ކީރިތި ޤުރުއާނުގައި ނުވަތަ މާތްނަބިއްޔާ صلى الله عليه وسلم ގެ ޙަދީޘް އެއްގައި މުޠުލަޤުކޮށް ޢިލްމުވެރިންނޭ އައިސްފައިވާނަމަ ، އެއީ ޝަރުޢީ ޢިލްމު އުނގެނިގެންތިބި ދީނީ ޢިލްމުވެރިންކަމުގައި ފަޟީލަތުއްޝެއިޚު އަލްޢައްލާމާ އިބްނު ބާޒް ރަޙިމަހުﷲ ވިދާޅުވެފައިވެއެވެ.
ދީނީ ޢިލްމުވެރިންނަކީ ﷲ ތަޢާލާގެ ހަޟްރަތުގައި ވަރަށް މަތީ މަޤާމެއްދެވިފައިވާ ބައެއްކަން ކީރިތި ޤުރުއާނާއި މާތް ނަބިއްޔާ صلى الله عليه وسلم ގެ ޙަދީޘް ތަކުން ޘާބިތުވެއެވެ. އެގޮތުން ބިންމަތީގައި ޢިލްމު ޘާބިތު ވުމާއި ނުވުން ޢިލްމުވެރިންނާއި ގުޅިފައިވާ ކަމުގައި ރަސޫލުﷲ صلى الله عليه وسلم ބަޔާން ކުރައްވާފައި ވެއެވެ. ((إن الله لا يقبض العلم انتزاعا ينتزعه من الناس ، ولكن يقبض العلم بقبض العلماء… )) متفق عليه މާނަ: ” ހަމަކަށަވަރުން މީސްތަކުންގެ ހިތްތަކުގައިވާ ޢިލްމު ނެތިކުރައްވައި ފުހެލައްވައިގެން ﷲ ތަޢާލާ ޢިލްމު ނުއުފުއްލަވައެވެ. އެހެނެއްކަމަކު އެއިލާހު ޢިލްމު އުފުއްލަވަނީ ޢިލްމުވެރިންގެ މަރު ހިއްޕަވައިގެންނެވެ. “ އަދި އެއާއިއެކު، ޢިލްމުވެރިން ﷲ ތަޢާލާގެ ވަޙްދާނިއްޔަތަށް ހެކިވެވަޑައިގަންނަވާކަން އަންގަވައި ﷲ ތަޢާލާ ކީރިތިޤުރުއާނުގައި އެއިލާހުގެ ވަޙީބަސްފުޅު ބާވާލައްވާފައިވުމުންވެސް، އެބައިމީހުންނަށް ﷲ ތަޢާލާގެ ހަޟްރަތުގައި ދެވިފައިވާ މަޤާމު ހާމަވެއެވެ. (( شَهِدَ اللَّهُ أَنَّهُ لا إِلَهَ إِلا هُوَ وَالْمَلائِكَةُ وَأُولُو الْعِلْمِ قَائِمًا بِالْقِسْطِ …)) سورة آل عمران الآية 18 މާނަ: ” ހަމަކަށަވަރުން ﷲ ތަޢާލާ، ޢަދުލުވެރިކަމުގައި ޤާއިމުވެ ވޮޑިގެންވާ ޙާލު އެއިލާހު ފިޔަވައި ހައްޤުވެގެން އަޅުކަން ވެވޭ އެހެން އިލާހެއް ނުވާކަމަށް ހެކިވެ ވޮޑިގެންފިއެވެ. އަދި މަލާއިކަތުންނާއި ޢިލްމުވެރިންވެސް އެއިލާހު ފިޔަވައި ހައްޤުވެގެން އަޅުކަންވެވޭ އިލާހަކު ނުވާކަމަށް ހެކިވެ ވޮޑިގަންނަވައެވެ. “ މި އާޔަތުގައި ބަޔާން ކުރެވިފައިވާ ޢިލްމުވެރިންނަކީ ޤުރުއާނާއި ސުންނަތުގެ ޢިލްމު ލިބިގެން ތިބި ޢިލްމުވެރިންކަމުގައި ޢަލްއިމާމް އައްޝައުކާނީ އެކަލޭގެފާނުގެ ތަފްޞީރުފޮތް ” فتح القدير ” ގައި ވިދާޅުވެފައި ވެއެވެ.
އެއީ ﷲ ތަޢާލާގެ އަމުރުފުޅުތަކަށް އެންމެ ފުރިހަމައަށް ކިޔަމަންތެރިވެ ނަހީތަކުން ދުރުވެ ، އެއިލާހު ކަނޑަ އެޅުއްވި ޙުދޫދު ތަކުގެ ތެރޭގައި ޤާއިމުވެގެން ތިބޭ ޢިލްމުވެރިންނެވެ. ޙަޤީޤީ މާނާގައި އެންމެބޮޑަށް ﷲ ތަޢާލާއަށް ބިރުވެތިވާ އަޅުންނަކީ އެބައިމީހުންނެވެ. ﷲ ތަޢާލާގެ ވަޙީބަސްފުޅުގައި ވެއެވެ. (( إِنَّمَا يَخْشَى اللَّهَ مِنْ عِبَادِهِ الْعُلَمَاءُ )) سورة فاطر الآية 28 މާނަ: ” ﷲ ތަޢާލާއަށް ޙައްޤު ގޮތުގައި ބިރުވެރިވާކަން ކަށަވަރީ ޢިލްމުވެރިންނެވެ. “
ކޮންމެ މުޖްތަމަޢު އެއްގައިވެސް، އެ މުޖްތަމަޢުއަކަށް ފުދޭނޭ މިންވަރަކަށް ﷲ ތަޢާލާގެ ދީނުގެ ޢިލްމުން ފިޤްހުވެރިވެފައިވާ ބަޔަކު ކޮންމެ ޒަމާނެއްގައިވެސް ތިބެން ޖެހެއެވެ. އަދި އެފަދަ ބަޔަކު ނުވާނަމަ ކޮންމެވެސް ބަޔަކު އެކަމަށް މަސައްކަތްކޮށް ދީނުގެ ޢިލްމު ޙާޞިލް ކުރަން ޖެހެއެވެ. އެއްވެސް މުޖްތަމަޢުއެއް ނުވަތަ ޤައުމެއްގައި އެންމެހައި މީސްތަކުން މި މަތިވެރި ވާޖިބުން ޣާފިލުވެގެން ތިބެއްޖެނަމަ އެންމެ އެ އެކަމުގައި މަސްއޫލުވާން ޖެހޭނެއެވެ. ނަމަވެސް ކޮންމެވެސް އެއްބަޔަކު އެކަމާއިގެން ތެދުވެއްޖެ ނަމަ އެހެން މީހުންގެ ކިބައިން އެ ފާފަ ފިލާދެއެވެ. ﷲ ތަޢާލާ ވަޙީކުރައްވާފައިވެއެވެ. ((وَمَا كَانَ الْمُؤْمِنُونَ لِيَنفِرُوا كَافَّةً ۚ فَلَوْلَا نَفَرَ مِن كُلِّ فِرْقَةٍ مِّنْهُمْ طَائِفَةٌ لِّيَتَفَقَّهُوا فِي الدِّينِ …﴿١٢٢﴾ )) سورة التوبة މާނަ: ” ޢަދުއްވުންނާއި ހަނގުރާމަކުރުމަށް އެންމެން އެއްކޮށް ނުކުތުމެއް މުއުމިނުންނަކަށް ނުވެއެވެ. އަދި އެމީހުންގެ ތެރެއިން ކޮންމެ ޤަބީލާއަކުން ބަޔަކު ނުކުތް ނަމަ ކިހާ ރަނގަޅުވީސް ހެއްޔެވެ! އެއީ އެއްބަޔަކު ﷲ ތަޢާލާގެ ދީނުގައި ފިޤުހުވެރިވުމަށްޓަކައެވެ…. “
ޢިލްމުވެރިންގެ މަޤާމަކީ ﷲ ތަޢާލާގެ ހަޟްރަތުގައި މަތިވެރި މަޤާމެކެވެ. ﷲ ތަޢާލާ އެންމެހައި އާދަމުގެ ދަރީންނަކީ،އެއީ މުސްލިމެއްކަމުގައިވިޔަސް އަދި ކާފަރެއްކަމުގައި ވިޔަސް، ކަރާމާތްތެރި ބައެއްގެ ގޮތުގައިލެއްވިއެވެ. އެއަށްފަހު އޭގެތެރެއިން ބަޔަކު މަތިވެރިކުރައްވައި މަޤާމު އުފުއްލެއްވިއެވެ. އެއީ މުއުމިނުންނެވެ. އަދި އެއަށްފަހު މުއުމިނުންގެތެރެއިންވެސް ﷲ ތައާލާ، ބަޔަކު އެއަށްވުރެވެސް މަތީ މަޤާމެއް ދެއްވައި މަތިވެރި ދަރަޖަތަކަކަށް އުފުއްލެއްވިއެވެ. އެއީ އެއިލާހުގެ ދީނުގެ ޢިލްމުވެރިންނެވެ. ﷲ ތަޢާލާގެ، އަންނަނިވި ވަޙީބަސްފުޅުގައިވާފަދައިންނެވެ. ((يَرْفَعِ اللَّـهُ الَّذِينَ آمَنُوا مِنكُمْ وَالَّذِينَ أُوتُوا الْعِلْمَ دَرَجَاتٍ … ﴿١١﴾ )) سورة المجادلة މާނަ: ” ތިޔަބައިމީހުންގެ ތެރެއިން އީމާންވީމީހުން ﷲ ތަޢާލާ މަތިވެރިކުރެއްވިއެވެ. އަދި ޢިލްމު ދެއްވިމީހުން ދަރަޖަތަކަކަށް އުފުއްލެއްވިއެވެ… “ އެހެންކަމުން ޢިލްމުވެރިންނަކީ ﷲ ތަޢާލާގެ ހަޟްރަތުގައި މިފަދަ މަތިވެރިކަމެއް ދެވިފައިވާ ބަޔަކަށް ވާއިރު ޢިލްމުވެރިންނަށް އިޙްތިރާމްކޮށް ޤަދަރުކުރުމަކީ އަޅުގަނޑުމެން ކޮންމެހެންވެސް ކުރަންޖެހޭނޭ ކަމެކެވެ.
ޢިލްމުވެރިންނަކީ ﷲ ތަޢާލާ އެއިލާހުގެ އިޒްނަފުޅާއި އެކު އެކަމަށް ޚާއްސަކުރައްވާ ބައެއްކަން ކީރިތި ނަބިއްޔާ صلى الله عليه وسلم ގެ ޙަދީޘް ތަކުން އެނގެއެވެ. ﷲ ތަޢާލާ ޢިލްމު ދެއްވަނީ އިޚްލާސްތެރި، އެއިލާހަށް ބިރުވެތިވާ ތަޤުވާވެރި އަޅުންނަށެވެ. އެއިލާހު ވަޙީކުރައްވައެވެ. ((وَاتَّقُوا اللَّـهَ ۖ وَيُعَلِّمُكُمُ اللَّـهُ )) ﴿٢٨٢﴾ سورة البقرة މާނަ: ” ތިޔަބައިމީހުން ﷲ ތަޢާލާއަށް ބިރުވެތިވާށެވެ. އޭރުން ﷲ ތަޢާލާ ތިޔަބައިމީހުންނަށް އުނގަންނަވައިދެއްވާނެ އެވެ. “ ރަސޫލުﷲ صلى الله عليه وسلم ޙަދީޘް ކުރައްވާފައިވެއެވެ. ((من يرد الله به خيرا يفقهه في الدين )) رواه البخاري މާނަ: ” ﷲ ތަޢާލާ މީހަކަށް ހެވެއް އިރާދަކުރައްވައިފިނަމަ، އެމީހަކު ދީނުގައި ފިޤުހުވެރި ކޮށްދެއްވައެވެ. “ އަދި ހަމަ އެއާއި އެކު ޢިލްމުވެރިންނަކީ ނަބީބޭކަލުންގެ ވާރުތަވެރިންކަމުގައި ލައްވާފައިވުމުންވެސް އެބައިމީހުންގެ މަތިވެރި މަޤާމް އެނގިގެން ދެއެވެ. މާތް ނަބިއްޔާ صلى الله عليه وسلم ޙަދީޘް ކުރައްވާފައިވާ ބަސްފުޅުގެ މާނާގައިވެއެވެ. (( ހަމަކަށަވަރުން ޢިލްމުވެރިންނަކީ ނަބީބޭކަލުންގެ ވާރުތަވެރިންނެވެ. އަދި ހަމަކަށަވަރުން ވާރުތައިގެ ގޮތުގައި ނަބީބޭކަލުންނެއް، ދީނާރެއް އަދި ދިރުހަމެއްވެސް(މުދަލެއް ނުވަތަ ފައިސާއެއް) ދޫނުކުރައްވަތެވެ. އަދި އެބޭކަލުން ވާރުތަކުރެއްވި އެއްޗަކީ ޢިލްމެވެ. ފެހެ އެ ޢިލްމް ލިބިގެންފި މީހާ ފުރިގެންވާ ނަޞީބެއް ލިބިގެންފިއެވެ. )) رواه الترمذي وغيره وصححه الألباني.
އަޅުވެރިންގެ މައްޗަށް ޢިލްމްވެރިން މަތިވެރިވެގެންވާ ގޮތުގެ މީޘާލު ޖައްސަވައި ރަސޫލުﷲ صلى الله عليه وسلم ޙަދީޘްކުރެއްވި ބަސްފުޅުގެ މާނައިގައިވެއެވެ. (( އަޅުވެރިޔާގެ މައްޗަށް ޢިލްމްވެރިޔާ މަތިވެރިވެ މާތްވަނީ، އެންމެހައި ތަރިތަކުގެ މައްޗަށް ސާދަވިލޭރޭގެ ހަނދު އަލިވެ އުޖާލާވާ ފަދައިންނެވެ. )) سنن الأربعة ومسند الإمام أحمد އަދިވެސް މިފަދަ އެތައް ޙަދީޘްތަކަކުންވެސް އަދި ކީރިތިޤުރުއާނުގެ އާޔަތްތަކުންވެސް ޢިލްމުވެރިންގެ މާތްކަމާއި، ﷲ ތަޢާލާގެ ހަޟްރަތުގައި އެބައިމީހުންނަށް ދެވިފައިވާ މަޤާމް އަޅުގަނޑުމެންނަށް ހާމަވެގެންދެއެވެ.
ވީމާ، ޢިލްމުވެރިންނަށް ޙައްޤު ގޮތުގައި ޤަދަރުކުރާ ބަޔަކަށް އަޅުގަނޑުމެން ވަމާ ހިނގާށެވެ. އެފަދަ ބައެއްކަމުގައި ﷲ ތަޢާލާ އަޅަމެން ލައްވާށިއެވެ. އަޅުގަނޑުމެންނަކީ އެއްބަޔަކު އަނެއްބަޔަކަށް ފުރައްސާރަކޮށް އުޅޭ ބަޔަކަށް ވުމުގެ ބަދަލުގައި، އެއްބަޔަކު އަނެއްބަޔަކަށް ޙައްޤަށް ވަޞިއްޔަތްކޮށް ، ނަޞޭހަތްތެރިވެ އުޅޭ ބައެއްކަމުގައި ވަމާ ހިނގާށެވެ. ޢިލްމުވެރިންވެސް ހިމެނޭނޭހެން ކޮންމެ މީހަކީވެސް ހަމަ ނަޞޭޙަތަށް ބޭނުންޖެހިފައިވާ މީހެކެވެ.