الحمد لله والصلاة والسلام على رسول الله وعلى آله وصحبه أجمعين.
ޢީދުދުވަސް ފާހަގަކުރުމަކީ މުސްލިމުންގެ މަތިވެރި ޝިޢާރެކެވެ. ކޮންމެ މިއްލަތެއްގެ ބަޔަކަށްވެސް ޢީދެއްވާ ފަދައިން، މުސްލިމުންނަށްވެސް ދެ ޢީދު ދުވަސް ލައްވާފައިވެއެވެ.
ރަސޫލުﷲ صلى الله عليه وسلم މަދީނާއަށް ހިޖުރަކުރެއްވިއިރު، މަދީނާގެ އަހުލުވެރިން ކުޅެ އުޅުނު ދެ ދުވަހެއް ވިއެވެ. ދެން ފަހެ ނަބިއްޔާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ. “މިއީ ކޮން ދެ ދުވަހެއް ހެއްޔެވެ؟” އެބައިމީހުން ދެންނެވިއެވެ. “ޖާހިލިއްޔަ ޒަމާނުގައި ތިމަންމެން އެ ދެ ދުވަހު ކުޅެ އުޅުނީމެވެ.” ދެން ފަހެ ރަސޫލާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ. “ހަމަކަށަވަރުން އެ ދެ ދުވަހުގެ ބަދަލުގައި، އެއަށް ވުރެ ހެޔޮވެގެންވާ ދެ ދުވަހެއް ﷲ ތަޢާލާ ތިޔަބައިމީހުންނަށް ދެއްވައިފިއެވެ. އެއީ ޢަޟްޙާގެ ދުވަހާއި ފިޠުރުގެ ދުވަހެވެ.” [سنن أبي داود (1134) وصححه الألباني]
ޢީދުދުވަހުގައި ކުރުން އެންމެ މުހިންމު ކަމަކީ ޢީދު ނަމާދެވެ. އެކަމުގައި ފަރުވާ ކުޑަނުކުރައްވާށެވެ. އެދުވަހުގެ ޖަމާޢަތުގައްޔާއި ދުޢާގައި ހުރިހާ މުސްލިމުންވެސް ބައިވެރިވުމަށް ނަބިއްޔާ صلى الله عليه وسلم ވަނީ ނުހަނު ބާރު އަޅުއްވާފައެވެ. [ބައްލަވާ: صحيح مسلم 12 – (890)] އަދި ޢީދު ނަމާދުކުރުން އެންމެ އެދެވިގެން ވަނީ ހުސް ބިމެއްގައެވެ.
ޢީދު ދުވަހު ކުރުން ސުންނަތް ބައެއް ކަންތައްތަކުގެ ތެރޭގައި:
- ޢީދުގެ ތަކުބީރު ކިޔުން
- ޢީދު ނަމާދަށް ހިނައިގަތުން
- ރީތި ފޭރާންލުން ލުން
- ފިޠުރު ޢީދަށް ދިއުމުގެ ކުރިން ކަދުރު ކެއުން
- ޢީދު ނަމާދަށް ދިޔުމާއި އައުމުގައި ދެ މަގެއް ޚިޔާރުކުރުން
- ޢީދު ތަހުނިޔާ ކިޔުން
- ކައިބޮއެ، ކުޅެ، އުފާފާޅުކުރުން
ޢީދު ދުވަހުގައި އެންމެހާ މުންކަރާތްތަކާ ދުރުހެލިވެލައްވާށެވެ. އަދި ރަމަޟާން މަހުގައި ލިބުނު ދަރުމައާއި ޘަވާބު އެދުވަހުގައި ގެއްލެނި ނުކުރައްވާށެވެ. ޢީދު ދުވަހުގައި މީސްތަކުން އަރައިގަންނަ ކަމަށް ފާހަގަވާ ބައެއް މުންކަރާތްތަކުގެ ތެރޭގައި: ނަމާދުތަކަށް ފަރުވާ ކުޑަކުރުން، މިޔުޒިކު ޝޯތައް ބޭއްވުން، ދެ ޖިންސުގެ މީހުން މައްސުނިވެގެން ކެއުންތަކާއި ކުޅިވަރުތައް ބޭއްވެން، ފިރިހެނުން އަންހެން ހެދުން އެޅުން ނުވަތަ އަންހެނުން ފިރިހެން ހެދުން އެޅުން ހިމެނެއެވެ. މިފަދަ ކަންތައްތައް ދޫކޮށްލާފައި ﷲ ތަޢާލާ ހުއްދަކުރެއްވި ގޮތުގައި ޢީދުގެ އުފާ ފޯރިގަދަކޮށް ފާހަގަކުރައްވާށެވެ.
ފަހެ ރަމަޟާން މަހުގެ އަޅުކަމުގެ މޫސުމަށް ފަހުގައި އަންނަ މި މަތިވެރި ޢީދުގައި އަންނަނިވި ކަންކަމަށް ވަރުގަދަ ޢަޒުމެއް ކަނޑައަޅުއްވާށެވެ. ނަމާދަށް ފަރުވާތެރިވުމާއި ރޭ އަޅުކަން ކުރުމާއި ކީރިތި ޤުރުއާން ކޮންމެ މަހަކުވެސް މަދުވެގެން އެއް ފަހަރު ޚަތިމުކުރުމަށް ތާވަލެއް ހަދާލުމާއި ޝައްވާލު މަހުގެ ހަ ރޯދަ ހިފުމާއި އެމީހަކަށް ކުޅަދާނަކަން ހުރި މިންވަރަކުން ސުންނަތް ރޯދަތައް ހިފުމާއި އެމީހަކަށް ފައިސާ ލިބޭ ނިސްބަތުން ކިތަންމެ ކުޑަމިންވަރެއް ވިޔަސް ދާއިމީ ގޮތެއްގައި ޞަދަޤާތް ކުރުމަށާ އަދި ހެޔޮކަމުގެ މަތީގައި މަރުވަންދެންވެސް ޘާބިތުވެ ހުރުމެވެ.
ދުޢާއަކީ، ހެޔޮކަމުގެ މަތީގައި ޘާބިތުވުމުގެ ތައުފީޤު އަޅަމެންނަށް ދެއްވުމެވެ! އާމީން.
















