ﷲ ތަޢާލާ އަޅުގަނޑުމެން ދުނިޔޭގައި ލައްވާފައި މިވަނީ އެއިލާހު އެއްކައުވަންތަކޮށް ހަމައެކަނި އެއިލާހުގެ ހަޞްރަތުން ޘަވާބާއި ދަރުމައަށް އެދިގެން އެއިލާހަށް އަޅުކަންތައް އަދާ ކުރުމަށްމަށްޓަކައެވެ. އަޅުގަނޑުމެންގެތެރެއިން އެއްވެސް މީހަކީ އެމީހެއްގެ އަމަލުތައް ޤިޔާމަތްދުވަހުން ބާތިލުވެ ބޭކާރުވެގެން ދާން އެދޭނެމީހެއްނޫނެވެ. ތިމާގެ މުޅި އުމުރު އަޅުކަމުގައި ހޭދަކުރުމަށްފަހު، ޢަމަލުތައް ހިސާބު ކުރެވޭ ދުވަހު އެޢަމަލުތައް ވަޔާއެކު ބުރުވާލެވިގެންދާ ކުނޑިތަކެއް ފަދައިން ވެގެންދިޔުމަށް އެއްވެސް މީހަކު ބޭނުމެއް ނުވާނެއެވެ. އެހެން ކަމުން ﷲ ތަޢާލާ އަށް އަޅުކަންކުރުމުގެ ޞައްޙަ މަގު ހަމަ ކޮންމެ މުސްލިމަކަށްމެ އެނގެންޖެހެއެވެ. އެއިލާހުގެ ހަޟްރަތުގައި އަޅުކަމެއް މަޤްބޫލު އަޅުކަމަކަށްވަނީ އެ އަޅުކަމެއްގައި ކޮންކަހަލަ ސިފަތަކެއް ހުރުމުންކަން އުނގެނި ދަސްކުރަން ޖެހެއެވެ.ﷲ ސުބްޙާނަހު ވަތަޢާލާގެ ހަޟްރަތުގައި ހެޔޮ ޢަމަލުތައް ޤަބޫލުވެވުމުގައި ދެޝަރުތެއް ވާކަމުގައި ޤުރުއާނާއި ސުންނަތުގެ އަލީގައި ޢިލްމުވެރިން ބަޔާންކުރައްވައެވެ.އެންމެފުރަތަމަ ޝަރުތަކީ އިޚްލާސްތެރިކަމެވެ. އެއީ ހަމައެކަނި ﷲ ތަޢާލާއަށް ނިޔަތް ޚާލިސްކޮށް ، އެއިލާހުގެ ހަޟްރަތުން ސަވާބާއި ދަރުމައަށް އެދޭ ހާލު އެ ޢަމަލެއް އަދާކުރުމެވެ. ﷲ ތަޢާލާ ގެ ވަހީ ބަސްފުޅުގައި ވެއެވެ. ” وَمَا أُمِرُوا إِلَّا لِيَعْبُدُوا اللَّـهَ مُخْلِصِينَ لَهُ الدِّينَ حُنَفَاءَ وَيُقِيمُوا الصَّلَاةَ وَيُؤْتُوا الزَّكَاةَ وَذَٰلِكَ دِينُ الْقَيِّمَةِ ” [البينة: 5] . މާނަ : ” ބާތިލު މަގުން އެއްކިބާވެތިބެ ﷲ އަށް އަޅުކަން ޚާލިސްކުރާ ހާލު، ﷲ އަށް އަޅުކަންކުރުމަށާއި، ނަމާދު ޤާއިމުކުރުމަށާއި ، ޒަކާތް ދިނުމަށް މެނުވީ އެއުރެންނަށް އަމުރުވެވިގެން ނުވެއެވެ. އަދި ސީދާވެގެންވާ ދީނަކީ އެއީ އެވެ.”ދެވަނަ ޝަރުތަކީ މާތް ނަބިއްޔާގެ ސުންނަތުގައި ވާރިދުވެފައިވާ ގޮތަށް އެ ޢަމަލެއް ކުރުމެވެ. އުއްމުލް މުއުމިނީން ޢައިޝާ ރަޟިޔަﷲ ޢަންހާ ރިވާކުރެއްވި ޙަދީޘެއްގައި ވެއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވިއެވެ. “مَن عمِلَ عَمَلاً لَيسَ علَيهِ أَمرُنا فهوَ رَدٌّ”( رواه مسلمٌ ) މާނަ : “ތިމަން ކަލޭގެފާނު ގެ ސުންނަތާ ޚިލާފަށް ޢަމަލެއްކޮށްފި މީހާގެ ޢަމަލަކީ ރައްދުކުރެވިގެންވާ (ޤަބޫލު ނުކުރެވޭ) ޢަމަލެކެވެ.”
ވީމާ އަޅުގަނޑުމެންގެ ޞާލިހު ޢަމަލުތައް ، އެއީ ﷲ ތައާލާގެ ހަޟްރަތުގައި މަޤްބޫލު ޢަމަލުތަކަކަށް ވުމަށްޓަކައި ލާޒިމުކުރާ އެއްޝަރުތަކީ އިޚްލާސްތެރިކަން ކަން އަލްބައްޔިނާ ސޫރަތުގެ ފަސްވަނަ އާޔަތުން ބަޔާންވެއެވެ. އިޚްލާސްތެރިކަމުގެ އިދިކޮޅު ސިފައަކީ الرِّيَاءُ (އައްރިޔާ) އެވެ. ނުވަތަ ދެއްކުންތެރި ކަމެވެ. ދެއްކުންތެރި ކަމާއެކު ޢަމަލު ކުރާމީހާ އެ ޢަމަލުކުރަނީ ތިމާގެ އެ ޢަމަލުގެ ސަބަބުން މީސްތަކުން ތިމާއަށް މަދަހަ ޘަނާ ކިޔުމަށެވެ. އަދި މީސްތަކުންގެ ތަޢުރީފު ހާސިލުކުރަމަށެވެ. މިފަދަ ޢަމަލު ތަކަކީ ﷲ ތަޢާލާގެ ހަޟްރަތުން އެ ޢަމަލުކުރާ މީހާއަށް އެއްވެސް މަންފާއެއް ޤިޔާމަތްދުވަހުގައި ކުރާނެ ޢަމަލުތަކެއް ނޫންކަން ކަށަވަރެވެ. އަދި އެޢަމަލުތަކަކީ ހިސާބުގެ ދުވަހުގައި ފައިދާއެއްނެއް ގޮތުގައި ވަޔާބުރުއްސާލެވޭނޭ ޢަމަލު ތަކެއްކަމުގައި ވެގެންދާނެކަމުގައި އެކަލާންގެ ވަނީ ޚަބަރު ދެއްވާފައެވެ. ﷲ ތަޢާލާ ވަހީކުރެއްވިއެވެ . “وَقَدِمْنَا إِلَىٰ مَا عَمِلُوا مِنْ عَمَلٍ فَجَعَلْنَاهُ هَبَاءً مَّنثُورًا” (ފުރުޤާން 23 ). މާނަ: ” އަދި ޢަމަލުތަކުގެ ތެރެއިން އެމީހުން ކުރި ކަންތައްތައް ތިމަން އިލާހު ބައްލަވައި، އެ ޢަމަލުތައް ވަޔާ ބުރައިގެންދާ ކުނޑިފުއްތަކެއް ފަދައިން ލައްވާހުށީމެވެ.” އާދެ މިއާޔަތުގައި މިވަނީ ދެއްކުންތެރިކަމާއެކު ދުނިޔެމަތީގައި ޢަމަލުތައް ކޮށްއުޅުނު މީހުންގެ ވާހަކައެވެ. މި އާޔަތުގެ ތަފްސީރުގައި އިބްނި ކަޘީރު ރަޙިމަހުﷲ ބަޔާން ކުރައްވާފައި ވެއެވެ. ޤިޔާމަތްދުވަހުގައި ﷲ ސުބުޙާނަހޫ ވަތަޢާލާ މީސްތަކުންގެ ހެޔޮ ޢަމަލުތަކާއި ނުބައި ޢަމަލުތައް ހިސާބުކުރައްވާ ހިނދު އެބައިމީހުންގެ ޢަމަލުތަކުގައި ﷲ ތަޢާލާ ފިޔަވާ އެހެންފަރާތް ތަކަކަށް އެބައިމީހުންގެ ޢަމަލުކުރުމުގައި ބައި އެޅި މީހުން ނުވަތަ އެބައިމިހުންގެ ނިޔަތުގައި ޝިރުކު ކުރި މީހުންނަކަށް އެ ޢަމަލުތަކުން ލިބޭނޭ އެއްވެސް އެއްޗެއް ނެތެވެ. އެހެނީ އެބައިމީހުން ވަނީ ޝަރުޢުގައި ޢަމަލުތައް ޤަބޫލު ވެވުމުގެ ދެޝަރުތުން ކުރެ ޝަރުތެއް ދޫކޮށްލާފައެވެ. އެއީ އެހެންޏާ އިޚްލާސްތެރި ކަމެވެ. ނުވަތަ ނަބިއްޔާގެ ސުންނަތަށް ތަބާވުމެވެ.
މައްސަލައަކީ ވަރަށް ނުރައްކާތެރި މައްސަލައެކެވެ. ވަރަށްގިނަ ބަޔަކަށް ސަމާލުކަން ނުދެވިފައިވާ ސީރިއަސް މައްސަލައެކެވެ. ސަބަބަކީ ދެއްކުންތެރިކަމުގެ މި ނުބައި ޢަމަލުގެ ތެރެއަށް ޝިރުކު ވަދެގެންދާތީއެވެ. އަދި ހަމަ އެފަދައިން މުނާފިޤުންގެ ސިފަތަކުގެ ތެރޭގަވެސް ﷲ ތަޢާލާ ވަނީ މިސިފަ ބަޔާން ކުރައްވާފައެވެ. ހަމަ އެކަނި ﷲ ތަޢާލާއަށް ޚާލިސް ކުރަންޖެހޭ އަޅުކަމެއްގައި އެހެންފަރާތެއް ބައިވެރި ކުރެވޭތީއެވެ. ދުނިޔެވީ މަންފާތަކެއް ހާސިލްކުރުން ޤަސްތު ކޮށްގެން، ﷲ ތަޢާލާއަށް ޚާލިސްކުރައްޖެހޭ އަޅުކަމެއް އަދާކުރާ މީހާއަކަށް އެއިލާހުގެ ރުހިވޮޑިގަތުމެއްނުލިބޭނެ އެވެ. ދުނިޔެމަތީގައި އޭނާ އެ އެދުނު އެދުން ފުދުނުކަމުގައިވިޔަސް (މީސްތަކުންގެ ކިބައި ތަޢުރީފާއި މަދަހަ ޘަނާ ލިބުނުކަމުގައި ވިޔަސް) އާޚިރަތުގައި އެ ޢަމަލަށް ބޭނުންޖެހޭ ހިނދު ލިބޭނޭ އެއްވެސް ފައިދާ އެއް ނޯންނާނެއެވެ. ﷲ ތައާލާ ވަހީކުރައްވާފައި ވެއެވެ. ” مَن كَانَ يُرِيدُ الْحَيَاةَ الدُّنْيَا وَزِينَتَهَا نُوَفِّ إِلَيْهِمْ أَعْمَالَهُمْ فِيهَا وَهُمْ فِيهَا لَا يُبْخَسُونَ ﴿١٥﴾ أُولَـٰئِكَ الَّذِينَ لَيْسَ لَهُمْ فِي الْآخِرَةِ إِلَّا النَّارُ وَحَبِطَ مَا صَنَعُوا فِيهَا وَبَاطِلٌ مَّا كَانُوا يَعْمَلُونَ ﴿١٦﴾ ” (ހޫދު 15، 6 ) މާނަ “ދުނިޔޭގެ ދިރިއުޅުމާއި އެދުނިޔޭގެ ޒީނަތްތެރި ކަމަށް އެދޭމީހާ ދަންނާށެވެ. އެއުރެންގެ ޢަމަލުތައް ތިމަންރަސްކަލާންގެ އެއުރެންނަށް އެތާންގައި ހަމައަށް ފުއްދަވައި ދެއްވާހުށީމެވެ. އަދި އެއުރެންނަށް އެތާންގައި އުނި ނުކުރެއްވޭހުއްޓެވެ. އެއުރެންނީ އާޚިރަތުގައި ނަރަކަނޫން އެހެންތަނެއް އެއުރެންނަށް ނުވާ މީހުނެވެ. އަދި އެއުރެންކުޅަ ޢަމަލުތައް ، އެތާންގައި ބޭކާރު ވެގެންވެއެވެ. އަދި އެއުރެން ކޮށްއުޅުނު ކަންތައް ބާތިލުވެގެން ވެއެވެ.”
ދެއްކުންތެރި ކަމާއެކު ޢަމަލު ކުރުމުގެ ނުރައްކާތެރިކަމާމެދު ރަޙްމަތުގެ ނަބިއްޔާވަނީ އެކަލޭގެފާނުގެ އުއްމަތަށް ވަރަށްބޮޑަށް އިންޒާރުދެއްވާފައެވެ. މި ނުރައްކާތެރި ޢަމަލު އެކަލެގެފާނު ސިފަކުރައްވާފައި ވަނީ “الشرك الخفي” ގެ ގޮތުގައެވެ. ނުވަތަ ފޮރުވިފައިވާ ޝިރުކުގެ ގޮތުގައެވެ. އެހެނީ މިއީ ނިޔަތުން ކުރެވޭ ޝިރުކެކެވެ. މިކަން ކުރާ މީހާގެ އިޚްލާސްތެރިކަމެއް ނުވަތަ އޭނާގެ ހިތުގައިވާ އެއްޗެއް އެހެންމީހަކަށް ނޭންގޭނެއެވެ. އަބޫ ސަޢީދު ރިވާކުރައްވާފައިވާފައި ވެއެވެ. މާތް ނަބިއްޔާ ޙަދީޘްފުޅުކުރެއްވި އެވެ. أَلاَ أُخْبِرُكُمْ بِمَا هُوَ أَخْوَفُ عَلَيْكُمْ عِنْدِي مِنَ الْمَسِيحِ الدَّجَّالِ؟ قَالُوا بَلَى يَا رَسُولَ اللهِ قَالَ الشِّرْكُ الْخَفِيُّ، يَقُومُ الرَّجُلُ فَيُصَلِّي فَيُزَيِّنُ صَلاَتَهُ لِمَا يَرَى مِنْ نَظَرِ رَجُلٍ (رَوَاهُ أَحْمَدُ) މާނަ: “މަސީޙުއްދައްޖާލަށްވުރެ ތިޔަބައިމީހުންނާއި މެދު ތިމަންކަލޭގެފާނު ބިރުވެތިވާ ކަމެއްގެ ޚަބަރު ތިޔަބައިމީހުނަށް ދެއްވަންތޯއެވެ! ” ޞަޙާބީން ދެއްނެވިއެވެ. އާ އެކެވެ. ދެން އެކަލެގެފާނު ޙަދީޘްކުރެއްވި އެވެ. “الشرك الخفي” އެވެ. (ފޮރުވިފައިވާ ޝިރުކެވެ). މީހަކު ނަމާދު ކުރަންފަށައެވެ. އަދި ބަޔަކު އޭނާ ނަމާދު ކުރާތަން ބަލަން ހުރިކަން އެނގުމުން އެނަމާދު އިތުރަށް ޒީނަތްތެރި ކުރެއެވެ.”
އަޅުކަންތަކުގެ ތެރެއަށް ޝިރުކު ވަދެގެން ދަނީ މިފަދައިންނެވެ. ރަސޫލު ޞައްލަﷲ ޢަލައި ވަސައްލަމް ޙަދީޘް ކުރެއްވިއެވެ. ” إِنَّ أَخْوَفَ مَا أَخَافُ عَلَيْكُمْ الشِّرْكُ الْأَصْغَرُ ” قَالُوا: وَمَا الشِّرْكُ الْأَصْغَرُ يَا رَسُولَ اللهِ؟ قَالَ: “الرِّيَاءُ، يَقُولُ اللَّهُ عَزَّ وَجَلَّ لَهُمْ يَوْمَ الْقِيَامَةِ إِذَا جُزِيَ النَّاسُ بِأَعْمَالِهِمْ اذْهَبُوا إِلَى الَّذِينَ كُنْتُمْ تُرَاءُونَ فِي الدُّنْيَا فَانْظُرُوا هَلْ تَجِدُونَ عِنْدَهُمْ جَزَاءً”. أخرجه أحمد (5/428 ، رقم 23680). وصححه الألباني (صحيح الجامع، رقم 1555) މާނަ : ” ތިމަންކަލޭގެފާނު ތިޔަބައިމީހުންގެ މައްޗަށް ބިރުފުޅުވަޑައިގަންނަވާ ކަންތައްތަކުގެ ތެރެއިން އެންމެ ބިރުފުޅުވަޑައިގަންނަވަނީ ކުޑަ ޝިރްކާ މެދުގައެވެ. ޞަހާބީން ދެންނެވިއެވެ. “ކުޑަ ޝިރްކަކީ ކޮބައިތޯއެވެ؟ އޭ ﷲ ގެ ރަސޫލާއެވެ!”، ޙަދީޘް ކުރެއްވިއެވެ. “ދެއްކުންތެރިކަމެވެ. ޤިޔާމަތްދުވަހު މީސްތަކުންގެ ޢަމަލުތަކަށް ޖަޒާދެއްވާ ނިންމެވުމަށްފަހު ގައި މާތް ﷲ ވަޙީ ކުރައްވާނެއެވެ. “ތިޔަބައިމީހުން ދުނިޔެމަތީގައި ދެއްކުމަށް ކަންތައް ކުޅަމީހުންގެ ގާތަށްގޮސް އެމީހުންގެ ފަރާތުން ދަރުމައެއް ލިބޭތޯ ބަލާށެވެ”.
އަދިވެސް އެކަލޭގެފާނު ޙަދީޘްކުރެއްވި އެވެ. ” قَالَ اللهُ تَبَارَكَ وَتَعَالَى أَنَا أَغْنَى الشُّرَكَاءِ عَنْ الشِّرْكِ مَنْ عَمِلَ عَمَلًا أَشْرَكَ فِيهِ مَعِي غَيْرِي تَرَكْتُهُ وَشِرْكَهُ ” (صحيح مسلم) މާނަ: ” ﷲ ތަޢާލާ ވަޙީކުރެއްވިއެވެ. ހަމަކަށަވަރުން ޝިރްކު ކުރާ މީހުންގެ ޝިރްކަކަށް ﷲ ބޭނުންފުޅުވޮޑިގެން ނުވެއެވެ” ޢަމަލެއް ކުރާ މީހާ (އެބަހީ؛ އަޅުކަން ކުރާމީހާ) އެއަޅުކަމުގައި ތިމަން އިލާހު އާއި އެހެން އެއްޗެއް ބައިވެރިކޮށްފި ނަމަ އެމީހާއާއި، އެމީހާ ކުރި ޝިރުކާއި ތިމަން އިލާހު ދޫކޮށް ލައްވާހުށީމެވެ.”
ޤިޔާމަތްދުވަހު އެންމެ ފުރަތަމަ ހިސާބުބެއްލެވޭ މީހުންނަކީ ދެއްކުންތެރި ކަމާއެކު ހެޔޮ ޢަމަލުތައްކޮށް އުޅުނު މީހުންނެވެ. ދެއްކުންތެރިކަމާއެކު ހެޔޮ ޢަމަލުތައްކޮށް އުޅޭމީސްތަކުންނާމެދު ޤިޔާމަތްދުވަހުން ކަންތައްތައް ވެގެންދާނެ ގޮތާއިމެދު ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް ގެ ޞައްޙަ ޙަދީޘެއްގައިވެއެވެ. އިމާމް މުސްލިމް ރިވާކުރައްވާފައިވެއެވެ. إِنَّ أَوَّلَ النَّاسِ يُقْضَى يَوْمَ الْقِيَامَةِ عَلَيْهِ رَجُلٌ اسْتُشْهِدَ، فَأُتِيَ بِهِ، فَعَرَّفَهُ نِعَمَهُ فَعَرَفَهَا، قَالَ: فَمَا عَمِلْتَ فِيهَا؟ قَالَ: قَاتَلْتُ فِيكَ حَتَّى اسْتُشْهِدْتُ. قَالَ: كَذَبْتَ، وَلَكِنَّكَ قَاتَلْتَ لِأَنْ يُقَالَ جَرِيءٌ، فَقَدْ قِيلَ. ثُمَّ أُمِرَ بِهِ فَسُحِبَ عَلَى وَجْهِهِ حَتَّى أُلْقِيَ فِي النَّارِ. وَرَجُلٌ تَعَلَّمَ الْعِلْمَ وَعَلَّمَهُ، وَقَرَأَ الْقُرْآنَ، فَأُتِيَ بِهِ، فَعَرَّفَهُ نِعَمَهُ فَعَرَفَهَا، قَالَ: فَمَا عَمِلْتَ فِيهَا؟ قَالَ: تَعَلَّمْتُ الْعِلْمَ وَعَلَّمْتُهُ وَقَرَأْتُ فِيكَ الْقُرْآنَ. قَالَ: كَذَبْتَ، وَلَكِنَّكَ تَعَلَّمْتَ الْعِلْمَ لِيُقَالَ عَالِمٌ، وَقَرَأْتَ الْقُرْآنَ لِيُقَالَ هُوَ قَارِئٌ، فَقَدْ قِيلَ. ثُمَّ أُمِرَ بِهِ فَسُحِبَ عَلَى وَجْهِهِ حَتَّى أُلْقِيَ فِي النَّارِ. وَرَجُلٌ وَسَّعَ اللَّهُ عَلَيْهِ، وَأَعْطَاهُ مِنْ أَصْنَافِ الْمَالِ كُلِّهِ، فَأُتِيَ بِهِ فَعَرَّفَهُ نِعَمَهُ فَعَرَفَهَا، قَالَ: فَمَا عَمِلْتَ فِيهَا؟ قَالَ: مَا تَرَكْتُ مِنْ سَبِيلٍ تُحِبُّ أَنْ يُنْفَقَ فِيهَا إِلَّا أَنْفَقْتُ فِيهَا لَكَ. قَالَ: كَذَبْتَ، وَلَكِنَّكَ فَعَلْتَ لِيُقَالَ هُوَ جَوَادٌ، فَقَدْ قِيلَ. ثُمَّ أُمِرَ بِهِ فَسُحِبَ عَلَى وَجْهِهِ ثُمَّ أُلْقِيَ فِي النَّارِ». رواه مسلم،
މާނަ “ހަމަކަށަވަރުން ޤިޔާމަތް ދުވަހުން އެންމެފުރަތަމަ ހިސާބު ބެއްލެވޭހުށީ ޝަހީދުވި މީހެއްގެ އެވެ. އޭނަ ގެނެވޭނެއެވެ. ދެން(ޝަހީދެއްގެ ދަރަޖަ ހާސިލްކުރުމަށްޓަކައި) އޭނާއަށް ދެއްވުނު ނިޢުމަތްތައް ހަނދާންކޮށްދެވޭނެއެވެ. އަދި އެކަން އެނާ ހަނދާންވާނެއެވެ. ބުނެވޭނެ އެވެ. އެ ނިޢުމަތްތަކާމެދު ކަލޭ ކަންތައްކުރި ގޮތަކީ ކޮބާހެއްޔެވެ؟ އެނާ ޖަވާބުދޭނެއެވެ. ތިމަންނަ ޝަހީދުވަންދެން އިބަ އިލާހުގެ މަގުގައި ހަނގުރާމަ ކުރީއެވެ. އޭނައަށް ބުނެވޭނެއެވެ. ކަލޭ ތިހެދީ ދޮގެވެ. އެހެނެއްކަމަކު ކަލޭ ހަނގުރާމަކުރީ ކަލޭތީ ބަޠަލެކޭ ނުވަތަ ކެރޭ މީހެކޭ މީސްތަކުން ބުނުމަށްޓަކައެވެ. (ދުނިޔެމަތީގައި) މީސްތަކުން ކަލޭތީ ބަޠަލެކޭ ކިޔާ އުޅުނެވެ. ދެން އޭނާ މޫނުވަތަށް ދަމާފައި ގެނައުމަށް އަމުރުކުރެވޭނެއެވެ. އެގޮތުގައި ގެންގޮސް ނަރަކައަށް އެއްލާލެވޭނެއެވެ. ދެވަނަމީހަކީ ޢިލްމު އުނގެނި އެ ޢިލްމު އުނގަންނައިދޭން އުޅުނު މީހެކެވެ. އަދި ޤުރުޢާން ކިޔަވައިދޭން އުޅުނު ޤާރީއެކެވެ. އޭނާ ގެނެވޭނެއެވެ. ދެން އޭނާއަށް ދެއްވުނު ނިޢުމަތްތައް ހަނދާންކޮށްދެވޭނެއެވެ. އަދި އެކަން ހަނދާންވާނެއެވެ. އަދި އޭނާއަށް ބުނެވޭނެ އެވެ. އެ ނިޢުމަތްތަކާމެދު ކަލޭ ކަންތައްކުރި ގޮތަކީ ކޮބާހެއްޔެވެ؟ އެނާ ޖަވާބުދޭނެއެވެ. ތިމަންނަ އިލްމު އުނގެނި އެޢިލްމު އުނގަންނައިދިނީ އެވެ. އަދި އިބަ އިލާހައްޓަކައި ޤުރުއާން ކިޔެވީމެވެ. އެއަށްފަހު އޭނައަށް ބުނެވޭނެ އެވެ. ކަލޭ ތިހެދީ ދޮގެވެ. އެހެނެއްކަމަކު ކަލޭ ޢިލްމު އުނގެނުނީ މީސްތަކުން ކަލޭތީ ޢާލިމެކޭ ބުނޭތޯއެވެ. އަދި ކަލޭ ޤުރުއާން ކިޔަވާ އުޅުނީ ކަލޭތީ ޤާރީ އެކޭ ބުނެއުޅުމަށްޓަކައެވެ. ދެން ބުނެވޭނެއެވެ. ދުނިޔެމަތީގައި މީސްތަކުން ކަލޭ އެދުނު ގޮތަށް ޤާރީއެކޭ ، ޢާލިމެކޭ ބުނެއުޅުނެވެ. ދެން އޭނާ މޫނުވަތަށް ދަމާފައި ގެނައުމަށް އަމުރުކުރެވޭނެއެވެ. އެގޮތުގައި ގެންގޮސް ނަރަކައަށް އެއްލާލެވޭނެއެވެ. ތިންވަނަ މީހަކީ ﷲ ތަޢާލާ ތަނަވަސްކަން ދެއްވާ ތަފާތު ބާވަތްބާވަތުގެ މުދާ ދެއްވި މީހެކެވެ. އޭނާ ގެނެވޭނެއެވެ. ދެންއޭނާއަށް ދެއްވުނު ނިޢުމަތްތައް ހަނދާންކޮށްދެވޭނެއެވެ. އަދި އެކަން ހަނދާންވާނެއެވެ. އަދި އޭނާއަށް ބުނެވޭނެ އެވެ. އެ ނިޢުމަތްތަކާމެދު ކަލޭ ކަންތައްކުރި ގޮތަކީ ކޮބާހެއްޔެވެ؟ އެނާ ޖަވާބުދޭނެއެވެ. އިބަ އިލާހު އެމަގަކުން ހޭދަކުރައްވަން ރުހިވޮޑިގެންނެވި އެއްވެސް މަގެއް ތިމަންނަ އިބައިލާހަށްޓަކައި ހޭދަނުކޮށް ދޫނުކުރަމެވެ. ދެން އޭނައަށް ބުނެވޭނެއެވެ. ކަލޭ ތިހެދީ ދޮގެވެ. އެހެނެއްކަމަކު ކަލޭ ތިކަންކުރީ މީސްތަކުން ކަލެއަށް ނިސްބަތްކޮށް އެއީ ދީލަތި މީހެކޭބުނުމަށްޓަކައެވެ. ދުނިޔެމަތީގާ މީސްތަކުން ކަލޭތީ ދީލަތި މީހެކޭ ކިޔާ އުޅުނެވެ. ދެން އޭނާ މޫނުވަތަށް ދަމާފައި ގެނައުމަށް އަމުރުކުރެވޭނެއެވެ. އެގޮތުގައި ގެންގޮސް ނަރަކައަށް އެއްލާލެވޭނެއެވެ.”
ދެއްކުންތެރިކަމުގެ ނުރައްކާތެރިކަމާ ބެހޭގޮތުން ވަރަށް ގިނަ ޙަދީޘްތައް ޠާހިރު ސުންނަތުގައި ވާރިދުވެގެން އައިސްފައި ވެއެވެ. ދުޢާ އަކީ މިނުބައި އަދި ބިރުވެރި ޢަމަލުން ސަލާމަތްވެ ތިބުމުގެ ތަޢުފީގު ﷲ ތަޢާލާ އަޅުގަނޑުމެން އެންމެނަށް ދެއްވުމެވެ.
وأصلي على النبي الأكرم محمد بن عبد الله – صلى الله عليه وسلم – وما كان من صواب فمن الله عز وجل وما كان من خطأ فمني ومن الشيطان