[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

مادة التوحيد ٦ (ف 2 ، د 12 – ކަނޑައެޅިގެން ވަކި މީހަކީ ސުވަރުގެވަންތަވެރިއެއް ކަމުގައި ނުވަތަ ނަރަކަވަންތަވެރިއެއް ކަމުގައި ބުނުން)

އަހުލުއްސުންނާ ވަލް ޖަމާޢަތުގެ އުޞޫލުތަކުގެ ތެރޭގައި ހިމެނޭ ބައެއް ކަންތައްތައް:

 

* ކީރިތި ޤުރުއާނާއި ސުންނަތުގައި ކަނޑައެޅިގެން މިވެނި މީހަކީ ސުވަރުގެވަންތަވެރިއެއް ކަމުގައި ނުވަތަ ނަރަކަވަންތަވެރިއެއް ކަމުގައި ވާރިދުވެފައި ނުވާނަމަ، ޤިބުލައިގެ އަހުލުވެރިއަކާ ދިމާއަށް (އެބަހީ: މުސްލިމަކާ ދިމާއަށް) ކަނޑައެޅިގެން އޭނާއަކީ ސުވަރުގެވަންތަ ވެރިއެކޭ ނުވަތަ ނަރަކަވަންތަވެރިއެކޭ ބުނުމެއް ނުވެއެވެ. [1] އެހެނަސް ރަނގަޅު މީހުންނަށް ހެޔޮގޮތް މެދުވެރިވާނޭކަމަށް އުންމީދުކުރާނީއެވެ. އަދި ފާފަވެރިންނަށް ޢުޤޫބާތް ޙައްޤުވާނެކަމަށް ބިރުވެތިވާނީއެވެ.

 

* ކާފިރުންގެ ތެރެއިން އިސްލާމްދީނުގެ ޚަބަރު އެނގި، އެމީހެއްގެ މައްޗަށް ޙުއްޖަތް ޤާއިމުވުމަށް ފަހުގައި، ކުފުރުގެ މަތީގައި މަރުވާ މީހާއާ މެދު ދަންނައެވެ. އެފަދަ މީހަކީ ނަރަކަވަންތަވެރިންގެ ތެރެއިންވާ މީހެއް ކަމާ މެދުގައި ޝައްކެތް ނެތެވެ. މިސާލަކަށް އެމީހެއްގެ މުޅި ޙަޔާތުގައި ނަޞާރާއެއްގެ ގޮތުގައި އުޅެފައި މަރުވާ މީހާ އޭނާ މަރުވުމަށް ފަހުގައިވެސް ދެކެން ޖެހޭނީ އެއީ ނަރަކަވަންތަވެރިއެއް ކަމުގައެވެ. އެހެނީ އެފަދަ މީހުންގެ އަޞްލަކީ އެމީހުން ނަރަކައަށް ދިޔުމެވެ. [2]

 

* އަދި މުސްލިމަކު ކުފުރުގެ ބަހެއް ބުނެފިނަމަ ނުވަތަ އޭނާ ކުފުރުގެ ޢަމަލެއް ކޮށްފިނަމަ، ކަނޑައެޅިގެން އެމީހެއްގެ މައްޗަށް ޙުކުމްކުރާނަމަ އޭނާގެ ކިބައިގައި ކާފިރުވުމުގެ ޝަރުޠުތައް ހަމަވެ، އެ ޙުކުމް އޭނާގެ މައްޗަށް ކުރުން މަނާކުރާ ކަންތައްތައް ނަފީވިތޯ ކަށަވަރު ކުރަން ޖެހޭނެއެވެ. [3]

މުސްލިމުންގެ ތެރެއިން ވަކިވަކި ފަރުދުންގެ މައްޗަށް ކާފިރުކަމުގެ ޙުކުމްކުރުމީ ނަބިއްޔާ صلى الله عليه وسلم އެކަމާ މެދުގައި އިންޛާރުދެއްވާފައިވާ ކަމެކެވެ. އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ.

«أَيُّمَا رَجُلٍ قَالَ لِأَخِيهِ يَا كَافِرُ، فَقَدْ بَاءَ بِهَا أَحَدُهُمَا» [رواه البخاري (6104)]

މާނައީ: “މީހަކު އެމީހެއްގެ (މުސްލިމު) އަޚާއާ ދިމާއަށް “އޭ ކާފިރުމީހާ” އޭ ބުނެފިނަމަ ދަންނައެވެ. އޭގެ ތެރެއިން އެކަކަށް އެކަން ރައްދުވެގެންދާނެއެވެ.”

 

* ޝަރުޢީ ނައްޞުތަކުގައި ބައެއް މީހުންނަކީ ކާފިރުންކަމުގައި ބަޔާންކުރައްވާފައި ވެއެވެ. މިސާލަކަށް: އަބޫ ލަހަބަކީ ކާފިރެއްކަމަށާއި އޭނާއަކީ ނަރަކަވަންތަވެރިއެއްކަމުގައި ކީރިތި ޤުރުއާނުގައި ކަނޑައެޅިގެން ބަޔާންކުރައްވާފައި ވެއެވެ. އެހެންކަމުން އެފަދަ މީހެއްގެ ކުފުރާ މެދުގައި ޝައްކުކޮށްގެން ނުވާނެއެވެ.

 

* ރަސޫލާ صلى الله عليه وسلم ވަނީ ބައެއް ބޭކަލުންނަށް ސުވަރުގޭގެ އުފާވެރިކަމުގެ ޚަބަރުދެއްވާ، އެބޭކަލުންނަކީ ސުވަރުގެވަންތަވެރިންކަމުގައި ބަޔާންކުރައްވާފައެވެ. އެއީ ވަޙީގެ ޛަރީޢާއިން އެކަލޭގެފާނަށް އެނގިވަޑައިގެންފައިވާތީ، އެކަލޭގެފާނު ބަޔާންކުރައްވާފައިވާ ކަމެކެވެ. އެފަދައިން އެކަލޭގެފާނު ސުވަރުގޭގެ އުފާވެރިކަމުގެ ޚަބަރުދެއްވާފައިވާ ބޭކަލުންނަކީ ކަނޑައެޅިގެން ސުވަރުގޭގެ އަހުލުވެރިންކަމުގައި އަޅުގަނޑުމެން ޤަބޫލުކުރަން ޖެހޭނެއެވެ. އެކަލޭގެފާނުވަނީ އެއް ޙަދީޘެއްގައި ސުވަރުގޭގެ އުފާވެރިކަމުގެ ޚަބަރު 10 ބޭކަލަކަށް ދެއްވާފައެވެ. [4] އެއީ:

1) أبو بكر الصديق.

2) عمر بن الخطاب.

3) عثمان بن عفان.

4) علي بن أبي طالب.

5) طلحة بن عبيد الله.

6) الزبير بن العوام.

7) سعد بن أبي وقاص.

8) سعيد بن زيد.

9) عبد الرحمن بن عوف.

10) أبو عبيدة عامر بن الجراح.

 

* ރަސޫލާ صلى الله عليه وسلم ވަނީ އިސްވެ ބަޔާންވެ ދިޔަ ބޭކަލުން ނޫން އެހެން ބޭކަލުންތަކަކަށްވެސް އެބޭކަލުން ސުވަރުގެ ވަންނާނޭ ކަމުގެ އުފާވެރިކަމުގެ ޚަބަރު ދެއްވާފައެވެ. އެގޮތުން ޙަސަނުގެފާނާއި ޙުސައިނުގެފާނަކީ ސުވަރުގެވަންތަވެރިންކަމުގައި އެކަލޭގެފާނުވަނީ ބަޔާންކުރައްވާފައެވެ. [5] އަދި އެ ނޫން ބޭކަލުންގެ ނަންތައްވެސް ނުވަތަ ޞިފަތައްވެސް އެކަލޭގެފާނު ވަނީ ބަޔާންކުރައްވާފައެވެ. އޭގެ ތެރޭގައި ބަދުރު ހަނގުރާމައިގައި ބައިވެރިވި ބޭކަލުންނާއި [6] ބައިޢަތުއް ރިޟްވާނުގައި ބައިވެރިވި ބޭކަލުން ހިމެނެއެވެ. [7]

 

ސުވާލުތައް

1- ކަނޑައެޅިގެން ވަކި މީހަކީ ސުވަރުގެވަންތަ ވެރިއެއްކަމުގައި ރަސޫލާ صلى الله عليه وسلم ބަޔާންކޮށްދެއްވާފައި ނުވާނަމަ ޤިބުލައިގެ އަހުލުވެރިއަކާ ދިމާއަށް އެއީ ސުވަރުގެވަންތަވެރިއެކޭ ބުނެވިދާނެ ހެއްޔެވެ؟

2- އިސްލާމްދީނުގެ ކަންތައްތައް ދަންނަ ކާފިރެއްގެ މައްޗަށް ޙުއްޖަތް ޤާއިމުވެފައި، އެ ކާފިރު މީހާ މަރުވުމުގެ ކުރިން ކަނޑައެޅިގެން އޭނާވާނީ ނަރަކަވަންތަ ވެރިންގެ ތެރެއިން ކަމުގައި ބުނެވިދާނެ ހެއްޔެވެ؟

3- ވަކި މީހަކީ ސުވަރުގެވަންތަ ވެރިއެއްކަމުގައި ނަބިއްޔާ صلى الله عليه وسلم ބަޔާންކުރައްވައިފިނަމަ އެކަމުގައި އަޅުގަނޑުމެން ދެކެން ޖެހޭނީ ކިހިނެތް ހެއްޔެވެ؟

4- ސުވަރުގޭގެ އުފާވެރިކަމުގެ ޚަބަރު ދެއްވުނު ދިހަބޭކަލުންގެ ގޮތުގައި މަޝްހޫރުވެފައިވާ 10 ބޭކަލުންގެ ނަންތައް ލިޔާށެވެ.

 

= ނިމުނީ =

 


مادة التوحيد ٦

 

[1] ބައްލަވާ: صحيح البخاري (2687) وصحيح مسلم 137 – (2621) وشرح الطحاوية لصالح آل الشيخ (ص: 458).

[2]ބައްލަވާ:  شرح الطحاوية لصالح آل الشيخ (ص: 458).

[3] ބައްލަވާ: شرح الطحاوية للبراك (ص: 264).

[4] ބައްލަވާ: سنن الترمذي (3747) وصحيح الجامع الصغير للألباني (1 / 71).

[5] ބައްލަވާ: صحيح ابن حبان (6959) والتعليقات الحسان للألباني (10 / 89).

[6] ބައްލަވާ: صحيح البخاري (4890).

[7] ބައްލަވާ: صحيح مسلم 163 – (2496).