ސުވާލު: ހިސާބުބެއްލެވުމަކާނުލާ ސުވަރުގެ ވަދެވޭ ހަތްދިހަހާސް މީހުންނާއެކު ރުޤްޔާކޮށްދިނުމަށް އެދޭމީހާއަށް (ސުވަރުގެއަށް) ނުވަދެވެނީ ކީއްވެ ހެއްޔެވެ؟ އެހެންމީހުންގެ ގާތުގައި ރުޤްޔާކޮށްދިނުމަށް އެދުން އެއީ ހުއްދަކަމެއް ނޫން ހެއްޔެވެ؟ އަޅުގަނޑަށް މެދުވެރިވާކަމެއްގެ ސަބަބުން އަޅުގަނޑަށް ވަރަށް އުނދަގޫވެއެވެ. އަޅުގަނޑު އަމިއްލަ ނަފްސަށް ރުޤްޔާކުރުމުގެ ހުނަރު ނުވަތަ ކެތްތެރިކަން އަޅުގަނޑުގެ ކިބައިގައި ނުވެއެވެ. އަޅުގަނޑު ވަރަށް ގިނަ ދުވަސްމަތިން އެކަންކުރަން ފެށީމެވެ. ނަމަވެސް ކުއްލިއަކަށް އެކަން ހުއްޓާލެވެނީއެވެ.
ޖަވާބު:
الحمد لله
ފުރަތަމަ:
އަލްބުޚާރީ (٦٤٧٢) އާއި މުސްލިމް (٢٢٠) ރިވާކުރައްވާފައިވެއެވެ.
عَنْ ابْنِ عَبَّاسٍ أَنَّ رَسُولَ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ قَالَ: (( يَدْخُلُ الْجَنَّةَ مِنْ أُمَّتِي سَبْعُونَ أَلْفًا بِغَيْرِ حِسَابٍ، هُمْ الَّذِينَ لَا يَسْتَرْقُونَ وَلَا يَتَطَيَّرُونَ ولَاَ يكْتَوُونَ وَعَلَى رَبِّهِمْ يَتَوَكَّلُونَ)) މާނައީ: އިބްނު ޢައްބާސް رضي الله عنهما ރިވާކުރެއްވިއެވެ. ހަމަކަށަވަރުން ރަސޫލުﷲ صلى الله عليه و سلمޙަދީޘްކުރެއްވިއެވެ. “ތިމަން ކަލޭގެފާނުގެ އުންމަތުގެ މީހުންގެ ތެރެއިން ހަތްދިހަހާސް މީހުން ޙިސާބުބެއްލެވުމަކާނުލާ ސުވަރުގެއަށް ވަންނާނެއެވެ. އެއީ ރުޤުޔާކޮށްދިނުމަށް ނޭދޭ މީހުންނެވެ. އަދި އެއްޗެހި ސުންޕާކަމަށް ޤަބޫލުނުކުރާ މީހުންނެވެ. އަދި ކަވާ ނުޖަހާ (އެބަހީ: ދޮންދަގަނޑުން ފަރުވާ ނުކުރާ) މީހުންނެވެ.1 އަދި އެބައިމީހުންގެ ރައްބަށް ވަކީލުކުރާ މީހުންނެވެ.”
މިބައިމީހުން ހިސާބުބެލުމެއް ނެތި ސުވަރުގެއަށް ވަންނަނީ މިބައިމީހުންގެ ތައުޙީދުގެ ފުރިހަމަކަމުންނާއި، ﷲ ތަޢާލާއަށް ފުރިހަމައަށް ވަކީލުކުރުމުގެ ސަބަބުން އަދި މީސްތަކުންގެ ކިބައިން ކަންކަމުގައި އެދުމުންފުދިގެންވާތީއެވެ.
ހިސާބުބެއްލެވުމަކާނުލާ ސުވަރުގެ ވަދެވޭ ހަތްދިހަހާސް މީހުންގެތެރޭގައި ރުޤްޔާކޮށްދިނުމަށް އެދޭމީހާއަށް (ސުވަރުގެއަށް) ނުވަދެވެނީ ﷲ ތަޢާލާއަށް ފުރިހަމައަށް ވަކީލުނުކުރެވުމުގެ ސަބަބުންނެވެ. އެހެނީ ރުޤްޔާކޮށްދިނުމަށް އެދުމަކީ ނިކަމެތިކަމެކެވެ. އަދި ރާޤީއަކަށް (ރުޤްޔާ ކޮށްދޭމީހަކަށް) ބޭނުންވުމެވެ. މުސްލިމަކު އެހެން މީސްތަކުންގާތު އެއްވެސްކަމަކު ނޭދުމަކީ ފުރިހަމައަށް ވަކީލުކުރުމާއި ފުރިހަމައަށް އެއްކައުވަންތަކުރުމުގެ ތެރެއިންވާކަމެކެވެ.
އަދި އިމާމް މުސްލިމް (١٠٤٣) ރިވާކުރެއްވިއެވެ.
عن عَوْف بْن مَالِكٍ الْأَشْجَعِيُّ رضي الله عنه قَالَ : كُنَّا عِنْدَ رَسُولِ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ تِسْعَةً أَوْ ثَمَانِيَةً أَوْ سَبْعَةً فَقَالَ : أَلَا تُبَايِعُونَ رَسُولَ اللَّهِ؟ قَالَ : فَبَسَطْنَا أَيْدِيَنَا وَقُلْنَا: قَدْ بَايَعْنَاكَ يَا رَسُولَ اللَّهِ ، فَعَلَامَ نُبَايِعُكَ؟ قَالَ : ((عَلَى أَنْ تَعْبُدُوا اللَّهَ وَلَا تُشْرِكُوا بِهِ شَيْئًا وَالصَّلَوَاتِ الْخَمْسِ وَتُطِيعُوا ، وَلَا تَسْأَلُوا النَّاسَ شَيْئًا))
މާނައީ: ޢައުފް ބުން މާލިކު އަލްއަޝްޖަޢީ رضي الله عنه ރިވާކުރެއްވިއެވެ. ތިމަންމެން ރަސޫލުﷲ صلى الله عليه و سلم ގެ އަރިހުގައި ތިބީމެވެ. ނުވައެއް ނުވަތަ އަށެއް ނުވަތަ ހަތް ބޭކަލުންނެވެ. ފަހެ އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. “ތިޔަބައިމީހުން ﷲގެ ރަސޫލާއަށް ބައިޢަތު ނުހިފާނަންތޯއެވެ؟” [ޢައުފް ބުން މާލިކު އަލްއަޝްޖަޢީ رضي الله عنه] ވިދާޅުވިއެވެ. ފަހެ ތިމަންމެންގެ އަތްތައް ދަމާލެއްވީމެވެ. އަދި ދެންނެވީމެވެ. އޭ ﷲގެ ރަސޫލާއެވެ. ތިމަންމެން ކަލޭގެފާނަށް ބައިޢަތު ހިފައިފީމެވެ. ފަހެ، ތިމަންމެން ބައިޢަތު ހިފަންވީ ކޮންކަމަކަށްތޯއެވެ؟ އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. “ﷲ ތަޢާލާއަށް އަޅުކަންކުރުމަށާއި، އެއިލާހާ އެއްވެސް ފަރާތެއް ބައިވެރި ނުކުރުމަށާއި، [ފަރުޟު]ފަސް ނަމާދުކުރުމަށާއި، ކިޔަމަންތެރިކަން އަދާކުރުމަށާއި، އަދި މީސްތަކުންގެ ކިބައިން އެއްވެސް ކަމަކަށް ނޭދުމަށެވެ.”
ފަހެ ތިމަން ދުށީމެވެ. އޭގެތެރެއިން ބައެއް ބޭކަލުން، އެއިން ބޭކަލެއްގެ އަތުން ޗާބޫކު ވެއްޓުނުކަމުގައިވިޔަސް މީހެއްގެ ގާތުން އެނަގައިދިނުމަކަށްވެސް ނޭދެއެވެ.
އިބްނު އަލްޤައްޔިމު رحمه الله ވިދާޅުވެފައިވެއެވެ.
“އަދި އެބައިމީހުން ހިސާބުބެއްލެވުމަކާނުލާ ސުވަރުގެ ވަދެވެނީ އެބައިމީހުންގެ ތައުޙީދުގެ ފުރިހަމަކަމުގެ ސަބަބުންނެވެ. މިކަމުގެ ސަބަބުން އެހެންމީހުންގެގާތުން ރުޤްޔާކޮށްދިނުމަށް އެދުން ނަފީކުރެއެވެ. އެހެންކަމުން މިފަދައިން ޙަދީޘްކުރައްވާފައި ވެއެވެ. ((وَعَلَى رَبِّهِمْ يَتَوَكَّلُونَ)) މާނައީ: “އަދި އެބައިމީހުންގެ ރައްބަށް ވަކީލުކުރާ މީހުންނެވެ.”
ފަހެ އެބައިމީހުންގެ ރައްބަށް ވަކީލުކުރުމުގެ ފުރިހަމަކަމުގެ ސަބަބުންނާއި، އެބައިމީހުންގެ ރައްބާމެދުވާ ހިތްހަމަޖެހުމާއި އިތުބާރާއި ޔަޤީންކަމުގެ ސަބަބުންނާއި، އެބައިމީހުންގެ ރައްބާމެދު ރުހިގެންވުމުގެ ސަބަބުން އަދި އެބައިމީހުންގެ އެންމެހާ ކަންކަމުގައި އެކަލާނގެ ޙަޟްރަތުން އެދޭތީ މީސްތަކުންގެ ކިބައިން އެބައިމީހުން އެއްވެސްކަމަކަށް ނޭދެއެވެ. އެއީ ރުޤްޔާކޮށްދިނުން ނުވަތަ އެނޫން ކަމެއް ކަމުގައިވިޔަސްމެއެވެ. އަދި އެބައިމީހުންކުރަން ޤަޞްދުކުރާކަންތައްތައް الطيرةގެ 2 ސަބަބުން (ސުންޕާކަން ޤަބޫލުކުރުމުގެ ސަބަބުން)މަނާވެ ނުގަންނާނެއެވެ. އެހެނީ طيرة އަކީ ތައުޙީދު އުނިކޮށްލާ ބަލަކަށިކޮށްލާކަމެކެވެ.”
“ޒާދް އަލްމަޢާދް” (٤٧٥/١)
ސުއޫދީ ޢަރަބިއްޔާގެ ފަތުވާދެއްވާ ދާއިމީ ކޮމިޓީގެ ޢިލްމުވެރިން ވިދާޅުވެފައިވެއެވެ.
“މުރާދަކީ: އެބައިމީހުން ރުޤްޔާކޮށްދިނުމަށް އެހެން މީހުންގެގާތުން ނޭދޭނެއެވެ. އަދި އެބައިމީހުން ކަވާ (އެބަހީ: ދޮންދަގަނޑު) ޖަހައިދިނުމަކަށްވެސް ނޭދެއެވެ. އަދި ކިއެއްހެއްޔެވެ. އެބައިމީހުން ﷲ ތަޢާލާއަށް ވަކީލުކުރެއެވެ. އަދި އެބައިމީހުންނަށް އުނދަގޫކުރުވާ ކަންތައްތަކާއި ގެއްލުންދެނިވިކަންތައްތައް ފިއްލަވައިދެއްވުމަށްއެދި އިޢުތިމާދުވަނީ އަދި އެބައިމީހުންނަށް ފައިދާހުރި ކަންތައްތައް ގެނެސްދިނުމަށް އެދެނީ އެކަލާނގެ ޙަޟްރަތުންނެވެ.”
“ފަތާވާ އައްލަޖުނަތުއްދާއިމާ” (٣٩٧/٢٤)
ދެވަނަ:
ރުޤްޔާކޮށްދިނުމަށް އެހެން މީހެއްގެގާތު އެދުމަކީ ޙަރާމްކަމެއް ނޫނެވެ. ނަމަވެސް އެއީ އެންމެ ރަނގަޅު އަދި އެންމެ ފުރިހަމަ ގޮތާ ޚިލާފުކަމެކެވެ.
ސުއޫދީ ޢަރަބިއްޔާގެ ފަތުވާދެއްވާ ދާއިމީ ކޮމިޓީގެ ޢިލްމުވެރިން ވިދާޅުވެފައިވެއެވެ.
“ދުޢާކޮށްދިނުމަށް އެދުމާއި ރުޤްޔާކޮށްދިނުމަށް އެދުމަކީ މުބާޙު ދެކަމެވެ. އަދި އެދެކަމުން ދުރުހެލިވެ، އެހެންމީހުން މެދުވެރި ނުކޮށް، އޭނާގެ އަމިއްލަ ނަފްސަށް އެކަންކުރުމަކީ އެންމެ ރަނގަޅުގޮތެވެ.”
“ފަތާވާ އައްލަޖުނަތުއްދާއިމާ” (٢٦١/٢٤)
އައްޝައިޚު އިބްނު ބާޒް رحمه الله ވިދާޅުވެފައިވެއެވެ.
“މިޙަދީޘުން ދަލީލުކޮށްދެނީ (ރުޤްޔާކޮށްދިނުމަށް) އެދުމުން ދުރުހެލިވުން އެއީ އެންމެ މޮޅުއިތުރުގޮތްކަމެވެ. އަދި ހަމައެފަދައިން ދޮންދަގަނޑު ޖެހުމުން ދުރުހެލިވުން އެއީ އެންމެ ރަނގަޅުގޮތެވެ. ނަމަވެސް އެކަމަށް ބޭނުން ޖެހިއްޖެހިނދެއްގައި ރުޤްޔާކޮށްދިނުމަށް އެދުންވެސް އަދި ދޮންދަގަނޑު ޖެހުންވެސް އެއީ މައްސަލައެއްނޫނެވެ. ސަބަބަކީ ޢާއިޝާ رضي الله عنها އަށް ޖެހިވަޑައިގެންނެވި އާލާސްކަންފުޅަކަށް ރުޤްޔާކޮށްދެއްވުމަށް ނަބިއްޔާ صلى الله عليه و سلم އަމުރުކުރެއްވިއެވެ. ޖަޢުފަރު ބުން އަބީ ޠާލިބު رضي الله عنه ގެ ދަރިކަލުންނަށް ރުޤްޔާކޮށްދިނުމަށް އެކުދިންގެ މަންމަ، އަސްމާ ބިންތު ޢުމައިސް رضي الله عنها އަށް ނަބިއްޔާ صلى الله عليه و سلم އަމުރުކުރެއްވިއެވެ. ފަހެ އެއިން ދަލީލުކޮށްދެނީ އެކަމަށް ބޭނުން ޖެހިއްޖެ ހިނދެއްގައި ރުޤްޔާކޮށްދިނުމަށް އެދުމަކީ މައްސަލައެއް ނޫންކަމެވެ.”
“މަޖުމޫޢު ފަތާވާ އިބްނު ބާޒް” (٢٥/ ١١٨-١١٩)
ތިންވަނަ:
“އަޅުގަނޑު އަމިއްލަ ނަފްސަށް ރުޤްޔާކުރުމުގެ ހުނަރު ނުވަތަ ކެތްތެރިކަން އަޅުގަނޑުގެ ކިބައިގައި ނުވެއެވެ.” މިފަދައިން ތިބާ ބުނެފައިވާ ބުނުން ދަންނައެވެ.
ކުރިން ދެންނެވިފަދައިން ފަހެ ރުޤްޔާކޮށްދިނުމަށް އެދުމަކީ ހުއްދަކަމެކެވެ. ހަމަކަށަވަރުން ރުޤްޔާކުރުމަށް ހުނަރެއް ބޭނުމެއްނުވާނެއެވެ. އެހެނީ އެއީ ދުޢާކުރުންފަދަކަމެކެވެ. ކޮންމެ އިންސާނަކަށްވެސް އޭނާގެ ރައްބަށް ދުޢާކޮށް ޝިފާދެއްވުމަށްއެދި ދެންނެވޭނެއެވެ. އެއީ އުނދަގޫކަމެއް ނޫނެވެ. ސޫރަތުލްފާތިޙާ ނުވަތަ ކީރިތި ޤުރުއާނުގެ އެހެން ސޫރަތެއް ނުވަތަ އާޔަތެއް ކިޔަވައިގެންވެސް ކޮންމެ އިންސާނަކަށްވެސް އޭނާގެ އަމިއްލަ ނަފްސަށް ރުޤްޔާކުރެވިދާނެއެވެ. ނުވަތަ ނަބިއްޔާ صلى الله عليه و سلم ގެ އަރިހުން ޘާބިތުވާ ދުޢާތައް ކިޔައިގެންވެސް ރުޤްޔާކުރެވިދާނެއެވެ. އޭގެ ތެރެއިން:
((اللَّهُمَّ رَبَّ النَّاسِ مُذْهِبَ الْبَاسِ اشْفِ أَنْتَ الشَّافِي لَا شَافِيَ إِلَّا أَنْتَ شِفَاءً لَا يُغَادِرُ سَقَمًا))
رواه البخاري (٥٧٥٠) ومسلم (٢١٩١)
މާނައީ: “އޭ ﷲ! މީސްތަކުންގެ ވެރިރައްބު! ބަލިކަން ގެންދަވާ ރައްބު! ޝިފާދެއްވަވާނދޭއެވެ. ހަމަކަށަވަރުން ޝިފާދެއްވަނީ ހަމައެކަނި އިބަ އިލާހެވެ. އިބައިލަހު ފިޔަވައި ޝިފާ ދޭ އެހެން އެއްވެސް ފަރާތެއް ނުވެއެވެ. އެޝިފާއަކަށްފަހު ބަލިކަމެއް ދޫނުކުރާނެ ޝިފާއެކެވެ.”
((أَعُوذُ بِكَلِمَاتِ اللَّهِ التَّامَّةِ مِنْ كُلِّ شَيْطَانٍ وَهَامَّةٍ وَمِنْ كُلِّ عَيْنٍ لَامَّةٍ)) رواه البخاري (٣٣٧١)
މާނައީ: ” ﷲގެ ފުރިހަމަ ކަލިމަތަކުގެ ޒަރިއްޔާއިން ރައްކާތެރިކަމަށްއެދެމެވެ. ކޮންމެ ޝައިޠާނަކާއި ޖަނަވާރެއްގެ ނުބައިކަމުންނެވެ. އަދި ގެއްލުމެއް މެދުވެރިކޮށްފާނެ ކޮންމެ ލޮލެއްގެ ނުބައިކަމުންނެވެ.”
އިމާމު މުސްލިމްއާއި (٢٢٠٢) ތިރްމިޛީ (٢٠٨٠) އުޘްމާން ބުން އަބިލްޢާޞް رضي الله عنه ގެ އަރިހުން ރިވާކުރައްވާފައިވެއެވެ. އެކަލޭގެފާނު އިސްލާމްވީއްސުރެ އެކަލޭގެފާނުގެ ހަށިކޮޅުގައި އަޅަމުންދިޔަ ވޭނެއްގެ ޝަކުވާ ނަބިއްޔާ صلى الله عليه و سلم ގެ އަރިހުގައި ދެންނެވިއެވެ. ފަހެ އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ.
ضَعْ يَدَكَ عَلَى الَّذِى تَأَلَّمَ مِنْ جَسَدِكَ وَقُلْ: ((بِاسْمِ اللَّهِ، ثَلاَثًا. وَقُلْ سَبْعَ مَرَّاتٍ أَعُوذُ بِاللَّهِ وَقُدْرَتِهِ مِنْ شَرِّ مَا أَجِدُ وَأُحَاذِرُ )).
މާނައީ: ތިބާގެ ހަށިގަނޑުގައި ތަދުވާ ތަނުގައި އަތްއަޅާ ((بِسْمِ اللَّهِ)) ތިންފަހަރު ކިޔުމަށްފަހު މިފަދައިން ހަތްފަހަރު ކިޔާށެވެ.
((أَعُوذُ بِعِزَّةِ اللَّهِ وَقُدْرَتِهِ مِنْ شَرِّ مَا أَجِدُ وَأُحَاذِرُ))
މާނައީ: “މިއަޅާއަށް އިޙުސާސްމިވާ ކަންތަކާއި މިއަޅާ ބިރުގަންނަ ކަމެއްގެ ނުބައިކަމުން، މާތްﷲއާއި އެކަލާނގެ ކުޅަދުންވަންތަކަމުގެ ރައްކާތެރިކަން މިއަޅާ ހޯދަމެވެ.”
އިމާމު އައްތިރްމިޛީ އިތުރު ޢިބާރާތެއް ރިވާކުރެއްވިއެވެ.
قَالَ: فَفَعَلْتُ ذَلِكَ فَأَذْهَبَ اللَّهُ مَا كَانَ بِي فَلَمْ أَزَلْ آمُرُ بِهِ أَهْلِي وَغَيْرَهُمْ.
މާނައީ: “(ޢުޘްމާން ބުން އަބިލްޢާޞް رضي الله عنه) ވިދާޅުވިއެވެ. ފަހެ ތިމަންއެގޮތަށް ޢަމަލުކުރީމެވެ. ފަހެ ﷲ ތަޢާލާ އެކަން (އެތަދު) ގެންދެވިއެވެ. ތިމަންގެ އަހުލުންނާއި އަދި އެހެން މީހުންނަށްވެސް ތިމަން އެކަމަށް އަމުރުކުރަމެވެ.”
އެޝިފާއަކަށްފަހު ބަލިކަމެއް ދޫނުކުރާނެ ޝިފާއަކުން ތިބާއަށް ޝިފާދެއްވުމަށްއެދި ﷲ ތަޢާލާގެ ޙަޟްރަތުން އެދިދަންނަވަމެވެ.
والله أعلم
____________________________
1 މިލިޔުމުގައި ‘ކަވާ’ ބޭނުންކުރެވިފައިމިވަނީ ޢަރަބި ލަފްޒެއްކަމުގައިވާ كوى ގެ ތަރުޖަމާގައެވެ. މިކަމަށް އިނގިރޭސިބަހުގައި ދެވިފައިވާ ނަމަކީ cauterize އެވެ.
ނަމަވެސް ދިވެހި ބަހުގައި އާންމުކޮށް ‘ކަވާޖެހުން’ ބޭނުންކޮށް އުޅެނީ ޢަރަބި ބަހުގައި حِجَامَة އޭ ކިޔާކަމަށެވެ. އެއީ އިނގިރޭސި ބަހުގައިcupping އެވެ.
2 الطِّيَرَةُ ގެ މާނައަކީ ފެންނަކަމެއް ނުވަތަ އިވޭއަޑެއް ނުވަތަ އެނގޭ ކަމެއް އަދި މިނޫން އެހެންކަމެއް މެދުވެރިވުމުގެ ސަބަބުން ސުންޕާކަން ޙާޞިލުވާނެކަމަށް ޤަބޫލުކުރުމެވެ. މިޘާލަކަށް: ހަރުގަނޑެއްގެ ދަށުން ދިޔުމަކީ ނަސީބުދެރަވާކަމެއްކަމުގައި ޤަބޫލުކުރުމެވެ. ޢަރަބިބަހުގައި މިލަފްޒު ނެގިފައިވަނީ طَيْرٌ(ދޫނި) އިންނެވެ.
މިފަތުވާގެ އަޞްލު ބައްލަވާ: ލިންކު1(ޢަރަބި)، ލިންކު2(އިނގިރޭސި)