[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

الإِيْلَاءُ އާ ބެހޭގޮތުން…

1- އީލާއުގެ ތަޢާރުފްއާއި އޭގެ ދަލީލު:

 

أ- އީލާއުގެ ތަޢާރުފް:

     “الإِيْلَاءُ” މިބަސް ނެގިފައި ވަނީ الأَلِيَّةُ އިންނެވެ. މީގެ މާނައަކީ ހުވާ ކުރުމެވެ. (آلَى فُلَانُ/ يُوْلِيْ/  إِيْلًاءًوألية أي: أقسم)

    ޝަރުޢީ އިސްޠިލާޙުގައި: [އީލާއުކުރުމަކީ] ދެމަފިރިންގެ ތެރެއިން ފިރިމީހާ، – އޭނާއަށް އެއްދާން ކުރުމުގެ ކުޅަދާނަކަން ލިބިގެންވާ ޙާލު –  އޭނާގެ އަނބިމީހާއާ ދުވަހަކުވެސް ނުވަތަ 4 މަހަށްވުރެ އިތުރު މުއްދަތަކަށް އޭނާގެ ފަރުޖު ބޭނުންކޮށްގެން އެއްދާން ނުކުރުމަށް [ޖިމާޢުނުވުމަށް]، މާތް ﷲ ގަންދީ ނުވަތަ އެކަލާނގެ ސިފަފުޅުތަކުންކުރެ ސިފަފުޅެއް ގަންދީ ހުވާކުރުމެވެ.

 

ب- އޭގެ ދަލީލު:

މާތް ﷲ ކީރިތި ޤުރުއާނުގައި ވަޙީ ކުރައްވާފައި ވެއެވެ.

﴿ لِّلَّذِينَ يُؤْلُونَ مِن نِّسَائِهِمْ تَرَبُّصُ أَرْبَعَةِ أَشْهُرٍ فَإِن فَاءُوا فَإِنَّ اللَّـهَ غَفُورٌ رَّحِيمٌ [٢٢٦]  وَإِنْ عَزَمُوا الطَّلَاقَ فَإِنَّ اللَّـهَ سَمِيعٌ عَلِيمٌ [٢٢٧]﴾ سورة البقرة

މާނައީ: “އެއުރެންގެ އަނބިންނާމެދު އީލާއުކުރާމީހުންނަށް (ޖިމާޢުނުވުމަށް ހުވާކުރާ މީހުންނަށް) އިންތިޒާރުކުރުންވަނީ، ހަތަރު މަސްދުވަހަށެވެ. ފަހެ އެއުރެން (ޖިމާޢުވުމަށް) އެނބުރި ރުޖޫޢަވެއްޖެނަމަ، ހަމަކަށަވަރުން الله އީ ގިނަގިނައިން ފާފަފުއްސަވާ، ރަޙީމުވަންތަ އިލާހެވެ. އަދި އެއުރެން ވަރިކުރުމަށް ޢަޒުމުކޮށްފިނަމަ، ފަހެ ހަމަކަށަވަރުން الله އީ މޮޅަށް އައްސަވާވޮޑިގެންވާ، މޮޅަށް ދެނެވޮޑިގެންވާ އިލާހެވެ.”

 

2- އީލާއުގެ ޝަރުޠުތައް:

    ހ- އީލާއުކުރާ ފިރިމީހާއަކީ އެއްދާން ކުރުމުގެ ކުޅަދާނަކަން ލިބިގެންވާ މީހެއްކަމުގައިވުން. ފަސޭހަ ނުވާފަދަ ބައްޔެއްގެ ސަބަބުން އެއްދާން ކުރުމުގެ ކުޅަދާނަކަން ލިބިގެން ނުވާމީހާއާއި، ވާބަލި ޖެހިފައިވާ މީހާއާއި އޭނާގެ ޛަކަރު އެކީ ބުރިވެފައިވާމީހާގެ ކިބައިން އީލާއު ޞައްޙައެއް ނުވާނެއެވެ.

    ށ- ﷲ ގަންދީ ހުވާކުރުން ނުވަތަ އެކަލާނގެ ސިފަފުޅުތަކުން ކުރެ ސިފަފުޅެއް ގަންދީ ހުވާކުރުން. އެއީ ވަރި ކުރުމެއް ކަމުގައި ނުވަތަ މިނިވަން ކުރުމެއް ކަމުގައި ނުވަތަ ނަދުރު ބުނުމެއް ކަމުގައި ވެގެންނުވާނެއެވެ.

    ނ- 4 މަހަށްވުރެ އިތުރު މުއްދަތަކަށް އަނބިމީހާއާ އެއްދާން ނުކުރުމަށް ހުވާކުރުން.

    ރ- އަނބިމީހާގެ ކުރިމާތީ ފަރާތުން – ފަރުޖުން – އެއްދާންކުރުން ދޫކޮށްލުމަށް ހުވާ ކުރުން. އަނބިމީހާގެ ފުރަގަސްފަރާތު ދޮރު ދޫކޮށްލުމަށް ހުވާކުރާމީހާ، އީލާއު ކުރީކަމުގައި ނުބެލެވޭނެއެވެ. އެހެނީ އެފަދަމީހާ، އޭނާއަށް ވާޖިބުވެގެންވާ ދޮރަށް (އަނބިމީހާގެ ކުރިމަތީ ފަރާތަށް) އެއްދާން ކުރުން ދޫކޮށެއް ނުލައެވެ.

    ބ- އަނބިމީހާއަކީ އެއްދާން ކުރެވޭނެފަދަ މީހެއް ކަމުގައިވުން. الرَّتْقَاءُއިންނާއި (1) القَرْنَاءُ އިންގެ (2) ކިބައިން އީލާކުރުން ޞައްޙައެއް ނުވާނެއެވެ.

 

3- އީލާއުގެ ޙުކުމް:

    އީލާއު ކުރުމަކީ އިސްލާމްދީނުގައި ޙަރާމްވެގެންވާ ކަމެކެވެ. އެހެނީ އެއީ ވާޖިބެއް ދޫކޮށްލުމަށް ކުރެވޭ ހުވާއަކަށް ވާތީއެވެ.

ފަހެ މީހަކު އޭނާގެ އަނބިމީހާއާއެކު ދުވަހަކުވެސް އެއްދާން ނުކުރުމަށް ނުވަތަ 4 މަސްދުވަހަށްވުރެ ދިގު މުއްދަތަކަށް އެއްދާން ނުކުރުމަށް ﷲ ގަންދީ ހުވާ ކޮށްފިކަމުގައިވާނަމަ، އޭނާއީ އީލާއުކޮށްފި މީހެކެވެ. ފަހެ އެފަދަ މީހާކު 4 މަސްދުވަސް ހަމަވުމުގެކުރިން އޭނާގެ އަނބިމީހާއާ އެއްދާންކޮށްފިނަމަ އަދި އޭނާ ކުރި ހުވައިގެ ކައްފާރާ ދީފިނަމަ ފަހެ ރުޖޫޢަވެއްޖެއެވެ. އެބަހީ: އޭނާ ކުރުންދޫކޮށްލި ޢަމަލަށް ރުޖޫޢަވާނީއެވެ. އަދި ﷲ ތަޢާލާ އޭނާގެ ކުށަށް ޢަފޫ ކޮށްދެއްވަފާނެތެވެ.

    ފަހެ] 4 މަސްދުވަހުގެ[ މުއްދަތަށްފަހު، ފިރިމީހާ އެއްދާން ކުރުމަށް ދެކޮޅުގަދައިފިނަމަ އަދި އަނބިމީހާ އޭނާގެ ކިބައިން އެއްދާންކުރުމަށް އެދިއްޖެނަމަ ފަހެ އަންނަނިވި ދެކަމުން ކުރެ ކަމެއް ކުރުމަށް ޙާކިމާ އޭނާއަށް އަމުރުކުރާނީއެވެ:

    1- ފިރިމީހާ އޭނާގެ ހުވައިން ރުޖޫޢަވެ، އަނބިމީހާއާ އެއްދާންކުރުން. އަދި ހުވާގެ ކައްފާރާ ދިނުން.

    2- ފިރިމީހާ އޭނާގެ ހުވައިން ރުޖޫޢަވުމަށް ދެކޮޅުހަދައިފިނަމަ، އޭނާގެ އަނބިމީހާ ވަރިކުރުން.

    މި ދެކަމުން ކުރެ ކަމެއް ކުރުމަށް ފިރިމީހާ ދެކޮޅުހަދައިފިނަމަ ޤާޟީއަށްވަނީ އެދެމަފިރިން ވަރިކޮށްދިނުމެވެ. ނުވަތަ އެކައިވެނި ފަސްޚުކޮށްދިނުމެވެ. އެހެނީ އީލާއުކުރިމީހާ އެކަންކުރުމަށް މަނާވެގަތުން އޭނާގެ މަޤާމުގައި ދެން ހުންނާނީ އޭނާއެވެ. [އެބަހީ: ޤާޟީއެވެ.] އަދި ވަރިކުރުމަކީ އެހެންމީހަކަށް ހަވާލުކުރެވިދާނެކަމެކެވެ.

ފަހެ އީލާއުގެ މުއްދަތު ފާއިތުވާއިރު، ދެމަފިރިންކުރެ މީހެއްގެ ކިބައިގައިވާ ޢުޛުރެއްގެ ސަބަބުން އެއްދާން ކުރުން މަނާވެފައިވާކަމުގައިވާނަމަ، އެމުއްދަތުގެ ތެރޭގައި ފިރިމީހާ އޭނާގެ ދުލުން [އަނގަބަހުން] ރުޖޫޢަކުރެވިދާނެއެވެ. ފަހެ އޭނާ ބުނާނީ: “ކުޅަދާނަކަންލިބުމުން ކަނބުލޭގެއާ ޖިމާޢުވާނަމެވެ.” އެހެނީ ރުޖޫޢަވުމުގެ މަޤްޞަދަކީ އެއަންހެނާއަށް ގެއްލުންދިނުމަށް ކުރި ޤަޞްދުން ދުރުހެލިވުމެވެ.

ހުވާ ކުރުމަކާ ނުލައި، އެއްވެސް އުޛުރެއް ނެތި 4 މަސްދުވަހަށްވުރެ ގިނަ ދުވަހު އަނބިމިހާއަށް ގެއްލުންދިނުމަށް އޭނާއާ އެއްދާންކުރުމުން މަނާވެގަންނަ ފިރިހެނާވެސް، ފިޤުހު ޢިލްމުވެރިން މީގެތެރެއިން ހިމަނާފައިވެއެވެ.

 

4- އީލާއުގެ ޙުކުމްތަކުގެ ތެރެއިން:

* އެމީހެއްގެ އަނބިމީހާ ވަރިކުރުން ހުއްދަވާ ކޮންމެ ފިރިހެނެއްގެ ކިބައިން އީލާއު ޞައްޙަވާނެއެވެ. އެއީ މުސްލިމެއް ނުވަތަ ކާފަރެއްކަމުގައި ވިޔަސްމެއެވެ. މިނިވަނެއް ނުވަތަ އަޅެއްކަމުގައި ވިޔަސްމެއެވެ. ޞިއްޙަތު ސަލާމަތުންހުރި މީހެއް ނުވަތަ ބަލިމީހެއް ކަމުގައި ވިޔަސްމެއެވެ. އެއީ [ކީރިތި ޤުރުއާނުގައި އައިސްފައިވާ އީލާއުއާއި ގުޅުންހުރި] އާޔަތަކީ عمومގެ ޞީޣާއިން އައިސްފައިވާ އާޔަތަކަށްވާތީއެވެ.

* އީލާއުކުރިމީހާ އެކަމުގެ މުއްދަތުގެތެރޭގައި އޭނާގެ އަނބިމީހާއާއެކު އެއްދާން ކުރުމަށް ރުޖޫޢަވުން ނުވަތަ ވަރިކުރުމަށް ޝަރީޢަތުގައި އައިސްފައިވާ އަމުރުން، ﷲ ތަޢާލާގެ ޙަޟްރަތުން އައިސްފައިވާ މިމަތިވެރި ޝަރީޢަތުގައި އަންހެން ކަނބަލުންނަށްގެ ކިބައިން ގެއްލުމާއި އަނިޔާ ނައްތާލުން ހިމެނެއެވެ. އަދި ޖާހިލިއްޔަ ޒަމާނުގައި އަށަގެންފައިވާ އީލާއުގެ މުއްދަތު އިތުރުކުރުމަކީ ބާޠިލް އެއްޗެއްކަމުގައި ލެއްވުން މިކަމުގައި ހިމެނިގެން ވެއެވެ.

* މޮޔަވެފައިވާ މީހާގެ ކިބައިންނާއި ހޭނެތިފައިވާމީހާގެ ކިބައިންވެސް އީލާއުއެއް ނުވެއެވެ. އެހެނީ އެފަދަމީހުންނަކީ ދައްކާވާހަކަ ތަޞައްވަރުވާ ބައެއްނޫނެވެ. ފަހެ އެފަދަމީހުންގެ ޤަޞްދެއްނޯންނާނެއެވެ.

___________________________________

1 الرَّتْقَاءُ އަކީ: އޭނާގެ ފަރުޖުފިތިގެން އަދި ގުޅިފައިވާތީ ޖިމާޢުނުވެވޭ އަންހެނާއެވެ. އޭގެ އަޞްލަކީ الرَّتْقُ އެވެ: އެއީ ހުޅުވުމުގެ އިދިކޮޅު ޞިފައެވެ.

2 القَرْنَاءُ އަކީ: ފަރުޖަށް ޛަކަރުވަނުން މަނާކުރާފަދަކަމެއް މެދުވެރިވެފައިވާ އަންހެނުންނެވެ. އެއީ ހަމާއި މަސްގަނޑާދެމެދު އުފެދިފައިވާ އެއްޗެއްގެ ސަބަބުންވިޔަސް ނުވަތަ ގުޅިފައިވާ މަސްކޮޅެއްގެ ސަބަބުން ވިޔަސް ނުވަތަ ކަށިގަނޑެއްގެ ސަބަބުން ވިޔަސްއެވެ.

މިލިޔުމަކީ الفقه الميسر މިފޮތުގެ އީލާއު ބާބުގެ ތަރުޖަމާއެކެވެ. (ص: 318- 319) މިފޮތް ޑައުންލޯޑް ކުރެއްވުމަށް: (ލިންކް)