ދުޢާކުރުމުގެ ސަބަބުން [ﷲ ތަޢާލާގެ] ޤަޟާ އެއްކިބާވޭހެއްޔެވެ؟
ފަހެ އޭގެ ޖަވާބަކީ: ހަމަކަށަވަރުން ދުޢާކުރުމަކީ އެކަމަކަށް އެ ދުޢާކުރެވުނުކަމެއް ޙާޞިލުވުމުގެ ސަބަބެކެވެ. ކަންހިނގާގޮތަކީ އޭގެ ސަބަބުން [އެބަހީ: ދުޢާގެ ސަބަބުން] ޤަޟާ އެއްކިބާވެއެވެ. އަދި ޤަޟާ އެއްކިބާނުވެއެވެ.
އެބަހީ: އެކަމުގައި ދެކޮޅުވެސްވެއެވެ. ފަހެ މިޘާލަކަށް: ބަލިމީހަކަށް ޝިފާދެއްވުމަށް އެދި ﷲ ތަޢާލާ ޙަޟްރަތަށް ދުޢާކުރުމުން ފަހެ އޭނާއަށް ޝިފާލިބިދާނެއެވެ. ފަހެ މިކަމުގައި އޭނާ ދުޢާ ނުކުރިނަމަ އޭނާ ބަލިމީހެއްގެ ގޮތުގައި ދެމިހުރީހެވެ. ނަމަވެސް އޭނާއަށް ޝިފާ ލިބުނީ ދުޢާގެ ސަބަބުންނެވެ. އެހެނެއްކަމަކު އަޅުގަނޑުމެން ދަންނަވާލަމެވެ: ހަމަކަށަވަރުން ﷲ ސުބުޙާނަޙޫ ވަތަޢާލާވަނީ މިބަލިން ބަލިމީހާ ސަލާމަތްވާނީ ދުޢާކުރުމުންކަމަށް ނިޔާކަނޑައަޅުއްވާފައެވެ. ފަހެ ލިޔެވިފައިވާކަމަކީ މިއީއެވެ. އެހެންކަމުން ބޭރުފުށަށް ފެންނަނީ ދުޢާގެ ސަބަބުން ޤަޟާކުރެވިފައިވާކަން އެއްކިބާވިތަނެވެ. އެހެނީ އިންސާނާއަށް ހީވާނީ އޭނާ ދުޢާނުކުރާނަމަ އޭނާ ބަލިމީހެއްގެ ގޮތުގައި ހުންނާނެކަމަށެވެ. ނަމަވެސް ޙަޤީޤަތުގައި އޭގެ ސަބަބުން ނިޔާކަނޑައެޅިފައިވާ ކަމެއް ރައްދެއްނުވާނެއެވެ.
އެހެނީ އަޞްލަކީ ހަމަކަށަވަރުން ދުޢާވެސްވަނީ ލިޔެވިފައެވެ. އަދި ޝިފާލިބޭނީ މިދުޢާއިންކަންވެސްވަނީ ލިޔެވިފައެވެ. އެއިލާހުގެ އަޒަލުފުޅުގައި އަޞްލު ޤަދަރުކުރެވި ކަނޑައެޅިފައިވާނީ މިފަދައިންނެވެ.
އަދި ސަބަބަކާ ގުޅިފައިވާ ކޮންމެ ކަމެއްވަނީ މިފަދައިންނެވެ. ފަހެ ހަމަކަށަވަރުން އެކަން ޙާޞިލުވާ ސަބަބު ﷲ ތަޢާލާވަނީ ޢަޒަލުގައި އެކަމެއް ހިނގުމުގެ ކުރިން ލިޔުއްވާފައެވެ.
ފަޟީލަތުއްޝައިޚު މުޙައްމަދު އިބްނު ޞާލިޙު އަލްޢުޘައިމީން
مجموع الفتاوى لابن العثيمين / سؤال: 196
____________________________________________
މަތީގައިވާ ސުވާލު ބިނާވެފައިވަނީ އަންނަނިވި ޙަދީޘްގެ މައްޗަށެވެ. ((لا يَرُدُّ الْقَضَاءَ إِلا الدُّعَاءُ)) [رواه الترمذي وغيره وحسنه الألباني]
މާނައީ: “ދުޢާކުރުމުން މެނުވީ ޤަޟާ އެއްކިބާނުވެއެވެ.”