހުން އަމިއްލައަށް ﷲ ތަޢާލާގެ ކޯފާއަށް ހުށަހެޅިގަތެވެ. ﷲއީ ބަނޫއިސްރާއީލުގެ މީހުންގެ ތެރޭގައި ނަބީބޭކަލުން ލެއްވި އިލާހެވެ. އަދި އެމީހުންގެ ތެރެއިން ބަޔަކު ރަސްކަލުންތަކެއް ލެއްވިއެވެ. އަދި އެ ޒަމާނުގައި ޢާލަމްތަކުގެ ތެރެއިން އެކަކަށްވެސް ނުދެއްވާ ނިޢުމަތް އެބައިމީހުންނަށް ދެއްވިއެވެ.
ﷲ ތަޢާލާ، ފިރުޢައުނުގެ ކިބައިން އެބައިމީހުން ސަލާމަތް ކުރެއްވިއެވެ. ފިރުޢައުނާއި، އޭނާގެ އައުވާނުން ދިޔައީ، ބަނޫއިސްރާއީލުގެ މީހުންނަށް ގަދަފަދަ ޢަޒާބު ދެމުންނެވެ. ބަނޫއިސްރާއީލުގެ ފިރިހެން ދަރިން ކަތިލައި، އަންހެން ދަރިން ނުމަރައި ދޫކޮށްލަމުންނެވެ.
ﷲއީ ބަނޫ އިސްރާއީލުގެ މީހުންނަށްޓަކައި ކަނޑު އިރުއްވައި، އެމީހުން ސަލާމަތްކުރެއްވި އިލާހެވެ. ފިރުޢައުނާއި އޭނާގެ ލަޝްކަރު އެ ކަނޑަށް ޣަރަޤު ކުރެއްވި އިލާހެވެ. ބަނޫއިސްރާއީލުގެ މީހުން ބަލަބަލައިތިއްބައެވެ.
ﷲއީ ބަނޫއިސްރާއީލުގެ މީހުންގެ މައްޗަށް ވިލާގަނޑުން ހިޔާ އެޅުއްވި އިލާހެވެ. އަދި އެމީހުންގެ މައްޗަށް މަންނަ އާއި ސަލްވާ ބާވައިލެއްވި އިލާހެވެ. ﷲ އީ ބަނޫއިސްރާއީލުގެ މީހުންނަށް ބިމުން ފެން ނެރުއްވި އިލާހެވެ. ކެއުމާއި ބުއިމުގައި ތަނަވަސްކަން ދެއްވި އިލާހެވެ.
މި ހުރިހާ ނިޢުމަތުގެ ޖަޒާއަކީ ﷲގެ އާޔަތްތަކަށް ކާފިރުވުން ހެއްޔެވެ! ނުކިޔަމަންތެރިވުމާއި ހައްދުފަހަނައަޅައިދިއުން ހެއްޔެވެ.
އެމީހުން އަމިއްލައަށް ﷲ ތަޢާލާގެ ކޯފާއަށް ހުށަހެޅިގަތެވެ.
ﷲ ތަޢާލާގެ ޚަލްޤުތަކުންކުރެ އެބައިމީހުންގެ މައްޗަށް އެންމެ އޯގާތެރި ނަބިއްޔާގެ ރުޅި އެރުވިއެވެ. އެއީ އެމީހުންގެ މައިންބަފައިންނަށް ވުރެވެސް އެބައިމީހުންނަށް އޯގާތެރިކަން ބޮޑު ނަބިއްޔެކެވެ.
އެކަލޭގެފާނަކީ، އެކަލޭގެފާނާ ދިމާލަށް، އެބައިމީހުން ހީ ޖެއްސުން ކުރުމުން، އެކަމާއި ހިތާމަކުރެއްވި ނަބީކަލޭގެފާނެވެ.
އަދި މިޞްރުގެ ބަންދުން، އެމީހުން ނެރުއްވީވެސް އެކަލޭގެފާނެވެ. ޝަރަފާއި ފުރިހަމަ މިނިވަންކަމަށެވެ. އަޅުވެތިކަމުގެ ހިތްދަތި ދިރިއުޅުމުން، ޝަރަފުވެރި މިނިވަން ދިރިއުޅުމަކަށެވެ.
ބަނޫ އިސްރާއީލުގެ މީހުން އެކަލޭގެފާނު ރުޅިއެރުވިއެވެ. އުނދަގޫ ކުރިއެވެ. އެކަލޭގެފާނާއި އެމީހުން ދެކޮޅުވެރިވެގަތެވެ. އެކަލޭގެފާނަށް ފުރައްސާރަކުރިއެވެ. އެމީހުންގެ ތެރޭގައި ހުރި އެންމެ ނިކަމެތި މީހެއްކަމުގައި އެކަލޭގެފާނު ހެއްދެވިއެވެ. އެހެން ނަމަވެސް ﷲގެ ޙަޟްރަތުގައި އެކަލޭގެފާނު، ޤަދަރު އުފުލިގެންވާ ބޭކަލަކު ކަމުގައިވިއެވެ.
އެ މީހުންނަށް އެ ޢަޒާބު ޙައްޤުނުވޭ ހެއްޔެވެ. އަދި އެ ނިކަމެތިކަމާއި، ދެރަކަންވެސްމެއެވެ. ދެވޭ ނުދެވޭ ތަނެއް ނޭނގި އުޅުންވެސްމެއެވެ. އެމީހުން ދުވަހަކުވެސް ކާމިޔާބުވާނެ ހެއްޔެވެ!
ނޫނެކެވެ! އެމީހުންނަށް އެ ޢަޒާބު ޙައްޤުވެގެންވެއެވެ. އެއީ އެމީހުންކުރި ނުބައި ޢަމަލުތަކުގެ ގިނަކަމާ ހުރެއެވެ.
(وَمَا ظَلَمَهُمُ اللَّـهُ وَلَـٰكِن كَانُوا أَنفُسَهُمْ يَظْلِمُونَ)[2]
މާނަ: “ﷲ، އެއުރެންނަކަށް އަނިޔާއެއް ނުކުރައްވައެވެ. އެހެނެއްކަމަކު، އެއުރެންގެ އަމިއްލަ ނަފްސުތަކަށް، އެއުރެން އަނިޔާކުރާކަމުގައި ވިއެވެ.”
=ނިމުނީ=
___________________
މަޞްދަރު: قصص النبيين للأطفال
[1] 61 البقرة
[2] 33 النحل