[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ސަލަފުންގެ ޙަޔާތްޕުޅަށް ނަޒަރެއް…2

ޢުމަރު ބިން ޢަބްދިލްޢަޒީޒް ރަޙިމަހުﷲ

 

الحمد لله وحده والصلاة والسلام على من لا نبي بعده وعلى آله وصحبه ومن تبعه. وبعد:

އަޅުގަނޑުމެންގެ މިސިލްސިލާގައި އެންމެ ފުރަތަމަ މިއަލިއަޅުވާލަނީ ތާބިޢިއްޔަ ބޭކަލުންގެ ތެރެއިން މަޝްހޫރު ބޭކަލެއްގެ ޙަޔާތްޕުޅަށެވެ. ޢިލްމުވެރިންގެ ޞަފަށް ބަލައިފިނަމަ އެޞަފުގެ އެންމެ ކުރީގައި ހިމެނިވަޑައިގަތް ބޭކަލަކަށެވެ. ޢަދުލުވެރިންގެ ޞަފަށް ބަލައިފިނަމަ، ކާފިރުންވެސް އެބޭކަލެއްގެ ޢަދުލުވެރިކަމަށް ޢިޢުތިރާފުވެފައިވާ ބޭކަލަކަށެވެ. އަޅުވެރިންނާއި ޒުހުދުވެރިންގެ ޞަފަށް ބަލައިފިނަމަ ނަމޫނާއެއްކަމުގައިވި ބޭކަލަކަށެވެ. އާދެ، މުސްލިމުންގެ ޚަލީފާ ޢުމަރު ބިން ޢަބްދިލްޢަޒީޒް ރަޙިމަހުﷲ ގެ ޙަޔާތްޕުޅަށެވެ.

އެކަލޭގެފާނަކީ ހިޖުރައިން ފުރަތަމަ ޤަރުނުގެ މުޖައްދިދެކެވެ. ދުނިޔޭގެ ހުރިހާ އަރާމަކާއި އުފާ ޙާޞިލުކުރުމުގެ ފުރުޞަތު ލިބިވަޑައިގެންނެވިއެވެ. ނަމަވެސް އެކަލޭގެފާނު އިސްކަންދެއްވީ އުޚްރަވީ ޙަޔާތަށެވެ. މުޅި ދުނިޔޭގައި އަނިޔާވެރިކަމާއި ބޭއިންޞާފު ޢާއްމުވެފައިވަނިކޮށް ޢަދުލުވެރިކަން ޤާއިމުކުރެއްވިއެވެ. ނައަމާން ބިރުވެރި ތަނެއްގެ ގޮތުގައި އޮތް މުޖުތަމަޢު އަމާންއޮމާން ތަނެއް ކަމުގައި 2 އަހަރާއި ފަސްމަހުގެ ތެރޭގައި ހެއްދެވިއެވެ. އެއަށްފަހު އެކަލޭގެފާނު މިދުނިޔެއާ ވަކިވެވަޑައިގެންނެވުމުގެ ވަގުތު އައިސްޖެހުނެވެ.

ތުއްޕުޅުއިރުވެސް ވިސްނުންތޫނުކަމާއި ހިތްޕުޅު އަލިކަމުގެ ޢަލާމާތްތައް އެކަލޭގެފާނުގެ ކިބައިން ފެންނަމުން ދިޔައެވެ. ތުއްޕުޅުއިރު ޤުރުއާން ހިތުދަސްކުރެއްވިއެވެ. އެހެން އަމީރުންތައް އުޅެމުންދިޔަފަދައިން ކުޅިވަރާއި މަޖަލުގައި ވަގުތު ހޭދައެއް ނުކުރައްވައެވެ. އެކަލޭގެފާނު މަސައްކަތްކުރެއްވީ ޙަޤީޤީ ޝަރަފާއި ދާއިމީ ޢިއްޒަތް ޙާޞިލުކުރެއްވުމަށެވެ. މަދީނާއަށް ވަޑައިގެން އެތަނުގެ ފިޤުހުޢިލްމުވެރިންގެ އަރިހުން އަދަބާއި ޢިލްމު އުނގެނިވަޑައިގަތެވެ. ދުވަހަކުވެސް ޚަލީފާއަކަށް ވެވަޑައިގަތުމުގެ ވިސްނުންފުޅެއް ނުގެންގުޅުއްވައެވެ. އެހެނީ އެކަލޭގެފާނަކީ ޢަބްދުލްޢަޒީޒް ބިން މަރުވާންގެ ދަރިކަލެކެވެ. ޚިލާފަތު އޮތީ އެކަލޭގެފާނުގެ ބޮޑުބޭބޭފުޅު ޢަބްދުލްމަލިކު ބިން މަރުވާންގެ ދަރިފަސްކޮޅުގައެވެ. ނަމަވެސް ކޮންމެކަމަކަށްމެ ކުޅަދުންވަންތަ އިލާހު، ﷲސުބުޙާނަހޫވަތަޢާލާ އިރާދަކުރެއްވީ އެކަލޭގެފާނަށް ޚިލާފަތު ލިބުމަށެވެ. ޚިލާފަތު ލިބިވަޑައިގެންނެވިއިރު އެކަލޭގެފާނުގެ އުމުރުފުޅު ހަގުކަމާއި، އަދި އެކަލޭގެފާނު ޚިލާފަތުގައި ހުންނެވި މުއްދަތުގެ ކުރުކަމާއެކުވެސް، ނިގުޅައިގަނެވިފައިވާ ޙައްޤުތައް އޭގެ ޙައްޤުވެރީންނަށް ރައްދުކޮށްދެއްވިއެވެ. އަދި ހެޔޮލަފާ ޞާލިޙުއަޅުން ގާތްކުރެއްވިއެވެ. އަދި އަނިޔާވެރިކަމާއި ފަސާދައިގެ އަހުލުވެރިން ދުރުކުރެއްވިއެވެ. ހެޔޮލަފާ ޞާލިޙުއަޅަކު މެނުވީ އެކަލޭގެފާނުގެ އެއްވެސް ވަޒީފާއަކަށް އިޚްތިޔާރު ނުކުރެއްވުމަށް އިސްކަންދެއްވި މިންވަރު ބޮޑުކަމުން، އެކަލޭގެފާނު ކަމަކަށް އިޚްތިޔާރު ކުރައްވައިފި މީހާއީ ޙަދީޘް އިލްމުވެރިންގެ އަރިހުގައި ރިވާޔަތް ޤަބޫލުކުރެވޭފަދަ މީހަކަށް ވެގެންދިޔައެވެ. އެފަދަ މީހަކާއި ބެހޭގޮތުން ސުވާލުކުރެއްވިއްޖެނަމަ ޙަދީޘް ޢިލްމުވެރިން ވިދާޅުވާ ކަމުގައިވެއެވެ. ޢުމަރު ބިން ޢަބްދިލްޢަޒީޒްވަނީ މިވެނި ކަމަކަށް އޭނާގެ ބޭނުން ހިއްޕަވާފައެވެ. (އެބަހީ: މިވެނި ވަޒީފާއެއް އެމީހާއާއި ހަވާލުކުރައްވާފައެވެ.) އެކަލޭގެފާނު މެދުވެރިކުރައްވައި ﷲތަޢާލާ މިދީން މަތިވެރި ކުރެއްވިއެވެ. އަދި ސުންނަތުގެ ދިދަ އުފުއްލެވިއެވެ. އަދި ބިދުޢައިގެ އަހުލުވެރިން ބަލިކަށި ކުރެއްވިއެވެ.

– ނުނިމޭ –