[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ސަލަފުންގެ ޙަޔާތްޕުޅަށް ނަޒަރެއް…1

މުޤައްދިމާ

الحمد لله وحده والصلاة والسلام على من لا نبي بعده وعلى آله وصحبه ومن تبعه. وبعد:

ﷲ ތަޢާލާ، އަޅުގަނޑުމެންނަށް މިދުނިޔޭގައި ދެއްވާފައިމިވާ ވަގުތުކޮޅުގައި، އެއިލާހަށް ބޯލަނބައި ކިޔަމަންތެރިކަން އަދާކުރަނީ ކޮންބައެއްތޯ އިމްތިޙާނުކުރައްވައެވެ. އަދި އެއަށްފަހު އަޅުގަނޑުމެންގެ މައްޗަށް ޙުއްޖަތް ޤާއިމުކުރައްވައެވެ. ފަހެ، މިވަގުތުކޮޅުގެ ބޭނުން ހެޔޮގޮތުގައި ހިފައި، އޭނާގެ މަރާއި ބައްދަލުކޮށްފުމަށް ދާންދެން އެއިލާހަށް ކިޔަމަންތެރިކަން އަދާކުރުންމަތީ ދެމިހުރެއްޖެ މީހަކަށް ހުރި އުފަލެއްގެ ބޮޑުކަމާއެވެ!

ﷲތަޢާލާ އަޅުގަނޑުމެންނަށް އަންގަވަނީ މަރާއި ބައްދަލުކޮށްފުމަށް ދާންދެން އެއިލާހަށް ކިޔަމަންތެރިވުންމަތީ ދެމިތިބުމަށެވެ. އެއިލާހު ވަޙީކުރައްވާފައިވެއެވެ. وَاعْبُدْ رَبَّكَ حَتَّى يَأْتِيَكَ الْيَقِينُ (الحجر: ٩٩) “އަދި ތިބާގެގާތަށް މަރު އަތުވެއްޖައުމަށް ދާންދެން، ތިބާގެ ރައްބަށް އަޅުކަން ކުރާށެވެ!” އަދިވެސް އެއިލާހު ވަޙީކުރައްވާފައިވެއެވެ. يَا أَيُّهَا الَّذِينَ آمَنُوا اتَّقُوا اللَّهَ حَقَّ تُقَاتِهِ وَلا تَمُوتُنَّ إِلا وَأَنْتُمْ مُسْلِمُونَ (آل عمران: ١٠٢) “އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ތަޤުވާވެރިވުން ޙައްޤުވެގެންވާ ގޮތުގައި ތިޔަބައިމީހުން ﷲ އަށް ތަޤުވާވެރިވާށެވެ! އަދި، މުސްލިމުން ކަމުގައިވާ ޙާލުގައި މެނުވީ، ތިޔަބައިމީހުން މަރުވެނުދާށެވެ!

ނަމަވެސް މިއީ ފަސޭހަކަމެއް ނޫންކަން އަޅުގަނޑުމެން އެންމެންވެސް ދަންނަން ޖެހެއެވެ. އެހެނީ އިންސާނާ ހެޔޮމަގުން އެއްކިބާކުރުވާ އެތައްކަމެއް އޭނާގެ ވަށައިގެން ވެއެވެ. އެންމެފުރަތަމަ އިބްލީހެވެ. އެއަށްފަހު އޭނާގެ ހަވާނަފްސާއި ޝަހްވަތްތަކެވެ. އޭނާ ކިޔާ ފޮތްތަކެވެ. ރަޙުމަތްތެރިންނާއި މުޖުތަމަޢެވެ. އަދި މިފަދަ އެތައްއެތައް ކަމެކެވެ.

ސީދާވެގެންވާ ތެދުމަގުގައި ހިފުމަށްފަހު، ޘާބިތު ނުވެވި މަގުގެއްލިގެންދާ އެތައް ކުދިންނެއް އަޅުގަނޑުމެންނަށް ފެންނަމުންދަނީ މިސަބަބުތަކާހުރެއެވެ. ބައެއް ކުދިންނަށް މުޖުތަމަޢުގެ އެކި ދިމަދިމާލުން އަންނަ މަލާމާތާއި ފުރައްސާރައަށް ކެތްނުކުރެވިގެން ހިދާޔަތުގެ މަގު ދޫކޮށްލަނީއެވެ. އަދި އަނެއްބައި ކުދިން، ތިމަންމެންނަށް މާގިނަ ހެޔޮޢަމަލުތަކެއް ކުރެވޭކަމުގައި ހީވެ، ޢުޖުބުގެ ޝިކާރައަކަށްވެ ހެޔޮމަގުން އެއްކިބާވެގެންދަނީއެވެ.

އެހެންކަމުން ސީދާވެގެންވާ ތެދުމަގުގައި ޘާބިތުވެ ތިބުމަށްޓަކައި އަޅުގަނޑުމެން ކުރަންވީ ކަންތައްތައް ހޯދައިބެލުމަކީ އަޅުގަނޑުމެން ކޮންމެހެން ކުރަންޖެހޭ ކަމެކެވެ. މިގޮތުން އަޅުގަނޑުމެން ކުރަންޖެހޭ އެންމެ މުހިންމު ކަމަކީ، ޘާބިތުކޮށްދެއްވުން އެދި އަބަދުމެ ﷲތަޢާލާއަށް ދުޢާ ދެންނެވުމެވެ. ނަބީބޭކަލުންނާއި އެންމެހައި ޞާލިޙުއަޅުންތައް މިކަމަށްޓަކައި އަބަދުމެ ދުޢާކުރެއެވެ. އަޅުގަނޑުމެންގެ ނަބިއްޔާ މުޙައްމަދު ޞައްލަﷲ ޢަލައިހިވަސައްލަމަވެސް ގިނަގިނައިން ކުރައްވާ ދުޢާއެއްކަމުގައި ވާރިދުވެގެންވެއެވެ. اللَّهُمَّ يَا مُقَلِّبَ الْقُلُوْبِ ثَبِّتْ قَلْبِي عَلَى دِيْنِكَއޭ ހިތްތައް ފުރޮޅުއްވާ އިލާހެވެ. އިބައިލާހުގެ ދީންމަތީ މިއަޅާގެ ހިތް ޘާބިތުކޮށްދެއްވާނދޭވެ.

އަދި ރަނގަޅު ރަޙުމަތްތެރިން އިޚްތިޔާރުކޮށް، ގޯސް ރަޙުމަތްތެރިންނާ ދުރުވުމަކީވެސް މިކަމަށްޓަކައި ވަރަށް މުހިންމު ކަމެކެވެ. އަދި ހަމައެހެންމެ އަޅުގަނޑުމެންގެ ސަލަފުންގެ ޙަޔާތްޕުޅާއި ބެހޭގޮތުން ލިޔެވިފައިވާ ފޮތްތަކާއި ލިޔުންތައް ދިރާސާކޮށް ކިޔުމަކީވެސް މުހިންމުކަން ކުޑަކަމެއް ނޫނެވެ. އެހެނީ އެބޭކަލުންގެ ޙަޔާތްޕުޅަށް ބަލާލުމުން އަޅުގަނޑުމެންނަށް މިކުރިމަތިވާ މަލާމާތާއި ފުރައްސާރައަކީ އެބޭކަލުންނަށް ކުރެވުނު ދުއްތުރާތަކާއި އަނިޔާތަކާ އަޅާކިޔާއިރު އެއްވެސް އެއްޗެއް ނޫންކަން އެނގި ހިތްވަރު ލިބިގެންދާނެއެވެ. އަދި ހަމައެހެންމެ އެބޭކަލުން އަޅުކަންކުރެއްވުމުގައި ކުރިއަރާދިޔަ މިންވަރު އެނގުމުން އަޅުގަނޑުމެންނަށް އަދި މާބޮޑު އަޅުކަމެއް ނުކުރެވޭކަން އިޙްސާސްކުރެވި، ޢުޖުބުގެ (ތިމާއަށް މާގިނަ ހެޔޮޢަމަލުތަކެއް ކުރެވޭ ކަމުގައި ހީވުމުގެ) ނުރައްކާތެރި ވަބާއިން ސަލާމަތްވެ، އާ ޢަޒުމަކާއެކު އަޅުކަން ކުރުމަށް މަގުފަހިވެގެންދާނެއެވެ.

އެހެންކަމުން މިސިލްސިލާ ލިޔުންތަކުގައި އަލިއަޅުވާލެވޭތޯ ބަލާނީ ސަލަފުންގެ ބައެއް ބޭކަލުންގެ ޙަޔާތްޕުޅަށެވެ. އަޅުގަނޑުމެން އެންމެންނަކީވެސް މިއިން ޢިބްރަތް ޙާޞިލުކޮށް ދީންމަތީ ޘާބިތުވުމަށް ގަދައަޅައި މަސައްކަތްކުރާ ބަޔަކު ކަމުގައި ލައްވާށިއެވެ. އަދި މުސްލިމުން ކަމުގައިވާ ޙާލުގައި މަރުވެގެންދާ ޞާލިޙު އަޅުންތަކެއް ކަމުގައި އަޅުގަނޑުމެން އެންމެންވެސް ލައްވާށިއެވެ.