[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މާތް ނަބިއްޔާ ﷺ ގެ ވަދާޢީ ޚުތުބާގެ އުސްއަލިތައް

މާތް ނަބިއްޔާ ﷺ ޙައްޖަތުލް ވަދާޢުގައި ޢަރަފާތް ބިމުގައި ހުންނަވައިގެން ވަރަށް މުހިންމު ޚުތުބާއެއް އުންމަތަށް ދެއްވިއެވެ. މިޚުތުބާގައި ނަބިއްޔާ ﷺ ވަނީ މާތްވެގެންވާ އިސްލާމްދީނުގެ މުހިންމު އަސާސްތަކެއް އުންމަތަށް ބަޔާންކޮށްދެއްވާފައެވެ. މިގޮތުން މިޚުތުބާއިން ފާހަނގަވާ މުހިންމު އުސްއަލިތަކަކީ:

  • މާތް ވެގެންވާ އިސްލާމްދީނުގެ މުހިންމު އުސޫލެއް ކަމަށްވާ ޢަދުލުވެރި ހަމަހަމަ ކަމުގެ އުސޫލު ނަބިއްޔާ ﷺ މިޚުތުބާގައި އިޢުލާންކުރެއްވިއެވެ.

މީހާގެ ކުލައިގެ ސަބަބުން، ނުވަތަ ނިސްބަތްވާ ވަންހަ ނުވަތަ ޤަބީލާގެ ސަބަބުން، ނުވަތަ ޖިންސުގެ ސަބަބުން، ނުވަތަ ނަސްލުގެ ސަބަބުން އިންސާނުންގެ މެދުގައި ތަފާތެއް ނުވާކަމުގެ މަތިވެރި އުސޫލު ނަބިއްޔާ ﷺ ވަނީ މިޚުތުބާގައި އިޢުލާންކުރައްވާފައެވެ. ﷲ ތަޢާލާގެ ދަރުބާރުގައި ކުރިން މިދެންނެވި ތަފާތުތަކުގެ ސަބަބުން މީހަކަށް މަތިވެރިކަމެއް ނުވާކަމާއި، ﷲ ތަޢާލާގެ ހަޟްރަތުގައި މީސްތަކުންގެ ދަރަޖަ ކަނޑައެޅިގެންދާ މީޒާނަކީ ތަޤްވާވެރިކަން ކަމުގައި ނަބިއްޔާ ﷺ ބަޔާންކުރެއްވިއެވެ.

މީގެ ސާދަ ޤަރުނު ކުރިން މާތްވެގެންވާ އިސްލާމްދީނުގައި ކަނޑައެޅިގެން ދިޔަ މިމަތިވެރި އުސޫލުން އެނގިގެންދަނީ، އިސްލާމްދީނަކީ އިންސާނީ ކަރާމާތް ޙިމާޔަތްކޮށް ރައްކާތެރިކޮށްދޭ، އަދި އެކަމަށް ބާރުއަޅާ ގޮވާލާ ދީންކަމެވެ. ސާދަސަތޭކަ އަހަރުއްސުރެ މުސްލިމުން މިމަތިވެރި އުސޫލަށް ޢަމަލުކުރަމުން އަންނައިރު، ތަރައްޤީވެފައިވާ ހުޅަނގުގެ ބައެއް ޤައުމުތަކުގައި ނަސްލީ ތަފާތުކުރުންތަކަކީ އަދިވެސް ވަކި ހިއްޕާލައިފައިވާ ޖާހިލިއްޔަ ޒަމާނުގެ ނުބައި ސިފައެކެވެ.

  • އަންހެނުންގެ ޙައްޤުތަކަށް ރައްކާތެރިވެ، އެކަނބަލުންނާއި މެދު އިޙްސާންތެރިވުމަށް ވަދާޢީ ޚުތުބާގައި ނަބިއްޔާ ﷺ ވަސިއްޔަތްކުރެއްވިއެވެ.

އިސްލާމްދީން އައުމުގެ ކުރީގައި ޖާހިލިއްޔަ ޒަމާނުގައި، އަންހެނުންނަކީ އެއްވެސް އަގެއްހުރި ބައެއް ނޫނެވެ. މުދާގަނޑެއްގެ ގޮތުގައިޔާއި، ޝަހުވާނީ ޣަޒީރާފުއްދުމަށް ބޭނުންކުރާ ބައެއްގެ ގޮތުގައި އަންހެނުންނާއި މެދު މުޢާމަލާތް ކުރެވެމުން ދިޔައެވެ. އަންހެން ދަރިންނަކީ ބަދުނަސީބެއްގެ ގޮތުގައިޔާއި، މާލީ ބުރައެއްކަމުގައި ދެކި އުފަންވާ އަންހެންދަރިން ދިރިހުއްޓައި ވަޅުލަމުންދިޔައެވެ. މިފަދަ ނިކަމެތި ޙާލެއްގައި ވަނިކޮށް އަންހެންތަކުންނަށް ޙައްޤުވާ ޢަދުލުވެރި އިންސާނީ ހަމަހަމަކަން ޔަޤީންކޮށްދީ، އެކަނބަލުންގެ އިންސާނީ ކަރާމާތް ކަށަވަރުކޮށްދިނީ މާތްވެގެންވާ އިސްލާމްދީނެވެ.

  • މުޖުތަމަޢުގެ ހަމަޖެހުމާއި ގުޅުންހުރި، އަދި އިންސާނީ ސުލޫކު އިސްލާޙުކޮށް ތަޙްޒީބުކުރާ، އަދި މުޖްތަމަޢުގެ އިޤްތިސާދީ މާލީ ޢަދުލުވެރިކަން ހިފަހައްޓާދޭނެ އުސޫލުތައް މިޚުތުބާގައި ނަބިއްޔާ ﷺ ކަނޑައެޅުއްވިއެވެ.

މިގޮތުން މަނާކުރެއްވި އެއްކަމަކީ ރިބާގެ މުޢާމަލާތްތައް ކުރުމެވެ. ރިބާއަކީ ރުޅިވެރިކަމާއި ޢަދާވާތްތެރިކަން ފަތުރާ، މުދަލުގެ ދަހިވެތިކަން ހިތުގައި އަށަގަނުވާ އެއްޗެކެވެ. ހަމައެއާއިއެކީ ރިބާގެ ސަބަބުން އިޤްތިސާދީ މާލީ ނިޒާމުގެ ޢަދުލުވެރިކަން ގެއްލި، މުދާވެރިން އިތުރަށް މުއްސަދިވެ، ނިކަމެތިން އިތުރަށް ނިކަމެތިވެގެންދެއެވެ. އެހެންކަމުން ރިބާއަކީ މުޖްތަމަޢެއްގެ އިޤްތިސާދީ ހިނގުން ހުއްޓުވާލާ، ދޭދޭ ފަރުދުންގެ މެދުގައި އޮންނަންޖެހޭ އިސްލާމީ އުޚުއްވަތްތެރިކަމުގެ ގުޅުމަށް ބުރޫއަރާކަމަކަށްވާތީ އިސްލާމްދީނުގައި ރިބާ ޙަރާމްވެގެންވެއެވެ.

  • ޖާހިލިއްޔަ ޒަމާނުގެ ބާތިލު ޢާދަކާދަތައް މިޚުތުބާގައި ނަބިއްޔާ ﷺ ބާތިލުކުރެއްވިއެވެ.

މިގޮތުން ލޭގެ ބަދަލުހިފުމުގެ ގޮތުން ބޮޑެތި ޤަތުލުޢާންމު ހިންގުންފަދަ ކަންކަން މަނާކުރެއްވިއެވެ.

  • މާތްވެގެންވާ އިސްލާމްދީނުގެ މައިގަނޑު އަސްލުގައި ބާރަށް ހިފުމަށް މިޚުތުބާގައި ނަބިއްޔާ ﷺ ބާރު އެޅުއްވިއެވެ.

މިގޮތުން މުސްލިމުންގެ ދުސްތޫރުކަމުގައިވާ ކީރިތި ޤުރުއާނުގައި ބާރަށް ހިފުމަށް ބާރުއެޅުއްވިއެވެ. އަދި އޭގައި ހިފަހައްޓައިގެން ތިބި ބަޔަކު މަގުފުރެދިގެން ނުދާނެކަމުގެ ޔަޤީންކަން މާތް ނަބިއްޔާ ﷺ އުންމަތަށް ދެއްވިއެވެ.

  • އިސްލާމްދީނުގެ މަޢުލޫމާތު މީސްތަކުންނަށް ފޯރުކޮށްދިނުމަށް މިޚުތުބާގައި ނަބިއްޔާ ﷺ ގޮވާލެއްވިއެވެ.

އިސްލާމްދީނުގެ ސައްޙަ މަޢުލޫމާތު ލިބުމަށްފަހު އެމަޢުލޫމާތު އެހެން ފަރުދަކާއި ޙިއްސާކޮށް އިސްލާމްދީނުގެ ޢިލްމުތައް ފޯރުކޮށްދިނުމަކީ ކޮންމެ މުސްލިމަކުވެސް އެމީހެއްގެ ފެންވަރުން ކުރަންޖެހޭނެ ކަމެއްކަން މިކަމުން އެނގިގެންދެއެވެ.

  • ލެޔާއި، މުދަލާއި، އަބުރުގެ ޙުރުމަތް މިޚުތުބާގައި ނަބިއްޔާ ﷺ ކަށަވަރުކޮށްދެއްވިއެވެ.

މިކަންކަމުގެ ޙުރުމަތް މާތްވެގެންވާ އިސްލާމްދީނުގައި ކަށަވަރު ކޮށްދީފައިވަނީ ހަމައެކަނި މުސްލިމުންނަށް ނޫނެވެ. އަދި ކިއެއްތަ މުސްލިމުންގެ ތެރޭގައިވާ އަދި މުސްލިމުންނާއި ހަނގުރާމަނުކުރާ ކާފިރުންނަށްވެސް އިސްލާމްދީންވަނީ މިކަންކަން ކަށަވަރުކޮށްދީފައެވެ.

  • ފިރިން އަނބިންނަށް އިޙްސާންތެރިވުމަށާއި، އަނބިން ފިރިންގެ ޙައްޤުތަކަށް ރައްކާތެރިވުމަށް މިޚުތުބާގައި ﷺ ވަސިއްޔަތް ކުރެއްވިއެވެ.

މިވަސިއްޔަތަކީ ފުރިހަމަ އިސްލާމީ މުޖުތަމަޢެއް ބިނާކުރުމަށް ވަރަށް މުހިންމު ވަސިއްޔަތެކެވެ. ބާއްޖަވެރި ޒަވާޖީ ޙަޔާތަކުން ކުރިފަޅައި މޭވާތަކަކީ އޭގެ ރަހަ މުޅި މުޖުތަމަޢަށް ދޭނެކަމެކެވެ. ދެމަފިރިން އެކަކު އަނެކަކަށް އަދާކުރަންޖެހޭ ޙައްޤުތަކަށް އިހުމާލުވުމަކީ ޒަވާޖީ ގުޅުން ހީނަރުވެ މުޖުތަމަޢަށް އޭގެ ނުބައި އަޘަރު ފޯރާނެކަމެކެވެ.