ސުވާލު 628: ޙައްޖުކުރާއިރު އަންހެނާއަށް އެކި ކުލައިގެ ހެދުން ލެވިދާނެ ހެއްޔެވެ؟ މިޘާލަކަށް ހުދު ކުލައާއި ފެހިކުލައާއި ކަޅުކުލައިގެ ހެދުމެވެ.
ޖަވާބު: އާއެކެވެ. އިޙްރާމުގައި ހުންނައިރު އަންހެނާ ބޭނުން ހެދުމެއް އޭނާއަށް ލެވިދާނެއެވެ. އެއީ ހިލޭ ފިރިހެނުންގެ ކުރިމަތީ އޭނާގެ ޒީނަތްތެރިކަން ފާޅުނުކޮށެވެ. އެހެނީ އަންހެނާ އިޙްރާމުގައި ހުރެލުމަށްވަކި ޚާއްޞަ ހެދުމެއް ނުވެއެވެ. އެއީ ފިރިހެނުންނާ ޚިލާފަށެވެ. ފަހެ ހަމަކަށަވަރުން ފިރިހެނުން ޤަމީހާއި ސަރާވީލާއި ޢިމާމާއާއި ބުރްނުސް ނުލާހުށިކަމެވެ. އަދި ޚުއްފަށް ނާރާ ހުށިކަމެވެ. [ 1 ]
އަންހެނުން ދަންނައެވެ. އޭނާއަށް މަނާކުރެވިފައިވަނީ އަންގިލުމާއި ނިޤާބު އެޅުމާއި [ 2 ] އަދި އޭނާގެ ޒީނަތްތެރިކަންފާޅުކުރުމެވެ.
ފަޟީލަތުއްޝައިޚް މުޙައްމަދު އިބްނު ޞާލިޙް އަލްޢުޘައިމީން رحمه الله
) مجموع فتاوى ابن عثيمين 22 /181 (
______________________________________
[ 1 ]
ޤަމީޞް: ޢަރަބި ބަހުގައި ޤަމީހަކީ މަތީ ހަށިފޮރުވައިދޭ ފޭރާމެވެ. އަދި އޭގައި ކަރުވަޅެއް ހުންނާނެ.
ސަރާވީލް: ސަރާވީލަކީ ތިރީ ހަށިފޮރުވައިދޭ، ތިރީ ހަށީގެ ބައްޓަމާ އެއްގޮތަށް ފަހާފައި ހުންނަ ހެދުން.
ޢިމާމާ: ބޮލުގަ އަޅާ ފަޤުޑި.
ބުރްނުސް: މުޅި ހަށިގަނޑު އެކީ ނިވާވާގޮތަށް ހަދާފައި ހުންނަ ހެދުން. އަދި ބޯ ނިވާކުރާނެ ބައެއްވެސް އެހެދުމާ ގުޅާލެވިފައި ހުންނާނެ.
ޚުއްފު: އިސްޓާކީނާ ވައްތަރުގޮތަކަށް ލެދަރުން ހަދާފައި ހުންނަ އެއްޗެއް.
[ 2 ]
ނިޤާބު: މޫނުގެ ބައްޓަމަށް ހަދާފައި ހުންނަ މޫނު ނިވާކުރާފޮތިގަނޑު.